|
މުސްލިމުންގެ ރަށްރަށުގައި ފައްޅިއެޅުމުގެ ޙުކުމް
ލިޔުނީ: ޝެއިޚް އާދަމް ނަސީމް (ބީ.އޭ)
ﷲގެ
އިސްމުފުޅުން ފަށަމެވެ.
ފަޟީލަތުއްޝައިޚު އިސްމާޢީލު ބުނު މުޙައްމަދުލް އަންޞާރީ، ޝަރުޢީ
ދަލީލުތަކުގެ މައްޗަށް ބިނާކުރައްވައިގެން ފައްޅިއެޅުމުގެ
މަސްއަލައާމެދު އަގުހުރި ފޮތެއް ލިޔުއްވާފައިވެއެވެ. ފޮތުގެ ނަމަކީ
ޙުކުމު ބިނާއިލް ކަނާއިސި ވަލްމަޢާބިދިއްޝިރްކިއްޔަތި ފީ ބިލާދިލް
މުސްލިމީން. މިއެވެ. މިފޮތާމެދު ސަމާޙަތުއް ޝައިޚު ޢަބްދުލް ޢަޒީޒު
އިބްނު ޢަބްދުﷲ އިބްނު ބާޒުގެ ތަޢުރީފުގެ ބަސްކޮޅެއް ފޮތްފެށޭ
ތާނގައި ލިޔުއްވާފައިވެއެވެ. ޙަމްދު ޞަލަވާތަށްފަހު މި މުހިއްމު
މަސްއަލައާމެދު ލިޔުއްވާފައިވާ ފައިދާހުރި ލިޔުއްވުމުގެ ތެރޭގައި
އޮންނަ ބަސްކޮޅެއްގެ މާނައިގައިވެއެވެ. މުސްލިމުންގެ ރަށްރަށުގައި
ފައްޅި ބިނާކުރުމަކީ، ﷲއަށް ޝަރީކުކުރާ ތަންތަން ހެދުމަކީ
ޙަރާމްކަމެއްކަމާއި، އަލަށް ފައްޅިއެއް ބިނާކޮށްފިނަމަ އެތަނެއް
ހަލާކު ކޮށްލުމަކީ ވާޖިބުކަމެއްކަމާއި، އަދި ޚާއްޞަކޮށް ޖަޒީރަތުލް
ޢަރަބުގައި ފައްޅިއެޅުމާއި ﷲއަށް ޝަރީކު ކުރާ ތަންތަން ހެދުމުގެ ފާފަ
މާބޮޑުވެގެންވާ ކަމުގެ މައްޗަށް ހަމަކަށަވަރުން ދަންނަބޭކަލުން
އިޖްމާޢުވެފައިވެއެވެ. އެބޭކަލުންނަށް ﷲ ރަޙްމަތް ލައްވާށިއެވެ!
އާމީން!
ދެންފަހެ، ދަންނަބޭކަލުންގެ އިޖްމާޢަކީ އިސްލާމްދީނުގެ ޙުކުމްތަކުގެ
އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. މަސްއަލާއެއްގައި
ދަންނަބޭކަލުންގެ އިޖްމާޢަކީ ބާރުގަދަ ދަލީލެކެވެ. ދަންނަބޭކަލުން
މަސްއަލާއަކާމެދު އިޖްމާޢު ވެއްޖެނަމަ ފަހުންއަންނަ ބައަކަށްވެސް
އެކަމަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. ބަދަލުގެނައުމަކީ
ހުއްދަކަމެއްނޫނެވެ. އިޖްމާޢުވެފައިވާ މަސްއަލާއެއްގައި އިޚްތިލާފެއް
ނުކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި ދެގޮތަކަށް ސާބިތުވާ ޙުކުމް
ހުރެއެވެ. ވީމާ ދެ ޙުކުމްވެސް ޞައްޙަވާނެއެވެ. މިފަދަ ކަންކަމުގައި
ޤުރުއާނުގެ އެހެން އާޔަތަކުން ނުވަތަ ޙަދީޘަކުންނެގޭ މާނައެއްގެ
މައްޗަށް ބިނާކޮށް، މިދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއްގެ މައްޗަށް
އިޖްމާޢުވެއްޖެނަމަ އެމަސްއަލާއެއްގައި ދަލީލެއްކަމުގައި ބެލެވޭނީ
ދަންނަބޭކަލުން އިޖްމާޢުވީ ގޮތެވެ. އިޖްމާޢު ނުވާނަމަ ދެގޮތްވެސް
