|
ޚަލީފާ އަލްމަހްދީގެ ޙިކުމަތްތެރިކަން.
ލިޔުނީ: ޝެއިޚް ޙަސަން ފިކުރީ
އަލްމަހްދީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އިންނެވި
ދުވަހެއްގައި ޢާއްމުންގެ ތެރެއިން މީހަކު އެކަލޭގެފާނުގެ އަރިހަށް
ދިޔައެވެ. އޭނާގެ އަތުގައި ބޮޑު ރުމާލެއްގެ ތެރެއަށް ލާފައިވާ
ފައިވާން ޖޯޑެއް އޮތެވެ. އެނާ ދެންނެވިއެވެ. "އޭ އަމީރުލް
މުއުމިނީންއެވެ.! މީ ރަސޫލު ﷲ
صلى الله عليه وسلمގެ
ފައިވާން ޖޯޑު ކޮޅެވެ." އަލްމަހްދީ އެފައިވާން ޖޯޑު އަތުލައްވައި،
އެއަށް ބޮސް ދެއްވުމަށްފަހު އެމީހާއަށް ދިހަހާސް ދިރުހަމު ދިނުމަށް
އަމުރު ކުރެއްވިއެވެ.
އެމީހާ ދިޔުމުން އަލްމަހްދީ އެކަލޭގެފާނުގެ ދަރުބާރުގައި ތިއްބެވި
ބޭކަލުންނަށް ވިދާޅުވިއެވެ. "މިފައިވާން ޖޯޑު ރަސޫލު ﷲ ގެފާނު ތުރު
ނުކުރެއްވުމުގެ އިތުރަށް، ދުވަހަކު އެކަލޭގެފާނަށް
ފެނިވަޑައިގެންފައިވެސް ނުވާ ފައިވާނެއްކަން ތިމަންނާއަށް އެނގޭކަން
ތިޔަ އެންމެ ބޭކަލުންނަށް އެނގިލައްވައެވެ. އެކަމަކު ތިމަންމެން
އޭނާގެ ވާހަކަ ދޮގުކޮށްފިނަމަ، އަމީރުލް މުއުމިނީންގެ އަރިހަށް
ރަސޫލު ﷲގެ ފައިވާން ޖޯޑުކޮޅު އަރިސް ކުރުމުންވެސް އެޤަބޫލު
ނުކުރެއްވިއޭ ކިޔައިގެން މީސްތަކުން ގާތުގައި އޭނާ ވާހަކަ
ދައްކާނޭކަން ޔަޤީނެވެ. އޭރުން އޭނާގެ ވާހަކަ ޤަބޫލުކުރާ މީހުން،
އެކަމުގެ ޙަޤީޤަތް ބަލާ މީހުންނަށްވުރެ މާގިނަވާނެއެވެ. މީސްތަކުން
އަބަދުވެސް ބަލާނީ ހިނގާފައިވާ ކަމެއްގައި ދިމާވި މައްސަލަތަކަށެވެ.
އަދި ބާރު ލިބިފައިވާ މީހެއްގެ ކިބައިން ދެރަނިކަމެއްޗަކަށް
އަނިޔާއެއް ލިބުމަކަށް އެމީހުންނެއް ނޭދޭނެއެވެ. އެމީހާއަކީ
އަނިޔާވެރި (ނުބައި ނުލަފާ) މީހެއްކަމުގައި ވާނަމަ، ތިމަންމެނަށް
އޭނާގެ ދޫ ގަނެލެވުނީއެވެ. (އޭނާގެ ދުލުގެ ނުބައިކަމުން
ސަލާމަތްވީއެވެ.) އަދި އޭނާގެ ބަސް ޤަބޫލުކޮށް އެގެނައި ހަދިޔާ
ޤަބޫލު ކުރުމުން، އޭނާގެ ކިބައިންވެސް ސަލާމަތްވީއެވެ." އަލްމަހްދީގެ
ކިބައިން މިވާހަކަ ރިވާ ކުރެއްވި ރާވީ ވިދާޅުވިއެވެ. ތިމަންނަމެނަށް
އަލްމަހްދީގެ އެޢަމަލުފުޅަކީ އެންމެ ހެޔޮގޮތް ކަމުގައި ފެނުނެވެ.
(ނޯޓް: މިއީ ދަރުމަ
މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.) |