"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

 ތާރީޚްގެ ތެރެއިން  

قرآن އާއި ސުންނަތުގެ އަލީގައި

ކީރިތި رسول އާ صلى الله عليه وسلم އަށް تبع ވުމަކީ، އެކަލޭގެފާނު ގެނެސްދެއްވި ހުރިހާ ކަމެއް ބަލައިގަތުން.

- مأمون عبد القيّوم -

 

ކީރިތި قرآن އަކީ، إسلام دين ގެ ފުރަތަމަ أصل ކަމުގައި ވީ ހިނދު، إسلام دين ގެ ދެވަނަ أصل އަކީ، رسول الله صلى الله عليه وسلم  މާތް ނަބިއްޔާގެ ސުންނަތް ކަން قرآن ން ވަރަށް ސާފުކޮށް އެނގެއެވެ. އެއީ الله تبارك وتعالى އަށް ކިޔަމަންވުމާއި رسول الله صلى الله عليه وسلم  އަށް ކިޔަމަންވުމަށް قرآن ގެ ވަރަށް ގިނަ آية ތަކުގައި އަންގަވާފައި ވާތީއެވެ. އަދި الله تبارك وتعالى އަށް އުރެދުމެކޭ އެއްފަދައިން، ކީރިތި رسول الله صلى الله عليه وسلم  އަށް ކިޔަމަންނުވުމަކީ مؤمن ތަކުން ކުރާ ހެޔޮ عمل ތަކުގެ ثواب باطل ވެ އުވިގެން ހިނގައިދާނެ ކަމެއްކަމަށް އަންގަވާފައި ވާތީއެވެ. މާތް الله وحي ކުރެއްވިއެވެ:

(محمّد: 33)

މާނައީ:- "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށް ކިޔަމަންވާހުށިކަމެވެ! އަދި ތިޔަބައިމީހުން رسول އާ އަށް ކިޔަމަންވާހުށިކަމެވެ! އަދި ތިޔަބައިމީހުންގެ عمل ތަކުގެ ثواب باطل ވިޔަ ނުދޭހުއްޓެވެ."

އެހެން آية އެއްގައި وحي ކުރައްވާފައިވެއެވެ:

(المائدة: 92)

މާނައީ:- "ތިޔަބައިމީހުން الله އަށް ކިޔަމަންވާހުށިކަމެވެ! އަދި ތިޔަބައިމީހުން رسول އާ އަށް ކިޔަމަންވާހުށިކަމެވެ! އަދި މިއިން ކަމެއްގައި ފަރުވާ ކުޑަކުރުމުން ތިޔަބައިމީހުން ރައްކާތެރިވާހުށިކަމެވެ! ފަހެ ތިޔަބައިމީހުން الله އަށާއި رسول އާ އަށް ކިޔަމަންވުމަށް ފުރަގަސްދީފިނަމަ ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ރަސޫލާގެ މައްޗަށްވަނީ، ތިމަން ރަސްކަލާނގެ އަމުރު ފުޅުތައް ތިޔަބައިމީހުންނަށް ސާފުކޮށް އަންގަވައި ދެއްވުމެވެ."

މި آيةން ދޭހަވާ ގޮތުގައި الله އަށް ނުވަތަ رسول الله صلى الله عليه وسلم އަށް ކިޔަމަން ނުވުމަކީ އެކަމުން އެންމެހައި مؤمن ން ރައްކާތެރިވާން ޖެހޭފަދަ ބޮޑު ފާފައެކެވެ.

އަދިވެސް އެހެން آية އެއްގައި ވެއެވެ:

(آل عمران :132)

މާނައީ:- "ތިޔަބައިމީހުން الله އަށާއި رسول އާ އަށް ކިޔަމަންވާހުށިކަމެވެ! ތިޔަބައިމީހުނަށް رحمة ލައްވާތޯއެވެ."

މި آية ން އެނގެނީ، މާތް الله މީސްތަކުންނަށް رحمة ލެއްވުންވަނީ، އެކަލާނގެއަށާއި رسول الله صلى الله عليه وسلم އަށް ކިޔަމަންވުމާއި ގުޅިފައިކަމެވެ.

