|
ހަތަރު
ގެރީގެ ވާހަކަ.
ލިޔުނީ: އަބޫ
ޢައްމާރު

ފޯމެޓަށް ވިދާޅުވުމަށް...
އެންމެހާ ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ.
އަހަރަމެން އެކަލާނގެ އެހީއަށާއި ފާފަފުއްސެވުމަށް އެދެމެވެ. އަދި
އަހަރެމެން އަމިއްލަ ނަފްސުތަކާއި ނުބައި ފާފަތަކުގެ ނުބައިކަމުން
ސަލާމަތްކޮށްދެއްވުމަށްވެސް އެދެމެވެ. ﷲ ހިދާޔަތް ދައްކަވައިފި
މީހަކު މަގުފުރެދިގެންނުދާ ހުއްޓެވެ. އަދި އެކަލާނގެ
މަގުފުރައްދަވައިފިމީހަކަށް ހިދާޔަތް ދައްކާނެ ދެވަނަ އެހެން
ފަރާތެއްނުވެއެވެ.
ﷲ
ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ
وَلا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ"
(آل عمران:102)
"އޭ
އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވުން
(ބިރުވެތިވުން) ޙައްޤުގޮތުގައި އެއިލާހަށް ތަޤްވާވެރިވާށެވެ. އަދި
މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުވެ ނުދާށެވެ."
عمر بن الخطاب رضي اللّه عنه،
އުބައްޔު ބުނު ކަޢުބް
رضي اللّه عنه
އާއި ސުވާލުކުރެއްވިއެވެ. "ތަޤްވާ ގެ މާނައަކީ
ކޮބައިތޯއެވެ؟"
އުބައްޔު ބުނު ކަޢުބް ދެންނެވިއެވެ. "އޭ އަމީރުލް މުއުމިނީންއެވެ!
ކަށިފަޅާފައިވާ ގަސްތަކެއް ހެދިފައިވާ ބިމެއްގައި ކަލޭގެފާނު
ހިންގެވީމުތޯއެވެ؟"
ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. "އާނއެކެވެ." އުބައްޔު ބުނު ކަޢުބް
ދެންނެވިއެވެ. " (އެފަދަ ބިމެއްގައި ހިނގާއިރު) ހައްދަވަނީ
ކިހިނެއްތޯއެވެ؟"
ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. " އަހަރެންގެ ހެދުން މައްޗަށް
ނަގަމެވެ. އަދި ހިނގާއިރު ވަރަށް ފަރުވާތެރިވަމެވެ." ދެން އުބައްޔު
ބުނު ކަޢުބް ދެންނެވިއެވެ. " ތަޤްވާއަކީ އެއީއެވެ."
އަޅުގަނޑުމެން ދަތުރުކުރަމުން މިދާ ބިމަކީ ކަށިގަސްތަކުން ފުރިފައިވާ
ބިމެކެވެ. ޝައިޠާނާއާއި އޭނާގެ އަޢުވާނުން އަބަދުވެސް
މަސައްކަތްކުރަމުން އެދަނީ އަހަރެމެން ތެދުމަގުން އެއްކިބާކޮށް
ނުބައިމަގަށް އެރުވުމަށެވެ. ދުނިޔޭގައި ތަޤްވާވެރިވުމަކީ ތިބާގެ
ހެދުން މައްޗަށް ނެގުމެވެ. (އެބަހީ ދުނިޔޭގެ ހެއްލުންތަކަށް
ބިރުވެތިވެ ރައްކާތެރިވުމެވެ.) އަދި ހިނގާއިރު ފަރުވާތެރިވުމެވެ.
(އެބަހީ ދުނިޔޭގައި އުޅޭއިރު ޝައިތާނާގެ ކެހިވެރި މަޅިތަކަށް
އަބަދުވެސް ފަރުވާތެރިވުމެވެ.) އެހައި އިރުން ތިބާ ވާނީ ޝައިޠާނުންގެ
ނުބައި ވަސްވާސްތަކުން ސަލާމަތްތެރިވެގެންނެވެ. ތަޤްވާގެ ޙަޤީޤީ
މާނައަކީ މިއީއެވެ. ﷲ އަޅަމެން ތަޤްވާވެރިވާމީހުންގެ ތެރެއިން
ލައްވާނދޭވެ!
