"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ދީނީ ފޮތް

كِتَابُ الصَّلاَةِ - ނަމާދުގެ ޙުކުމްތައް.

 ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރާއްޖޭގައި ނަމާދަކީ، އެނަމާދުތަކާއިމެދު ދޭންޖެހޭ އަޞްލު ސަމާލުކަމާއި ފަރުވާތެރިކަން ބަހައްޓައިގެން ކުރަމުން އަންނަ އަޅުކަމެކޭ ދެންނެވޭކަށް ނެތެވެ. ތާރީޚްގެ ތެރެއިން މީގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް އަޅުގަނޑުމެން ނަޒަރު ހިންގާލި ނަމަވެސް އަޅުގަނޑުމެންނަށް ފެންނަން އޮތީ، ނަމާދަކީ މުސްކުޅިވެ ގައިގެ ބާރު ދެރަވެ އަތުން ފައިން މަސައްކަތެއް ނުކުރެވޭ ހިސާބަށް ދިއުމުން ރަށުގައި ކަމެއް ނެތިފައި ތިބި މުސްކުޅިން އަދާކޮށްލާ އަޅުކަމެއްގެ ގޮތުގައެވެ. އޭރު ޒުވާނުންނާއި ފުރާ ޢުމުރުގެ ކުދިން ފަރުޟު ފަސް ނަމާދުގެ ޖަމާޢަތުން ފެންނާނީ ވަރަށް މަދުންނެވެ. އަދި އޭރުގެ ގިނަ ޒުވާނުންގެ ވިސްނުން ހުންނަ ގޮތަކީވެސް، ޒުވާން ދުވަސްވަރު ކުޅިވަރާއި މަޖަލުގައި ހޭދަކުރުމަށްފަހު މުސްކުޅިވުމުން ނަމާދުތައް ކޮށްލައިގެން ސުވަރުގެ ހޯދުމެވެ. ކޮންމެއަކަސް އޭރު ނަމާދުގެ މުހިއްމުކަމާއި ނަމާދު އެޅުމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން މީސްތަކުންނަށް ރަނގަޅަށް އެނގިފައި ނުވަނީއެވެ. ބަޔާންކޮށްދޭނެ ދީނީ ޢިލްމުވެރިން ނެތްތާނގައި މިމައުޟޫގައި ލިޔެވިފައި ހުރި ފޮތްތައްވެސް މަދީއެވެ.

ޢާއްމުގޮތެއްގައި ގިނަ ދިވެހީންނަށް ނަމާދު ކުރާނެ ގޮތާއި ނަމާދުގައި ކިޔާ ތަކެތި ދަސްކުރުމަށްޓަކައި، އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ 'ތަޢުލީމުއް ދިޔާނާ' ނޫން އެހެން ފޮތެއް އެނގިފައެއް ނުވެއެވެ. އޭގެ ސަބަބަކީ ލިޔެވިފައި ހުރި މަދު ފޮތްކޮޅުވެސް ތަޢުލީމުއް ދިޔާނާ ގޮތަށް ޝާއިޢުވެ ޢާއްމުވެފައި ނުވުމެވެ. ތަޢުލީމުއް ދިޔާނާއަކީ އޭރު މުޙައްމަދު ޖަމީލް ދީދީއަށް ލިބިވަޑައިގެން ހުންނެވި ޢިލްމަކާއި އެއްވަރަށް، މުޅި ދިވެހި އުއްމަތަށް ކޮށްދެވިފައިވާ ވަރަށް އަގުހުރި މަސައްކަތެކެވެ. އޭގެ ބާވީސް އަހަރު ފަހުން މުޙައްމަދު ޖަމީލް ދީދީ ވަނީ 'ދީނިއްޔާތު'ގެ ނަމުގައި އިތުރު ފޮތެއް ލިޔުއްވާފައެވެ. އެފޮތުގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ.  "ބާވީސް އަހަރު ދުވަހަކީ މުއްދަތެކެވެ. އެތަކެއް ތަފާތު ގޮތްތަކާއި ބަދަލުތަށް އައުން އެކަށޭނެ މުއްދަތެކެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް އައި ބަދަލުތަކަށް ވިސްނަވައި ބައްލަވާށެވެ! ދިވެހި ދަރީންގެ ވިސްނުމާއި ތަޢުލީމީ ފެންވަރު ތަޢުލީމް ދިނުމުގެ ގޮތާއި ބާވަތް މިއިން ކޮންމެ ކަމަކަށްވެސް އެތަކެއް ބަދަލު އަތުވެއްޖެކަން ކަށަވަރެވެ." އާދެ މުރާދަކީ ޢިލްމީގޮތުންވެސް އިތުރު ހޯދުންތައް ހޯދި ޢިލްމީ ޚަޒާނާ އިތުރަށް މުއްސަނދިވެގެން ދިއުންވެސް އެކަށީގެންވާ މުއްދަތެކޭއެވެ. ކޮންމެއަކަސް މިދެފޮތް ވިދާޅުވެލެއްވި ފަރާތަކަށް، މިދެފޮތުގައިވާ ތަފާތުތައް އެނގިވަޑައިގަންނަވާނެއެވެ. އާދެ ތަޢުލީމުއް ދިޔާނާގައި ހުރި ރަނގަޅު ކުރަން ޖެހޭ ބައެއް ކަންތައްތައް އަލުން ރަނގަޅު ކުރައްވައި، ދީނިއްޔާތުގައި ލިޔުއްވާފައިވެއެވެ. އަދި ހަމަ މިއާއިއެކު އޭރު ނެރެމުންދިޔަ ހުކުރު މަޖައްލާއާއި ދީނުގެ މަގުގައިވެސް މުޙައްމަދު ޖަމީލް ދީދީ ވަނީ އެފަދަ ބައެއް ކަންތައްތައް ރަނގަޅު ކުރައްވާ ލިޔުއްވާފައެވެ. މިގޮތަށް ރަނގަޅު ކުރައްވާ ލިޔުއްވާފައިވާ މައްސަލަތަކުގެ ތެރޭގައި ނަމާދުގައާއި އަދި އެނޫންވެސް އަޅުކަންކަމުގަައި ނިޔަތް ދުލުން ކިޔުމުގެ މައްސަލައާއި މޭމަތީގައި ހަށަމް ބަނުމުގެ މައްސަލައާއި އަދި މިނޫންވެސް މިފަދަ އިތުރު މައްސަލަތައް ހިމެނެއެވެ.