ކީރިތި رسول الله صلى الله عليه وسلم އަށް ކިޔަމަންވުމަކީ، މާތް الله އަށް ކިޔަމަން ވުމުގެ ތެރެއިންވާ ކަމެއްކަމާއި، رسول الله صلى الله عليه وسلم އަށް ކިޔަމަންވެއްޖެނަމަ الله އަށް ކިޔަމަންވެވުނީކަން އަންގަވައި އެކަލާނގެ وحي ކުރައްވާފައިވެއެވެ:

(النساء:80)

މާނައީ:- "رسول އާ އަށް ކިޔަމަން ވެއްޖެ މީހާ، ހަމަކަށަވަރުން الله އަށް ކިޔަމަންވެއްޖެއެވެ."

އަދި ކީރިތި رسول الله صلى الله عليه وسلم ކުރެއްވި ކޮންމެ އަމުރުފުޅެއްގައި ހިފަހައްޓައި އެ އަމުރުފުޅަކަށް ކިޔަމަންވުމަށާއި، އެކަލޭގެފާނު މަނާ ކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވެ، އެކަމަކުން ރައްކާތެރިވުމަށް އަންގަވައި وحي ކުރައްވާފައިވެއެވެ:

(الحشر: 7)

މާނައީ:- "رسول އާ ގެނެސް ދެއްވި އެންމެހައި ކަންތައްތަކުގައި ތިޔަބައިމީހުން ހިފަހައްޓާހުށިކަމެވެ! އަދި އެކަލޭގެފާނު ނަހީކުރެއްވި އެންމެހައި ކަންތައްތަކުން ތިޔަބައިމީހުން ދުރުހެލިވާހުށީކަމެވެ. "

އިސްވެދިޔަ آية ތަކުންނާއި އަދި އެނޫނަސް އެއް آية އެއްގައި އެއް ޖުމްލައެއްގައި الله އަށާއި އެކަލާނގެ رسول الله صلى الله عليه وسلم އަށް ކިޔަމަންވުމަށް، އެންމެހާ مؤمن ންނަށް އަންގަވާފައިވާ ވަރަށް ގިނަ آية ތައް ކީރިތި قرآن ބާވައިލައްވާފައިވުމާއިއެކު، ކީރިތި رسول الله صلى الله عليه وسلم އަށް ކިޔަމަންވުމަކީ، މާތް الله އަށް ކިޔަމަންވުމެކޭ އެއްފަދައިން އެންމެހައި مؤمن ގެ މައްޗަށް އެކަލާނގެ ވާޖިބު ކުރައްވާފައިވާ ކަމެއްކަން އޮޅުމެއްނެތި އެނގެވެ. އަދި قرآن އަކީ، إسلام دين ގެ ފުރަތަމަ أصل ކަމުގައިވާ ނަމަ، އެ އެއްޗެއްގެ ތެރޭގައި ކީރިތި رسول الله صلى الله عليه وسلم ގެ އަމުރުފުޅުތަކާއި ނަހީތައް ހިމެނޭ އެކަލޭގެފާނުގެ سنة އަކީ إسلام دين ގެ ދެވަނަ أصل ކަން ސާފުކޮށް އެނގެއެވެ. މާތް رسول الله صلى الله عليه وسلم ވެސް، އެންމެހައި مؤمن  ތަކުން الله އަށާއި އެކަލޭގެފާނަށް ކިޔަމަންވުމަށާއި، ކީރިތި قرآن އާއި އެކަލޭގެފާނުގެ سنة ން ތެދުމަގު ލިބިގަތުމަށް އަމުރުކުރައްވައި ގޮވާލައްވާފައިވެއެވެ. ފެހެ އެކަލޭގެފާނު حديث ކުރައްވާފައިވެއެވެ:

" تَرَكْتُ فِيْكُمْ أَمْرَيْنِ لَنْ تَضِلُّوْا مَاتَمَسَّكْتُمْ بِهِمَا: كِتَابَ الله وَ سُنَّتِي"

މާނައީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރެއްވީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު، ތިޔަބައިމީހުން މަގުފުރެދިގެން ނުދާ ހުއްޓެވެ. އެ ދެ އެއްޗަކީ، الله ގެ ފޮތާއި ތިމަންކަލޭގެފާނުގެ سنة އެވެ."