ހަމަހަމަ ވެގެންވެއެވެ. މިސާލު: ﷲގެ ވަޙީބަސްފުޅުގެ
މާނައިގައިވެއެވެ. “ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ
ހަށިތަކައިގެން އިންތިޒާރުކުރާނީ ތިން “ޤުރްއު” އަށެވެ. ޔަޢުނީ:
ވަރިކުރެވިފައިވާ އަންހެނުންގެ ޢިއްދާގެ މުއްދަތަކީ ތިން “ޤުރްއު”
އެވެ. (2/228) މިއާޔަތުގައި މިއޮންނަ “ޤުރްއު” އަކީ ޢަރަބިބަހުގައި
ދެމާނައެއް އެކުލެވިގެންވާ ލަފްޒެކެވެ. އެއީ (1) ޙައިޟު. (2) ޠުހްރު
މިއެވެ. އެހެންކަމުން ބައެއް ދަންނަ ބޭކަލުންގެ އަރިހުގައި ޢިއްދާގެ
މުއްދަތަކީ ތިން ޙައިޟެވެ. ބައެއް ބޭކަލުންގެ އަރިހުގައި ޢިއްދާގެ
މުއްދަތަކީ ތިން ޠުހްރެވެ. އަދި ބައެއް ބޭކަލުންގެ އަރިހުގައި
ޢިއްދާގެ މުއްދަތަކީ ތިން ޙައިޟުއާއި ތިން ޠުހްރެވެ. މިހުރިހައި
ގޮތަކީވެސް ވަރިކުރެވިފައިވާ އަންހެނުންގެ ޢިއްދާގެ މުއްދަތު
ސާބިތުވާ ގޮތްގޮތެވެ. ޞައްޙަ ގޮތްގޮތެވެ. ވުމާއެކު
މަޛްހަބުތަކުވެއިވެސް މި އިޚްތިލާފުތައް ހުރެއެވެ. މިގޮތްގޮތުގެ
ތެރެއިން ކޮންމެ ގޮތެއްވެސް ރަގަޅުމެއެވެ. މީގެތެރެއިން އެއްވެސް
ގޮތެއްގެ މައްޗަކަށް އިޖްމާޢުވެފައެއްނެތެވެ. އިޖްމާޢުވެފައިވާނަމަ
މަސްއަލާގައި ދަލީލުގެ ގޮތުންބެލޭނީ އިޖްމާޢުވެފައިވާ ގޮތެވެ.
ޝަރުއީދަލީލަކީ އެއީއެވެ. ފަހެ، ﷲއަށް އުރެދޭކަމެއްގެ މައްޗަކަށް
މިއުއްމަތުގެ ދަންނަބޭކަލުން އިޖްމާޢެއް ނުވާނެކަން ޙަދީޘުން
ސާބިތުވެއެވެ. މިޒަމާނުގައި އިސްލާމީ ޤަޥްމުތަކުގެ ކޮންފަރަންސުގައި
އިއްތިފާޤުން ފާސްކުރާ ކަންތަކަކީ ދަންނަ ބޭކަލުންގެ އިޖްމާޢުކަމަށް
ބެލެވޭނެ ކަންކަމެއްނޫނެވެ. އެހެނީ މިފަދަ ކޮންފަރަންސުތަކުގައި
ތިއްބަވަނީ ހަމައެކަނި މުޖްތަހިދުންގެ ފެންވަރުގެ ދަންނަބޭކަލުން
ކަމުގައި ނުވާތީއެވެ. އިޖްމާޢުވުމުގައި ނުހަނުގިނަ ޝަރުޠުތައް
ފުރިހަމަކުރަން ޖެހެއެވެ.
ދެންފަހެ، ފައްޅިއެޅުމުގެ މަސްއަލާއަށް ބަލާއިރު، އިސްލާމުންގެ
ރަށްރަށް ބެހިގެންވަނީ ތިންބާވަތަކަށެވެ. އެއީ (1) ފުރަތަމަ ބާވަތަކީ
މީހުންނޫޅޭ ބިމެއް މުސްލިމުން އިޙްޔާކޮށްދިރުވައި، އިމާރާތްކޮށްގެން
އުފައްދާފައިވާ ރަށްރަށް. (2) ދެވަނަ ބާވަތަކީ ކާފިރުން އުޅެމުންއައި
ރަށްރަށް ކަމަށްވެފައި އެއަށްފަހު، މުސްލިމުންނާ ކާފިރުންނާ ދެމެދު
ކުރެވޭ ހަނގުރާމައިގައި މުސްލިމުންނަށް ފަތަޙަ ކުރެވިފައިވާ
ރަށްރަށް. (3) ތިންވަނަ ބާވަތަކީ ޞުލްޙަނާމާގެދަށުން މުސްލިމުން
ފަތަޙަކޮށްފައިވާ ރަށްރަށް. މިއެވެ.
