|
ކަށުނަމާދު ކުރާ ގޮތާއި ޖަނާޒާއާއިި ބެހޭ ބައެއް މުހިއްމު
މަޢުލޫމާތު.
(ދެވަނަ ބައި)

ކަށުކަމާކެމީގެ ކަންތަކާއި ބެހޭ މުހިއްމު ބައެއް މަޢުލޫމާތު.
1.
މަޤްބަރާއަށް (ޤަބުރުސްތާނަށް) ވަންނަމުން ކިޔާނީ މިއަންނަނިވި
ދުޢާއެވެ.
"اَلسَّلامُ عَلَيْكمْ أَهْلَ الدِّيارِ مِنَ الْمُؤْمِنِيْنَ
وَالْمُسْلِمِيْنَ, وَإِنَّا إِنْ شاَءَ اللهُ بِكُمْ لاَحِقُونَ"
މާނައީ: "ޤަބުރުތަކުގެ އަހުލުވެރީންގެ ތެރެއިން މުއުމިނުތަކުންނާއި
މުސްލިމުތަކުންނޭވެ. ތިޔަބައިމީހުންނަށް ސަލާމަތްކަން ހުއްޓެވެ. އަދި
ﷲ ތަޢާލާގެ އިރާދަފުޅާއިއެކު އަހަރުމެންވެސް ތިޔަބައިމީހުންނާއި
ބައްދަލުކުރާ ހުށީމުއެވެ."
2.
ޖަނާޒާ އުފުލުމުގައި އޮތީ އަތުން ހިފައިގެން އަވަސް ފިޔަވަޅު
ތަކަކާއި އެކު މައްޔިތާ ގެންދިއުމެވެ. ރަސޫލު
الله صلى الله عليه وسلم
ޙަދީޘްފުޅު ކުރައްވާފައި ވެއެވެ.
"أسرعوا
بالجنازة فإن تك صالحة فخير تقدمونها إليه وإن تك غير ذلك فشرّ
تضعونه عن رقابكم"
رواه البخاري ومسلم
"ޖަނާޒާއާއިގެން
(އެބަހީ ވަޅުލުމަށް) ތިޔަބައިމީހުން އަވަސްވެ ގަންނާށެވެ. ފަހެ
އެމައްޔިތާއަކީ ޞާލިޙް އަޅެއް ނަމަ ތިޔަބައިމީހުން އޭނާ ތިޔަ ގެންދާ
ތަނެއްގެ ހެޔޮ ކަމާއިއެވެ. އަދި އެހެންކަމުގައި ނުވާނަމަ (އެބަހީ
އޭނާއަކީ ޞާލިޙް އަޅެއްކަމުގައި ނުވާނަމަ) ތިޔަބައިމީހުންގެ
ކަނދުރާމަތީގައި ތިޔަ އުފުލާ އެއްޗެއްގެ ނުބައިކަމާއިއެވެ."
3.
ރަސޫލު
الله صلى الله عليه وسلم
ޙަދީޘް ކުރައްވާފައިވެއެވެ:
"الراكب
يمشي خلف الجنازة والماشي حيث شاء منها....قريبا منها"
–
މާނައީ: "ސަވާރުވެ ދުއްވާފައި ދާމީހާ ދާނީ ޖަނާޒާގެ ފަހަތުންނެވެ.
އަދި ހިނގާފައި ދާމީހާއަށް، އޭނާ ބޭނުން ދިމާލަކުން ޖަނާޒާގެ
ކައިރިން ދެވިދާނެއެވެ." (ރަވާހު އަޙްމަދު އަދި އަބޫ ދާވޫދު)
4.
ޖަނާޒާ އުފުލުމުގައި އަދި ގެންދިއުމުގައި އަންހެނުން ބައިވެރިވުމަކީ
އެދެވޭ ކަމެއް ނޫނެވެ.
5.
އަޅުގަނޑުމެން ރާއްޖޭގައި ވަރަށް މަދުން ނޫނީ އަންހެނުން ކަށު ނަމާދު
ކުރާތީ ނުފެނެއެވެ. އަދި ކިއެއްހެއްޔެވެ. މައްޔިތާގެ ކަށުކަމާކެމީގެ
ކަންތަކުގައި ޤަބުރުސްތާނަށް ގޮސް، މީސްތަކުން މައްޔިތާއަށް
ކަށުނަމާދު ކުރާއިރު އަންހެނުން ބޭފުޅުން ތިއްބަވަނީ އެތަން
ބަލާށެވެ. ކޮންމެއަކަސް ކަށުނަމާދަކީ ވަރަށް ގިނަގުނަ ޘަވާބު ލިބޭ
އަޅުކަމެކެވެ. އަދި އަންހެން ބޭކަލުންނަށްވެސް އެޘަވާބު ލިބިގަތުމުގެ
ފުރުޞަތު ﷲ ތަޢާލާ ވަނީ ދެއްވަވާފައެވެ.
