"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ފިރިހެނުން ކުރަމުންދާ ބުރަ މަސައްކަތުގެ ދަރުމަ، އަންހެނުންނަށްވެސް ލިބިދާނެފަދަ ގޮތެއް މިއޮތީ.

الشيخ أبو بكر إبراهيم علي (ބަކުރުބެ)

ދަންނައެވެ. ފިރިހެނުން ކުރަމުންދާ ބުރަ، އަދި އުނދަގޫ މަސައްކަތުން ލިބިދާނޭ ދަރުމަޔާއި، ثَواب އަންހެނުންނަށްވެސް ލިބިދާނޭފަދަ ގޮތެއް އެބައޮތެވެ. ނަމަވެސް عَمَل ކުރުމުގެ مَيْدان ދެބައިމީހުންނަށް ތަފާތެވެ. ދަރުމަޔާއި، ثَواب ހަމަހަމައެވެ. ކޮންމެ ބައެއްވެސް އެބަޔަކު މަސައްކަތް ކުރަން ދީނުގެ ފަރާތުން އަންގަވާފައިވާ ގޮތަށް އެދާއިރާގައި މަސައްކަތް ކުރުމުންނެވެ. މިކަން އަޅުގަނޑުމެންނަށް މިއެނގެން އޮތީ رَسُول الله صَلَّى اللهُ عَلَيْهِ وَسَلَّمގެ حَدِيْث އަކުންނެވެ. އެއީ ދިގު حَدِيْث އެކެވެ. ނަމަވެސް އެ حَدِيْثގެ نَصّ އަހުރެން ތިޔަ ލޯބިވާ އަންހެން ކުދީންނަށް މިހުށައަޅަނީ ތިޔަކުދިން އެވާހަކައިން އެދެވޭ ފައިދާއެއް حاصِل ކުރައްވާނޭ ކަމުގެ أُمِّيْد ގައެވެ. بَيْهَقِى އެކަލޭގެފާނުގެ شُعَبُ الإيْمان ގައި أسْماء بِنْت يَزِيْدُ الأنْصارِيَّةގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެވާހަކައަކީ

"أنَّها أَتَتِ النّبىَّ صَلّى اللهُ عليه وسلّمَ و هُوَ بَيْنَ أصْحابِهِ فَقال: بِأبِى أنتَ وَ أُمِّى إنّى وافِدَةُ النِّساء إلَيْكَ وَأعْلَم نَفْسِى لَكَ الْفِداء أمّا إنّهُ ماَ مِنْ اِمرأةٍ كَائِنةٌ فِى شَرْقٍ وَلاَ غَرْبٍ سَمِعَتْ بمَِخْرَجِى هَذَا أَوْ لمَ تَسْمَعُ إَِلاَّ وَهِىَ عَلى مِْثلِ رَأْي أَنَّ اللهَ بَعَثَكَ بِالْحَقِّ إِلَى الِّرجَالِ وَالنِّسَاءِ فَآمَنَّا بِكَ وَبِإلِهكَ الَّذِى أَرْسَلَكَ وَإِنَّا مَعْشَرَ النِّسَاءِ مَحْصُوْرَاتٌ مَقْصُوْرَاتٌ قَوَاعِدَ بُيوتِكُم وَمَقْضَى شَهَوَاتِكُم وَحَامِلاَتِ أَوْلادِكُم وَإِنَّكُم مَعَاشِرَالرِّجَالِ فُضِّلْتُمْ عَلَيْنَا باِلْجُمْعَةِ وَالجَمًاعَةِ وَعِيَاَدةِ اْلَمَرْضَى وَشُهُوْدِ اْلجَنَائِزِ وَالْحَجِّ بَعْدَالْحَجِّ وَأَفْضَلُ مِنْ ذَالِكَ الجِِْهَادُ فِِى سَبِيْل اللِه وَإِنَّ الرَّجُلَ مِنْكُمْ إِذَا خَرَجَ حَاجًا أَوْ مُعْتَمِرًا  أَوْ مُرَابطًاً حَفِظْنَا لَكُمْ أَمْوَالَكُمْ وَغَزَلْنَا لَكُمْ أَثْوَاباً  وَرَبَّيْنَا لَكُمْ  أَوْلادَكُمْ فَمَا نُشَارِكُكُمْ فِى الأَجْرِ يَا رَسُولَ اللهِ؟ قاَلَ: فَالْتَفَتَ النَِّبِىُّ صَلّى اللهُ عليه وسلّم إِلىَ أَصْحَابِهِ بِوَجْهِهِ كُلِّهِ ثمُّ قاَلَ: هَلْ سَمِعْتُمْ مَقَالَةَ امْرَأَةٍ قَطُّ أَحْسَنُ مِنْ مَسْأَلَتِهَا فِى أَمْرِ دِيْنِهَا مِنْ هَذِهِ؟ فَقَالُُوا: ياَ رَسُولَ اللهِ مَا ظَنَنَّا أَنَّ المْرَأَةَ تهَتَدِى اِلَى مِثْلِ هَذَا. فاَلْتَفَتَ النَِّبىّ صَلّى اللهُ عليه وسلّم إليَهْاَ ثمُّ َّقاَلَ لهَاَ: اِنْصَرِفِي أَيَّتُهاَ المْرَأْةَُ وَأَعْلَمِي مَنْ خَلْفَك مِنَ النِّسَاءِ أَنََّ حُسْنَ تَبَعُّلِ إِحْدَاكُنَّ لِزَوْجِهَا وَطَلبَِهَا مَرْضَاتِهِ وَاتِّبَاعِهَا مُوَافَقَتَهُ تَعْدِلُ ذَلِكَ كُلِّهِ. قاَلَ: فَأَدْبَرَتِ الْمَرْأةُ وَ هِىَ تهُللُ وَتُكَبِّرُ اِسْتِبْشَارًا"

