|
ޖިންނި މޮޔަވުމާއި މާސް ހިސްޓީރިއާ؟
ލިޔުނީ:
آدم نشان المالديفي

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސީންނާއި ޖިންނީން
ޙައްދަވައި، އިންސާނުންނާއި ތަފާތު އެއްޗެއްކަމުގައި ޖިންނީން
ހައްދަވައި އިންސާނުންނަށް ދެއްވާފައި ނުވާ ބާރާއި ކުޅަދާނަކަން
ޖިންނީންނަށް ދެއްވެވި ގަދަ ކީރިތިވަންތަ ﷲ ތަޢާލާއަށެވެ. ޞަލަވާތާއި
ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ އިންސީންނާއި ޖިންނީންގެ ގާތަށް
ނަބިއްޔެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ
محمد صلى الله عليه وسلم
އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު
އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި
ހިދާޔަތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކު ޝާމިލް ކުރަމެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"
وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ"
(الذاريات:
56)
"އަދި ތިމަން ﷲ، ޖިންނީންނާއި އިންސީން ތިމަން ﷲ އަށް އަޅުކަން
ކުރުމަށް މެނުވީ ނުއުފައްދަވަމެވެ."
މިއާޔަތުން އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ޢިބްރަތްތަކެއް
ލިބިދެއެވެ. ފުރަތަމަ ކަމަކީ، އިންސީންނާއި ޖިންނީން
ހެއްދެވިފައިވަނީ ﷲއަށް އެކަނި އަޅުކަން ކުރުމަށް ކަމެވެ. ދެވަނަ
ކަމަކީ އިންސާނުންނަކީ ﷲ ތަޢާލާ ހެއްދެވި މަޚްލޫޤުން ކަމެވެ. އަދި
ހަމައެހެންމެ އަޅުގަނޑުމެންގެ ލޯތަކަށް ނުފެނުނު ކަމުގައި ވިޔަސް
ޖިންނިއަކީވެސް އެއިލާހުގެ ހައްދަވާފައިވާ މަޚްލޫޤެއް ކަމެވެ.
ތިންވަނަ ކަމަކީ، މިދެބައިގަނޑުގެ ތެރޭގައިވެސް އެއިލާހަށް އީމާންވެ
ހެޔޮ ޢަމަލު ކުރާ ބަޔަކު ވާނޭ ކަމާއި އަދި ހަމަ އެހެންމެ އެއިލާހަށް
އުރެދި ބިންމަތީގައި ފަސާދަ އުފައްދާނޭ ބަޔަކުވެސް ވާނޭ ކަމެވެ. އާދެ
މިއީ މިއާޔަތުގެ މަފްހޫމުން އަޅުގަނޑުމެންނަށް ދޭހަވާ ނުޤޫތާތަކުގެ
ތެރެއިން ކުޑަ ނުޤުތާ ކޮޅެކެވެ.
ކޮންމެއަކަސް މިއަދު އަޅުގަނޑުމެން އުޅެމުން މިދަނީ
މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ދުނިޔެއެއްގައެވެ. ނޫންނަމަ
މެޓީރިއަލިސްޓިކް ދުނިޔެއެއްގައެވެ. އަޅުގަނޑުމެންގެ ލޮލަށް ފެންނަ
ކަންތައްތަކަކީ ތެދުކަމުގައި ޤަބޫލުކޮށް އަދި ލޮލަށް ނުފެންނަ ގިނަ
ކަންތައްތަކަކީ ފަސޭހައިން ޤަބޫލު ކުރެވޭ ކަންތައްތަކެއް
ކަމުގައިނުވެއެވެ. އެއީ ދީނީ ގޮތުން ޘާބިތު، އަދި އެކަމެއްގެ
ހެއްކާއި ޤަރީނާއާއި ދަލީލު ޤުރުއާނާއި ސުންނަތުން ފެންނަން އޮތް
ކަމެއް ކަމުގައި ވިޔަސްމެއެވެ. ޚާއްޞަކޮށް މިއަދުގެ ގިނަ
ޒުވާނުންނަށެވެ.
