|
ޤުރުއާނަކީ
ޙައްޤު ބަސްފުޅު ކަމަށް ޤަބޫލު ކުރާއިރު އެއަށް ޙުކުމް ކުރަން،
ޤާނޫނު އަސާސީ ހަދަން ނުކެރިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟
ލިޔުނީ:
އަބޫ އަމަތުﷲ
ވިސްނާ ވިސްނާވެސް ހަމަ ނުވިސްނުނެވެ. ﷲ ތަޢާލާއަށް އުރެދި
ހެއްދެވިހައި ފާފަތަކަށް އަރައިގަންނަ އިރު ހިތް ނުތަނަވަސްވެ
ބިރުގަންނާތީއެއް ނޫޅެއެވެ. އެހެންނަމަވެސް އެއިލާހު ބާއްވާލެއްވެވި
ޙުކުމްފުޅުތައް އެއީ ޤާނޫނު ކަމުގައި ހަދާ އެތަންފީޒު ކުރަން ހަމަ
ގޮވާލެވޭ އިރަށް މިފެންނަނީ ބަޔަކު އެކަމާއި ބިރުން ހިތް
ނުތަނަވަސްވެގެން އުޅޭ ތަނެވެ. ފަހެ މިއީ ހަމަ މުސްލިމުންހެއްޔެވެ؟
އެހެންޏާ ފަހެ، ﷲގެ ޙުކުމްފުޅުތައް ޤާނޫނު އަސާސީ ކަމުގައި
ހެދުމީ ފުރިހަމަ މުސްލިމަކަށްވެ ﷲއާއި އެއިލާހުގެ ރަސޫލާއަށް
ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުން ނޫން ހެއްޔެވެ.
މުސްލިމަކަށް ވެވޭނީ ޤުރުއާނާއި ސުންނަތައް ފުރިހަމައަށް
ކިޔަމަންތެރިވެ ބޯލަނބައިގެންނެވެ. ﷲ ތަޢާލާ ސޫރަތުއް ނިސާގައި ވަޙީ
ކުރައްވާފައި ވެއެވެ.
"فَلا
وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ
بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجاً مِمَّا
قَضَيْتَ وَيُسَلِّمُوا تَسْلِيماً"
(النساء:65)
"ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވަމެވެ. އެބައިމީހުންގެ މެދުގައި
އުފެދޭ ދެބަސްވުންތަކުގައި ޙުކުމްކުރާ ފަރާތެއް ކަމުގައި ކަލޭގެފާނު
ހަދައި،
އަދި ކަލޭގެފާނު ކުރެއްވި ޙުކުމަށް އެބައިމީހުންގެ ހިތުގައި އެއްވެސް
ނުރުހުންތެރި (ކިލަނބު) ކަމެއް ނެތި ފުރިހަމައަށް ޤަބޫލުކުރުމުން
މެނުވީ އޭގެތެރެއިން ހަމައެކަކުވެސް އީމާންވި ކަމުގައި ނުވެއެވެ."
ފަހެ ޤުރުއާނައި ރަސޫލާގެ ސުންނަތުގައި ވާގޮތަށް ޙުކުމް ކުރަން
ބިރު ގަންނަނީ، އޭގައި އެވަނީ ރޯމަރު ދޮގު ކަމަށް ޤަބޫލު ކުރާތީ
ހެއްޔެވެ؟ ނުވަތަ އެއީ މިޒަމާނާ ނުގުޅޭ ބޯދާ ޙުކުމްތަކަށް ވާތީ
ހެއްޔެވެ؟ ނޫންނަމަ އެއީ އިންސާނުންނަށް ގެއްލުން ހުރި
ޙުކުމްތަކަކަށް ވާތީ ހެއްޔެވެ؟ ކޮންމެއަކަސް މިހެން ބުނާ މީހުން،
މިއިންކާރު ކުރަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމަށެވެ. އެހެނީ ﷲއީ
ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، އެންމެ މޮޅަށް
ޙުކުމް ކުރައްވަވާ އިލާހެވެ. ފަހެ ﷲ ފިޔަވައި މީސްތަކުންގެ
ޙައްޤުތައް އެއަށްުވުރެ ފުރިހަމައަށް އަދާ ކޮށްދޭ ފަރާތަކީ
ކޮބައިތޯއެވެ؟ ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި
ވެއެވެ.
