ނަމާދުގައި ޚުޝޫޢަތްތެރިވުން
އޭ މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ޚުޝޫޢަތްތެރި ކަމަކީ
ނަމާދުގެ ހިތެވެ. އަދި އެއީ އޭގެ ރޫޙެވެ. ޚުޝޫއަތްތެރިކަމެއް ނެތި،
الله
ތަޢާލާއަށް ބިރުވެތިވުމަކާ ނުލައި ކުރެވޭ ނަމާދަކުން ފައިދާއެއް
ނުކުރާނެކަން ކަށަވަރެވެ. ސަބަބަކީ
الله
ތަޢާލާގެ ޙަޟްރަތުގައި އަޅުކަންތައް ޤަބޫލުކުރެވެނީ،
ޢިޚުލާޞްތެރިކަމާއިއެކު އެއިލާހުގެ ނަބިއްޔާ
صلّى الله عليه وسلّم
އަންގަވައި ބަޔާންކޮށްދެއްވާފައި ވާގޮތަށް އަޅުކަން އަދާކުރުމުން
ކަމުގާވާތީއެވެ. މިއީ އަޅުކަންތައް ޤަބޫލުކުރެވުމުގެ ދެޝަރުޠެވެ.
الله
ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ
މިއާޔަތުގައި
"لِيَبْلُوَكُمْ
أَيُكُمْ أَحْسَنُ عَمَلا"
(الملك: 2)،
"
أَحْسَنُ عَمَلا"ގެ
މާނައަކީ އަދާކުރަންވާ އެންމެ ފުރިހަމަގޮތުގައި
އިޚުލާޞްތެރިކަމާއެކު އަދާކުރެވޭ ޢަމަލުތައް ކަމުގައި ޢިލްމުވެރިން
ވިދާޅުވެއެވެ. ވުމާއެކު މިއާޔަތުގެ މާނައަކީ "ތިޔަބައިމީހުންގެ
ތެރެއިން އެންމެ ހެޔޮ ޢަމަލުކުރަނީ ކާކުތޯ ބެއްލެވުމަށްޓަކައެވެ".
އޭ މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ރެއާއި ދުވާލު ތިބާ ފަސް
ފަހަރު ކުރަމުންދާ ނަމާދުގައި ޚުޝޫޢަތްތެރިކަން ނެތިއްޖެނަމަ،
اللهގެ
ޙަޟްރަތުގައި އަޅުކަން ޤަބޫލުކުރެވުމުގެ ފުރުތަމަ ޝަރުތު
ނެތިދިޔައީއެވެ. އެހެންވެއްޖެނަމަ އެނަމާދަކި އެއްވެސް ރޫޙެއްނެތި
ކުރެވޭ ޙަރަކާތްތަކެއް ކަމުގައި ވެދެއެވެ.
ހަމަކަށަވަރުން، ނަމާދުގައި ޚުޝޫޢަތްތެރިކަން ގެއްލި ދިއުމަކީ،
އެކާމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ އަދި އެކަމަށް ފަރުވާ
ހޯދަން ޖެހިފައިވާ މަޢުނަވީ ބައްޔެކެވެ. ދެސަބަބަކަށް
ޓަކައެވެ.
1.
ނަމާދަކީ، އެހެނިހެން އަޅުކަންތައް ޤަބޫލުކުރެވުމުގެ ނުވަތަ
ރައްދުކުރެވުމުގެ "މީޒާނު" ކަމުގައި ވުމެވެ. ރަސޫލު
صلّى الله عليه وسلّم
ހަދީޘް ކުރައްވާފާވެއެވެ.
"أَوَّلُ
مَا يُحَاسَبُ بِهِ اْلعَبْدُ يَوْمَ الْقِيَامَةِ الصَلاةُ,
فَإِنْ صَلَحَتْ صَلَحَ سَائِرُ عَمَلِهِ, وَإِنْ فَسَدَتْ فَسَدَ
سَائِرُ عَمَلِهِ"
މާނައީ: "ޤިޔާމަތް ދުވަހު، އަޅާއާ މެދު އެންމެ ފުރަތަމަ ޙިސާބު
ބެއްލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. ނަމާދު ރަނގަޅު ވެއްޖެނަމަ
އޭނަގެ ހުރިހާ ޢަމަލެއް ރަގަނޅު ވެދެއެވެ. ނަމާދު ގޯސްވެ
ފާސިދުވެއްޖެނަމަ ދެންހުރި ހުރިހާ ޢަމަލެއް ގޯސްވެ ފާސިދުވެއެވެ."
