|
ނަމާދު ޤާއިމް ނުކުރާ މީހެއްގެ ކިބައިން ރޯދަ ޤަބޫލު ކުރެވޭނެ
ހެއްޔެވެ؟

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ނަމާދު އަޅާފައި ތިޔަތިބެނީ
ފަހެ ނަމާދު އެޅުމުގެ ފާފައިގެ ބޮޑުކަން ނޭގޭތީތޯއެވެ؟ ނުވަތަ
އެކަމާއި މެދު ޣާފިލްވެފައިވާތީތޯއެވެ؟ ﷲ ތަޢާލާ ވަޙީ
ކުރައްވާފައިވެއެވެ.
"حَافِظُوا
عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى وَقُومُوا لِلَّهِ
قَانِتِينَ"
(سورة
البقرة:
238)
"ތިޔަބައިމީހުން
ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ. އަދި ޚާއްޞަކޮށް
މެދުނަމާދަށް (އެބަހީ ޢަޞުރު ނަމާދަށް) ރައްކައުތެރިވާށެވެ. އަދި
ކިޔަމަންތެރިވެގެންވާ ހާލު ތިޔަބައިމީހުން ﷲ ގެ ކުރިފުޅުމައްޗަށް
ތެދުވާށެވެ."
ކީރިތި ޤުރުއާނުގައި ނަމާދު ފިޔަވައި އެހެން އެއްވެސް އަޅުކަމަކަށް
މިހާބޮޑަށް ރައްކައުތެރިވުމަށް އަންގަވާފައެއް ނުވައެވެ. މީގެ
އިތުރުން ނަމާދު މިއުއްމަތަށް ފަރުޟުކުރެއްވުނީ އެހެނިހެން
އަޅުކަންތަކާއި ޚިލާފަގޮތަކަށެވެ. ނަމާދު ފިޔަވައި އެހެން
އަޅުކަންތައްތައް ފަރުޟުކުރެއްވުނީ
رسول الله صلى الله عليه وسلم
ބިމުގައި ހުންނަވަނިކޮށެވެ. ނަމަވެސް ނަމާދު ފަރުޟުކުރެއްވުނީ
އެކަލޭގެފާނު ހަތް އުޑު މައްޗަށް އުފުއްލަވައި، ފަރުދާއެއްގެ
ފުރަގަހުން، ﷲ ތަޢާާލާ އެކަލޭގެފާނާއި ސީދާ ބަސް
ވަޙީކުރައްވައިގެންނެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅާއި
ފުރާނަފުޅާއި އެއްކޮށް މިޢުރާޖް އަރައިވަޑައިގެންނެވުމުގެ ޝަރަފު
ދެއްވި ރޭގައެވެ.
عبد الله بن مسعود رضى
الله عنه
ވިދާޅުވިއެވެ. ތިމަންކަލޭގެފާނު،
رسول الله صلى الله عليه وسلم
ކުރެން އެއްސެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ހެޔޮ ޢަމަލަކީ
ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ
ވަޤުތުގައި ކުރުމެވެ". ތިމަންކަލޭގެފާނު އަނެއްކާ އެއްސެވީމެވެ.
"ދެން ކޮންކަމެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." ތިމަންކަލޭގެފާނު ދެންވެސް
އެއްސެވީމެވެ. "ދެން ކޮންކަމެއްތޯއެވެ؟" އެކަލޭގެފާނު
ޙަދީޘްކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމެވެ." ދެން
رسول الله صلى الله عليه وسلم
ކުރެން ތިމަން އިތުރަކަށް ނާހަމެވެ. އަދި ތިމަން އިތުރަށް
އެއްސެވިނަމަ އެކަލޭގެފާނު އެއަށްވުރެ އިތުރަށްވެސް
ކިޔައިދެއްވެވީހެވެ." (ޞަޙީޙުލް ބުޙާރީ، ޖިލްދު 4، ޙަދީޘް ނަންބަރ
41).
ބުޚާރީގެ އެހެން ރިވާޔަތެއްގައި ޢަބްދުﷲ ބިން މަސްޢޫދް
رضى الله عنه،
رسول الله صلى الله عليه وسلم
އަރިހުން، ﷲ ތަޢާލާ އެންމެ ލޯބިވޮޑިގަންނަވާ ޢަމަލަކީ ކޮބައިތޯ
އެއްސެވުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވީ "ނަމާދު އޭގެ ވަޤުތުގައި
ކުރުން" ކަމުގައެވެ.
އެހެންކަމުން ނަމާދު އޭގެ ވަޤުތުގައި ޚުޝޫޢަތްތެރި ކަމާއިއެކު
ކުރުމަކީ މުއުމިނުންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީ
ކުރައްވާފައިވެއެވެ.
