|
މުސްލިމުން، ކްރިސްމަސް ދުވަސް ފާހަގަކޮށް އެދުވަހު އެކަކު
އަނެކަކަށް ތަހުނިޔާ ކިޔައި އުޅުމުގެ ޙުކުމް.
ލިޔުނީ: އާދަމް ނިޝާން

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އަޅުގަނޑުމެން މުސްލިމުން
ކަމުގައި ލައްވަވައި، ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް
ތަބާނުވުމަށް އަމުރު ކުރެއްވެވި ކީރިތި ﷲ
سبحانه وتعالى
އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ކާފަރުންނާއި
ޚިލާފުވުމަށް އަމުރުކުރެއްވެވި މާތް ނަބިއްޔާ
محمّد صلى اللّـه عليه وسلم
އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު
އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި
ހިފަހައްޓައިގެން ތިބިހާ ބަޔަކު ޝާމިލު ކުރަމެވެ.
މިއަދު ގިނަ މުސްލިމުންގެ ބޭރުފުށުގެ މަލަމައްޗާއި އެމީހުންގެ
ޢަމަލުތަކަށް ބަލާލައިފިނަމަ އެއީ މުސްލިމެއްކަން ހަމަ
އެއްގޮތަކަށްވެސް ނޭނގޭނެއެވެ. އަދި ކިއެއްހެއްޔެވެ، ނުވިތާކަށް
އެމީހުން ފެންނަ މީހަކަށް އިޙުސާސް ކުރެވޭނީ އެއީ އެހެން ކޮންމެވެސް
ދީނެއްގެ މީހެއް ކަމުގައެވެ. އަޅާ ހެދުމުގައާއި ކުރާ ކަންތައްތަކާއި
ކައިބޮއެ އުޅޭ ތަކެތީގައި ޔަހޫދީންނާއި ނަޞާރާއިންނާއި
ވައްތަރުވެގެންފިއެވެ. ޙަރާމް ޙަލާލެއް ބެލުމެއް ނެތިއެވެ. ތިމާގެ
އިސްލާމްކަމަކީ ހަމައެކަނި ދުލުން ބުނާ ބަހެއްކަމުގައި ހަދައި،
ބޭރުފުށުގެ މަލަމައްޗާއި ކުރާ ޢަމަލު މިވަނީ ކާފަރު އެއްޗެއް
ކަމުގައި ހަދާފައެވެ. ދަންނާށެވެ. ފިރުޢައުނުވެސް ދުލުން ޝަހާދަތް
ކިޔައި އިސްލާމްވިއެވެ. އެހެންނަމަވެސް އޭނާގެ އިސްލާމްކަން ޤަބޫލެއް
ނުކުރެވުނެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"حَتَّى
إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنْتُ أَنَّهُ لا إِلَهَ إِلاَّ
الَّذِي آمَنَتْ بِهِ بَنُو إِسْرائيلَ وَأَنَا مِنَ الْمُسْلِمِينَ"
(يونس:
90)
"އަދި އޭނާގެ ގެނބުން އައިސް ކުރިމަތިވިހިނދު އޭނާ ބުންޏެވެ.
އެއިލާހު ފިޔަވައި އެހެން އިލާހަކު ނުވާ އަދި ބަނީ އިސްރާއީލްގެ
މީހުން އީމާންވި ﷲއަށް ތިމަންނަ އީމާންވެއްޖައީމެވެ. އަދި
ތިމަންނައަކީ މުސްލިމުންގެ ތެރެއިންވާ މީހަކީމެވެ."
ހަމަ މިގޮތަށް ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލްއަކީ،
ޝަހާދަތްކިޔައި އިސްލާމްވެގެން ކީރިތި ނަބިއްޔާ
محمّد صلى اللّـه عليه وسلمގެ
އަރިހުގައި އުޅުނު މީހެކެވެ. އޭނާ ކީރިތި ނަބިއްޔާގެ ފަހަތްޕުޅުގައި
ނަމާދު ކޮށްވެސް ހެދިއެވެ. އެހެންނަމަވެސް އޭނާއާއި އޭނާއާއި
އެކުގައިވީ މީހުންނަށް ބަސް ވަޙީ ކުރައްވާ ﷲ ތަޢާލާ ވަޙީ
ކުރައްވާފައިވަނީ:
"إِنَّ
الْمُنَافِقِينَ فِي الدَّرْكِ الأَسْفَلِ مِنَ النَّارِ"(النساء:
145)
"ހަމަކަށަވަރުން މުނާފިޤުން ވާކަން ކަށަވަރީ ނަރަކައިގެ އެންމެ ދަށު
ބަތާނުގައެވެ. (އެބަހީ އެންމެ އަޑީގައެވެ)."