2.
ނަމާދުކުރުމުގައި ޚުޝޫޢަތްތެރިވި މިންވަރަކުން މެނުވީ ނަމާދުގެ
ދަރުމައާއި ޘަވާބު ނުލިބުމެވެ.
إبن عباس رضي الله عنهما
ރަސޫލު
صلّى الله عليه وسلّم
ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.
"إِنَّ
الْعَبْدَ لَيُصَلِى الصَلاةَ وَلَمْ يُكْتَبْ لَهُ إِلاَّّ
نِصْفَهَا، أَوْ ثُلُثََهَا أَوْ رُبْعَهَا حَتَى بَلَغَ عُشْرَهَا"
މާނައަކީ: "އަޅާކުރާ ނަމާދުގެ ދަރުމައާއި ޘަވާބުގެ ދެބައިކޮށްފަ
އެއްބައި ނުވަތަ ތިންބައިކޮށްފަ އެއްބައި ނުވަތަ ހަތަރުބައިކޮށްފަ
އެއްބައި އަދި މިހެންގޮސް ދިހަބައިކޮށްފަ އެއްބަޔާ ހިސާބަށް މެނުވީ
(އޭނާއަށްޓަކައި) ނުލިޔެވެއެވެ". ކަން މިހެންއޮތްއިރު، ތިބާ
الله
ހަނދުމަކުރުމުން ޣާފިލުވެހުރެ ނަމާދުކުރުމުގެ ސަބަބުން ރެއާ ދުވާލު
ކުރަމުންދާ އެންމެ މަތިވެރި އަޅުކަމުގެ ދަރުމައާއި ޘަވާބު އުނިވާން
އެދެމުތޯއެވެ؟
ޚުޝޫޢަތްތެރި ވުމަކީ ކޮބާ؟
އެއީ ތިބާގެ ހިތް އެހެނިހެން ވިސްނުންތަކާއި ފިކުރު ތަކުން
ދުރުކޮށް، ކީރިތި
الله
ގެ ދަރުބާރުގައި ހުރެވޭކަން ހިތަށް އަރުވައި، ހަމައެކަނި ތިބާ އަދާ
ކުރަމުންދާ ނަމާދާމެދު ވިސްނުމެވެ. މިފަދައިން ކުރެވޭ ނަމާދު
ރަޙްމަތުގެ ނަބިއްޔާ
مَحمّد صلّى الله عليه وسلّم
ސިފަކޮށްދެއްވާފައިވަނީ "ލޮލުގެ ފިނިކަން" ކަމުގައެވެ. ރަސޫލު
الله صلّى الله عليه وسلّم
ޙަދީޘް ކުރެއްވިއެވެ.
"وَجُعِلَتْ
قُرَّةُ عَيْنِي فِي الصَلاةِ"
މާނައީ: "ތިމަން ނަބިއްޔާގެ ލޮލުގެ ފިނިކަން ލެއްވިފައިވަނީ
ނަމާދުގައެވެ."
މިފަދަ މަތިވެރި މަޤާމެއް ލިބޭނީ ތިބާގެ ހިތާއި އަދި އެހެނިހެން
ގުނަވަންތައް ނަމާދުން ބޭރު އެންމެހާ ޙަރަކާތްތަކުން ދުރުކޮށް،
ނަމާދުގައި ކިޔަމުންދާ ޛިކުރުތަކާއި ދުޢާ ތަކަށް ވިސްނުމުންނެވެ.
ނަމާދުގައި ޚުޝޫޢަތްތެރި ވުމަށް އެހީވެދޭ ކަންތައްތައް:
1.