"
الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
(*) أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ
عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ" (سورة
الأنفال:
3&4)
"އެބައިމީހުންނަކީ
ނަމާދު ޤާއިމްކޮށް އަދި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެއްވި
ތަކެތިން ހޭދަކޮށް އުޅޭމީހުންނެވެ. ޙަޤީޤީ މުއުމިނުންނަކީ ހަމަ
އެއީއެވެ. އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުން އެބައިމީހުންނަށް
މަތިވެރިވެގެންވާ ދަރަޖަތަކާއި، ފާފަފުއްސެވުމާއި އަދި މާތްވެގެންވާ
ރިޒްޤު (ސުވަރުގޭގައި) އެބައިމީހުންނަށް ވެއެވެ."
"وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ (*)
أُوْلَئِكَ هُمُ الْوَارِثُونَ (*)
الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ"
(سورة
المؤمنون:9-11)
"އަދި
އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުތަކަށް (އެބަހީ ފަރުޟު
ނަމާދުތަކަށް އޭގެ ފުރިހަމަ ވަޤުތުތަކުގައި) ރައްކައުތެރިވާ
މީހުންނެވެ. ޙަޤީގީ ވާރުތަ ވެރިންނަކީ ފަހެ އެއީއެވެ. އެމީހުންނަކީ
ފިރްދައުސްގެ (އެބަހީ އެންމެ މަތީ ސުވަރުގެތަކުގެ)
ވާރުތަވެރިންނެވެ. އަދި އެބައިމީހުން އެތަނުގައި އަބަދުގެ އަބަދަށް
ދެމިތިބޭ ހުއްޓެވެ."
މިއާޔަތްތަކުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން ﷲ ތަޢާލާ
އެއަންގަވަނީ މުއުމިނުންނަކީ އެމީހުންގެ ނަމާދުތަކަށް ރައްކައުތެރިވާ
މީހުންނެވެ. އަދި އެމީހުންނަށް ހުރި ދަރުމައަކީ ސުވަރުގޭގައި
ދެމިތިބުމުގެ ނަޞީބެވެ. އޭ އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ
ތެރެއިން ސުވަރުގެ ލިބުމަށް ބޭނުން ނުވާނީ ފަހެ ކާކުތޯއެވެ؟
މިއާއި ޚިލާފަށް ނަމާދު ލަސްކުރުމާއި ނަމާދުގައި ކަންނެތް ވުމަކީ
މުނާފިޤުންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"...وَإِذَا قَامُواْ إِلَى الصَّلاَةِ قَامُواْ كُسَالَى يُرَاؤُونَ
النَّاسَ وَلاَ يَذْكُرُونَ اللّهَ إِلاَّ قَلِيلاً"
(سورة
النساء:
142)
"އަދި
މުނާފިޤުން ނަމާދަށް ތެދުވެއްޖެނަމަ ތެދުވަނީ ކަންނެތްކަމާއިއެކީ
އަދި މީސްތަކުންނަށް ދެއްކުމަށެވެ. އެހެނެއްކަމަކު ވަރަށް މަދުން
މެނުވީ އެމީހުން ﷲ މަތިން ހަނދުމައެއް ނުކުރެތެވެ."
"فَوَيْلٌ لِّلْمُصَلِّينَ (*)
الَّذِينَ هُمْ عَن صَلاَتِهِمْ سَاهُونَ "
(سورة
الماعون:
4&5)
"އެމީހުންގެ
ނަމާދުތަކުގެ މަތިން ޣާފިލްވެ ތިބެ އަދި ނަމާދުތަކުގެ ވަޤުތުން
ފަސްކޮށް އެނަމާދުތައް ކޮށްއުޅޭ މީހުންނަށް
وَيْلُ
ހުއްޓެވެ."
سورة النساء
ގެ 142 އާޔަތުގައި މުނާފިޤުންގެ ވާހަކަ ބަޔާން ކުރައްވަމުން ﷲ
ވަޙީކުރައްވަފައި އެވަނީ ނަމާދަށް ފަރުވާކުޑަ ކުރުމަކީ މުނާފިޤުންގެ
ސިފައެއް ކަމުގައެވެ. އަދި
سورة الماعون
ގެ ހަތަރުވަނަ އާޔަތާއި އަދި ފަސްވަނަ އާޔަތުގައި ނަމާދު ވަޤުތު
ޖެހުމުން ނަމާދުގެ މަތިން އެއްވެސް ފަރުވާލެއް ނުބަހައްޓައި ވަގުތު
ފަސްކޮށްފައި ނަމާދު ކުރާ މީހުންނަށް
وَيْلُ
ހުރިކަމުގައި އަންގަވާފައި އެވަނީއެވެ.