އެހެންނަމަވެސް ހިތާމައަކީ ތިމާމެންގެ ވިސްނުމާއި ފިކުރު އެހިސާބަށް
ނުފޯރުވޭ ކަންކަމުގައިވެސް، ސައިންސްވެރިއަކު ނުވަތަ
ސައިކްލޮޖިސްޓަކު
ވިޔަސް
އެއްޗެކޭ ބުނެފިނަމަ އެކަން ނިކަން ފަސޭހައިން ޤަބޫލުކޮށްލާ
ކަމެކެވެ. އެއީ ތެދެއް ކަމުގައިވިޔަސް ނުވަތަ ދޮގެއް ކަމުގައި
ވިޔަސްމެއެވެ. މިނިކަމެތި އިންސާނާއާއި މިދުނިޔޭގައިވާހާ އެއްޗެއް
ހެއްދެވި ގަދަ ކީރިތިވަންތަ ﷲ ތަޢާލާގެ ބަސްފުޅުތަކުން ޙަޤީޤަތް
ފެންނަން އޮއްވައިވެސް ތެދު މިކުރެވެނީ އެއިލާހުގެ
ކުޅަދުންވަންތަކަން ޤަބޫލު ނުކޮށް ތިބި ބައެއްގެ ބަހެވެ. އާދެ އެއީ
އެއިލާހުގެ ކުޅަދުންވަންތަކަން ދަލީލުކޮށްދޭ ހެކިތައް
އަޅުގަނޑުމެންގެ ވަށައިގެން ފުރިފައި ވާއިރުވެސްމެއެވެ.
އަޅުގަނޑުމެން ކިޔަވައި ތަމްރީނު ލިބި ޢަޤީދާ ބިނާކޮށްގެން
މިއަންނަނީ އެފަދަ މީހުންގެ އަތްމަތީންނެވެ.
އަޅުގަނޑު މިތަނުގައި ބަޔާން ކުރަން މިއުޅެނީ ޖިންނީގެ ވާހަކައެވެ.
އާދެ ޖިންނި މޮޔަވުމާއި، ޖިންނީން އިންސާނުންނަށް ގޯނާކޮށް
އުނދަގޫކޮށް އުޅޭ ވާހަކައެވެ. މިވާހަކަ ބަޔާންކޮށްލަން މިޖެހުނީ،
ހދ.މަކުނުދޫގައި ކުދިންތަކެއް ޖިންނި މޮޔަވެ އަދި މިކަމުގެ ސަބަބުން
މުޅި އެރަށަށް ބިރުވެރި ކަމެއް ކުރިމަތިވެފައިވާ ހިނދު، ބައެއް
މީހުން މިމައްސަލައިގެ ޙަޤީޤަތާއިމެދު ދައްކާ ވާހަކަތަކެއްގެ
ސަބަބުންނެވެ. ވަކިން ޚާއްޞަކޮށް ބައެއް ނޫސް ތަކުން، މީސްތަކުންނަށް
މިކަމުގެ (ޖިންނި މޮޔަވެ ނުވަތަ އަވަލުމުގެ)
ޙަޤީޤަތް އޮޅިދާފަދަ ގޮތަކަށް، ބައެއް ސައިކޭޓްރިސްޓުންގެ ބަސް
ގެނެސް، އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއާއި ވެސް ފުށޫއަރާ ފަދަ
ގޮތަކަށް އެވާހަކަތައް
ޢާއްމުކުރެވި
ފެތުރެމުންދާތީއެވެ.
ކޮންމެއަކަސް އެކަހަލަ ވާހަކަތައް ފެތުރުމުގެ ކުރީގައި ދީނީ ގޮތުން
މިކަން އޮތްގޮތެއް ސާފުކޮށް އެކަން މީސްތަކުންނަށް ބަޔާންކޮށްދިނުން
މުހިއްމު ކަމުގައި ފެނެއެވެ.
ޖިންނި އަވަލުމަކީ ނުވަތަ މޮޔަވުމަކީ ހަމަ ޙަޤީޤަތެކެވެ.