ތިބާ ނަމާދުކުރުމަށްޓަކައި ކުރިމަތިލައި ހުއްޓިހުރި ފަރާތުގެ
މަތިވެރިކަމާއި މާތްކަން ހިތް މައްޗަށް ގެނެސް، އެ އިލާހު ތިބާގެ
ޢަމަލުތައް ކައިރިން ބައްލަވަމުންދާކަން ޔަޤީންކުރުމާއި،
ޚުޝޫޢަތްތެރި ކަމާއި ބިރުވެތިކަމެއް ނެތި
الله
އަންގަވާފައިވާ ގޮތާ ޚިލާފަށް ނަމާދު ކުރުމަށް ލަދުވެތިވުމަކީ
ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެހީވެދޭ ސަބަބެކެވެ. އަދި ނަބިއްޔާ
مَحمّد صلّى الله عليه وسلّم
ޙަދީޘްފުޅު ކުރައްވާފައިވާ މިޙަދީޘާއާއި މެދު ވިސްނުމުންވެސް
ނަމާދުގައި ބިރުވެތިވުމަށް ހިތްވަރުލިބެއެވެ.
"إِنَّ
أَحَدَكُمْ إِذَا قَاَم يُصَلِي فِإِنَّمَا يُنَاجِي رَبَّه
فَلْيَنْظُرْ كَيْفَ يُنَاجِي رَبَّه"
މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު
ކުރާއިރު ހުރެވެނީ ކީރިތި
الله
އަށް މުނާޖާ ދެންނެވުމުގައެވެ. ފަހެ،
الله
އަށް މުނާޖާ އެދެންނެވެނީ ކިހިނަކުންތޯ، ރަގަނޅަށް ބަލައި
ފަރުވާތެރިވާށެވެ."
2.
އިމާމު މީހާ ކިޔަވަމުންދާ (އަނޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި)
ނުވަތަ ތިބާ އަމިއްލައަށް ކިޔަވާ (ސިއްރުން ކިޔަވާ ނަމާދުތަކުގައި)
ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މެދު ވިސްނާ ތަދައްބުރުކޮށް
(ވިސްނާ ފިކުރުކޮށް، އޭގެ މައްޗަށް ނަޒަރު ހިންގައި) އޭގެން
ލިބެނިވި އަގުހުރި ޢިބުރަތްތެރި ފިލާވަޅުތަކާއި އަދި
އެއާޔަތްތަކުގައިވާ ޙުކުމްތަކާއި އަދަބުތަކާމެދު ފިކުރުކުރުމަކީ
الله
އަށް ބިރުވެތިވާ ޙާލު ނަމާދުކުރުމަށް އެހީވެދޭ ކަމެކެވެ.
3.
ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެހީވެދޭ އެންމެ މުހިއްމު
ކަމެއްކަމުގައި މަރު ހަނދާންކުރުން ހިމެނެއެވެ. އަދި ތިބާ
ކުރަމުންދާ ނަމާދަކީ މަރުވުމުގެ ކުރިން ކުރެވޭ އެންމެފަހު
ނަމާދުކަމަށް ހީކުރުމަކީވެސް މިކަމަށް ވަރަށް ބޮޑަށް އެހީވެދޭ
ކަމެކެވެ. މިކަމާ ގުޅޭގޮތުން ރަސޫލު
الله صلّى الله عليه وسلّم
ޙަދީޘް ކުރައްވާފައިވެއެވެ.
"اُذْكُرِ المَوْتَ فِي صَلاتِكَ، فَإِنَّ الرَّجْلَ إِذَا ذَكَرَ
المَوْتَ فِي صَلاتِه لَحريّ أَنْ يُحْسِنَهَا، وَصَلِّ صَلاةَ
رَجْلٍ لا يَظُنُّ أَنَّه يُصَلِي غَيْرَهَا"
މާނައީ: "ތިބާކުރާ ނަމާދުގައި މަރުހަދާން ކުރާށެވެ. އެހެނީ
އިންސާނާ އޭނާގެ ނަމާދުގައި މަރު ހަނދާންކޮށްފިނަމަ، އެނަމާދު
ފުރިހަމަޔަށް ފަރުވާތެރިކަމާއި ބިރުވެތިކަމާއިއެކު ކުރެވެއެވެ.
އަދި ތިބާ އެކުރާ ނަމާދަކީ، އެނަމާދު ނޫން އެހެން ނަމާދެއް
ކުރުމަށް ފުރުޞަތު ނުލިބޭނޭކަމަށް ދެކޭ މީހަކު ކުރާ ނަމާދެއް
ގޮތަށް ދެކިގެން ކުރާށެވެ. (އެބަހީ އެނަމާދަކީ އޭނާގެ ޙަޔާތުގައި
އެންމެ ފަހުން ކުރާ ނަމާދު ގޮތުގައި ދެކިގެން ކުރާށެވެ.)"