ތަފްޞީލު: (1) މީހުން ނޫޅޭ ބިމެއް މުސްލިމުން އިޙްޔާކޮށް ދިރުވައި،
ޢިމާރާތްކޮށްގެން ހަދާފައިވާ ރަށްރަށުގެ މިސާލަކީ އަލްބަޞްރާއާއި،
އަލްކޫފާއާއި، ބަޣްދާދުގެ މެދުތެރެއާއި އަލްޤާހިރާ އާއި މިފަދަ
ރަށްރަށެވެ. މުސްލިމުންގެ މިބާވަތުގެ ރަށްރަށުގައި ޖިޒީދީގެން އެހެން
ދީންދީނުގެ މީހުން ދިރިއުޅެން އެދޭނަމަ، (ނުވަތަ މުސްލިމުންގެ
ވެރިކަން ޤަބޫލުކޮށްގެން މުސްލިމުންގެ ވެރިކަމުގެ ދަށުގައި
ދިރިއުޅެން އެދޭނަމަ،) އެބަޔަކަށް އެރަށްރަށުގައި ދިރިއުޅުމުގެ
ހުއްދަ ދިނުމަކީ ޙާކިމާއަށް ހުއްދަކަމެކެވެ. މިފަދަ ރަށްރަށުގައި
ފައްޅިއަޅަން އެބައިމީހުން އެދޭނަމަ، އެކަންކުރުމަށް ހުއްދަ ދިނުމަކީ
ޙާކިމާއަށް ޙަރާމްވެގެންވާ ކަމެކެވެ. ޛިއްމީން މިކަމުގެ މައްޗަށް
އެގްރީމެންޓެއް ކުރިކަމުގައިވިއަސް، އެއީ ފާސިދު
އެއްބަސްވުމެއްކަމުގައި އުއްމަތުގެ ދަންނަ ބޭކަލުން
އިއްތިފާޤުވެފައިވެއެވެ. މިކަމާމެދު އިޚްތިލާފުވުމެއް ނެތެވެ.
(2) ކާފިރުން އުޅެމުން އައިރަށް ރަށް ކަމަށްވެފައި އެއަށްފަހު،
މުސްލިމުންނާ ކާފިރުންނާ ދެމެދު ކުރެވޭ ހަނގުރާމައިގައި،
މުސްލިމުންނަށް ފަތަޙަ ކުރެވިފައި ހުންނަ ރަށުގައި ފަތަޙަ ކުރުމުގެ
ކުރީގައި އަޅާފައި ހުންނަ ފައްޅިތައް، ހަލާކުކޮށް ނުލައި
ބެހެއްޓުމާމެދު ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުއާއި އެހެނިހެން
މަޛްހަބުގައި ދެގޮތަކަށް ބެލެވިފައިވެއެވެ. ފުރަތަމަ ބަހަކީ މިފަދަ
ރަށްރަށުގައި ހުންނަ ފައްޅިތައް ހަލާކުކޮށްލުމަކީ ވާޖިބުކަމެއްކަމާއި
ބެހެއްޓުމަކީ ޙަރާމްކަމެއް ކަމުގައިވުމެވެ. އެހެނީ މިރަށްރަށަކީ
މުސްލިމުންގެ މިއްކިއްޔަތެކެވެ. ވީމާ، ކާފިރުންގެ ޝިޢާރު ފާޅުކުރާ
ތަންތަން ކަމުގައި މިތަންތަން ވުމަކީ ޖާއިޒުކަމެއްނޫނެވެ. ޞައްޙަ
ބަހަކީ މިބަސްކަމުގައި މިފޮތުގައި ދަލީލާއެކު
ބަޔާންކުރައްވާފައިވެއެވެ. ދެވަނަ ބަހަކީ މިފަދަ ތަންތާނގައި ހުންނަ
ފައްޅިތައް ހަލާކުކޮށްނުލައި ބެހެއްޓުމަކީ ހުއްދަކަމެކެވެ. އެހެނީ
ޚައިބަރު ފަތަޙަ ކުރައްވާފައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ފައްޅިތައް ހަލާކު ކުރައްވާކަށް އަމުރުފުޅެއް ނުކުރައްވައެވެ.