"وَمَنْ أَحْسَنُ مِنَ اللَّهِ
حُكْماً" (المائدة: 50)
"އަދި ދަންނާށެވެ. ޙުކުމް ކުރުމުގައި ﷲ އަށްވުރެ މޮޅީ ފަހެ ކާކު
(ނުވަތަ ކޮންފަރާތެއް) ހެއްޔެވެ؟"
ދެން ބުނަމުން މިދަނީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި އިސްލާމީ
ޝަރީޢަތަށް ޙުކުމް ނުކުރާ ވާހަކައެވެ؟ ދަންނާށެވެ. މިއީ އަކީ
ކޮންމެހެން ދައްކަންވީ ވާހަކައެއް ނޫނެވެ. ޤުރުއާނަކީ ޙައްޤުކަމަށް
ޤަބޫލު ކުރާނަމަ މިހާރުން މިހާރަށްވެސް ޤާނޫނަކީ އެއީ ކަމަށް ހަދައި
އެތަންފީޒު ކުރަން ޖެހިލުންވަނީ ކީއްވެހެއްޔެވެ؟ ތިޔަ ދައްކާ
ވާހަކައިން ދޭހަވަނީ: ބޯން ބޭނުމީ ފެނޭ، އެކަމަކު ބޯނީ ހަމަ ރަލޭ
ބުނާ ހެންނެވެ. އާނ އެހެންޏާ ފަހެ މިގޮވަނީ، އަހަރުމެން ބޭނުމީ
ކޮންމެވެސް ޑިމޮކްރަސީ އެކޭ ކިޔާފައި އެވެ. ދެން އެހެންވީއިރު
ހުޅަނގުގެ މީހުން އެވެރިންގެ ދީނަކީ ނަސޯރާ ނުވަތަ ޔަހޫދީއޭ ކިޔާތީ
އަހަރުމެންގެ ދީނުގެ ނަންވެސް ނަސޯރާ ނުވަތަ ޔަހޫދީ ދީނަށް ބަދަލު
ކުރަންވީ ނޫން ހެއްޔެވެ. އެކަމަކު ހަމަ ދުލުން ކިޔާނީ އަހަރުމެންނަކީ
މުސްލިމުންނޭ އެވެ. އޭރުން އެއޮތީ ފުރިހަމަ ޑިމޮކްރަސީ ގެނެވިފައެވެ.
ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި ވެއެވެ.
"وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ
اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ"(المائدة: 44)
"އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބާއްވާލެއްވި އެއްޗަކަށް ޙުކުމް
ނުކުރާ މީހުން ދަންނާށެވެ. ފަހެ އެމީހުންނަކީ އެއީ ހަމަ
ކާފަރުންނެވެ."
ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ދަންނާށެވެ.
ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެން މިތިބީ ދަލެއްގައި
ޖައްސާފައެވެ. ދެން މިހާރު އެއުޅެނީ އަޅުގަނޑުމެންނަށް ނޭނގި
އަޅުގަނޑުމެންގެ އަތްތައް ފުރަގަހަށް ލައި ކަސްދޮޅު އަޅުވާށެވެ.
ޤާނޫނު ހެދުމުގެ ނަމުގައެވެ. އިންސާނީ ޙައްޤުތަކޭ އިންޓަނޭޝަނަލް
ބެސްޓް ޕްރެކްޓިސްއޭ ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއް
ކިޔައިގެންނެވެ. ވަގުތު އޮއްވާ ސަމާލުވެ ރައްކާތެރިވާށެވެ. އަދި ދެން
ޓެރަރިޒަމްގެ ނަމުގައި އަޅުގަނޑުމެންގެ އަނގަތަކުގައި ޓޭޕް
އަޅުވާކަށްވެސް މާކަ ގިނަ ދުވަހެއް ނެތްކަން ނޭނގެއެވެ.