ހަމަ ޔަޤީނުންވެސް މިގޮތަށް ވިސްނައިގެން ހުރެ ކުރާ ނަމާދަކީ
ފަރުވާތެރި ކަމާއެކު، ރަސޫލު
الله صلّى الله عليه وسلّم
އަންގަވައި ދެއްވާފައިވާ ގޮތަށް އޭގެ ހުރިހާ ކަމެއް ބަރާބަރަށް
ކުރެވޭ ނަމާދެއް ކަމުގައިވާނެއެވެ.
4.
ނަމާދުގެ ސުންނަތްތަކާއި ޥާޖިބުތަކާއި އަދި ރުކުންތަކަށް ރަނގަޅަށް
ދަނެގަނެ، އެކަންކަމަށް ފަރުވާތެރި ކަމާއިއެކު ވިސްނައިގެން ނަމާދު
އަދާކުރުމަކީ ވެސް، ނަމާދުގައި ބޭކާރު ފިކުރުތަކުން ދުރުވެ
الله
އަށް ބިރުވެތިވުމަށް ވާގި ލިބޭނެ ކަމެކެވެ.
5.
ތަންތަން ހޯދުމާއި، މައްޗަށް ބެލުން ފަދަ ނަމާދުން ބޭރު
ޙަރަކާތްތަކުން ދުރުވެ، ނަމާދުގައި ތިބާގެ ހިތް މަޑުމައިތިރި ކުރާ
ފަދައިން އެހެނިހެން ގުނަވަން ތައްވެސް މަޑުމައިތިރި ކުރުމަކީ
ނަމާދު ފަރުވާތެރިކަމާ އެކު ކުރެވޭނޭ ކަމެކެވެ. މިގޮތުން،
ސަލަފުންގެ ބޭކަލުންތަކަކަށް ނަމާދުގައި ޙަރަކާތް ގިނަ
މަޑުމައިތިރި ކަމެއް ނެތް މީހަކު ފެނުމުން ވިދާޅުވިއެވެ.
"لَوْ
خَشِعَتْ قَلْبُهُ لَخَشِعَتْ جَوَارِحُهُ"
މާނައީ: "އޭނާގެ ހިތް ބިރުވެތިވެ މަޑުމައިތިރިކާމާއެކު ވާނަމަ
އޭނާގެ ގުނަވަންތައް ވެސް ބިރުވެތިވެ މަޑުމައިތިރިވީހެވެ."
6.
ފަރުވާތެރި ކަމާއިއެކު،
الله
އަށް ބިރުވެތިވެ ހުރެ ކުރާ ނަމާދަށް އެއިލާހު ދެއްވާ މަތިވެރި
ދަރުމައާއި އަޖުރު ދެނެގަނެ އަދި ޚުޝޫޢަތްތެރި ކަމާއެކު
ނަމާދުކުރުމުގެ ސަބަބުން ތިބާގެ ގިނަގުނަ ފާފަތައް
ފޮހެވިގެންދާކަން ހަނދާން ކުރުމަކީވެސް ނަމާދު ފުރިހަމަ ގޮތުގައި
އަދާކުރުމަށް އެހީވެދޭ ސަބަބެކެވެ. މިކަމާ ބެހޭގޮތުން ރަސޫލު
الله صلّى الله عليه وسلّم
ޙަދީޘް ކުރައްވާފައިވެއެވެ.
"مَا
مِنْ امْرِئٍ مُسْلِمٍ تَحْضُرُه صَلاةً مَكْتُوْبَةِ
فَيُحْسِنُ وُضُوءَهَا وَخُشُوْعَهَا وَرُكُوْعَهَا إِلاَّ
كَانَتْ كَفَّاَرةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ
يَأتِ كَبِيْرَةً, وَذَلِكَ الدَّهْرُ كُلُّهُ"
(رواه مسلم)
މާނައީ : "މުސްލިމުންގެ ތެރެއިން މީހަކު، ފަރުޟު ނަމާދު ވަޤުތު
ޖެހުމުން، ފުރިހަމަ ވުޟޫއެއް ކުރުމަށްފަހު ޚުޝޫޢަތްތެރިކަމާ އެކު
ރުކޫޢު ކުރުމަށް ރައްކާތެރިވެ ހުރެ ނަމާދު ކޮށްފިނަމަ، ބޮޑު
ފާފައަކަށް އަރައިނުގަންނަ ކަމުގައިވާހާ ހިނދަކު އޭގެ ކުރީގައި
އޭނާ ކޮށްފައިވާ އެހެން ފާފަތަކަށް ކައްފާރާއެއް ކަމުގައި
އެކަންތައް ވެދެއެވެ. އަދި ކިއެއްހެއްޔެވެ. އެކަންތަކުގެ ސަބަބުން
މުޅި އަހަރު ދުވަހުގެ ފާފަ ފޮހެވިގެން ދެއެވެ."