ކޮންމެއަކަސް މިއަދު މިވަނީ މުޅި އިސްލާމީ އުންމަތައް
ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތައް ފެތުރި ޢާއްމުވެފައެވެ.
އެވެރިންގެ ދިރިއުޅުމުގެ އުޞޫލުތަކާއި ސިޔާސަތާއި ޙަފްލާތަކާއި
ޗުއްޓީތަކާއި ހެދުން އެޅުމުގެ ވައްޓަފާޅިއާއި މިފަދަ އެތައް
ކަމެކެވެ. މިގޮތުން މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ
އެވެރިންގެ ބޮޑު ޙަފްލާއެއްކަމުގައިވާ 'ކްރިސްމަސް
ދުވަހެވެ.' ނަޞާރާއިންނެކޭ އެއްފަދައިން
އަޅުގަނޑުމެންނަކީވެސް މިހާރު މިޙަފްލާގައި ބައިވެރިވެ ނުވަތަ
މިޙަފްލާ ފާހަގަކޮށް އަދި އެދުވަހުގެ ތަހުނިޔާ ކިޔައި އުޅޭ ބައެކެވެ.
ހިތާމައަކީ މިކަމަކީ ދީނުގެ އަދި ޚާއްޞަކޮށް ޢަޤީދާއާއި ގުޅިފައިވާ
ބޮޑު ކަމަކަށްވާއިރު މިކަމުގެ ޙުކުމް އަޅުގަނޑުމެންގެ ތެރެއިން ގިނަ
މީހުންނަށް ނޭނގޭ ކަމެވެ. އަދި ހޯދަންވެސް ނޫޅެ މިކަމަށް
އަރައިގަންނަކަމެވެ.
އެންމެ ފުރަތަމަ އަޅުގަނޑުމެން ބަލާލަންވީ މިއީ ނަޞާރާއިންގެ
ދީނީ ކަމެއްތޯ ނުވަތަ ދުނިޔެވީ ޢާދަކާދައިގެ ތެރޭގައި ހިމެނޭ
ކަމެއްތޯއެވެ. ހުރިހާ އެންމެންވެސް އެއްބަސްވާ ޙަޤީޤަތަކީ މިއީ
ނަޞާރާއިންގެ ދީނީ ޢީދެއްކަމެވެ. އެމީހުން ބުނާ ގޮތުން އެއީ ޢީސާ
عليه السلام
އުފަންވެވަޑައިގެންނެވި ދުވަހެވެ. އެހެންނަމަވެސް މީގައި ހިމެނޭ
އެންމެ ހަމަނުޖެހޭ އަދި ބުއްދި ޤަބޫލު ނުކުރެވޭ ތަންކޮޅަކީ
އެދުވަހަކީ އެއީ ޢީސާ
عليه السلام
އުފަންވެވަޑައިގެންނެވި ދުވަސް ކަމުގައި ނުވާކަމެވެ. މިވާހަކަ
އެމީހުންގެ ފޮތްތަކުގައާއި އަދި މަޝްހޫރު އެންސައިކްލޮޕީޑިއާ
އެއްކަމުގައިވާ ވިކިޕީޑިއާގައިވެސް ބަޔާންކޮށްފައިވެއެވެ.
އެމީހުންގެ މިޢީދުން ރަމްޒުކޮށްދެނީ އެމީހުންގެ ފާސިދު ޢަޤީދާއާއި
ޝިރުކުގެ ޢަމަލުތަކާއި އެމީހުން ﷲ ތަޢާލާއަށް އުރެދިފައިވާ
އުރެދުމެވެ. އެހެންކަމުން މިކަމަކީ އެމީހުން ހަދާ މައިކްރޮ ފޯނެއް
ނުވަތަ ސައިކަލެއް ނުވަތަ ކާރެއް ބޭނުން ކުރުމާއި މުޅިން ތަފާތު
ކަމެކެވެ. އެއީ މިކަމަކީ ދުނިޔަވީ
ކަމަކަށްނުވެ އެމީހުންގެ ދީނީ ކަމަކަށްވުމުންނެވެ. އަދި
ކިއެއްހެއްޔެވެ. އަހަރުމެންގެ ނަބިއްޔާ
محمّد صلى اللّـه عليه وسلمގެ
ޢީދު މީލާދު ފާހަގަ ކުރުމަކީވެސް އެކަލޭގެފާނު ނުކުރައްވަވާ އަދި
އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރި ކަނބަލުންނާއި
ޞަޙާބިއްޔަ ބޭކަލުންވެސް ނުކުރައްވާ ބޮޑުވެގެންވާ ބިދުޢައަކަށްވާއިރު
ޢީސާ
عليه السلامގެ
ޢީދު މީލާދު، ނަޞާރާއިންނާއި ބައިވެރިވެ އެމީހުންނާއި އެކުގައި
ފާހަގަ ކުރުން ހުއްދަވާނޭ ހެއްޔެވެ؟
ވީމާ މުސްލިމަކަށްވެ ހުރެ މިފަދަ ދުވަހެއް ފާހަގަކޮށް ނުވަތަ އޭގައި
ބައިވެރިވެ ނުވަތަ އެދުވަހުގެ ތަހުނިޔާ އެކަކު އަނެކަކަށް ކިޔައި
އުޅުމީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިކަމަށް
ދަލީލުކޮށްދޭ އާޔަތްތަކާއި ޙަދީޘްތައް ބައިވަރެވެ. އެހެންކަމުން
އޭގެތެރެއިން ކޮންމެވެސް މިންވަރެއް ﷲ ތަޢާލާގެ މިންވަރުފުޅާއިއެކު
މިތަނުގައި ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.