الله سبحانه وتعالى އަށް ކިޔަމަން ގަތުމެކޭ އެއްފަދައިން، رسول الله صلى الله عليه وسلم މާތް ނަބިއްޔާގެ އެންމެހައި އެންގެވުންތަކަށް ބޯލަނބައި އެކަލޭގެފާނު ނަހީ ކުރެއްވި އެންމެހައި ކަންތައްތަކުން ދުރުހެލިވާން ޖެހޭ ސަބަބަކީ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. އެހެނީ، އެކަލޭގެފާނަކީ މާތްވެގެންވާ إسلام دين އާއިގެން الله تبارك وتعالى ފޮނުއްވި މާތް ރަސޫލާ صلى الله عليه وسلم އެވެ. އަދި ކީރިތި قرآن ފާޅުކުރެއްވީ އެކަލޭގެފާނުގެ އަތްޕުޅު މައްޗަށެވެ. އެފޮތުގައިވާ މާތް الله ގެ هداية މީސްތަކުންނާއި ހަމަޔައް ގެނެސް ދެއްވައި، އެފޮތުގައިވާ الله ގެ އަމުރު ފުޅުތަކާއި ނަހީތައް މީސްތަކުންނަށް ބަޔާންކޮށްދެއްވައި އޮޅުން ފިލުވާދެއްވުމަކީ، އެކަލޭގެފާނުގެ މައްޗަށް الله ވާޖިބު ކުރެއްވި ކަމެކެވެ. މިކަން އަންގަވައި الله وحي ކުރެއްވިއެވެ:

(النّحل:44)

މާނައީ: "ކަލޭގެފާނަށް ތިމަން ރަސްކަލާނގެ އެހަނދާންކޮށްދެނިވި ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވީމެވެ. އެއީ އެބައިމީހުންނަށްޓަކަައި އެބާވައިލެއްވި ފޮތް ކަލޭގެފާނު މީސްތަކުންނަށް އަންގަވައި ދެއްވައި ބަޔާންކޮށް ދެއްވުމަށްޓަކައެވެ."

رسول الله صلى الله عليه وسلم އަށް ކިޔަމަންވުމަކީ އިސްވެދިޔަ آية ތަކުންނާއި شرع ގެ އެންމެހައި دليل ތަކުން الله سبحانه وتعالى مؤمن ންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއްކަން އެނގޭ ހިނދު، رسول الله صلى الله عليه وسلم އަށް ކިޔަމަންވުމަކީ ކޮބައިކަން ސާފުކޮށް އެނގެންޖެހެއެވެ. އެކަލޭގެފާނަށް ކިޔަމަންވުމަކީ، ހަމައެކަނި އެކަލޭގެފާނު ކުރައްވާފައިވާ އަމުރު ފުޅުތަކަށް ކިޔަމަންވެ އެކަލޭގެފާނު ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުންތޯ ނުވަތަ އެއަށްވުރެ އިތުރު ކަމެއްްތޯވެސް ކަނޑައަޅަންޖެހެއެވެ.

شرع ގެ ސާފުސީދާ دليل ތަކަށް ބަލާއިރު، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަކީ، ހަމައެކަނީ އެކަލޭގެފާނު ކުރައްވާފައިވާ އަމުރުފުޅުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމާއި އެކަލޭގެފާނު މަނާ ކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވުންކަމުގައި ކަނޑައެޅޭކަށް ނެތެވެ. شرع ގެ صريح دليل ތަކުން ދޭހަވާ ގޮތުގައި އެއީ އެއަށްވުރެ ތަނަވަސް ދާއިރާއެއްގައިވާ ކަމެކެވެ. ފަހެ މާތް الله وحي ކުރައްވާފައިވެއެވެ:

(آل عمران :31) 

މާނައީ:- "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މާތް الله حضرة އަށް ލޯބި ކުރަނީނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تبع ވާ ހުށިކަމެވެ! އޭރުން الله ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެއެވެ."