އަޅުގަނޑުމެންނަށް އެކަން ޤަބޫލު ކުރެވުނު ކަމުގައިވިޔަސް ނުވަތަ
ނުކުރެވުނު ކަމުގައި ވިޔަސްމެއެވެ. ޖިންނި މޮޔަވުމަކީ ކުޑައިރުއްސުރެ
ކުއްޖާއަށް ޖިންނީގެ ވާހަކަތައް ކިޔައިދީގެން "ސުޕަ ނެޗުރަލް"
ކަމަކަށް ކުއްޖާގެ ސިކުނޑި ލަންބުވައިގެން ވާކަމެއް ނޫނެވެ. އަދި
ގަސްގަހުގައި އުޅޭ ޖިންނިއާއި ޖިންނި އަވަލާ ވާހަކައާއި ހަންޑިފަދަ
ވާހަކަތައް ކިޔައިދިނުމަކީ ކުއްޖާގެ ސިކުނޑި ދޮވެލުމެއްވެސް ނޫނެވެ.
އެހެންގޮތަކަށް ބުނާނަމަ "ބްރެއިން ވޮޝް" ކޮށްލުމެއްވެސް ނޫނެވެ.
ޖިންނި މޮޔަވާ ކޮންމެ މީހަކީ މާސް ހިސްޓީރިއާއެއްގެ ސަބަބުން
އެހެންވާ މީހެއްވެސް ނޫނެވެ.
ޖިންނި އަވަލުމަކީ، މިކަހަލަ ކަމެއްގެ ސަބަބުން ދިމާވާ ކަމެކޭ ބުނާ
މީހެއްނަމަ، އެމީހަކު އަވަހަށް ދީނުގައި މިކަން އޮތްގޮތް ހޯދައި
ބަލަންވީއެވެ. އެހެނީ އެގޮތަށް ޤަބޫލު ކުރުމަކީ އަޅުގަނޑުމެން
މުސްލިމުންގެ ޢަޤީދާއާއި ޚިލާފްވެ ފުށުއަރާ ކަމެކެވެ. އެއްވެސް
ޙާލެއްގައި މިތަނުގައި އަޅުގަނޑު މިބުނަނީ، ޖިންނިއާއި ހަންޑިއާއި
ފުރޭތައާއި ބެހޭގޮތުން ރާއްޖޭގައި މީހުން ދައްކައި އުޅޭ ހުރިހާ
ވާހަކަތަކަކީ ޙަޤީޤަތެކޭއެއް ނޫނެވެ. އަދި ދިމާވާ ނަފްސާނީ ކަމެއްގެ
ސަބަބުންވެސް އިންސާނާއަށް އެކަހަލަ ކަމެއް މެދުވެރި ނުވާނޭ
ވާހަކައެއްވެސް ނޫނެވެ. ކޮންމެއަކަސް މިއީ މާސް ހިސްޓީރިއާއެކޭ
ވިދާޅުވާ ބޭފުޅަކުވެސް އެރަށަށް ހިނގައްޖެނަމަ އެކަމާއި ބިރުން
އުޅޭނެކަން، ވަރަށް ޔަޤީނާއި ގާތަށް އަޅުގަނޑަށް ބުނަން ކެރެއެެެވެ.
އެހެނީ އިންސާނާ ޤަބޫލު ކުރިޔަސް ނުވަތަ ނުކުރިޔަސް މިފަދަ
ކަންކަމުގެ ޙަޤީޤަތް، ﷲ ތަޢާލާ ވަނީ އިންސާނާގެ ފިޠުރަތުގައި
ލައްވަވާފައެވެ.
ކޮންމެއަކަސް މިތަނުގައި އަޅުގަނޑު ބަޔާންކޮށްދޭން ބޭނުންވަނީ،
އިންސާނާގެ މައްޗަށް ޖިންނި ބާރު ފޯރުވައި ނުވަތަ ޖިންނި އަވަލަވައި
ނުވަތަ ޖިންނި މޮޔަވުމަކީ ހަމަ ޙަޤީޤަތެއް ކަމެވެ. ޤުރުއާނާއި
ސުންނަތުގައި މިކަމަށް ސީދާ ޞަރީޙަކޮށް ދަލީލުކޮށްދޭ އެތައް
އާޔަތަކާއި ޙަދީޘްފުޅުތަކެއް އެބަވެއެވެ. އެހެންނަމަވެސް
މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ އޭގެ ވަރަށް މަދު
މިންވަރަކަަށެވެ. ﷲ ތަޢާލާގެ އިރާދަފުޅާއިއެކު ވަރަށް އަވަހަށް
މިކަމުގެ ފުރިހަމަ ނަޤްލީ އަދި ޢަޤްލީ ދަލީލުތައް ހިމެނޭ އެހެން
ލިޔުމެއް މިސައިޓުގައި ޝާޢިއު ކުރާނަމެވެ.
ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި ޖިންނި މޮޔަވުމުގެ މިޘާލު
ޖައްސަވާފައިވެއެވެ. އެހެންކަމުން މިއިން ދޭހަކޮށްދެނީ މިއީ ހަމަ
ޙަޤީޤަތެއް ކަމެވެ. ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަޙީ
ކުރައްވާފައިވެއެވެ.
"الَّذِينَ يَأْكُلُونَ الرِّبَا لا يَقُومُونَ إِلا كَمَا يَقُومُ
الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ "
(البقرة: 275)
"ރިބާ ކާމީހުން ދަންނައެވެ. ފަހެ ޝައިޠާނާ އަވަލުމުގެ ސަބަބުން
މޮޔަވެ ދެބަންދިހާރަ ވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ
އެމީހުން ޤިޔާމަތް ދުވަހު ނުތެދުވާނެތެވެ."
ޖިންނީގެ ގޯނާ އިންސާނާއަށް ފޯރާ އެތައް ގޮތްތަކެއްވެއެވެ.
މިގޮތުން އިންސާނާއަށް ނޭނގި ނަމަވެސް އެސޮރަށް ގެއްލުމެއް ދެވުން
ނުވަތަ އެސޮރުގެ ޢާއިލާ
މީހަކަށް
ނުވަތަ ދިރިއުޅޭތަނަކަށް ގެއްލުން ދެވުން ހިމެނެއެވެ. އަދި
ހަމައެހެންމެ އޭގެ ސަބަބެއްކަމުގައި ސިޙުރުވެސް ހިމެނެއެވެ. ސިޙުރަކީ
ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްޗެއް ކަމުގައި ވީނަމަވެސް ސިޙުރު
ޖެހުމަކީ ހަމަ ޘާބިތު ކަމެކެވެ. މިކަމަށް ދަލީލުކޮށްދޭ އެތައް
އާޔަތްތަކާއި ޙަދީޘްފުޅުތަކެއް ވާރިދުވެފައިވެއެވެ. މިގޮތުން ﷲ
ތަޢާލާ މިދުނިޔޭގައި ލެއްވެވި އެންމެ ހެޔޮ އިންސާނާ ކަމުގައިވާ،
އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ
محمد صلى الله عليه وسلم
އަށްވެސް ވަނީ ސިޙުރު ޖެހިވަޑައިގެންފައެވެ. އެކަލޭގެފާނަށް ސިޙުރު
ހެދީ،
بني زريق
އަށް ނިސްބަތްވާ ޔަހޫދީއެއް ކަމުގައިވާ
لبيد بن الأعصم
އޭ ކިޔުނު މީހެކެވެ. މިވާހަކަ ބުޚާރީއާއި މުސްލިމްގައި ރިވާވެގެން
ވެއެވެ. ސޫރަތުލް ފަލަޤް އާއި ނާސް ބާއްވާ ލެއްވުނީވެސް
މިސަބަބަށްޓަކައި، ސިޙުރުން ރައްކާތެރިވެ ވަޑައިގަންނަވަން
ވިދާޅުވާނޭ ދުޢާއެއްގެ ގޮތުގައެވެ.
ކޮންމެއަކަސް އިންސާނާއަށް އެކަމުގެ ޢިލްމެއްނުވާ ނުވަތަ
އިންސާނާގެ ލޯމައްޗަށް ނުފެންނަ ނުވަތަ އަޑު ނީވޭ ކަމެއްް ނަމަވެސް،
އިތުބާރު ކުރެވޭ ފަރާތަކުން އެކަން ބަޔާންކޮށްދީފައިވާނަމަ އެކަމެއް
ޤަބޫލު ކުރުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަށް އެބައޮތް
ހެއްޔެވެ؟ ﷲ އާއި އެއިލާހުގެ ނަބިއްޔާއަށްވުރެ އިތުބާރު ކުރެވޭ ވަކި
އެހެން ފަރާތަކީ ފަހެ ކޮބައި ހެއްޔެވެ؟ ރަސޫލު ﷲ ޙަދީޘްފުޅު
ކުރައްވާފައިވެއެވެ.
" إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ
فَضْلِهِ ؛ فَإِنَّهَا رَأَتْ مَلَكاً ، وَإِذَا سَمِعْتُمْ نَهِيقَ
الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ ؛ فَإِنَّهُ
رَأَى شَيْطَاناً" (رواه
البخاري:3303، ومسلم:2729)
"ހާލެއް ގޮވާ އަޑު ތިޔަބައިމީހުންނަށް އިވިއްޖެނަމަ، ފަހެ ﷲ ތަޢާލާގެ
ފަޟްލުވަންތަވެރިކަމަށް އެދި ދުޢާ ކުރާށެވެ. އެހެނީ އެ ހާލަށް
މަލާއިކަތް ބޭކަލެއް ފެނުނީއެވެ. (އެބަހީ އޭތި އެގޮވަނީ މަލާއިކަތް
ބޭކަލެއް ފެނުމުންނެވެ.) އަދި ޙިމާރެއް ގޮވާ އަޑު އިވިއްޖެނަމަ، ﷲ
ތަޢާލާގެ ޙަޟްރަތުން، ޝައިޠާނާގެ ނުރައްކަލުން
ރައްކާތެރިކޮށްދިނުމަށް އެދޭށެވެ. އެހެނީ އެޙިމާރަށް ޝައިޠާނެއް
ފެނުނީއެވެ. (އެބަހީ އޭތި އެގޮވަނީ ޝައިޠާނެއް ފެނުމުންނެވެ.)"
އެހެން ބައެއް ރިވާޔަތްތަކުގައި ކުއްތާއަށްވެސް ޝައިޠާނާ
ފެންނަކަމަށް ރިވާވެފައިވެއެވެ.
އަޅުގަނޑުމެންނަށް ނުފެންނަ ތަކެތި އެހެނިހެން ހައިވާނުންނަށް
ފެނުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. ސައިންޓިސްޓުން ހޯދާފައިވާ
ހޯދުންތަކުން އެނގޭ ގޮތުގައި މާބުރުފަދަ ތަކެއްޗަށް އަލްޓްރާ
ވައިލެޓްގެ ދޯދިތައް ފެނެއެވެ. އެހެންކަމުން އުޑުމަތި ބަނަ
ދުވަހެއްގައިވެސް އެތަކެއްޗަށް އިރު ފެނެއެވެ. އަދި ހަމައެހެންމެ
ބަކަމޫނަށް ރޭގަނޑުގެ އެންމެ ކަނު އަނދިރީގައިވެސް މީދާ ފެނެއެވެ.
އަދި
ހަމަ މިގޮތަށް ފަހުގެ އިޖާދުތަކުގެ އެހީގައި
ޘާބިތުވެފައިވާ ގޮތުގައި
އަޅުގަނޑުމެންގެ ކަންފަތަށް ނަގައިނުގަނެވޭ އެތައްއަޑުތަކެއް
ވެއެވެ. އަދި
އެއަޑުތައް
އެކަމަށް
ޚާއްޞަ އާލާތްތަކުގެ އެހީގައި ދެނެގަނެވިފައި ވެއެވެ.
(والله
أعلم عن الصواب)
އެހެންކަމުން ޖިންނިއަކީ އުޅޭ އެއްޗެއް ނޫންކަމަށް ޤަބޫލުކޮށް
އަދި ޖިންނި މޮޔަވުމަކީ ހަމައެކަނި ނަފްސާނީ ގޮތުން ދިމާވާ
ކަމެއްކަމަށް ޤަބޫލު ކުރާ މީހުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަނީ
ޙައްޤު ހޯދައި ޙައްޤަށް ރުޖޫޢަވުމަށެވެ. ﷲ ތަޢާލާ ވޮޑިގެންވާކަމަށް
އެތަކެއް ހެކިތަކެއްވާއިރުވެސް އެކަން ޤަބޫލު ނުކުރެވުނު ބަޔަކަށް
އަދި މިފަދަ ކަމެއްް ޤަބޫލު ކުރެވޭނީ ކިހިނަކުންތޯއެވެ؟ ފަހެ
ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު އެދޭނަމަ ﷲ އާއި އެއިލާހުގެ
ނަބިއްޔާގެ ބަސްފުޅުތަކުގެ މައްޗަށް އެފަދަ މީހުންގެ ބަސްބަސް އިސް
ނުކުރާށެވެ. އެހެން ނޫންނަމަ ނޭނގި ހުއްޓާ ތިމާގެ އީމާންކަން
ބާޠިލްވެ ހިނގައިދާނެއެވެ.