1.
ޔަހޫދީންނާއި ނަޞާރާއިން،
މުސްލިމުން އެމީހުންގެ
މިއްލަތައް ތަބާވެއްޖައުމަށް ދާންދެން މުސްލިމުންދެކެ ނުރުހޭނެއެވެ.
الله سبحانه وتعالى
ކީރިތި ޤުރުއާނުގައި ވަޙީީ ކުރައްވައި އަންގަވާފައި ވެއެވެ:
"وَلَنْ
تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ
مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ
اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا
لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ"
البقرة:120.
މިއާޔަތުގެ މާނައަކީ: "އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިން،
ކަލޭގެފާނު އެބައިމީހުންގެ މިއްލަތަށް ތަބާވެއްޖައުމަށް ދާންދެން
ދުވަހަކުވެސް ކަލޭގެފާނަށް ނުރުހޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ.
ތެދުމަގަކީ ހަމަކަށަވަރުން
الله سبحانه وتعالىގެ
ތެދުމަގެވެ. ދެން ކަލޭގެފާނަށް
الله تعالىގެ
ކިބައިން އެކަމުގެ ޢިލްމު އައުމަށްފަހު އެބައިމީހުންގެ
ހެއްލުންތަކަށް ތަބާވެއްޖެނަމަ،
الله تعالىގެ
ކިބައިން އެއްވެސް އެހީތެރިކަމެއް އަދި ނަޞްރެއްވެސް ކަލޭގެފާނަކަށް
ނުވެއެވެ." ސޫރަތުލް ބަޤަރާ:120.
2.
މުސްލިމުންނަށްވާ ޢީދަކީ ފިޠުރު ޢީދާއި އަޟްޙާ ޢިދާއި އަދި ހުކުރު
ދުވަހެވެ.
ރަސޫލު
الله صلى الله عليه وسلم
މަދީނާއަށް ވަޑައިގަތުމަށްފަހު މަދީނާގެ އަހުލުވެރިން އަހަރުގެ
ދެދުވަހެއްގައި ކުޅެ މަޖާކޮށް ޢީދެއްގޮތުގައި ފާހަގަ ކުރާތީ
ފެނިވަޑައިގަތެވެ. އެހިނދު ސުވާލު ކުރެއްވެވިއެވެ.
"މިއީ ކޮން ދެދުވަހެއް ހެއްޔެވެ؟"
ދެން މަދީނާގެ އަހުލުވެރިން ދެންނެވޫއެވެ. "ތިމަންބޭކަލުން
ޖާހިލިއްޔަ ޒަމާނުގައި އެ ދެދުވަހުގައި ކުޅެހަދާކަމުގައި ވީމެވެ."
ދެން ރަސޫލު ޙަދީޘްފުޅު ކުރެއްވިއެވެ.
"إن الله قد أبدلكم بهما خيرا منهما، يوم الأضحى، ويوم الفطر".
މާނައީ: "ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް އެދެދުވަސް
އެއަށްވުރެ ހެޔޮ ދެދުވަހަށް ބަދަލުކޮށްދެއްވާފައި ވެއެވެ. އެއީ
ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ."
އަދިވެސް ރަސޫލު
الله صلى الله عليه وسلم
މުސްލިމުންގެ ދެޢީދުންކުރެ އެއް ޢީދު ދުވަހު ޙަދީޘްފުޅު
ކުރައްވާފައިވެެއެވެ.
"لكل
قوم عيد و هذا عيدنا".
މާނައީ: "ކޮންމެ ބަޔަކަށްވެސް ޢީދެއް ވެއެވެ. އަދި މިއީ އަހަރުމެން
މުސްލިމުންގެ ޢީދެވެ." (ޙަދީޘް ރިވާ ކުރައްވާފައިވަނީ ބުޚާރީއާއި
މުސްލިމްއެވެ.)
