"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޖެއްސުން ކުރުމަށް ނޫޅޭށެވެ!

ލިޔުނީ: آدم نشان بن علي آدم المالديفي

ﷲ ތަޢާލާ އިންސާނާ މިބިންމަތީގައި ލައްވަވާފައިވަނީީ އެއިލާހު ކަނޑައަޅުއްވާފައިވާާ ޤާނުނެއްގެ ދަށުން މިބިންމަތީގައި ދިރިއުޅެ މިތަން އާރާސްތު ކުރުމަށެވެ. އެއިލާހުގެ ޕްލޭނާއިގެން ކަންތައްތައް ކުރަންވީގޮތް އުނގަންނައި ދިނުމަށް ވަޑައިގަތީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެހެންކަމުން ﷲ އާއި އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވުން ނޫން ގޮތެއް އިންސާނާއަކަށް ނެތެވެ. އެއީ ކޮންމެ ޒަމާނެއްކަމުގައި ވިޔަސްމެއެވެ. ޒަމާންތައްވެސް ލެއްވެވީ ކީރިތި ވަންތަ ﷲ އެވެ. އެއިލާހު ޢަޞްރު ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.

"وَالْعَصْرِ" (العصر:1)

"ޒަމާން ގަން ދެއްވަމެވެ."

"إِنَّ الأِنْسَانَ لَفِي خُسْرٍ" (العصر:2)

"ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމާއި ހަލާކެއްގެ ތެރޭގައިކަން ކަށަވަރެވެ."

"إِلاّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ" (العصر:3)

"އެއީ އީމާންވެ، ޞާލިޙް ޢަމަލުކޮށް، ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް ވަޞިއްޔަތް ކުރި މީހުން މެނުވީއެވެ."

    މިސޫރަތުގައި ﷲ ތަޢާލާ މިވަނީ، މިއީ ރަސޫލު ޒަމާނެއް ނޫނޭ ނުވަތަ އެކަލޭގެފާނު ގެންނެވި ކަންތައްތަކަކީ މާކުރީގެ ކަންތައްތަކޭޭ ބުނެ ދީނުގެ ކަންތައްތައް ދޫކޮށްލާމީހުނަށް ވަރަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އަދި އެފަދަ ބަޔަކު ވާނީ ގެއްލުމާއި ހަލާކު ލިބިގެންވާ ބައެއްކަމުގައިކަން މިސޫރަތުގެ ދެވަނަ އާޔަތުން ވަރަށް ސާފުކޮށް ދަލީލު ކޮށްދެއެވެ.

     ހިތާމައަކީ ޤުރުއާނާއި ސުންނަތް އަޅުގަނޑުމެންގެ އަތްމަތީގައި ސާފުކޮށް ފެންނަން އޮއްވާވެސް، ތިމާ ބޭނުން ގޮތެއް ޚިޔާރު ކޮށް އެގޮތަކީ ރަނގަޅު ގޮތްކަމުގައި ހެދުމަށް މަސައްކަތް ކުރާކަމެވެ.

ޙަޤީޤަތަކީ ދީނީ ކަންތައްތަކަށް ފުރައްސާރަކޮށް މަލާމަތް ކުރާ މީހުންނަށްވެސް ޚުދު އެމީހުން އެތިބީ ޙައްޤުގައި ނޫންކަން އެނގޭކަމެވެ. އަދި އެގޮތުގައި ތިބެ މަރުވެއްޖެއްޔާ ސަލާމަތްކަމެއް ނެތްކަންވެސް ދަނެތެވެ. އެހެންނަމަވެސް ޝައިޠާނާ ބޮލަށް ސަވާރު ވެފައިވާލެއް ބޮޑުކަމުން ޙައްޤަށްވުރެ ބާޠިލްގޮތް ރީތިވެފައި ވަނީ އެވެ.