وَيْلُ
އަކީ ނަރަކައިގެ ވާދީއެއް ކަމުގައި މުފައްސިރުން ވިދާޅުވެއެވެ.
އެތަނުގެ ހޫނުގެ ސަބަބުން ދުނިޔޭގައިވާހައި ފަރުބަދައެއް އެތަނަށް
އެޅިޔަސް އެތަކެތި ވިރިދާނޭ ކަމުގައިވެއެވެ. ނުވަތަ
وَيْلُ
އަކީ ނަރަކައިގެ ގަދަ ޢަޛާބު ކަމުގައި ވެއެވެ.
والله أعلم.
އަދި ހަމައެހެންމެ، ނަމާދުތައް އަޅައި ﷲ އަށް އުރެދި އުޅުނު މީހުންގެ
މޭމަތީގެ ކަށިތައް އެއްކަށި އަނެއްކަށްޓަށް ވަންނަންދެން ކަށްވަޅު
އޭނާ ފިއްތާލާނެއެވެ.
ނަމާދު އެޅުންވަނީ ދެގޮތަކަށެވެ. ފުރަތަމަ ގޮތަކީ ނަމާދުގެ
ފަރުޟުކަމާމެދު އިންކާރުކޮށް ނަމާދު ނުކުރުމެވެ. މިގޮތުން ނަމާދު
އަޅައިފިނަމަ ކަނޑައެޅިގެން އެމީހަކު ކާފިރުވާނެ ކަމުގައި އުންމަތުގެ
ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވާފައިވެއެވެ. ދެވަނަ ގޮތަކީ
ނަމާދުގެ ފަރުޟުކަން ޤަބޫލުކުރި ކަމުގައިވިޔަސް، ކަންނެތް ކަމުން
ނުވަތަ ޝަރީޢަތުގައި ޢުޛުރެއް ކަމުގައި ނުބެލެވޭ ކަމެއްގައި
މަޝްޣޫލުވުމުގެ ސަބަބުން ނަމާދު އެޅުމެވެ. އެފަދަ މީހާ ކާފަރު
ނުވާނޭކަމަށް ގިނަ ޢިލްމުވެރިން ދެކިލައްވައެވެ.
ނަމާދަކީ ވާޖިބު ކަމެއްގެ ގޮތުގައި ދެކިހުރެ ކަންނެތްކަމުގެ ސަބަބުން
ނަމާދުއަޅާ މީހާއާއި ބެހޭގޮތުން އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ.
"އަހަރެމެންގެ މަޛްހަބުގައި މަޝްހޫރު ގޮތަކީ ކުރީގައި ބަޔާންވެދިޔަ
ފަދައިން ކަންނެތްކަމާއި އެކީ ނަމާދުއަޅާ މީހާ ޤަތުލު ކުރުމެވެ.
އެހެންނަމަވެސް އެއީ އޭނާ ކާފަރުވުމުގެ ސަބަބުންނެއް ނޫނެވެ. އެއީ
އޭނާގެ މައްޗަށް ޙައްދެއްގެ ގޮތުންނެވެ. (އެބަހީ ނަމާދު އަޅާކަމުގެ
ޢުޤޫބާތެއްގެ ގޮތުންނެވެ.) އިމާމް މާލިކާއި އަދި ސަލަފުންގެ ކުރީގެ
ގިނަ ޢިލްމުވެރިންނާއި އަދި ފަހުގެ ގިނަ ޢިލްމުވެރިންވެސް ވިދާޅުވަނީ
މިފަދައިންނެވެ.
ކަންނެތްކަމާއިއެކު ނަމާދު އަޅާ މީހާއާއި ބެހޭގޮތުން އެހެން ބައެއް
ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އޭނާގެ މައްޗަށް ހުރިހައި
ކަމެއްގައިވެސް ހިނގާނީ މުރުތައްދެއްގެ ޙުކުމެވެ. (އެބަހީ ނަމާދު
އެޅުމުގެ ސަބަބުން އޭނާ ދީނުން ބޭރުވެ މުރުތައްދު ވާނެއެވެ.)..."
(أنظر،
المجموع للنووي:
3/17-19)
ނަބިއްޔާ
صلى الله عليه وسلم
ޙަދީޘްކުރެއްވެވިއެވެ.
"إِنَّ
بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاةِ"
(رواه مسلم في كتاب الإيمان).
މާނައަކީ: "ހަމަކަށަވަރުން މީހާއާއި، ޝިރުކާއި އަދި ކާފަރުކަމާއި
ދެމެދުގައިވާ ހުރަހަކީ ނަމާދެވެ."