މި ދެޙަދީޘުން ދަލީލުކޮށްދެނީ މުސްލިމުންނަށްވަނީ ހަމައެކަނި
އެމީހުންގެ ޢީދު ދުވަސް އެކަނި ކަމެވެ. އަދި އެނޫން އެހެން
ދީންތަކުގެ މީހުންގެ ޢީދުތައް ފާހަގަކޮށް ހެދުމަކީ އެއްގޮތަކަށްވެސް
ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ.
3.
ކާފަރުން އެކުވެރީންކަމުގައި ހަދައި އެމީހުންގެ ކިބައިން އެހީއާއި
ވާޤިއެދި އެމީހުންނާއި ވައްތަރުވެގެންފި މީހަކުވަނީ އެމީހުންގެ
ތެރެއިންނެވެ.
الله سبحانه وتعالى
ކީރިތި ޤުރުއާނުގައި ވަޙީީ ކުރައްވާފައި ވެއެވެ:
"يَا
أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى
أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ
مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لا يَهْدِي الْقَوْمَ
الظَّالِمِينَ"
(المائدة:51).
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން
ޔަހޫދީންނާއި ނަޞާރާއިން އެކުވެރީންކަމުގައި ނުހަދާށެވެ.
އެމީހުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެކުވެރީންނެވެ. ފަހެ
ތިޔަބައިމީހުންކުރެ އެމީހުންނަކީ އެކުވެރީންކަމުގައި ހަދާ މީހުން
ދަންނައެވެ. އެމީހަކު ވާކަންކަށަވަރީ އެމީހުންގެތެރެއިންވާ މީހެއް
ކަމުގައެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް ﷲ ތަޢާލާ ހިދާޔަތް
ނުދައްކަވާ ހުއްޓެވެ."
ރަސޫލު
الله صلى الله عليه وسلم
ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"من تشبه بقوم فهو منهم" (أخرجه أبو داود وأحمد)
މާނައަކީ: "ބަޔަކާއި ވައްތަރުވެގެންވި މީހާ
ދަންނައެވެ. ފަހެ
އެމީހާއަކީ
އެމީހުންގެ ތެރެއިންވާ މީހެކެވެ."
ޤިޔާމަތް ދުވަހު އަޅުގަނޑުމެންނީ ޔަހޫދީންނާއި ނަޞާރާއިންގެ
ތެރެއިންވާ ބައެއްކަމުގައި ވާން އަޅުގަނޑުމެންގެ ތެރެއިން ހަމަ
އެއްވެސް މީހަކު އެދޭނެ ހެއްޔެވެ؟
4.
މިއުންމަތުގެ ބަޔަކު ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް
ތަބާވާނެކަމުގެ ވާހަކަ.
أبو سعيد الخدري رضي الله عنه
ރަސޫލު
الله صلى الله عليه وسلم
ކިބައިން ރިވާކުރައްވާފައިވެއެވެ.
قَالَ رَسُولُ اللَّهِ صلى الله عليه وسلم " لَتَتَّبِعُنَّ
سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا
بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ
لاَتَّبَعْتُمُوهُمْ " . قُلْنَا يَا رَسُولَ اللَّهِ آلْيَهُودَ
وَالنَّصَارَى قَالَ " فَمَنْ ؟!"
(رواه
البخاري 8/151 . ومسلم 4/2054)
ރަސޫލު
الله صلى الله عليه وسلم
ޙަދީޘްފުޅު ކުރެއްވިއެވެ. "ހަމަކަށަވަރުން
ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރީން އައި މީހުންގެ ގޮތްތަކަށް
ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު
ކައިވަތެކެވެ. އެބައިމީހުން
ضبّއެއްގެ
(ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް
ތިޔަބައިމީހުން އެމީހުންނަށް އެކަމުގައި ތަބާވާނެއެވެ. (އެބަހީ
އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ.) އެހިނދު
ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ
اللهގެ
ރަސޫލާއެވެ. އެބަޔަކީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟
އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން
ކޮންބައެއް ހެއްޔެވެ؟".
(ބުޚާރީީ: 8/151،
މުސްލިމް 4/2054)
އޭ ލޮބުވެތި އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނޭވެ.
ދަންނާށެވެ. ކްރިސްމަސް ދުވަހު އެކަކު އަނެކަކަށް ފާޑުފާޑުގެ
ކާޑުތަކާއި މެސެޖްތައް ފޮނުވައި އަދި ކުލަކުލައިގެ މާތަކާއި ގަސް
ފޮނުވައި ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ.
އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާއި ތަފާތުވެ،
ރަސޫލު
الله صلى الله عليه وسلم
ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ. ދުނިޔެއާއި އާޚިރަތުގެ
ކާމިޔާބު އެދޭ މީހަކަށް އޮތީ މިގޮތް ޚިޔާރުކުރުމެވެ.
وصلّ اللهم وسلّم على نبيِّنا محمّد وعلى آله وصحبه وسلّم.
-ނިމުނީ- |