މި آية އެނގޭގޮތުގައި، މާތް الله ގެ ރުއްސަވާވޮޑިގަތުން ބިނާވެފައިވަނީ ރަސޫލް صلى الله عليه وسلم އަށް تبع ވުމުގެ މައްޗަށެވެ. އަދި ފާފަ ފުއްސެވުން ވަނީވެސް ރަސޫލް صلى الله عليه وسلم އަށް تبع ވުމާއި ގުޅިފައެވެ.

ޝައްކެއް ނެތެވެ. މީހަކަށް تبع ވުމަކީ އެމީހަކު އަންގާ ކަންތައްތައްކޮށް، އެމީހަކު މަނާކުރާ ކަންތައްތައް ނުކޮށް ދޫކޮށްލުން އެކަންޏެއް ނޫނެވެ. މިކަންތައް ތަކުގެ އިތުރަށް އެމީހަކު ދޭ نصيحة ތަކާއި އިރްޝާދުތައް قبول ކުރުމާއި އެމީހަކު އުޅޭގޮތަށް އުޅުމެވެ. އެހެންކަމުން ރަސޫލް صلى الله عليه وسلم އަށް تبع ވުމަކީވެސް އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމެންވެ، އެކަލޭގެފާނު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމާއެކު އެކަލޭގެފާނު ދެއްވާ نصيحة ތަކާއި إرشاد ތަކަށްވެސް ބޯލެނބުމެވެ. އެކަންތައްތަކަށް ރުހި، އެކަންތައްތައް ހިތުގެ އަޑިން قبول ކުރުމެވެ. އެކަލޭގެފާނުގެ سنة ގައިވާ ހުރިހާ ކަމެއް قبول ކޮށް، އެ سنة ގައި ވާގޮތުގެ މަތިން عمل ތަކާއި أخلاق އާއި سلوك ބެހެއްޓުމެވެ. އެހެނީ އެކަލޭގެފާނުގެ سنة ގައި ވަނީ، ހަމައެކަނީ އަމުރުފުޅުތަކާއި ނަހީތަކެއް ނޫނެވެ. ވާޖިބު ކުރެއްވުމެއް ނެތި، އިރުޝާދު ދެއްވުމުގެ ގޮތުން، ނުވަތަ ލަފާ ދެއްވުމުގެ ގޮތުން އަންގަވާފައިވާ އެންގެވުންތަކެއްވެސް ވެއެވެ. މީހުންގެ ތެރޭގައި އުޅޭ އުޅުމުގައި އެކިއެކި ރީތިވާހާ ގޮތްތަށް އޮޅުން ފިލުއްވަވާ ދެއްވުމުގެ ގޮތުން ދެއްވާާފައިވާ نصيحة ޕުޅުތައްވެސް ވޭމެއެވެ. ވާޖިބު ނުކުރެއްވިޔަސް، އެކަންކަން އެގޮތަށް ކުރުމުގައި ތިމާގެ نفس ށާއި مجتمع އަށް ލާބަޔާއި ފައިދާ ހުރި ކަންކަމެވެ. ނުވަތަ މީސްތަކުންގެ މެދުގައި ހަމަޖެހުމާއި، އެއްބަނޑު އެއްބަފާކަން އުފެދި މީހުންގެ قدر އާއި ލޯބި ތިމާއަށް ލިބޭނެ ކަންކަމެވެ.

رسول الله صلى الله عليه وسلم އަށް تبع ވުމަކީ، މި ހުރިހާ ގޮތަކުން އެކަލޭގެފާނަށް تبع ވުން ކަމުގައި އަންގަވައި الله تبارك تعالى وحي ކުރައްވާފައި ވެއެވެ.

(الأحزاب:21)

މާނައީ:- "ހަމަކަށަވަރުން الله ގެ ރަސޫލާގައި، ތިޔަބައި މީހުންނަށް ލައްވާފައިވާ ރިވެތި ނަމޫނާއެއް ވިއެވެ. އެއީ الله ގެ ރުއްސަވާވޮޑިގަތުމާއި  آخرة ދުވަހުގެ ثواب އަށް އެދޭ މީހުންނަށެވެ."