އެންމެހާ އަޚުންނާއި އުޚުތުންނޭވެ! ބަޔާންކޮށްދޭން މިއުޅެނީ
ޢިބްރަތްތެރި ފިލާވަޅުތަކެއް އަޅުގަނޑުމެނަށް ލިބޭނޭ ވާހަކައެކެވެ.
އެވާހަކަ އަންނަނީ މިފަދައިންނެވެ.
"ހަތަރު
ގެރި އުޅުނެވެ. އޭގެތެރެއިން އެއް ގެރި ހުދެވެ. އަދި އަނެއް ތިން
ގެރި ކަޅެވެ. މިގެރިތައް އުޅެމުންދަނީ ވަލުކުއްތާތަކުން ފުރިފައިވާ
ސަރަހައްދެއްގައެވެ. މިކުއްތާތަކުގެ ޝިކާރައިން މިގެރިތައް
ސަލާމަތްވާ ހަމައެކަނި ގޮތަކީ މިހަތަރު ގެރި އަބަދުވެސް އެކުއެކީގައި
އުޅޭކަމެވެ. އެގެރިތައް އަބަދުވެސް އެއްގެރި އަނެއް ގެރީގެ
ސަލާމަތަށް ވިސްނައި،
ދިމާވެދާނެ ނުރައްކަލަކަށް އަބަދުވެސް ހުޝިޔާރުވެއެވެ. މިކަމުގެ
ސަބަބުން މިގެރިތައް އެވަލުކުއްތާތަކުގެ ކިބައިން ސަލާމަތްވެއެވެ.
ނަމަވެސް އެއްދުވަހު ކަޅު ތިން ގެރި ބައްދަލުވުމެއް ބޭއްވިއެވެ. އަދި
އެބައިމީހުން ބުންޏެވެ. "މި ހުދު ގެރީގެ ސަބަބުން ތިމަންމެނަށް
ވަރަށް އުނދަގުލާ ކުރިމަތިލާންޖެހެއެވެ. ތިމަންމެންގެ ކުލައަކީ
ކަޅުކުލަކަމުގައިވީތީ ރޭގަނޑު ތިމަންމެން ފިލައިފިނަމަ އެހެން
ޖަނަވާރުތަކަކަށް ތިމަންމެނެއް ނުފެނެއެވެ. ނަމަވެސް މިހުދު ގެރި
އެހެން ޖަނަވާރުތަކަށް ފެނެއެވެ. ވުމާއެކު އޭނާ ތިމަންމެންގެ
ތެރެއިން އެއްކިބާ ކޮށްލަންވީއެވެ. އަހަރެމެން ތިން މީހުން
އެކުއެކީގައި އުޅޭނީއެވެ. އަދި އެހުދު ގެރި އެކަނިމާއެކަނި އުޅެން
ދޫކޮށްލަންވީއެވެ. އެހެނީ އޭނާގެ ސަބަބުން އަހަރެމެންނަށް އުޅެން
އުނދަގޫވެއެވެ." މިދުވަހަށްފަހު ކަޅު ތިން ގެރި އުޅެނީ އެކީގައެވެ.
އަދި ހުދު ގެރި އުޅެނީ އެކަނިމާއެކަންޏެވެ. ކަޅު ތިންގެރި ހުދުގެރި
'ބޮއިކޮޓް' ކުރީއެވެ.
ވަލުކުއްތާގެ ވިސްނުންތޫނުކަމުން ގެރިތަކުގެ މެދުގައި އޮތް
އެކުވެރިކަން ނެތިއްޖެކަން ވިސްނިއްޖެއެވެ. ވަލުކުއްތާތަކުގެ
ތެރެއިން ކުއްތާއެއް ތަންވަޅު ބަލާފައި ދިޔަގޮތަށްގޮސް ހުދުގެރި
އަތުލައިގަނެގެން ކާންފަށައިފިއެވެ. ކަޅު ތިންގެރި އެބައިމީހުންގެ
އެކުވެރިޔާގެ މަސްތައް ނޮޅައި ވީދައިގެން ކަމުން ގެންދިޔަތަން
ބަލަހައްޓައިގެން ތިބީއެވެ.