ދެން ފަހެ ދަންނާށެވެ. ﷲ ތަޢާލާ ފިޔަވައި އިލާހަކު ނުވާ ކަމަށާއި
އެއިލާހު ބާއްވާލެއްވެވި ފޮތާއި ފޮނުއްވެވި ރަސޫލާއަކީ
ޙައްޤުކަމުގައި ޤަބޫލު ކުރާ ބަޔަކު، އެދެ މަސްދަރަކީ ޤާނޫނު ކަމުގައި
ހަދާ އެއަށް ޙުކުމް ކުރުމަށް ފަސްޖެހެންވީ ކީއްވެ ހެއްޔެވެ؟ ތިބާގެ
މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިދަރީން އެއްވެސް ކުށެއްނެތި
މަރައިފި މީހެއްގެ ކިބައިން ބަދަލެއްގެ ގޮތުގައި ޤިޞާޞް ހިފުމަށް
(މަރުގެ ޙުކުމް ކުރުމަށް) ތިބާ ނޭދޭނެ ހެއްޔެވެ؟ ތިބާގެ
އަނބިދަރީންގެ ގަޔަށް ގަދަކަމުން އަރައިގަނެ އަދި ނުވަތަ ތިބާ ބުރަ
މަސައްކަތުން ހޯދާފައިވާ މުދަލާއި ފައިސާތައް ވަގަށް ފޭރި ގަންނަ
މީހާއަށް ދީނުގައި ކަނޑައަޅާފައިވާ ޙައްޤު އަދަބުދޭން ތިބާ ބޭނުން
ނުވާނޭ ހެއްުޔެވެ؟ ކޮންމެއަކަސް މިއީ ތިބާގެ ޙައްޤުގައި ﷲ ތަޢާލާ
ލައްވަވާފައިވާ ޙައްޤުތަކެކެވެ.
ޑިމޮކްރަސީގެ ނަމުގައި އިންސާނީ ޙައްޤުތަކޭ މިނިވަންކަމޭ
ކިޔައިގެން މިއުޅެނީ، ޙަޤީޤަތުގައި ތިބާއަށް ލިބިފައިވާ ޙައްޤުތަކާއި
މިނިވަންކަން ނިގުޅައިގަންނާށެވެ. ދުނިޔޭގެ ކޮންމެ ޤައުމަކަށް
ބަލައިލިޔަސް މިކަމުގެ ހެކިތައް މިއޮތީ ފެންނާށެވެ. ވައްކަމާއި
ފޭރުމާއި، އޮޅުވާލުމާއި މަކަރު ހެދުމާއި ކޮރަޕްޝަނާއި މިޑާރޓީ
ޕޮލިޓިކްސްއިން ދުރުހެލިވެ، ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެން
ބޭނުންމީހާ ވަނީ ނުރައްކަލާއި ނަފްސާނީ ބިރުވެރި ކަމެއްގެ
ތެރޭގައެވެ. މުޖުރިމުންނަށް ހޯދައިދީފައިވާ ޙައްޤުތަކެއްގެ ސަބަބުން
މުދަލާއި އަނބިދަރިން ގޮވައިގެން އުޅެން މިޖެހެނީ މިފަދަ
މުޖުރިމުންގެ ފަރާތުން ކުރިމަތިވެދާނޭ ކަމަކަށް ބިރުން ސިހިސިހި
އެވެ. މިކަހަލަ ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮންނަނީ ސިޔާސީ
ކޮންމެވެސް މަޤްޞަދެކެވެ.
ދަންނާށެވެ. އިސްލާމްދީނާއި ދިވެހި ރައްޔިތުންނަށް ޙަރާމްކޯރު
ނުވުމަށް ﷲ ގަންދީ ހުވާކޮސްގެން ތިބެ، ދީނަށާއި މުޅި ޤައުމަށް ބަޔަކު
އެތިބަ ދަނީ ޚިޔާނާތްތެރި ވަމުންނެވެ. އިސްލާމީ ޝަރީޢަތް ފޮހެލައި
ޑިމޮކްރަސީ ގެނައުމަށްޓަކައެވެ. ކުރީގައިވެސް ބަޔާން ކުރިފަދައިން،
ޤުރުއާނަކީ ޙައްޤު ބަސްފުޅު ކަމަށް ޤަބޫލު ކުރާ ބަޔަކު، އެޤުރުއާން
ބޮލާލައި ޖަހައި އެއަށް ފުރަގަސް ދޭން ޖެހޭނޭ ސަބަބެއް
އެބައޮތްހެއްޔެވެ؟
ނޫނެކެވެ. އެކަމަކު ކާފަރު ކަމަށް ހުރި ލޯތްބަކާއި ހުރި
މުނާފިޤުކަމެއްގެ ބޮޑު ކަމުންނެވެ. މާލާއި ޖާހުގެ ބޭނުމުގައެވެ.