އެއްވެސް އިންސާނަކީ އެހެން އިންސާނަކަށް ނުވަތަ އެހެން ބަޔަކަށް ނަމޫނާއަކަށް ވުމުގެ މާނައަކީ އެމީހެއްގެ އުޅުމާއި އަޚްލާޤާއި ޢަމަލްތަކަށް އެމީހުން إقتداء  ވާން ޖެހުމެވެ. އަަދި އެމީހުން إقتداء ވާން ޖެހޭފަދަ މާތް ރީތި ގޮތްތަކެއް، އެމީހެއްގެ ކިބައިގައި ވުމެވެ. ވުމާއިއެކު ކީރިތި ރަސޫލާ صلى الله عليه وسلم އަކީ އެންމެހައި މީސްތަކުންނަށް މާތް الله ދެއްވި ރީތި ނަމޫނާއަކަށް ވުމުގެ މާނައަކީ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނަށް إقتداء ވެ އެކަލޭގެފާނު ދެއްކެވި ތެދުމަގުގައި ފައިތިލަ ސާބިތުކޮށް، ކޮންމެ ކަމެއްގައިވެސް އެކަލޭގެފާނު ޢަމަލު ކުރައްވާފައިވާ ގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރެވޭތޯ ބެލުމެވެ.

އަޅުގަނޑުމެން އެންމެންވެސް ދަންނަގޮތުގައި، إسلام دين ގައި ހިމެނޭ އަޅުކަމުގެ ދާއިރާއާއި معاملات ގެ ދާއިރާގައި ބައެއްކަންތައްތައް ވަކި ގޮތަކަށް ކުރުންވަނީ ރަސޫލާ صلى الله عليه وسلم ވާޖިބު ކުރައްވާފައެވެ. ބައެއްކަންތައްތައް އެއްގޮތަކަށްވެސް ނުކޮށް އެކަންކަމުން ދުރުހެލިވުމަށްވެސް އަންގަވާފައިވެއެވެ. މީގެ އިތުރުން ބައެއް ކަނތައްތަކަކީ ހުއްދަ ކަންތައްތަކެއްކަމުގައިވެސް އަންގަވާފައިވެއެވެ. ވާޖިބު ނޫން ކަންތައްތަކާއި މަނާ ނޫން ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ދެފަހަރަކު ދެ ގޮތަކަށް ކުރައްވާފައިވެއެވެ. އެއީ، އެފަދަ ކަންތައްތައް އެ ދެ ގޮތުންކުރެ ކޮންމެ ގޮތަކަށް ކުރިޔަސް އެންމެ ރަނގަޅުކަން، ނުވަތަ އެ ދެ ގޮތުންކުރެ ކޮންމެ ގޮތަކީވެސް ހެޔޮ ގޮތެއްކަން އަންގަވައި ދެއްވުމަށްޓަކައެވެ. މިފަދަ ކަންކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ سنة ގައިވާ ގޮތަކީ، އެކަންކަމުގައި އެކަލޭގެފާނު عمل ކުރައްވާފައިވާ ދެ ގޮތުން ކުރެ ހަމައެކަނި އެއްގޮތްކަމަށް ބުނެވޭނެ ތަނެއް ނެތެވެ. އެހެނީ، އެކަލޭގެފާނުގެ عمل ފުޅުން ބަޔާންކޮށްދެއްވާފައިވާ ގޮތުގައި އެ ދެ ގޮތުން ކުރެ ކޮންމެ ގޮތަކީވެސް صحّ ގޮތެކެވެ. ހެޔޮ ގޮތެކެވެ.