ޖެހިގެންއައިރޭ އެވަލުކުއްތާ ކަޅު ތިން ގެރީގެ ތެރެއިން ގެރިއަކަށް
ހަމަލާދީފިއެވެ. ކީއްވެތޯއެވެ؟
ސަބަބަކީ އެއިގެ ތެރެއިން އެއް ގެރި މަދުވުމުގެ ސަބަބުން
އެގެރިތަކުގެ ބާރުދެރަވެފައިވާތީއެވެ. މިހާރު ކުރީގައި ހަތަރު ގެރި
އެއްކޮށް އުޅުނުހައި ބާރުގަދައެއްނޫނެވެ. މިތިންގެރި،
އެގެރިތަކުގެ އެކުވެރިޔާ އެކަހެރިކޮށްލުމުގެ ނަތީޖާއަކަށްވީ،
ވަލުކުއްތާ އެއިގެތެރެއިން އެއްގެރި ޝިކާރަކޮށްލުމެވެ. މިހާރު ބާކީ
ތިބީ ދެ ގެރިއެވެ.
ހަމައެފަދައިން ޖެހިގެން އައިރޭ މާބޮޑު އުނދަގުލަކާއިނުލައި
އެއިގެތެރެއިން އެއްގެރި ޝިކާރަކޮށްލައިފިއެވެ. ސަބަބަކީ ބާކީ ތިބީ
ދެ ގެރިކަމަށްވެފައި އެމީހުންގެ ބާރުދެރަވެފައިވާތީއެވެ. އެންމެ
ފަހުރޭ ބާކީ އޮތީ އެންމެ ގެރިއެކެވެ. ބިރުވެރިކަމާއިއެކު
ގޮތްހުސްވެފައިހުރެ ކުއްތާގެ ކިބައިން ސަލާމަތްވުމަށްޓަކައި
ފަރާތްފަރާތަށް ގެރި ދުއްވައިގެންފިއެވެ. ނަމަވެސް މިހާރަކު ގެރި
ސަލާމަތްކުރާނެ،
އަދި އެހީވެދޭނެ ފަރާތެއްނެތެވެ. ކުއްތާވެސް ގެރި އަތުލެވޭނެކަމުގެ
ޔަޤީންކަމާއިއެކު ގެރި ފަހަތުން ދުއްވައިގެންފިއެވެ. އަދި ގެރި
ވަރުބަލިވެގެން ބިންމައްޗަށް ވެއްޓޭނެކަން ކުއްތާއަށް އެނގެއެވެ.
ގެރިއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކުއްތާ ވަރަށް އުފަލުން
ގޮސް ގެރީގެ ކަރުގައި ދައިގެންފިއެވެ. އެވަގުތު ގެރީގެ އެންމެ ފަހު
ބަސްތައް ބުނަމުން ދިޔައެވެ. ވަރަށްވެސް މުހިއްމު ބަސްތަކެކެވެ.
އެބަސްތަކުން އަހަރެމެންނަށް އަގުހުރި ފިލާވަޅުތަކެއް ޙާޞިލްވާނޭ
ބަސްތަކެކެވެ. މިކަޅުގެރި ބުނަމުން ދިޔައެވެ.
"ކުއްތާ ހުދުގެރި ޝިކާރަކުރި ދުވަހު އަހަރެންވެސް ޝިކާރަކޮށްފިއެވެ.
ހުދުގެރި ޝިކާރަކޮށްލުމަށް ދޫކޮށްލިދުވަހަކީ ތިމަންގެ އަޖަލު
ނިމުމަށް ދޮރު ހުޅުވައިލި ދުވަހެވެ. އެދުވަހަކީ އަހަރެން މަރުވި
ދުވަހެވެ. އަހަރެން މިވަގުތަކު މަރެއްނުވަމެވެ. އަދި މިއަދަކުވެސް
އަހަރެން މަރެއް ނުވާނެއެވެ.... އަހަރެން މަރުވި ދުވަހަކީ ކުއްތާއަށް
ހުދުގެރި ކާލުމަށް ދޫކޮށްލިދުވަހެވެ."
އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޔަޤީންވާކަމަކީ
ތިޔައިގެ ތެރެއިން ބައެއްމީހުނަށް މިވާހަކައިން ޢިބްރަތްތެރި
ފިލާވަޅުތަކެއް ދޭހަވާނެކަމެވެ. މިހާރު މިބަޔާންކޮށްދޭން އުޅެނީ މި
ފިލާވަޅުތަކުގެ ތެރެއިން ބައެއް ފިލާވަޅުތަކެވެ.