 މާނައީ: (އެއްދުވަހަކު) أسْماء بِنْت يَزِيْدُ الأنْصارِيَّة ކިޔާ ބޭކަނބަލަކު نَبِىّއާ صَلّى اللهُ عليه وسلّمَ، އެކަލޭގެފާނުގެ أصحابންގެ އަރިހުގައި ވަޑައިގެން އިންނަވަނިކޮށް ވަޑައިގެން ދެންނެވިއެވެ. އޭ رَسُولُ اللهِ އެވެ. ތިމަން ކަމަނާގެ ބައްޕައާއި، މަންމަ ކަލޭގެފާނަށް ފިދާއެވެ. ތިމަންކަމަނާ މިއައީ އަންހެނުންގެ جَماعَة އެއްގެ ފަރާތުން (وَفْد އެއްގެ ފަރާތުން) ކަލޭގެފާނުގެ އަރިހަށް ފޮނުއްވީމައެވެ. ތިމަން ކަމަނާގެ نَفْس ކަލޭގެފާނަށް فِداء އެވެ. އިރުމަތީގައިވެސް، ހުޅަނގުގައިވެސް ތިމަން ކަމަނާގެ މި ނުކުތުމުގެ مَقْصَدގެ އަޑުއެހި ކޮންމެ މީހަކަސް އަދި އަޑު ނުއިވޭ އަންހެނަކު ހުއްޓަސް އެކޮންމެ މީހެއްގެ رَأْي އަކީ ހަމަ އެއް رَأْي އެކެވެ. ހުރިހާ އަންހެނުންގެ ބަހަކީ ހަމަ އެއް ބަހެކެވެ. ތިމަން ކަމަނާގެ رَأْي އެވެ.

"ހަމަކަށަވަރުން ކަލޭގެފާނު رَسُول ކަމާއިގެން ފޮނުއްވާފައިވަނީ ފިރިހެނުންނާއި، އަންހެނުންގެ ގާތަށެވެ. ދެންފަހެ ތިމަން ބޭކަނބަލުން ކަލޭގެފާނަށް އީމާންވެ، ކަލޭގެފާނަށް تَبَع ވެއްޖައީމެވެ. އަހުރެމެން އަންހެނުންގެ جَماعَة މިވަނީ ތިޔަބޭކަލުންގެ ގެތަކުގައި ހިފެހެއްޓިފައެވެ. ގެތަކުގެ އަސާސުތައް ހިފެހެއްޓުމުގައި ބަންދުވެފައެވެ. އަދި ތިޔަބޭކަލުންގެ شَهْوَة ފުއްދައިދޭ ބަޔަކު ކަމުގައެވެ. އަދި ތިޔަބޭކަލުންގެ ދަރިންނާއިގެން ބަލިވެއިނުމުގައެވެ. އެކުދިން ވިހައިގެން ބެލެހެއްޓުމުގައެވެ. އަދި ފިރިހެނުންގެ ތިޔަ جَماعَة އަޅުގަނޑުމެން އަންހެނުންގެ جَماعَةގެ މައްޗަށް މާތްކުރެވިގެންނެވެ. އެއީ ހުކުރު ނަމާދުގެ جَماعَة އަށް ދިއުން ކަނޑައެޅިގެން ވުމާއި، އަދިވެސް އެހެނިހެން جَماعَة ތަކަށްވެސް ދިއުމާއި، އަދި ބަލިމީހުންނަށް ގޮވާލަން ދިއުމާއި، ކަށުކަމާކެމީގެ ކަންތަކަށްވެސް حاضِر ވުން ކަނޑައެޅިގެން އޮތުމާއި، އަދި އެއް حَجّ އަށްފަހު އަނެއް حَجّ އަށްވެސް ދިއުމެވެ. އަދި މިހުރިހާ ކަމަކަށްވުރެ މާތްވެގެންވާ اللهُގެ މަގުގައި جِهاد ކުރުންވެސް އެމީހުންނަށް ކަނޑައެޅިގެން ވުމެވެ. (މިއިން ކޮންމެ ކަމެއްގައި އެމީހުންނަށް ގިނަ ދަރުމަޔާއި، ސަވާބެވެ.)

