"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އަޅުކަމާއި އެކުވި އުފާވެރިކަން..

ތަރުޖަމާ: ނަބީލް

ރަމަޟާން މަސް ދިޔައީއެވެ. އެމަހާއި އެކު އެމަހުގައި ކުރި އަޅުކަންތަކާއި ހެޔޮ ޢަމަލުތައް ވެސް ދިޔައީއެވެ. މިއީ އެކަމުގެ އުފަލާއި ހިނިތުންވުމާއި ފޮނިމީރުކަމާއިގެން އައި ޢީދެވެ.

މިޢީދުގައި އެންމެވެސް އުފާކޮށް ހިނިތުންވާށެވެ. އަހަރެމެންގެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ދަސްކޮށްދެއްވާފައިވަނީ މިގޮތެވެ. އަދި މިއީ އެންމެހައި މުސްލިމުންގެ ހިތްތަކުގެ ފިތުރަތާއި ޠަބީޢަތެވެ.

މިއުފާވެރިކަމުގެ ސިއްރަކީ މާތްރަސްކަލާނގެ ތައުފީޤުގެ މަދަދުން ރަމަޟާން މަހުގައި އަހަރެމެންނަށް ކުރެވުނު ހެޔޮ ޢަމަލުތައްކަން ގައިމެވެ.

އާނއެކެވެ. ހެޔޮ ޢަމަލުތަކުގެ ނަތީޖާގައިވަނީ އެފަހުގައި ލިބޭ އުފަލާއި އުފާވެރިކެމެވެ. ހަދީޘްގައި އައިސްފައިވެއެވެ. "އެމީހެއްގެ ހެޔޮޢަމަލު އެމީހަކަށް އުފާވެރިކަން ގެނެސްދޭ، އަދި އޭނާގެ ނުބައި ޢަމަލު އޭނާއަށް ހިތްދަތިކަން ގެނެސްދޭ މީހާއީ މުއުމިނެކެވެ." (ޞަޙީޙުލްޖާމިޢު: 2546)

ހަމަ ޔަޤީނެވެ. ހެޔޮ ޢަމަލުތައް ކުރުމަށް މާތް ﷲ ދެއްވި ތައުފީޤުގެ ސަބަބުން ލިބޭހާ އުފާވެރިކަން ދުނިޔޭގެ އެހެން ކޮންމެ ކަމަކަށް ވުރެ ކުރިއަރައިގެން ވެއެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ؟ މިއީ ހިތުގެ އެންމެ އަޑިން ފޯދޭ ހަޤީޤީ އުފާވެރިކަމެވެ.

ހެޔޮކަމުގެ ސަބަބުން ލިބޭ އުފާވެރިކަމަކީ ރައްބާނީ ނިޢުމަތެކެވެ. އިލާހީ ޢިނާޔަތެކެވެ. އެއީ އީމާންވެ ތިބެ ހެޔޮ ޞާލިޙު ޢަމަލުކުރާ މީހުންނަށް މާތް ﷲ ދެއްވަން ވަޢުދުވެވޮޑިގެންފައިވާ އުފާވެރި ޙަޔާތުން ބައެކެވެ.

ރޯދައާއި ރޭއަޅުކަމަށްޓަކައި ދެން އަވަސްވެ އުފާކުރާށެވެ. ރަމަޟާން މަސް ފުރިހަމަކުރެވުނީތީ އުފާކުރާށެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މުސްލިމުންނަށްޓަކައި ލެއްވި މިޢީދުގައި އުފާވެރިވެ އުފާކުރާށެވެ. ހިނިތުންވެ ހިނިތުންވާށެވެ.

މާތް ﷲ އަހަރެމެން އެންމެންގެ ކިބައިން ހެޔޮ ޢަމަލުތައް ގަބޫލުކުރައްވާށިއެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)