     ވިސްނާލާށެވެ. އަޅުގަނޑުމެންގެ ޢަމަލުތައް މިހުންނަނީ ކޮންމެ ކަމެއްގައިވެސް ﷲ އާއި އެއިލާހުގެ ރަސޫލާގެ އަމުރުފުޅު ތަކާއި ޚިލާފަށެވެ. ﷲ ތަޢާލާ ނަމާދު ފަރުޟު ކުރައްވައި، ފަސް ވަޤުތު ނާޅައި ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވެއެވެ. ނަމާދު ކުރަން އަމުރު ކުރެއްވާފައިވީތީ އެނަމާދުތައް އަޅަނީއެވެ. މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރު ކުރައްވާފައިވާއިރު އެމީހުންނާއިމެދު ކަންތައް ކުރަނީ ހިތުހުރި ގޮތަކަށެވެ. ޢައުރަ ނިވާ ކުރަން އަމުރު ކުރައްވާފައިވާއިރު ހެދުން މިއަޅަނީ ހިތު ހުރި ގޮތަކަށެވެ. އައުރަ ގުނަވަނުގެ ވަށައިގެންވާ އިސްތަށިތައް ބާލައި ސާފުވުމަށް އަމުރު ކުރައްވާފައިވާއިރު އިސްތަށިތައް ނުބާލައި ދޫކޮށްލަނީއެވެ. ކިހިލަފަތްދަށުގެ އިސްތަށިތަށް އުފުރުމަށް އަންގަވާފައިވާއިރު އެވެސް ނުއުފުރައި ނުވަތަ ނުބާލައި ދޫކޮށްލަނީއެވެ. މަތިމަސް ކުރު ކުރުމަށް އަމުރުކޮށްފައި ވުމުން މަތިމަސް ދިގުކޮށްލަނީއެވެ. ތުނބުޅި ނުބާލައި އެދޫކޮށްލުމަކީ ވާޖިބަކަށްވާއިރު ތުނބުޅިތައް ބާލައި އޮފް ކޮށްލަނީއެވެ. ފިރިހެނާ ތިރީން އަންނަ ފޮށާ ނުވަތަ މުންޑު ނުވަތަ ފަޓްލޫނުވިޔަސް ފައިކުރިއަށްވުރެ ދިގުކޮށް ނުބެހެއްޓުމަށް އަމުރު ކުރައްވާފައިވާއިރު ފައިދަށަށް ދާވަރަށް އެވެސް ދޫކޮށްލަނީއެވެ. މިނޫނަސް ދެންހަމަ ހުރިހާ ކަމެއްވިޔަސް ކުރަމުން މިދަނީ ދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ގޮތާއި ދިމާ އިދިކޮޅަށެވެ.

ކަމެއް ކުރުމަށް އަމުރު ކުރުމުން އެކަމެއް ނުކޮށް ދޫކޮށްލައި، ކަމެއް ނަހީކޮށް މަނާ ކުރުމުން އެކަމަކަށް އަރައިގަތުމަކީ ފަހެ މިއީ ޖެއްސުން ކުރުމަށް އުޅެމީހުންގެ ފާޑެއް ނޫންތޯއެވެ؟ އެހެންވީމައި ތިބާއަށް ތިއުޅެވެނީ ރަނގަޅަށްތޯ ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލައްވާށެވެ. އިމާމް ޝާފިޢީ (ރަހިމަހުﷲ) އެކަލޭގެފާނުގެ ޅެން ބައިތެއްގައި ވިދާޅުވެފައި ވެއެވެ.

تَعْصِي الإِلَهَ وَأَنْتَ تُظْهِرُ حُبَّهُ           هَذَا مَحَالٌ فِي القِيَاسِ بَدِيْعٌ

لَوْ كَانَ حُبُّكَ صَادِقًا لَأَطَعْتَهُ            إِنَّ الْمُحِبَّ لِمَنْ يُحِبُّ مُطِيْعٌ

 މާނައަކީ: "ތިބާ އަށް އުރެދޭ ޙާލު އެއިލާހުދެކެ ލޯބިވާކަމަށް ފާޅުކޮށް ދަޢުވާ ކުރަނީ ހެއްޔެވެ. ތިޔައީ ޤިޔާސީގޮތުން (އަޅާކިޔުމުގެ ގޮތުން) ހަމަ އެއްގޮތަކަށްވެސް ދިމާވާނުވާ މުޅިން އައު މުސްތަޙީލު ކަމެކެވެ. ތިބާ ތިޔަވާ ލޯތްބަކީ ޙަޤީޤީ ލޯބިކަމުގައި ވާނަމަ، ތިބާ އެއިލާހަށް ކިޔަމަންތެރިވެ ތަބާވީހެވެ. ފަހެ ލޯބިވާ މީހަކުވަނީ އެމީހަކު އެލޯބިވީ މީހަކަށް ކިޔަމަންތެރިވެ ތަބާވާ މީހެއް ކަމުގައެވެ."

 

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1433 (2012)