އަދި ފިރިހެނުން حَجّ އަށް ނުވަތަ عُمْرَة އަށް ނުވަތަ مُرابِطا އަށް (ހަނގުރާމައިގެ ފާރަވެރިކަމަށް) ނުކުމެއްޖެއްޔާ އަޅުގަނޑުމެން އަންހެނުން ފިރިހެނުންގެ މުދާ ރައްކާ ކުރަމުއެވެ. އަދި ފިރިހެނުންގެ ފޭރާން ތައްޔާރުކޮށް ފަހައިދީ ހަދަމެވެ. އަދި ފިރިހެނުންގެ ކުދިން ބަލަހައްޓައި، تَرْبِيَّة ކުރަމުއެވެ.

އޭ رَسُولُ اللهِ އެވެ. ފިރިހެނުންނަށް ލިބިގެން މިވާ ގިނަ ހެޔޮތަކުގައި އަޅުގަނޑުމެން އަންހެނުންވެސް ބައިވެރި ކުރައްވަންވީ ނޫންތޯއެވެ؟ (އަޅުގަނޑުގެ ވާހަކައަކީ މިއީއެވެ.)"

ދެންފަހެ رَسُولُ اللهِ صَلّى اللهُ عليه وسلّمَ  އެކަލޭގެފާނުގެ أصْحابންނާ ދިމާއަށް އެނބުރިވަޑައިގެން حَدِيْث ކުރެއްވިއެވެ. އެމީހެއްގެ دِيْن އާމެދު މިހާ ރަނގަޅު ސުވާލެއް ކުރެއްވި އެއްވެސް އަންހެނަކު ތިޔަބޭކަލުންނަށް އެނގިވަޑައިގެން ވޭތޯއެވެ؟ އެބޭކަލުން ދެންނެވިއެވެ. އޭ رَسُولُ اللهِ އެވެ. އަންހެނުނަށް މިވަރުގ ެތެދުމަގެއް ވާކަމަކަށް އަޅުގަޑުމެން ހީނުކުރަމެވެ.

ދެން رَسُولُ اللهِ صَلّى اللهُ عليه وسلّمَ  (އެކަމަނާއަށް) حَدِيْث ކުރެއްވިއެވެ. އޭ أسْماء އެވެ. ކަމަނާ ވަޑައިގަންނަވާށެވެ. އަދި ކަމަނާގެ ފަހަތުގައިވާ އެހެނިހެން އަންހެނުންނަށްވެސް އަންގަވާށެވެ. 'ތިޔައިން ބޭކަނބަލަކު އޭނާގެ ފިރިމީހާއާއެކު ރަނގަޅު ގޮތުގައި ލޯބިކޮށްދިނުމާއި، އަދި ފިރިމީހާގެ ރުހުން ހޯދުމަށް އެދިގަތުމާއި، އަދި ފިރިމީހާ އެއްބަސްވެ مُوافِقވާ ކަންކަމުގައި އޭނާޔާ އަންހެނުން تَبَع ވުމާއި މިކަންކަން، ކަމަނާ ތިޔަ އެދިވަޑައިގެންނެވި ހުރިހާ ކަމަކާ ހަމަހަމައެވެ. (އެބަހީ އެކަމުން ލިބޭ ދަރުމަޔާއި، ثَواب ހަމަހަމައެވެ.)' މިއެވެ. ދެންފަހެ، أسْماء އެނބުރި ވަޑައިގެންނެވީ އުފަލުން تَهْلِيل ކިޔަމުން، تَكْبِيْر ކިޔަމުންނެވެ. މިއެވެ.