(ނޯޓު:
ނަމާދު ކުރުމުގެ ސަބަބުން ބޮޑެތި ފާފަތައް ފޮހެވިގެން ނުދެއެވެ.
އެހެންނަމަވެސް
الله
އަށް ބިރުވެތިވެ އެފަދަ ބޮޑެތި ފާފައެއް ކުރެވުނުކަމަށް ދެރަވެ
ހިތާމަކޮށް އެފަދަ ކަމަކަށް އެނބުރި ރުޖޫޢަ ނުވުމަށް ޢަޒުމްކޮށް،
ޙައްޤު ގޮތުގައި ތައުބާވެއްޖެ ނަމަ
اللهގެ
ތަނަވަސް ރަޙްމަތުން އެއިލާހު އެމީހަކަށް ފާފަ ފުއްސަވާ
ދެއްވައެވެ. އެއީ
زُمَرُ
ސޫރަތުގެ 53 ވަނަ އާޔަތުގައި އެއިލާހު ބަޔާން ކުރައްވާފައިވާ
ފަދައިންނެވެ.)
އޭ މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ވުމާއުކު، ނަމާދަށް ޙައްޤު
ޤަދަރު ދިނުމަކީ ތިބާގެ ޙަޔާތުގެ އެންމެ މުހިއްމުކަން ކަމުގައި
ހަދަން ޖެހެއެވެ. އެއީ ޚުޝޫޢަތްތެރިކަމާއި
الله
އަށް ބިރުވެތިވުމާއި މަޑުމައިތިރިކަން އެނަމާދު ތަކުގައި
ގެނެސްގެންނެވެ. ޙަޤީޤަތުގައި
اللهގެ
މަތިވެރި ނިޢުމަތުން މަޙްރޫމްވެފައިވާ މީހަކީ، ދުނިޔޭގައި ޢަމަލު
ކުރުމުގައި ވަރުބަލިވުމަށްފަހުވެސް
اللهގެ
ޙަޟްރަތުގައި އެމީހެއްގެ ޢަމަލު ޤަބޫލު ނުކުރެއްވުނު މީހެކެވެ.
އެއީ އެއަޅުކަން އަދާކުރަން އަންގަވައި އަމުރު ކުރައްވާފައިވާ
ގޮތާއި ޚިލާފަށް ކޮށް، ޝައިޡާނާގެ ދަޅަތަކުގައި ޖެހި، އަޅުކަމަށް
ދޭންޖެހޭ ޙައްޤު ޤަދަރު ނުދީ ކަންނެތް ކަމާއެކު ކުރުމުންނެވެ.
ތިބާގެ ޢުމުރު އެއްކޮށް ނަމާދު ކުރުމުގައި ހޭދަ ކުރުމަށްފަހު
އެނަމާދަކީ އެއްވެސް ބުރަދަނެއް ނެތް ޢާދަތަކެއް ކަމުގައި (އެބަހީ
ޢާދައިގެ މަތިން ކޮށްލާ ކަމެއް ކަމުގައި)،
اللهގެ
ޙަޟްރަތުގައި ވެއްޖެނަމަ، ތިބާއަށް ވުރެ އަބާއްޖަވެރި
ބަދުނަޞީބުވެރިއަކީ ފަހެ ކާކުހެއްޔެވެ؟ ނަމާދު ކުރުމުގެ ސަބަބުން
ތިބާގެ ހިތަށް ކުޑަވެސް ހިތް ހަމަޖެހުމެއް ނުލިބުނެވެ. ނަމާދަކީ
ފާފަތަކާއި މުންކަރާތްތަކުން ތިބާ ދުރުކުރުވި ކަމެއް ކަމުގައިވެސް
ނުވިއެވެ.