މިފަދަ ކަންކަމުގައި ކީރިތި ރަސޫލާ r ގެ سنة ގައިވާ ގޮތަކީ، ނުވަތަ صحّ ގޮތަކީ، އެކަންކަމުގައި އެކަލޭގެފާނުން عمل ކުރައްވާފައިވާ ދެ ގޮތުންކުރެ ތިމާއަށް ފެންނަ ގޮތް އެކަނި ކަމުގައި، ނުވަތަ ތިމާ قبول ކުރާ އެހެން އިންސާނަކަށް ފެންނަ ގޮތް އެކަނި ކަމުގައި ކަނޑައެޅުމަކީ އެކަމެއްގައި އެކަލޭގެފާނުގެ سنة ން ބޭޭރުވުމެއް ކަމުގައި ނޫނީ ނުވާނެއެވެ. އެހެނީ އެކަލޭގެފާނުގެ سنة ގައި ހިފެހެއްޓުމަކީ އިސްވެ ބަޔާން ކުރެވުނުފަދައިން، އެކަލޭގެފާނު ގެނެސްދެއްވި ހުރިހާ ކަމެއްގައި ހިފެހެއްޓުމެވެ. އެކަލޭގެފާނު ގެނެސް ދެއްވި ކަންތައްތަކުގެ ތެރެއިން ރަނގަޅުކަމަށް ތިމާއަށް ފެންނަ ކަންތައްތަކުގައި ހިފަހައްޓައި ރަނގަޅު ނޫންކަމަށް ތިމާއަށް ފެންނަކަންތައްތައް ދޫކޮށްލުމެއް ނޫނެވެ.

ދީނުގައި އަންގަވާފައިވާ ކަންތައްތަކުގެ ތެރެއިން ހަމައެކަނި ވަކިކަންތައްތަކެއް قبول ކޮށް އަނެއްބައި ކަންތައްތަކަށް އިންކާރުކުރާ މީހުންނާއި މެދު وعيد ގެ ބަސްފުޅު ބާވައިލައްވައި މާތް الله وحي ކުރައްވާފއިވެއެވެ: 

(البقرة:85)

މާނައީ:- "ފަހެ ތިޔަބައިމީހުން އެ ފޮތުގެ އެއްބަޔަށް އީމާންވެ، އަނެއްބަަށް كافر ވަނީ ހޭ؟ (ޔަޢްނީ:-  قرآن ގައި ބާވައިލައްވާފައިވާ حكم ތަކުގެ ތެރެއިން އެއްބައި قبول ކޮށް އަނެއްބައި قبول ނުކޮށް ދޫކޮށްލަނީ ހޭ؟) ފަހެ ތިޔަބައިމީހުންގެ ތެރެއިން އެގޮތަށް عمل ކުރާ މީހުންގެ ޖަޒާއަކީ ދުނިޔޭގެ حياة ގައިވެސް ނިކަމެތި ލަދުވެތި ވާންޖެހުން ފިޔަވައި އެހެން ކަމެއް ނޫނެވެ. އަދި قيامة ދުވަހުން އެބައިމީހުން ފޮނުއްވާހުށީ އެންމެ ގަދަފަދަ عذاب ގެ ތެރެއަށެވެ. އަދި ތިޔަބައިމީހުން ޢަމަލްކުރާ ގޮތާއި މެދު الله غافل ވެވޮޑިގެން ނުވެއެވެ."

قرآن އެކޭ އެއްފަދައިން ކީރިތި ރަސޫލާ صلى الله عليه وسلم ގެ سنة ގައިވާ ކަންތައްތަކުގެ ތެރެއިންވެސް އެއްބައި ކަންތައްތައް قبول ކޮށް، އަނެއްބައި ކަންތައްތައް قبول ނުކޮށް ދޫކޮށްލުމަކީ މި آية ގައި އަންގަވާފައިވާ ދެކޮޅު ނުޖެހޭ ވިޔާނުދާ އަދި ތިމާގެ نفس މިދުނިޔެ މަތީގެ ނިކަމެތި ކަމަށާއި قيامة ދުވަހުގެ عذاب އަށް ހުށަހެޅިދާފަދަ عمل އެއްކަން ކަށަވަރެވެ. މިކަން އެތީ މިހެން ކަމަށް ވުމާއިއެކު އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ، ކީރިތި قرآن ގައި، الله ބާވައިލައްވާފައިވާ ހުރިހާކަމެއް ހިތުގެ އަޑިން قبول ކުރުމެވެ. އެއްކަމެއްގައި ދެފަހަރު ދެ ގޮތަށް އެކަލޭގެފާނު عمل ކުރައްވާފައިވަނީނަމަ އެ ދެ ގޮތްވެސް صحّ ކަމަށާއި، އެ ދެ ގޮތަކީވެސް އެކަލޭގެފާނުގެ سنة ގައިވާ ދެ ގޮތްކަން ހިތުގެ އަޑިން قبول ކުރުމެވެ.