إمام شَمْسُ الدِّينُ الذَّهَبِى
ލިޔުއްވާފައިވާ
الْكَبائِرُ
ކިޔާ ފޮތުގައި
إبْنُ حَزَمْ
ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ. އަޞްޙާބު ބޭކަލުން ކުރެ
عمر بن الخطاب
އާއި
عبد الرحمن بن عوف
އާއި
معاذ بن جبل
އާއި
أبو هريرة
އާއި
އަދިވެސް
މިނޫން
އެހެން ބޭކަލުންގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. "ފަރުޟު
އެންމެ ނަމާދެއް ވަގުތު ފާއިތުވަންދެން ޤަޞްދުގައި ދޫކޮށްލައިފި
މީހާއީ ކާފިރުވެ މުރުތައްދުވެފައިވާ މީހެކެވެ."
އަޞްޙާބު ބޭކަލުންގެ ތެރެއިން ޖުމްހޫރުން ވިދާޅުވަނީ،
ޝަރުޢީ ޢުޛުރެއްނެތި ނަމާދު އަޅައިފި މީހާ ކާފަރުވާނޭ ކަމުގައެވެ.
ކިއެއްހެއްޔެވެ. އެތައް ދަންނަބޭކަލުންނެއްވަނީ މިއީ ޞަޙާބިއްޔަ
ބޭކަލުންގެ އިޖްމާޢުކަމުގައި ރިވާ ކުރައްވާފައެވެ.
(انظر،
الشرح الممتع على زاد المستنقع:
2/26،
ورسالة في حكم تارك الصلاة للشيخ محمد بن صالح العثيمين).
މިކަމާއި ގުޅޭގޮތުން އަޞްޙާބު ބޭކަލުން ދެކިވަޑައިގަންނަވާގޮތް
ރިވާކުރެވިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
قال عبد الله بن شقيق: "كان
أصحاب النبي صلى الله عليه وسلم لا يرون شيئا من الأعمال تركه كفر
غير الصلاة."
(رواه الترمذي والحاكم وصححه على شرطهما.)
މާނައީ:
عبد الله بن شقيق
ވިދާޅުވިއެވެ. "ޢަމަލެއް (ނުވަތަ ކަމެއް) ދޫކޮށްލުމުގެ ސަބަބުން މީހާ
ކާފަރުވާ ކަމެއްގެ ގޮތުގައި، ނަމާދު ފިޔަވައި އެހެން އެއްވެސް ކަމެއް
ވާކަމަށް،
رسول الله صلى الله عليه وسلم
ގެ ޞަޙާބިއްޔަ ބޭކަލުން ދެކެވަޑައިނުގަންނަވައެވެ. (އެބަހީ ނަމާދު
ދޫކޮށްލައިފިނަމަ ކާފަރުވާނެއެވެ.)"
ރޯދައާއި ނަމާދާއި ހުރި ގުޅުމާއި ބެހޭގޮތުން
فضيلة الشيخ محمد صالح العثيمين رحمه الله
އާއި ކުރެވުނު ސުވާލުގެ ޖަވާބުގައި
شيخ
ވިދާޅުވިއެވެ. "... އޭ ނަމާދު ނުކޮށް
ރޯދަހިފާ މީހާއެވެ! ތިބާ ބޮޑު ފާފައިން ރައްކައުތެރި ނުވަމެވެ. ފަހެ
ނަމާދު އެޅުމަށްވުރެ ވަކި ބޮޑުފާފައަކީ ކޮބައި ހެއްޔެވެ! އެހެނީ
ނަމާދު އެޅުމަކީ ކުފުރެކެވެ. އަދި ތިބާގެ ކިބައިން ތިބާގެ ރޯދަވެސް
ޤަބޫލު ނުވާހުއްޓެވެ..."
އޭ ލޮބިވެތި އަޚުންނާއި އުޚްތުންނޭވެ! ތިމާއަށް ނަމާދު
އެޅިފައިވާނަމަ އަވަހަށް ތައުބާވާށެވެ. ފާފަކުރުން ހުއްޓާލައި
ކުރެވިފައިވާ ފާފައާއި މެދު ހިތާމަކޮށް ފާފަ ނުކުރުމަށް ޢަޒުމް
ކަނޑައަޅަންވީއެވެ. ކުފުރުން ސަލާމަތްވެ މުއުމިނުންގެ ތެރެއިން
ވުމަށް އަވަސްވެގަންނާށެވެ. ނަރަކައިގެ ޢަޒާބަށް ބިރުވެތިވާށެވެ!
-ނިމުނީ- |