ކޮންމެއަކަސް މިކަމަކީ މަސްލަޙަތަށް ބައްލަވާފައި، ޙާކިމާއަށް އޮންނަ
ކަމެކެވެ. ހަލާކު ނުކުރައްވައި ދޫކުރެއްވިއަސް އެތަންތަނަކީ
އެކާފިރުންގެ މިލްކުވެރިކަމުގެ ދަށުގައި ހުންނަ ތަންތަނެއްނޫނެވެ.
އެތަންތަން މަރާމާތު ކުރުމަކީވެސް އެމީހުނަށް ލިބިގެންވާ
ޙައްޤެއްނޫނެވެ. މަސްލަޙަތަށް ބައްލަވާފައި އެތަންތަން ހަލާކު
ކުރެއްވުމަކީ އޮތްކަމެކެވެ. ޚުލަފާއުއް ރާޝިދުންނާއި، އިމާމުވެރި
ބޭކަލުން މިބާވަތުގެ ތަންތަން މަސްލަޙަތަށްޓަކައި ހަލާކު
ކުރައްވާފައި ވެއެވެ. އަދި މަސްލަޙަތަށް ޓަކައި ހަލާކު ނުކުރައްވައި
ދޫކޮށްލައްވާފައިވެސް ވެއެވެ.
(3) ޞުލްޙަ ނާމާގެ ދަށުން މުސްލިމުން ފަތަޙަކޮށްފައިވާ ރަށްރަށުގައި
ދެ ޙާލަތެއް މެދުވެރިވެއެވެ. ފުރަތަމަ ޙާލަތަކީ ރަށަކީ
އެބައިމީހުންގެ ރަށެއް ކަމުގައި އޮތުމަށް އެއްބަސްވުމާއެކު،
މުސްލިމުންނަށް ޖިޒީދީގެން ތިބުމެވެ. މިޙާލަތުގައި އެމީހުންގެ
ރަށުގައި ކުރާކަމެއް މުސްލިމުންނަކަށް މަނާއެއް ނުކުރެވޭނެއެވެ.
ބިމުގެ މިލްކުވެރިފަރާތަކީ އެބައިމީހުންނެވެ. މީގެ މިސާލަކީ
ނަޖްރާނުގެ އަހުލުވެރިންނެވެ. ދެވަނަ ޙާލަތަކީ ޞުލްޙަ ނާމާގައި
ތަނުގެ ބިމަކީ މުސްލިމުންގެ މިއްކެއްކަމަށް އެއްބަސްވުމާއެކު،
މުސްލިމުންނަށް ޖިޒީދީގެން ތިބުމެވެ. މިޙާލަތުގައި އެތާނގައި ހުރި
ފައްޅިތަކުގެ ޙުކުމް ބިނާވެފައިވާނީ ޞުލްޙަ ނާމައިގައި
އެއްބަސްވެފައިވާ ގޮތުގެ މައްޗަށެވެ. (ނޯޓް: މިލިޔުމުގައި ފައްޅީގެ
މާނަކަމުގައި ލިޔެފައިމިވަނީ ﷲ ފިޔަވައި އެހެނިހެން ފަރާތްފަރާތަށް
އަޅުކަންކުރާ ތަންތަނަށެވެ. އެއީ ބުދަށް އަޅުކަންކުރާ ތަންތަނާއި
އަލިފާނަށް އަޅުކަންކުރާ ތަންތަން ފަދަ ތަންތަނެވެ.)
މުތަރްޖިމުގެބަސް: އިސްވެދިޔަ ބަޔާންތަކުގެ ނަތީޖާއަކީ މުސްލިމުންގެ
ރަށްރަށުގައި ފައްޅިއެޅުމަކީ ދީނީގޮތުން ބަލާއިރު، ކަނޑައެޅިގެން
ޙަރާމްކަމެއްކަން ސާބިތުވުމެވެ. ދެންފަހެ، އިންޓަރނޭޝަނަލް ޤަވާޢިދު
ތަކުގެ ތެރެއިން ޤަވާޢިދަކާއި، އިސްލާމްދީނުގެ ޙުކުމްތަކުގެ ތެރެއިން
ޙުކުމަކާއި ފުށުއަރާ ޙާލަތެއްގައި ދީނީ ހަމައިން ބަލާއިރު ދީނުގެ
ޙުކުމަށް އިސްކަންދިނުމަކީ ވާޖިބުކަމެކެވެ. އެހެން ނުހަދައިފިނަމަ،
އެކަންވެގެންދާނީ މަގުފުރެދުމެއްކަމާ މެދަކު ޝައްކެއްނެތެވެ.