ސަބަބަކީ ކޮބައިތޯ ވިސްނާ ފިކުރުކުރައްވާށެވެ. ތިބާ ފަރުޟު ފަސް
ނަމާދު ކުރަމުން ދިޔައީ އާދައިގެ މަތިން ދުވާލަކު އެއް ފަހަރު
ފެންވަރާ ބީދައިންނެވެ. އެހެނީ ތިބާ ނަމާދު ކުރަމުން ދިޔައީ
އާދަވެފައިވާ ކަމެއް ކޮއްލުމުގެ ގޮތުންނެވެ. ތިބާ އެނަމާދުތައް
ކުރީ
اللهގެ
ޙަޟްރަތުން މަތިވެރި ދަރުމައާއި ޘަވާބަށް ދަހިވެތިވެފައިވާ ހާލަކު
ނޫނެވެ.
ޝައްކެތްވެސްނެތް ގޮތުގައި، މިސްކިތަށް ވަދެ ޚުޝޫޢަތްތެރިކަމާއި
ފަރުވާތެރިކަމާއެކު ނަމާދުކުރާ މީހަކާއި މިސްކިތަށް ވަދެ ލެނބި
ގުދުވުމުގެ ކަސްރަތުތަކެއް ކުރާ މީހެއްގެ ތަފާތު ބޮޑުވެގެންވެއެވެ.
ކަން މިހެން އޮތްއިރު ތިބާގެ ޢަމަލުތަކަކީ ވެއްޔާ މޮޑެވިގެން
ހިނގައިދާނޭ، ބޭކާރު ޢަމަލުތަކެއް ކަމުގައި ވިޔަނުދޭށެވެ. މަތީގައި
ބަޔާންކުރެވުނު ކަންތައްތަކުގައި ހިފައިގެން ތިބާ ކުރާ ނަމާދަކީ
ޚުޝޫޢަތްތެރިކަމާއިއެކު ކުރާ، އަދި
اللهގެ
ޙަޟްރަތުގައި ޤަބޫލު ކުރެވިގެންވާ އަޅުކަމެއްކަމުގައި ހެދުމަށް
ގަދައަޅާ މަސައްކަތް ކުރާށެވެ.
ނަމާދުގައި ޚުޝޫއަތްތެރިކަން ނެތްކަން އަންގައިދޭ ޢަލާމާތްތައް.
1.
އަތާއި ފައި ކަހައި، ހެދުން ރަގަނޅުކޮށް ބޮލުގެ
އިސްތަށިގަނޑާއިކުޅެ، އަތުކުރީ ގަނޑިއަށް ބެލުންފަދަ ޙަރަކާތްތައް
ގިނަވުމަކީ ނަމާދުގައި ޚުޝޫއަތްތެރިކަމެއް ނެތްކަމުގެ ދަލީލެކެވެ.
2.
ނަމާދުގައި ހުންނައިރު ދެކޮޅުބަލައި ހޯދުމާއި، ތިބާގެ ހިތް
ނަމާދުން ބޭރު ކަންތައްތަކުގައި މަޝްޣޫލުވެ
اللهގެ
މަތިން ހަނދުމަނެތި ދިއުމަކީ ނަމާދުގައި ޚުޝޫޢަތްތެރިކަން ނެތް
ކަމުގެ ޢަލާމާތެކެވެ. ހަމަކަށަވަރުން ތައުފީޤު ލިބިގެންވާ
ނަޞީބުވެރިޔަކީ މިކަންތައްތަކުން ސަލާމަތްވެގެންވާ މީހާއެވެ.
3.
ތިބާ ކުރަމުންދާ ނަމާދުގައި ގިނަގިނައިން ހަދާން ނެތުމާއި، އިމާމު
މީހާ ކިޔަވަމުންދާ އާޔަތްތަކާ މެދު ވިސްނުން ހިންގައި ނުލެވުމާއި
އޭގެއިން ލިބެނިވި ޢިބްރަތްތެރި ފިޅާވަޅުތަކާއިމެދު ފިކުރުހިންގައި
ނުލެވުމަކީ ތިބާ ޣާފިލުވެފައިވާކަމުގެ ދަލީލެކެވެ.