إن شاء لله.
ފުރަތަމަ
ފިލާވަޅު : އިސްލާމީ އުއްމަތް.
މިވާހަކަޔަކީ މިއަދު މުސްލިމުންގެ ޙާލަތު ބަޔާންކޮށްދޭ ވާހަކައެކެވެ.
މިއީ އަދުގެ ދުނިޔޭގައި ހަމަ ކަންހިނގަމުންދާގޮތެވެ. އަހަރެމެން
މިތިބެނީ އިސްލާމީ ޤައުމަކަށްފަހު ޤައުމެއް ކާފަރުންގެ
އަތްދަށުވާތަން ބަލާށެވެ. އަހަރެމެން ހަމައެކަނި ބަލަހައްޓައިގެން
ތިބެނީއެވެ. ކުރެވޭ އެއްވެސް ކަމެއްނެތް ޙާލަތުގައެވެ. އެންމެ
ފުރަތަމަ ފަލަސްޠީން ބީވެގެން ދިޔައިރު ކުރެވުނު ކަމެއް ނެތެވެ.
ޤައުމަކަށް ފަހު ޤައުމެއް މައްސަލަތަކުގެ ތެރެއަށް ވެއްޓެމުން
ދަނީއެވެ. ތިބާއަށް ކަޝްމީރު ފެންނާނެއެވެ. ހަމައެފަދައިން ޝީޝާން،
އަދި އަފްޣާނިސްތާންވެސް ފެންނާނެއެވެ. އެންމެފަހުން ޢިރާޤެވެ.
އެކަން ހުއްޓުވުމަށް އުއްމަތައް ކުރެވުނު ކަމެއް ނެތެވެ. އުއްމަތުގެ
މީހުން ބަލަހައްޓައިގެން ތިބީއެވެ. ޢިރާޤް މިހާރު އެވަނީ
ފުންވަޅުގަނޑަކަށް ވެއްޓިފައެވެ. އެތަނުގައިކުރާ ހަނގުރާމައަށް
ނިމުމެއް ނާދެއެވެ. އަދި މި ހަނގުރާމަ ފުޅާވެގެން ޖެހިގެން އޮތް
ސީރިޔާފަދަ ޤައުމުތަކަށް ފެތުރިގެން ދިޔުމާއި ކައިރިވެއްޖެއެވެ. ދެން
މި އަނދަވަޅަށް ވެއްޓޭނެ ޤައުމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ
އެވެ! މި ޤައުމުތައް ޖަހައިގަތީ މިއަދަކު ނޫނެވެ. މީގެ އެތައް
އަހަރުތަކެއްގެ ކުރިން މިޤައުމުތައްވަނީ ޖަހައިގެންފައެވެ. އިސްލާމީ
އެއް ޤައުމު ބީވެގެން ދިޔުމަށް ދޫކޮށްލުމަކީ އިސްލާމީ ކޮންމެ
ޤައުމަކާއި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބީވެގެން
ދިޔުމަށް ދޫކޮށްލުމެވެ.
ދެވަނަ
ފިލާވަޅު : އެއްބައިވަންތަކަން.
މިވާހަކައިން ދޭހަކޮށްދެނީ ބައިބައިވުމުގެ ހިތި ނަތީޖާއެވެ.
މިގެރިތައް އެއްބައިނުވުމުގެ ސަބަބުން ވަލުކުއްތާއަށް
މަގުފަހިވެގެންދިޔައީ އޭގެތެރެއިން އެއް ގެރި ޝިކާރަކުރުމަށެވެ.
މިހެންވުމުގެ ސަބަބުން އެބައިމީހުންނަށްޖެހުނީ ދުޝްމަނާގެ
ކުރިމަތީގައި ބަލިވެ ނިކަމެތިވާށެވެ. އޭ އަޚުންނާއި އުޚުތުންނޭވެ!