އެއްވެސް ކަމެއްގައި  رسول الله صلى الله عليه وسلم ވަކި ގޮތަކަށް عمل  ކުރެއްވުމަށް ފަހު އެކަމެއް دين  ގައިވަނީ އެނޫން ގޮތަކަކަށް ކަމަށް ބުނުމުގެ إختيار އެއްވެސް އިންސާނަކަށް ލިބިގެންނެއް ނުވެއެވެ. އެމީހަކީ ކިތަންމެ ބޮޑު علم ވެރިޔަކަށް ވިޔަސް ކިތަންމެ ގިނަ ބަޔަކު قبول ވާ މީހަކަށް ވިޔަސް ވަރިހަމައެވެ. މި ކަމުގައި الله وحي ކުރައްވާފައިވަނީ މިފަދައިންނެވެ:

(النّساء:65)

މާނައީ:- "ހަމަހިލާ އެހެނެއް ނުވާނެއެވެ! ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ރަސްކަންފުޅު ގަންދެއްވައި އަންގަމެވެ. ތިޔަބައިމީހުންގެ މެދުގައި އުފެދޭ އަރާރުން ތަކުގައި حكم ކުރައްވައި އެކަންތައްތައް فيصلة ކުރެވުން ކަލޭގެފާނާ حوال ކޮށް، އަދި އެކަންކަމުގައި ކަލޭގެފާނު حكم ކުރެއްވި ގޮތާ މެދު އެބައިމީހުންގެ ހިތްތަކުގައި އެއްވެސް ނުރުހުންތެރިކަމެއް ނެތި، އެކަން އެބައިމީހުންގެ ހިތުގެ އަޑިން قبول ކޮއްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެއެވެ."

މި آية ގައި އަންގަވާފައިވާ ގޮތުގައި، ކޮންމެ ކަމެއްވެސް ރަސޫލާ صلى الله عليه وسلم ނިންމެވި ގޮތް، ނުވަތަ ކޮންމެ ކަމެއްގައިވެސް އެކަލޭގެފާނު عمل ކުރެއްވި ގޮތް، ނުވަތަ އެންގެވި ގޮތް ހިތުގެ އަޑިން قبول ކޮށް އެކަމަށް ތިމާގެ ހިތުގައި އެއްވެސް ކަހަލަ ނުރުހުންތެރިކަމެއްނެތި، އެކަމެއް ބަލައިގަތުމަކީ، އީމާންކަމުގެ شرط އެކެވެ. އަދި އެގޮތަށް عمل ނުކުރާ މީހާއީ އީމާންވި މީހެއް ނޫނެވެ. މިހެންކަމުން އެކަލޭގެފާނު ވަކި ގޮތަކަށް عمل ކުރައްވައިފި ކަމެއްގައި އެއްވެސް އިންސާނަކު އެހެން ގޮތަކަށް ބުނާނެ ތަނެއް ނޯންނާނެއެވެ. އެއީ އެއްވެސް އިންސާނަކަށް އެމީހަކީ ކިތަންމެ އަރާހުރި علم ވެރިޔަކަށް ވިޔަސް ނުވަތަ ގިނަ ބަޔަކު قبول ވާ މީހަކަށް ވިޔަސް އޮތް إختيار އެއް ނޫނެވެ. މިކަން އެއްވެސް އޮޅުމެއްނެތް ސާފުސީދާ ޢިބާރާތުން އަންގަވައި الله وحي ކުރައްވާފައިވެއެވެ: 

 (الأحزاب:36)