މިކަންތައްތަކާއިމެދު ފަރުވާތެރިވެ ހުޝިޔާރުވާށެވެ. އެއީ ތިބާއަކީ
ކާމިޔާބުލިބެނިވި މީހުންގެތެރެއިން ވުމަށްޓަކައެވެ.
4.
ހަމަޖެހުމާއި މަޑުމައިތިރިކަމެއް ނެތި އަވަސް އަވަހަށް ނަމާދު
ކުރުމީ ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަން ނެތްކަމުގެ ވަރަށް ބޮޑު
ޢަލާމާތެކެވެ. މީގެތެރޭގައި ރުކޫޢާއި، ރުކޫޢިން ތެދުވުން
(އިޢްތިދާލް)، ސަޖިދަ، އަދި ދެސަޖިދަ ދެމެދު އިނުން ފުރިހަމަ
ނުކުރުން ހިމެނެއެވެ. މިކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވާ
ރަސޫލު
الله صلّى الله عليه وسلّم
ޙަދީޘް ކުރައްވާފައިވެއެވެ.
"أَسْوَأُ
النَّاسِ سرقةُ الذِّي يَسْرِقُ مِنْ صَلاتِه" قِيْلَ: "يَا
رَسُولَ الله كَيفَ يَسْرِقُ صَلاتَه؟" قَالَ: "لَمْ يُتِمَ
رُكُوعَهَا وَلاَ سُجُودَهَا".
މާނައީ: "އެންމެ ނުބައިކަން ބޮޑު ބަޔަކީ އެބައިމީހުންގެ ނަމާދުން
ވައްކަންކުރާ މީހުންނެވެ. ދެން އެކަލޭގެފާނަށް ދެންނެވުނެވެ. އޭ
اللهގެ
ރަސޫލާއެވެ. ނަމާދުން ވައްކަންކުރަނީ ކިހިނަކުންތޯއެވެ؟
އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. އެއީ ނަމާދުގެ ރުކޫޢާއި
ސަޖިދަ ފުރިހަމަ ނުކުރުމެވެ."
ވުމާއިއެކު، ތިބާއަކީ މިކަންތައްތަކަށް ފަރުވާތެރިވާ މީހަކަށް
ވާންޖެހެއެވެ. އެއީ އެބައެއްގެ އަނބި ދަރީންނާއި މައިން
ބަފައިންނާއި އެއްބަނޑު އެއްބަފާ އަޚުންނަށް ފިލުމަށްޓަކައި
އެއްބަޔަކު އަނެއްބަޔަކު ދުވާ ދުވަހުގައި، ތިބާ އަކީ
ސަލާމަތްވަނިވި މީހެއް ކަމުގައި ވުމަށެވެ. ޚާއްޞަކޮށް މިކަމަކީ
ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް، އޭނާގެ އަމިއްލަ ނަފްސާއި
ޖިޙާދުކޮށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަކަށް ވާތީއެވެ.
އަދި މިއުއްމަތުން އެންމެ ފުރަތަމަ ގެއްލިގެންދާނީ
ޚުޝޫޢަތްތެރިކަން ކަމުގައި، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ
ނަބަވީ އިރުޝާދުން ބަޔާންވެފައިވާތީއެވެ.
އަޅުގަނޑުގެ ދުޢާއަކީ މާތް
الله
އަޅުގަނޑަށާއި އަދި ތިޔަ ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނަށް،
ރެޔާއި ދުވާލު އަޅުގަނޑުމެން ކުރަމުންމިދާ ފަސް ނަމާދު، އެއިލާހަށް
ޚުޝޫޢަތްތެރިވާ ޙާލުގައި ތިބެ ފުރިހަމައަށް އޭގެ ވަގުތުގައި
މިސްކިތްތަކުގައި ޖަމާޢަތުގައި (އުޚުތުންނަށް ހެޔޮކަން
ބޮޑުވެގެންވަނީ ގޭގައި ކުރުން) އަދާކުރުމުގެ ތައުފީގު ދެއްވައި
އަޅުގަނޑުމެން އެންމެންނަކީ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބެނިވި
ބައެއް ކަމުގައި ލެއްވުމެވެ.
آمين. وباالله التوفيق.
وصلى الله وسلم على حبيبنا وقدوتنا محمد رسول الله وآله وصحبه ومن
اقتفى أثره إلى يوم يبعثون.