ރަސޫލާ
صلى الله عليه وسلم
ވަނީ މިއުއްމަތުގެ މިސާލެއް ބަޔާންކުރައްވާފައެވެ. ނުޢުމާން އިބްން
ބަޝީރު
رضي اللّه عنه
ރިވާކުރެއްވިއެވެ. ރަސޫލާ
صلى الله عليه وسلم
ޙަދީޘްފުޅުކުރެއްވިއެވެ.
«
مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ
وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ
تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى ». (رواه مسلم)
މާނައީ:
"މުއުމިނުންގެ މިސާލަކީ އެއުރެން އެކަކު
އަނެކަކުދެކެ ލޯބިވުމުގައްޔާއި،
އެކަކު އަނެކަކަށް ހަމްދަރުދީވުމުގައްޔާއި،
އެކަކު އަނެކަކަށް އޯގާތެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލެވެ.
ހަށިގަނޑުން ގުނަވަނަކަށް ތަކުލީފެއް ޖެހޭ ހިނދު ނިދިނައިސް
ހޭލާހުރުމާއި ހުންއައުމުގެ ސަބަބުން މުޅި ހަށިގަނޑަށް އެކަމުގެ ވޭން
އިޙުސާސްވެއެވެ."
ރަސޫލާ
صلى الله عليه وسلمގެ
މި ޙަދީޘްފުޅުގެ މާނައަކީ ތިބާގެ އިނގިލިން ނުވަތަ ފައިން ނުވަތަ
ހަށިގަނޑުން އެއްވެސް ގުނަވަނެއް ޒަޚަމްވެއްޖެކަމުގައި ވަނީނަމަ
އެކަމުގެ ސަބަބުން ލިބޭ ވޭނުގެ ސަބަބުން ނިންޖެއް ނާންނާނެއެވެ.
އަދިހަމައެއާއިއެކު ހަށިގަނޑުން ހުމުގެ އަސަރު ފެންނަން ފަށައެވެ.
އެއީ އެޒަޚަމްވެފައިވާ ތަނުގައި އުފެދިފައިވާ ނުރައްކާތެރި
ބެކްޓީރިޔާތަކާއި ދެކޮޅަށް ހަށިގަނޑު ކުރާ ހަނގުރާމައިގެ އަސަރެވެ.
އެފަދަ ޙާލަތެއްގައި ހަށިގަނޑު މަސައްކަތް ކުރަމުން އެދަނީ
ދުޝްމަނުންގެ ކިބައިން ކާމިޔާބު ލިބޭތޯއެވެ. ވުމާއިއެކު
މިހަނގުރާމައިގައި މުޅި ހަށިގަނޑު ބައިވެރިވެއެވެ. މިއީ ރަސޫލާ
صلى الله عليه وسلم
މިއުއްމަތުގެ މިސާލު ޖައްސަވާފައިވާ ގޮތެވެ.
ކަންމިހެންހުރުމާއިއެކު ދުނިޔޭގެ އިރުމަތީ ނުވަތަ ހުޅަނގުގައި،
ދެކުނު ނުވަތަ އުތުރުގައި ހުރި މުސްލިމަކު އެމީހާގެ މެދު ހަށީގައި
ނުވަތަ އިނގިއްޔެއްގައި ރިއްސައިފި ކަމުގައިވިޔަސް،
ތިބާގެ އަމިއްލަ ޢާއިލާ މީހެއް ފަދައިން އެކަމުގެ އިހްސާސް
ކުރަންޖެހޭނެއެވެ. ތިބާ ވިސްނަނީ ހަމައެކަނި ތިބާގެ އަމިއްލަ
ނަފުސާއި ތިބާގެ އާއިލާ މީހުންނާއި މެދުގައިކަމުގައިވާނަމަ އެއީ
ގޯހެކެވެ. މިފަދަ ވިސްނުމެއް ގެންގުޅެފިކަމުގައިވާނަމަ ތިބާއަކީ މާތް
ރަސޫލާ
صلى الله عليه وسلم
ޙަދީޘްކުރައްވާފައިވާ "އެއް ހަށިގަނޑުގެ" ބައެއް ނޫނެވެ. އެހެނީ
އެކަލޭގެފާނު އެބަޔާންކުރައްވަނީ މިއުއްމަތުގެ މިސާލަކީ އެއް
ހަށިގަނޑެއްކަމުގައެވެ. އެމީހާއަކީ އެހެން ޤައުމެއް އެހެން
ޖަމާޢަތެއް ނުވަތަ އެހެން މަޛްހަބެއްގެ މީހެއް ކަމުގައިވީނަމަވެސް
އެމީހާވަނީ މުސްލިމުންގެ ތެރެއިން ކަމުގައިވާނަމަ، އެމީހާ ހިމެނޭނީ
މި "އެއް ހަށިގަނޑު" ގެ މިސާލުގެ ތެރޭގައެވެ.