ހދ.މަކުނުދޫގެ އެންމެހައި އަޚުންނާއި އުޚްތުންނަށް އަޅުގަނޑު
ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ، އެންމެ ފުރަތަމަ ކަމަކަށް ފަރުޟު
ފަސްނަމާދަށް ރައްކާތެރިވުމަށެވެ. އަދި އެއަށްފަހު ﷲ ތަޢާލާ ވާޖިބު
ކުރައްވާފައިވާ ކަންތައްތައް ފުރިހަމައަށް އަދާކޮށް އަދި ނަހީ
ކުރައްވާފައިވާ އެންމެހައި ކަންތައްތަކަކުން ދުރުހެލިވެ ގަތުމަށެވެ.
އަދި ހެނދުނާއި ހަވީރުގެ ދުޢާތައް ބަރާބަރަށް ކިޔައި ވީހާވެސް
ގިނައިން ޤުރުއާން ކިޔެވުމަށެވެ. ޚާއްޞަކޮށް މަޣްރިބް ނަމާދާއި ޢިޝާ
ނަމާދަށްފަހު ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަށެވެ. އަދި ޖިންނީންގެ
އުނދަގުލުން ރައްކާތެރިވުމަށް ޤުރުއާނާއި ސުންނަތުން ޘާބިތުވާ
ދުޢާތައް ހޯދައިގެން އެދުޢާތައް ގިނަގިނައިން ކިޔުމަށެވެ. އަދި
އެއަށްފަހު ޖިންނީގެ ކިބައިން ސަލާމަތްވުމަށް އެކުރާ ކަންތައްތަކަކީ،
އިސްލާމީ ޝަރުޢީ ރުޤްޔާއާއި އެއްގޮތަށް ކުރާ ކަމެއްކަމުގައި
ހެދުމަށެވެ. ދަންނާށެވެ. ރާއްޖޭގައި ޢާއްމުކޮށް ސިހުރު ހަދައި
ފަންޑިތަ ހަދާ މީހުން، އިސްލާމް ދީން ހުއްދަ ނުކުރާ އެތައް ކަމެއް
ކުރެއެވެ. މިގޮތުން ސިހުރުން ސިހުރު ބާޠިލް ކުރުމާއި، ފާލު
ބެލުމާއި، ތަވީދު އެޅުވުމާއި މިފަދަ އެތައް ކަމެއް ހިމެނެއެވެ.
އެހެންކަމުން އިތުބާރު ހިފޭ ރަނގަޅު ޝެއިޚުންގެ މަޝްވަރާ ހޯދައިގެން
މިކަމުގައި ކުރިއަށް ދިއުމަށް، ރަށުގެ ރައްޔިތުންނަށް އަޅުގަނޑު
ނަޞޭޙަތްތެރިވަމެވެ.
މިލިޔުން ކިޔާ ފަރާތްތަކުގެ ކިބައިން އަޅުގަނޑު އެދެނީ
މިލިޔުމުގައި އަލިއަޅުވާލެވިފައިވާ ފަރާތްތަކަށް، އިންޓަނެޓްގެ
ޛަރީޢާއިން ވިޔަސް ނުވަތަ އެނޫން ގޮތަކަށްވިޔަސް މިލިޔުން
ފޯރުކޮށްދިނުމެވެ. އަދި ހދ.މަކުނުދޫގައި ތިބި އަޅުގަނޑުމެންގެ
އެންމެހައި އަޚުންނާއި އުޚްތުން އެމުޞީބާތުން ސަލާމަތް ކޮށްދިނުމަށް
އެދި ދުޢާކޮށްދިނުމެވެ.
وصلى اللّهم وسلم على نبينا محمد وعلى آله وصحبه وسلم.
-ނިމުނީ-
مراجع:
1.
تفسير الجلالين.
2.
القول المفيد على كتاب التوحيد.
3.
عالم الجن والشياطين في ضوء الكتاب والسنة. |