6.
ހިލޭ ފިރިހެނުން، ހިލޭ އަންހެނުންގެ މޫނު ބަލަން ދިއުން އެދެވިގެން
ނުވެއެވެ. އަދި ހަމަމިގޮތަށް ހިލޭ އަންހެނުން، ހިލޭ ފިރިހެނުންގެ
މޫނު ބަލަން ދިއުންވެސް އެދެވިގެން ނުވެއެވެ.
7.
ޤަބުރުތަކުގެ ތެރޭގައި ނުވަތަ ކައިރީގައި ހިނގާފައި ދާއިރު
މުސްތަޙައްބު ވެގެންވަނީ ފައިވާން ނުވަތަ ބޫޓް ފަދަ ތަކެތި ބާލާފައި،
ހުސްފަޔާ ދިއުމެވެ. ޤަބުރުސްތާނުގައި ފައިވާން ނުވަތަ ބޫޓުފަދަ
ތަކެތި ލައިގެން ހިނގުމަކީ ސުންނަތާއި ޚިލާފު ގޮތެކެވެ.
އެހެންނަމަވެސް ފަޔަށް ތަދުވެ ނުވަތަ ގެއްލުން ލިބޭފަދަ އެއްޗެއް
އެތަނުގައި ހުރެއްޖެނަމަ ފައިވާނުގައި ދިއުމަކުންވެސް މައްސަލައެއް
ނެތެވެ.
بَشِيرُ بْنُ
الْخَصَاصِيَةِ
ރަސޫލު
الله صلى الله عليه وسلمގެ
ކިބައިން ރިވާކުރައްވާފައިވާ
ޙަދީޘްފުޅެއްގައި ވެއެވެ:
"بَيْنَا أَنَا أُمَاشِي رَسُولَ اللَّهِ صلى الله عليه وسلم إذَا
رَجُلٌ يَمْشِي فِي الْقُبُورِ , عَلَيْهِ نَعْلانِ , فَقَالَ : يَا
صَاحِبَ السِّبْتِيَّتَيْنِ , أَلْقِ سِبْتِيَّتَيْك . فَنَظَرَ
الرَّجُلُ , فَلَمَّا عَرَفَ رَسُولَ اللَّهِ صلى الله عليه وسلم
خَلَعَهُمَا , فَرَمَى بِهِمَا"
(رَوَاهُ أَبُو دَاوُد).
މާނައީ:
"ތިމަންކަލޭގެފާނު ރަސޫލު
الله صلى الله عليه وسلم
އާއި އެކު ވަޑައިގަންނަވަނިކޮށް މީހަކު ޤަބުރުތަކުގެ ތެރެއިން
ހިނގާފައި ދިޔައެވެ. އޭނާ ހުރީ ބޫޓުގެ ދެކިބައަށް އަރައިގެނެވެ.
(އެބަހީ ބޫޓަށް އަރައިގެނެވެ). ދެން ކީރިތި ރަސޫލާ
صلى الله عليه وسلم
ޙަދީޘްފުޅު ކުރެއްވިއެވެ. 'އޭ ބޫޓުގެ ދެކިބައަށް އަރައިގެން ހުރި
މީހާއެވެ. ތިބާގެ ދެބޫޓުކިބަ ބާލާށެވެ.' ދެން އޭނާ ބަލާލިއެވެ.
އޭނާއަށް އެއީ ރަސޫލު
الله صلى الله عليه وسلم
ކަން އެނގުމުން އަވަހަށް ދެބޫޓުކިބަ ބޭލުމަށްފަހު އެއްލާލިއެވެ."
8.
މައްޔިތާ ވަޅުލުމަށްފަހު އިމާމަކަށް މީހަކު ހުރެ މިކިޔާ ތަލްޤީން
އަކީ އެއްގޮތަކަށްވެސް ކިޔުން ރަނގަޅު އެއްޗެއް ނޫނެވެ. ރަސޫލު
الله صلى الله عليه وسلم
އެކަން ކުރެއްވިކަމަށް އެއްގޮތަކަށްވެސް ޘާބިތުވެފައެއް ނެތެވެ. އެއީ
އަލަށް ހަދައިގެން އުޅޭ ބޮޑު ބިދުޢައެކެވެ.
9.