ނަމަވެސް ހިތާމަޔަކީ ބައެއް ފަހަރަށް "މުސްލިމުންނަކީ ހަމައެކަނި
އަހަރެންނާއި އަހަރެންގެ ޖަމާޢަތުގެ މީހުން" ކަމަށް ވިސްނޭތީއެވެ.
ކީއްވެތޯއެވެ؟
ސަބަބަކީ އަނެކާއަކީ ތިމާގެ ޖަމާޢަތުގެ މީހަކަށްނުވާތީ ނުވަތަ ތިމާ
އުޅޭގޮތަށް ތަބާނުވާތީއެވެ. މީހެއްގެ މައްޗަށް ކުފުރު ސާބިތުނުވާހާ
ހިނދަކު އެމީހަކުވާނީ މުސްލިމުންގެ ތެރެއިންނެވެ. މުސްލިމެއްގެ
ކިބައިން ތިމާ ހިތްނޭދޭ ސިފައެއް ފެނުނުކަމުގައިވިޔަސް އޭނާއާއި
ރުޅިވެ ގުޅުން ކަނޑައިހެދުމަކީ ހެޔޮވާވަރުގެކަމެއް ނޫނެވެ.
އަހަރެމެންގެ ތެރޭގައި ޒާތީ މައްސަލަތައް،
ޢާއިލީ މައްސަލަތައް ނުވަތަ ގޯތިގެދޮރުގެ މައްސަލަތައް ފަދަ
މައްސަލަތަކުގައި ތިމާގެ އަޚާއާއި ގުޅުން ކަނޑާލާތަން މިކުޑަ
މުޖުތަމަޢުން ފެންނަކަމީ ހިތާމަހުރިކަމެކެވެ. ތިމާގެ އަޚާއާއި ތިން
ދުވަހަށްވުރެ އިތުރަށް ވާހަކަ ނުދައްކައި ހުރުމަކީ ރަސޫލާ
صلى الله عليه وسلم
ނަހީކުރައްވާފައިވާކަމެކެވެ. އަހަރެމެން ވާންޖެހޭނީ އަހަރެމެންގެ
އަޚުންނަށް މަޢާފުކުރާ އަދި އެބައިމީހުންގެ މައްޗަށް ޢުޛުރު ހޯދާ
ބައެއްކަމުގައެވެ. އެމީހަކީ އެހެން މަޛްހަބެއް،
އެހެން ޖަމާޢަތެއް ނުވަތަ އެހެން ޤައުމެއްގެ މީހެއްކަމުގައި
ވީނަމަވެސް ތަފާތެއްނެތެވެ.
މިހާރު
އަހަރެމެން އެންމެންވެސް ވާހަކަ ދައްކަމުންދަނީ އެއްބައިވަންތަކަމުގެ
މުހިއްމުކަމާއިބެހޭ ގޮތުންނެވެ. އެއްބައިވަންތަކަމަކީ ތިމާގެ އަޚާ
އެހީއަކަށް އެދިއްޖެ ޙާލަތެއްގައި،
ކުލައަކަށް ވަކި ޖަމާޢަތަކަށް ވަކި އާއިލާއަކަށް ނުވަތަ ވަކި
ޤައުމަކަށް ބެލުމެއްނެތި ވެދެވެން އޮތް އެހީއެއް ފޯރުކޮށްދިނުމެވެ.
އަދި ދޭދޭ ފަރުދުން އެކަކު އަނެއްކަކަށް ހެޔޮކޮށްހިތައި ވީވަރަކުން
އެހީވެ ވާގިވެރިވުމެވެ. އަދި އެކެއްގެވެސް އަބުރާ ޢިއްޒަތައް
އުނިކަމެއް އަތުވެދާނޭފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވެ
ރައްކާތެރިވުމެވެ.