މާނައީ:- " الله އާއި އެކަލާނގެ ރަސޫލާ، އެއްވެސް ގޮތެއް ވަކި ގޮތަކަށް ނިންމަވަފިނަމަ، އެކަމީ އެއްވެސް مؤمن ފިރިހެނަކަށް ނުވަތަ مؤمن އަންހެންކަށް އެބައިމީހުންގެ ހިތަށް ފެނުނު ގޮތަކަށް إختيار އޮތް ކަމެއް ނޫނެވެ. الله އާއި އެކަލާނގެ ރަސޫލާއަށް އުރެދޭ މީހާ ދަންނާށެވެ! ހަމަކަށަވަރުން އެ މީހާ ކަނޑައެޅި ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ."

މި ކަންކަން މިހެން ހުރުމާއެކު، އެންމެހައި مؤمن ންގެ މައްޗަށް ވާޖިބުވެގެންވަނީ، رسول الله صلى الله عليه وسلم ، މާތް ނަބިއްޔާގެ އެންމެހައި އެންގެވުންތަކާއި، އެންމެހައި إرشاد ތަކާއި، އެންމެހައި نصيحة ފުޅުތަކާއި، އެންމެހައި ހުއްދަ ކުރެއްވުންތަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި ބަލައިގަތުމެވެ. އަދި އެންމެހައި ކަންތައްތަކަކީ އެކަލޭގެފާނުގެ سنّة ގެ ތެރެއިންވާ ކަންތައްތައްކަން ހިތުގެ އަޑިން قبول ކުރުމެވެ.

اَللّهُمَّ اجْعَلْـنَا مِنَ الَّذِينَ يِسْتِمِعُون القَوْل، فَيَـتَّبِعُونَ أَحْسَنَه، وهَدَاناَ اللَّهُ جَمِيعًا إلَى اتِّبَاعِ كِـتَابِهِ وَ سُـنَّةِ نَبِـيِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم، آمين.

 

 

ނޯޓް: މިލިޔުމަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް، 1404 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހު ނެރެވުނު "المنبر" މަޖައްލާގެ ދެވަނަ ނަމްބަރުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގައި މިވާ ވާހަކަތަކަކީ މިހާރު މައުމޫނުގެ ކިބައިން އަޑު ނީވޭފަދަ ނާދިރު ވާހަކަތަކަކަށް ވާތީއާއި އަދި ހަމައެހެންމެ މިލިޔުމުގައި رسول الله صلى الله عليه وسلم ގެ ސުންނަތަށް ތަބާވުމަކީ ކޮބައިކަން ރަނގަޅަށް ބަޔާންކޮށްދީފައިވުމުން (އަދި ލިޔުންތެރިޔާ ސުންނަތަށް ޢަމަލު ނުކުރިކަމުގައިވިޔަސް)، މިލިޔުން މިސައިޓުގައި ޝާޢިއު ކޮށްލީއެވެ.

އިބިލީސް މީހެއްގެ ސިފައިގާ އަތުވެ، ރޭގަނޑު އާޔަތުލް ކުރުސި ކިޔެވުމުގެ މަތިވެރިކަން އަބޫ ހުރައިރާ رضي اللّـه عنه އަށް ދަސްކޮށްދިނުމުން، އެވާހަކަ رسول الله صلى الله عليه وسلم އަށް ދެންނެވުނުހިނދު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވީ: "އޭނާއަކީ (އެބަހީ އިބިލީހަކީ) ދޮގުވެރިއެކެވެ. އެހެންނަމަވެސް އޭނާ ތެދެއް ބުނެފިއެވެ." އެހެންކަމުން މިލިޔުންވެސް މިސައިޓުގައި މިހިމަނާލީ ކޮންމެ މީހެއްގެ ލިޔުމެއް ކަމުގައި ވިޔަސް މިބާބުގެ ދަށުން އޭގެ ފައިދާ އަޅުގަނޑުމެން އެންމެންނަށް ލިބިގަތުމުގެ މަޤްޞަދުގައެވެ. الله ولي والقادر عليه.

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)