އެހެންނަމަވެސް މައްޔިތާ ވަޅުލުމަށްފަހު ވަކިވަކިން ދުޢާކުރުން
ހުއްދައެވެ. ރަސޫލު
الله صلى الله عليه وسلم
ޙަދީޘް ކުރައްވާފައި ވެއެވެ: "إستغفروا
لأخيكم, وسلوا له التثبيت, فإنه الآن يسأل
-
ތިޔަބައިމީހުންގެ އަޚާއަށް ފާފަ ފުއްސެވުމަށް ދުޢާ ކުރާށެވެ. އެއީ
އޭނާއަށް ޘާބިތުކަން ލިބުމަށްޓަކައެވެ. އެހެނީ މިހާރު އޭނާއާއި
ސުވާލު ކުރެވޭނެއެވެ." (ޙަދީޘް ރިވާ ކުރެއްވީ އަބޫ ދާވޫދު އަދި
ޙާކިމްއެވެ). މިތަނުގައި ކުރެވިދާނެ ދުޢާ އަކީ:
"اَللَّهُمَّ
اغْفِرْلَهُ اللَّهُمَّ ثَبِّتْهُ"
މާނައަކީ: "އޭ ﷲ އެވެ. އޭނާއަށް ފާފަފުއްސަވާންދޭވެ. އަދި އޭނާއަށް
ޘާބިތުކަން ދެއްވާންދޭވެ."
10.
މައްޔިތާ ވަޅުލުމަށްފަހު ޤަބުރުގެ މަތީގައި ގަސް އިންދުމަކީ ހުއްދަ
ކަމެއް ނޫނެވެ.
އެއީވެސް އަލަށް ހަދައިގެން އުޅޭ ބިދުޢައެކެވެ.
11.
އެކި ޑިޒައިން ޑިޒައިނަށް މަހާނަގައު ހަދައި އޭގައި ލިޔެ ހަދާފައި
ޤަބުރުގެ މަތީގައި ޖަހައި ހެދުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ.
އަދި އެފަދަ ކަންތައް ކުރުން ރަސޫލު
الله صلى الله عليه وسلم
ވަނީ ވަރަށް ބޮޑަށް ނަހީ ކުރައްވާފައެވެ.
ދެން ފަހަރެއްގައި މީހަކު ބުނެފާނެއެވެ. ޤަބުރުމަތީގައި ގަސް
އިންދުމާއި ތަލްޤީނު ކިޔުމާއި މިފަދަ ކަންތައްތައް ރަސޫލު ނަހީ
ކުރައްވާފައެއް ނުވެއެއް ނޫން ހެއްޔެވެ. އެހެންކަމުން އެފަދަ
ކަންތައް ބިދުޢަ ތަކަށް ވާނީ ކިހިނަކުން ތޯއެވެ؟ ދަންނާށެވެ. އެހެން
ބުނާ މީހުންނަށް އިސްލާމީ ޝަރީޢަތުގެ އަސާސްތަކާއި އުޞޫލުތައް ނޭނގެނީއެވެ. އެހެނީ
އިސްލާމީ ޝަރީޢަތުގައި އަޅުކަމުގެ އަޞްލަކީ ޞައްޙަ ދަލީލެއް ނުވާ
ކޮންމެ އަޅުކަމަކީ ޙަރާމް އަދި ބާޠިލް ކަމެކެވެ. އަދި މުޢާމަލާތުގެ
އަޞްލަކީ ޙަރާމްކަމުގެ ދަލީލެއް ނުވާ ކޮންމެ ކަމަކީ ހުއްދަކަމެކެވެ.
އެހެންކަމުން މައްޔިތާ ހިނަވައި ވަޅުލައި ހެދުމަކީ އަޅުކަމަށް ވާއިރު
ރަސޫލު
الله صلى الله عليه وسلم
ގެ ކިބައިން ޘާބިތުނުވާ އެއްވެސް ކަމެއް ކަށުކަމާކެމީގެ ކަންތަކުގައި
ކުރުން ހުއްދަވެގެން ނުވެއެވެ.
އާދެ ކަށުކަމާކެމީގެ ކަންތަކުގައި މިފަހަރަށް ލިޔަން ޤަޞްދުކުޅަ
ޙިސާބަށް ލިޔެ ނިމުނީއެވެ. ޢުއްމީދަކީ މިކުޑަ މަޢުލޫމާތުކޮޅުގެ
އެހީގައި ތިޔަ އެންމެ ބޭފުޅުންނާއި އަދި އަޅުގަނޑަށްވެސް ދުނިޔެއާއި
އާޚިރަތުގައި ކޮންމެވެސް ވަރެއްގެ ފައިދާއަކާއި ދަރުމަ ލިބުމެވެ.
މިލިޔުމުގެ ފުރަތަމަ ބައި (މުޤައްދިމާއާއި ކަށުނަމާދު ކުރާގޮތް) ކުރީ
ދުވަހެއްގައި ވާނީ ޝާޢިއު ކުރެވިފައެވެ.
وصلى اللهم وسلم على نبينا محمد وعلى آله وصحبه أجمعين.
މިލިޔުމާއި ގުޅޭ:
-
ކަށުނަމާދު ކުރާ ގޮތާއި ޖަނާޒާއާއިި ބެހޭ
ބައެއް މުހިއްމު މަޢުލޫމާތު -
(ފުރަތަމަ ބައި). |