ރަސޫލާ
صلى الله عليه وسلم
ހަދީޘްފުޅުކުރައްވާފައިވާ "...ހަށިގަނޑުން
ގުނަވަނަކަށް ތަކުލީފެއް ޖެހޭ ހިނދު ނިދިނައިސް ހޭލާހުރުމާއި
ހުންއައުމުގެ ސަބަބުން މުޅި ހަށިގަނޑަށް އެކަމުގެ ވޭން
އިޙުސާސްވެއެވެ." މި ބަސްފުޅަށް އިތުރަށް ވިސްނާލަމާތޯއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް
ދިމާވާ ދަތިތަކާއި މުޞީބާތްތަކުގައި އަހަރެމެން
ބައިވެރިވާންޖެހޭނެއެވެ. ފަލަސްޠީނާއި،
ޢިރާޤް،
އަފްޣާނިސްތާން އަދި ކަޝްމީރު ފަދަ ޤައުމުތަކަކީ އަހަރެމެންގެ
ޤައުކަމުގައި ނުވިނަމަވެސް،
އެޤައުމުތަކުގައި ކަންތައްތައް ވަމުންދާގޮތާއި މެދު
ފިކުރުކޮށްލަންޖެހެއެވެ. މިފަދަ ބައެއް ޤައުމުތަކުގައި ސިޔާސީ އަދި
ދާޚިލީ މައްސަލަތައް ހުރިކަމުގައި ވީނަމަވެސް،
މުސްލިމުންގެ ހައިސިއްޔަތުން އެބައިމީހުންނާއި ތަފާތުކުރުމެއް
އޮވެގެން ނުވާނެއެވެ. އެބައިމީހުންގެ މެދުގައި މިފަދަ މައްސަލަތަކެއް
ހުރިކަމުގައި ވީނަމަވެސް އަހަރެމެން ދެކެންޖެހޭނީ،
އެޤައުމެއްގައިވާ ރައްޔިތުންނަކީ އަހަރެމެންގެ މުސްލިމް އަޚުންނާއި
އުޚުތުންކަމުގައެވެ. އަދި މުޅި އިސްލާމީ އުއްމަތާއި ދޭތެރޭގައިވެސް
ވިސްނަންޖެހޭނީ މިފަދައިންނެވެ. މިފަދައިން ނުވިސްނާމީހަކީ
އުއްމަތުގެ ތެރެއިންވާ މީހެއްނޫނެވެ.
عبد الله بن مسعود رضي الله عنهما
ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ
صلى الله عليه وسلم
ހަދީޘްފުޅުކުރެއްވިއެވެ.
«الْمَرْءُ
مَعَ مَنْ أَحَبَّ يَوْمَ الْقِيَامَةِ
». (رواه البخاري و الترمذي)
މާނައީ
: "ޤިޔާމަތްދުވަހުގައި މީހާ ވާހުށީ އޭނާ
(ދުނިޔޭގައި) ލޯބިވީ މީހަކާ އެކުގައެވެ."
ޤިޔާމަތްދުވަހު ތިބާވާހުށީ ތިބާ ލޯބިވީ ފަރާތަކާއިއެކުގައެވެ. ތިބާ
ލޯބިވީ މުސްލިމުންދެކެ ކަމުގައިވާނަމަ ތިބާ ވާހުށީ މުސްލިމުންނާއި
އެކީގައެވެ. އަދި ތިބާ ލޯބިވީ ކާފަރުންދެކެ ކަމުގައިވާނަމަ ތިބާ
ވާހުށީ ކާފަރުންނާއިއެކުގައެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ
ޙުކުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!
އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންތަކަކާއި އުޚުތުންތަކެއް ދަނީ
ކާފަރުން ދެކެ އިންތިހާއަށް ލޯބިވަމުންނެވެ. ފިލްމުސްޓާރުންނާއި އަދި
އެހެންވެސް މިފަދަ މީސްމީހުންގެގޮތްތަކާއި އަޅާ ހެދުންތައް ކޮޕީކޮށް
އެބައިމީހުންނާއި އެއްގޮތްވުމަށް މަސައްކަތްކުރަމުންނެވެ.