އަޅުގަނޑުގެ ނަޒަރުގައި،  الشيخ محمد إبراهيم (ޅ.ނައިފަރު)، ލިޔުއްވާފައިވާ "كتاب الصلاة - ނަމާދުގެ ޙުކުމްތައް"، މިފޮތަކީ މިހާތަނަށް ދިވެހި ބަހުން މިމައުޟޫގައި ލިޔެވިފައިވާ އެންމެ ފުރިހަމަ އަދި އެންމެ ޞައްޙަ އެއް ފޮތެވެ. އަދި ނަމާދުގެ މައުޟޫއަށް މިފެންވަރުގެ އިތުރު ފޮތެއް، ދިވެހި ބަހުން ލިޔެވިފައި އޮތް ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. މިދަންނަވަނީ އެއްވެސް ޙާލެއްގައި އިތުރު ބޭބޭފުޅުން މިމައުޟޫއަށް ލިޔުއްވާފައި ނުވާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މިފޮތުގައި ގެންނަވާފައިވާ ގޮތަށް ޝާމިލްކޮށް ސާދާކޮށް ފުރިހަމައަށް، އިތުރުފޮތެއް އެކުލަވާލާފައި ނުވާ ވާހަކައެވެ.

މިފޮތުގައި ނަމާދަކީ ކޮބައިކަމާއި، ނަމާދުގެ މުހިއްމު ކަމާއި ނަމާދު އެޅުމުގައި ހުރި ބިރުވެރިކަމާއި، ބަންގިއާއި ޤަމަތާއި، ނަމާދު ވަޤުތުތަކާއި، ނަމާދު ކުރާނޭ ގޮތާއި، ނަމާދުގައި ކިޔާނޭ ދުޢާތަކާއި، ހުކުރު ނަމާދާއި، ޢީދު ނަމާދާއި ސުންނަތް އެކިއެކި ނަމާދު ތަކާއި، ދަތުރު މަތީ ނަމާދާއި ބަލިމީހާގެ ނަމާދާއި، ދޯންޏެއް ނުވަތަ މަތިންދާބޯޓެއްގައި ނަމަ ނަމާދު ކުރާނީ ކިހިނަކުންކަން ވަރަށް ތަފްޞީލުކޮށް ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި މިނޫންވެސް ނަމާދާއި ގުޅޭ ހަމަ ހުރިހާ ކަމެއްހެން މިފޮތުގައި ބަޔާންކުރެވިފައިވެއެވެ. މިފޮތުގައި ހިމެނޭ ބައިތައް ޞަފްޙާ ނަމްބަރާއި އެކީ ބެއްލެވުމަށް ފޮތުގެ 302ވަނަ ޞަފްޙާގައިވާ ފިހުރިސްތު ބައްލަވާށެވެ.

ނޯޓް: މަތީގައި އެވާ، މިފޮތުގެ ތަޢާރަފް ލިޔުންކޮޅު ލިޔުއްވީ، މިސައިޓުގެ މުޝްރިފް އަލްއަޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އަލްމާލްދީފީއެވެ.

ފޮތުގެ ނަން:  كِتَابُ الصَّلاَةِ - ނަމާދުގެ ޙުކުމްތައް.

ލިޔެ ޖަމާކުރީ: الشيخ مُحمّد إبراهيم (ނައިފަރު).

ޞަފްޙާގެ ޢަދަދު: 312 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 3.17 MB

dheenee-news@hotmail.com

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)