ތިމާމެންގެ ރައްބަށް ރަސޫލަށް ދީނަށް ވިސްނާ ފިކުރުކޮށް
އަޅާލުމެއްވެސް ނެތިއެވެ. މީގެތެރޭގައި މުޅީންހެން މިތިބީ ބޮޑެތި
ވިޔަފާރިވެރިންނެވެ. ޤާނޫނާއި ޤަވާޢިދުތައް އެއްކިބާ ކޮށްލާފައި
ތިމާގެ ވިޔަފާރި ފުޅާކޮށް މެކުހަށް ޖެހުމަށް ފެން ބޮވައިގެންފައިވާ
މީހުންނެވެ. ވެރިކަމަށް ދަހިވެތި ވެގެން ފެން ބޮވައިގެންފައިވާ
މީހުންނެވެ. ފަރަންޖީ އަޚުންގެ ފަރާތުން ލިބޭ ޑޮލަރު ބޮނޑިން ޖީބު
ފުރާލުމަށް ދަހިވެތިވެގެން އުޅޭ މީހުންނެވެ.
ފަހެ އިސްލާމީ ޝަރީޢަތް ޤާއިމްވެއްޖެނަމަ މިފަދަ ބައެއްގެ
އުއްމީދުތައް ކުނޑިކުނޑިވެ ވިއްސި ވިހާލިވެގެން ދިޔައީއެވެ. ރިބާއާއި
ނުލާ ވިޔަފާރި ކުރަން ނޭދޭ އިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ
ރިބާ މަނާވީއެވެ. ލާރިއާއި ހިތްހަމަ ޖެހުން މިހޯދަނީ ރަލުންނާއި
މަސްތުވާ ތަކެތިން ކަމުގައިވާއިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެ
ކަމުގައިވާނަމަ، ރަލާއި މަސްތުވާތަކެތި މަނާކޮށް ޙައްދު ޖަހައި
ބޯކަނޑަން ފަށާފާނެއެވެ. ސަރުކާރުގައި ވިޔަސް ނުވަތަ އަމިއްލަ
ޕްރައިވެޓް ތަނެއްގައި ވިޔަސް ހަވާލު ކުރެވިފައިވާ އަމާނާތަށް
ޚިޔާނާތްތެރިވެ ލާރިގަނޑު ކާލަނީއެވެ. އިސްލާމީ ޝަރީޢަތް
އަތުވެއްޖެނަމަ މިފަދަ ކަންތައް ކުރާ މީހުންގެ އަތްތައް ކަނޑައި
ކޮރަޕްޝަނާއި ވައްކަން މަނާވީއެވެ. މީހުންނާއި އިނދެގެން ތިބެވެސްމެ،
ހިތްހަމަޖައްސާ މަޖާކޮށްލަން މިދަނީ އިންޑިޔާ ލަންކާ ނުވަތަ
ބެންކޮކްގެ ނައިޓް ކްލަބް ތަކަށެވެ. ނުވަތަ ޒުވާން ޗާލު ކުދިން
ގޮވައިގެން ރިސޯޓް ތަކަށެވެ. ނުވަތަ ކޮންމެވެސް މަސާޖް ޚާނާއަކަށެވެ.
އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ ޙައްދު ޖަހައި ރަޖަމް ކުރާނެއެވެ.
އެހެންކަމުގައި ވެއްޖެނަމަ ކައިވެނީގެ ބޭރުން ހޯދަމުން މިދާ ދުނިޔެވީ
އުފާތަކާއި ބޯފޮނިތައް މަނާވީއެވެ. ފަހެ މިފަދަ ކަންތައްތައް
މަނާވާން ނޭދޭ ބަޔަކު، އިސްލާމީ ޝަރީޢަތް ޤާއިމްކުރަން ރުހޭނީ
ކިހިނަކުންތޯއެވެ؟
|