ޝައްކެއްވެސް ނެތެވެ. މި عِبْرَةތެރި ވާހަކަ އޮޅުމެއް ނެތި އަޅުގަނޑުމެންނަށް بَيان ކޮށްދެއްވަނީ ފިރިހެނުން آخِرَة އަށްޓަކައި ثَواب އާއި، ދަރުމަ حاصِل ކުރުމަށް މަގެއް ވާކަމާއި، އަދި އަންހެނުންނަށްވެސް އެމީހުންގެ آخِرَة އަށް ޓަކައި ثَواب އާއި، ދަރުމަ حاصِل ކުރުމަށް މަގެއް ވާކަމެވެ. އަދި ދެބައިމީހުންނަށް ވަނީ ތަފާތު ދެމަގެކެވެ. ނަމަވެސް ކޮންމެ ބަޔަކަށް ثَواب އާއި، ދަރުމަ ލިބުން ވެއެވެ. ފިރިހެނުންނަށް އޮތީ އެމީހުންގެ ގަދަފަދަ ހަށިގަނޑާ ގުޅޭގޮތުން ގަދަ މަސައްކަތެވެ. ދިރިއުޅުމުގެ ހުރިހާ مَيْدان އެއްގައެވެ. އަންހެނުންނަށް އޮތީ އެމީހުންގެ ލޫޅާފަތި، ރީތި، ޗާލޫ، އަދި ހިތްގައިމު ހަށިގަނޑާ ގުޅޭ ލޯބިވެތި މަސައްކަތެވެ. ފިރިހެނުންނާއެކު ލޯބިކޮށްދިނުމާއި، އެމީހުންނާއެކު މަޖާ ނަގައި، ފިރިހެނުން ހިތްހަމަޖައްސައިދިނުމެވެ. މިއީ ދެން އަންހެނުންނަށް ކޮންފަދަ އުފާވެރި ހިތްގައިމު خَبَر އެއްތޯއެވެ؟

އޭ ލޯބިވާ އަންހެންކުދީންނޭވެ! ތިޔަކުދިންގެ ތިޔަ ރީތި، ނަލަ އަދި ލޫޅާފަތި ހަށިގަނޑާއެކު ފިރިހެނުންގެ ތެރެއަށް ނުކުމެ، މަސައްކަތްކޮށް، ދާހިއްލާ ގުނބުހިލި، ވަރުބަލިވާކަށް ނުޖެހެއެވެ. ތިޔަކުދިންނާ اللهُ حَوال ކުރެއްވި عِزَّة ތެރި، ލުއިފަސޭހަ މަޖާ وَظِيْفَة އަދާކުރައްވާށެވެ. ފިރިމީހާ ހިތްހަމަޖައްސައިދެއްވުމެވެ. އަދި ފިރމީހާގެ ގެޔާއި، އޭނާގެ ދަރިންނާއި، އަދި ދެން އޭނާގެ މުދާ ބަލަހައްޓައިދިނުމެވެ. އެއީ ތިޔަކަނބަލުންގެ مَسْؤُولِيَّة އެވެ. قِيامَة ދުވަހުން އެކަންކަމާމެދު سُؤال ކުރައްވާނެ ކަމަށް صَحّ حَدِيْثން ސާބިތެވެ. ވީމާ، އަންހެނުން ވިސްނާލަން ޖެހޭ ކުޑަކުޑަ ތަންކޮޅަކީ ސީދާ اللهُ އާއި، އެކަލާނގެ رَسُولއާ އަށް އަނބިމީހާ އުރެދެވޭފަދަ ކަމަކަށް ފިރިމީހާ އަމުރުކުރޭތޯ އެވެ. އެފަދަ ކަމަކަށް، އާދެ! اللهُ އާއި، އެކަލާނގެ رَسُولއާ އަށް އުރެދެވޭފަދަ ކަމަކަށް ފިރިމީހާ أمْر ކުރިނަމަ ދެން އޭނާއަށް ކިޔަމަންވުމެއް ނެތެވެ. حَدِيْث ގައި ވަނީ "لاطاعَةَ لِمَخْلُوقٍ فِى مَعْصِيَةِ الْخالِق" މިފަދައިންނެވެ. އެބަހީ: ތިމާ ހެއްދެވި خالِق ވަންތަ اللهُ އަށް އުރެދެވޭ ކަމެއްގައި އެއްވެސް مَخْلُوق އަކަށް ކިޔަމަންވުމެއް ނެތެވެ. މިއެވެ. ދެން އެހެން ހުރިހާ حالَة އެއްގައިވެސް ފިރިމީހާއަށް ކިޔަމަން ވުމެވެ.

 

ނޯޓް: މިލިޔުމަކީ الشيخ أبو بكر إبراهيم علي (ބަކުރުބެ) ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ "ފިރިހެނުންނާއި އަންހެނުން ހަމަހަމައެއް ނުވާނެ!" މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އެފޮތް މިސައިޓުގެ ދީނީ ލިޔުންތައް ހިމެނޭ ބައިގާ ޝާޢިއު ކުރެވިފައި ވާނެއެވެ. އެފޮތުގެ ނުވަވަނަ ފަޞްލު ބައްލަވާ.

blog stats
dheenee-news@hotmail.com
 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)