|
ޞައްޙަ ސުންނަތަކީ މާތް ﷲ ގެ ޥަޙީއެވެ.
(ދެވަނަ
ބައި)
ސުންނަތަކީ ކޮބާ؟
ސުންނަތަށް ތަބާޢަވެ އެއަށް ޢަމަލުކުރުމުގެ ވާހަކަ ދައްކާއިރު އެންމެ
ފުރަތަމަ ސުންނަތަކީ ކޮބައިކަން އެނގެން ޖެހެއެވެ. އެހެނީ، އެއްވެސް
އެއްޗަކަށް އެއާ ބެހޭގޮތުން އެނގިފުމަށް ދާންދެން އެކަމަކަށް
ޢަމަލުކުރުމެއް ނުވެއެވެ.
ސުންނަތަކީ އޭގެ މާނަ ވަރަށް ފުޅާ ލަފްޒެކެވެ. ޝަރުޢީ
އިޞްޠިލާޙުގައި، ސުންނަތުގެ މާނަ، އެކި ޢިބާރާތްތަކުން ބަޔާންވެފައި
ވެއެވެ. މިގޮތުން ސުންނަތަކީ މާތް ނަބިއްޔާ މުޙައްމަދު
صلى الله عليه وسلمގެ
ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި
ކަމެއް ހިނގުމުން އެކަމަކާއިމެދު އިންކާރު ނުކުރައްވާ ކޮންމެ
ކަމެކެވެ. އަދި އެއީ ބިދުޢައިގެ އިދިކޮޅުވެސް މެއެވެ. އަދި ހަމަ
މިގޮތަށް ޤުރުއާނާއި ސުންނަތޭ ބުނެވިއްޖެނަމަ، ސުންނަތުގެ މާނައަކީ
ކީރިތި ނަބިއްޔާގެ ޙަދީޘްފުޅު ތަކެވެ. ކޮންމެއަކަސް ޚުލާޞާއަކީ،
ސުންނަތަކީ ރަސޫލު
صلى الله عليه وسلمގެ
ކިބައިން ވާރިދުވެފައިވާ ކޮންމެ ކަމެކެވެ. ވާޖިބެއް ކަމުގައި ވިޔަސް
ނުވަތަ ޙަރާމް ކަމެއް ކަމުގައި ވިޔަސް ނުވަތަ މުސްތަޙައްބު ނުވަތަ
މަކްރޫހް ނުވަތަ މުބާޙް ކަމެއް ކަމުގައި ވިޔަސްމެއެވެ. (ފިޤުހު
ޢިލްމުވެރިން ކައިރީގައި ބައެއް ޙާލަތްތަކުގައި މުސްތަޙައްބުގެ
މާނައިގާވެސް ސުންނަތް ބޭނުން ކުރެވެއެވެ.)
ރަސޫލު ﷲ
صلى الله عليه وسلمގެ
ސުންނަތުގެ
ތެރޭގައި ހިމެނޭ
ކަންކަމަށް ފުރިހަމައަށް ތަބާވުމަކީ، ވާޖިބު ކަމެއް ކަމުގައި
ދޭހަކޮށްދޭ އާޔަތްތަކާއި ޞައްޙަ ޙަދީޘްތައް ވަރަށް ގިނައެވެ.
މިގޮތުން އޭގެތެރެއިން އާޔަތަކާއި ޙަދީޘެއް މިތަނުގައި
ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.
"وَمَا
آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا
وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ"
(الحشر: 7).
މާނައަކީ: "އަދި ރަސޫލު
الله صلى الله عليه وسلم
އެކަމަކާއިގެން ވަޑައިގެންނެވި ކޮންމެ ކަމެއްގައި ތިޔަބައިމީހުން
ހިފަހައްޓާށެވެ. އަދި ނަހީ ކުރެއްވި ކޮންމެ ކަމަކުން
ދުރުހެލިވެގަންނާށެވެ. އަދި ތިޔަބައިމީހުން
الله
އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން
اللهއީ
ޢުޤޫބާތް (ޢަޛާބު) ދިނުމުގައި ގަދަފަދަވެގެންވާ އިލާހެވެ."
ރަސޫލު
الله صلى الله عليه وسلم
ޙަދީޘް ކުރައްވާފައިވެއެވެ.
"تركت
فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة نبيه".
(الموطأ:1395)
"ތިމަންކަލޭގެފާނު
ތިޔަބައިމީހުންގެ ތެރެއަށް ދޭއްޗެއް ދޫކުރެއްވީމެވެ. އެދޭތީގައި
ތިޔަބައިމީހުން ހިފަހައްޓައިފިނަމަ މަގުފުރެދިގެން ނުދާނެއެވެ. އެއީ
الله
ތަޢާލާގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތެވެ."
ރަސޫލު
الله صلى الله عليه وسلم
ޙަދީޘް ކުރައްވާފައިވާ މި ބަސްފުޅުން ވަރަށް ފާޅުކަން ބޮޑުކޮށް
އެނގެނީ އެކަލޭގެފާނު، އެދޫކުރެއްވެވި ދޭތީގައި "އެކުގައި"
ނުހިފަހައްޓައިފިނަމަ އިންސާނާ މަގުފުރެދޭނެކަމެވެ. ފަހެ
الله
ތަޢާލާގެ ޙައްޤުމަގަށް ފުރަގަސްދީ އެއަށް އުރެދުނު މީހުންނަށް
الله
ތަޢާލާ ތައްޔާރު ކުރައްވާފައިވަނީ ނަރަކައެވެ. މާތް
الله
އަމުރުކުރައްވާފައިވަނީ ނަރަކައިން އަޅުގަނޑުމެންގެ ނަފްސުތައް
ސަލާމަތް ކުރުމަށެވެ. އެއިލާހު ޥަޙީ ކުރައްވާފައިވެއެވެ.
"يَا
أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً"
(التحريم:6)
މާނައަކީ: "އޭ އީމާންވެސްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ
އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރީން (އެބަހީ: އަނބި
ދަރީން) ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ."
-ނުނިމޭ- |