ދިވެހިރާއްޖެއަކީ ރާއްޖޭގެ މީހުން ކޮންމެ ގޮތެއްގައި ކަމަށްވިޔަސް،
އިސްލާމްދީނަށް ވަނުމަށްފަހު ޕޯޗްގީޒުންގެ ވެރިކަން ފިޔަވައި އެތައް
އެތައް ޤަރުނެއް ވާންދެން، ސައްތައިން ސައްތަ މުސްލިމު ޤަޥްމެއްގެ
ގޮތުގައި އޮތުމުގެ މިނިވަންކަމާއި ބާއްޖަވެރިކަން ލިބިފައިވާ
ޤަޥްމެކެވެ. މިކަމަކީ ކީރިތިވަންތަﷲ، އަޅުގަނޑުމެންނަށް މިންވަރު
ކުރެއްވި އެންމެބޮޑު ނިޢުމަތެވެ. މި މަތިވެރި ނިޢުމަތަށް
ޝުކުރުއަދާކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެއްކަމާމެދަކު
ޝައްކެއްނެތެވެ. އެހެންދީންތަކުގެ މީހުންނަށް އެބައިމީހުންގެ ދީނީ
ޝިޢާރު ފާޅުކުރުމުގެ ތަންތަން ރާއްޖޭގައި ހެދުމާއި، އަދި ދީނީ
މިނިވަންކަން ޤާނޫނީގޮތުން ލިބިގެން އެބައިމީހުން ރާއްޖޭގައި
އުޅެންފަށައި ގަތުމަކީ ދުނިޔޭގައި މިޒަމާނުގައި ކަންތައް
ހިނގަމުންދާގޮތަށް ބަލާއިރު، ފަންސާހަކަށް އަހަރުވެސް ނުވަނީސް
ރާއްޖެދީނީގޮތުން ބައިބައިވެ ހީވެސް ނުކުރާފަދަ ފިތުނަވެރިކަމެއްގެ
ތެރެއަށް ވެއްޓިގެން ހިގައިދާނެ ކަމެކެވެ. އެފަދަ ޙާލަތެއްގައި،
މިލިޔަން މިލިޔަން ޑޮލަރގެ އެހީއާއި، އިންޓަރނޭޝަނަލް މުޢާހަދާތަކުގެ
އެހީގެދަށުން އަދި އިންސާނީ ޙައްޤުތަކުގެ ނަމުގައި އެހެންދީން ދީނުގެ
މީހުން ދިވެހި މުސްލިމުންގެ މައްޗަށް ރާއްޖޭގައި ވެރިވެ ގަތުމަކީ
ނުވުމަށްވުރެ ވުން ކައިރީގައި އޮތް ކަމެކެވެ. މިފަދަ ނިކަމެތި
ޙާލަތެއް މިރާއްޖެއަށް ﷲ މިންވަރު ނުކުރައްވާށި! އާމީން! އިންސާނީ
ޙައްޤުތަކާއި، އެނޫން ނަންނަމުގައި، މިޒަމާނުގައި މުސްލިމުންނާމެދު
ޣައިރު މުސްލިމުން ހިންގާ ޢުދްވާނީ ޙަރަކާތްތަކާމެދު ވިސްނައި
ފިކުރުކުރުމަކީ މި މަސްއަލާގައި މުހިއްމުކަމެކެވެ. ބުއްދީގެ
އަހުލުވެރީންނޭވެ! މުސްލިމުންނަށް ލިބިފައިވާ އެއްވެސް ޙައްޤެއް
އިންސާނީ ޙައްޤުތަކުގެ ނަމުގައި މުސްލިމުންގެ ކިބައިން ނިގުޅައިގަނެ،
އެހެންދީނެއްގެ އަހުލުވެރިންނަށް އެޙައްޤެއް ދިނުމަކީ ސަލާމަތް
ބުއްދި ގަބޫލުކުރާ ކަމެއްތޯއެވެ؟ މާދިއްޔަތަށް ހެއްލިގެންގޮސް
ކަންކަމުގައި ތާށި ވުމުގައިއޮތީ ކޮން ބާއްޖަވެރިކަމެއްތޯ؟...
(ނޯޓް:
މިލިޔުމަކީ
މިނިވަން ނޫހުން ނަގާފައިވާ ލިޔުމެކެވެ.)
|