އެއިންމީހަކު އަހަރެމެންގެ ޤައުމަށް އަތުވެއްޖެކަމުގައިވާނަމަ މިކަން
ވަރަށް ބޮޑަށް ފާހަގަކުރެވޭނެއެވެ. އަދި ދުވާލުގެ ގިނަ
ވަގުތުތަކެއްގައި މިޚިޔާލީ ފަލްސަފާގެ ދުނިޔެއަށް ޣަރަޤްވެގެން
އިންނަކަމީ މިކަމުގެ މިސާލުތަކެވެ. މިގޮތަށް އެބައިމީހުންނާއި
އެއްގޮތްވުމުގެ ނުބައިކަމާއިބެހޭގޮތުން އައިސްފައިވާ ވަޢީދުގެ
ބަސްފުޅުތައް ނީވޭކަހަލައެވެ. އަދި އިވެން ބޭނުންވެސް ނުވާ
ކަހަލައެވެ.
އެންމެހައި ބެލެނިވެރިންނޭވެ! ދަރިންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ
އަހަރެމެންނާއި ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ހަމަ
އެހެންމެ ބޮޑު ނިޢުމަތެއްވެސް މެއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ
މީހަކީ މިމަސްޢޫލިއްޔަތާއިމެދު ޤިޔާމަތްދުވަހު ﷲ ސުބްޙާނަހޫ
ވަތަޢާލާގެ ދަރުބާރުގައި ސުވާލުކުރެވި،
އެކަމަށް ޖަވާބުދާރީ ވާންޖެހޭނެމީހެއްކަމާއިމެދު
ވިސްނާލެއްވީމުތޯއެވެ؟
އަހަރެމެންގެ ލޮބުވެތި ދަރިންތައް "ހެރީޕޮޓަރ" ފަދަ ޚިޔާލީ ފުލޯކުގެ
ދުނިޔެއަށް ވެއްދުވީ ފަހެ ކީއްވެ ހެއްޔެވެ؟
"ބޮލީވުޑް"
ގެ އިޝްޤީ ލޯބީގެ ދުނިޔެއަށް ދަރިންތައް ދޫކޮށްލި ދޫކޮށްލުމަކީ
މިދެއްވި ބޮޑު އަމާނާތައް ޚިޔާނާތްތެރިވުން ނޫންތޯއެވެ؟
ހިތާމައިގެ މައްޗަށް ހިތާމަހުއްޓެވެ! ގުރޭޑް ހަތަރެއް ފަހެއްގައި
އުޅޭ ކުޑަކުދިން ހިންދީބަހުން ވާހަކަ ދައްކައި ހަދާއިރު،
ޤުރުއާން ކިޔަވަން ނޭނގޭކަމީ ޢަޖައިބުވާ ވަރުގެ ކަމެއްނޫންތޯއެވެ؟
ދަރިން ތަރުބިއްޔަތުކުރުމުގައި އެކަލޭގެފާނުދެކެ ލޯބިވުމަށް
އަހަރެމެންގެ މާތް ނަބިއްޔާ ދެއްވި އިރުޝާދަށް އެއްވެސް ބެލުމެއް
ނެތެވެ. ދަރިންތައް ލޯބިކުރަމުން ދަނީ އެކާފަރުންގެ ހެދުން އެޅުމުގެ
ވައްޓަފާޅިއާއި އެބައިމީހުންގެ ދިރިއުޅުމެވެ. ދަރިން މިފަދަ މަގަކުން
ދިޔުމަށް ދޫކޮށްލުމަކީ އަހަރެމެންނަށްވެސް އަދި އެކުދިންނަށްވެސް
ދުނިޔެއާއި އާޚިރަތުގައި ހިތާމަ ލިބޭނޭކަމެކެވެ. ޤިޔާމަތްދުވަހު
އަހަރެމެންގެ ރަސޫލާއާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންނާއި
އެކުގައިވުމުގެ ޢަޒުމުގައި އެބޭކަލުންނަށް ލޯބިކޮށް،
އަހަރެމެންގެ ދަރިންނަށް އެބޭކަލުންދެކެ ލޯބިވުމަށް ދަސްކޮށްދިނުމަކީ
ކިހާ ބުއްދިވެރިކަމެއްތޯއެވެ. އެބޭކަލުންގެ ދިރިއުޅުއްވުމާއި
މަތިވެރި އަޚްލާޤުން ޢިބްރަތްލިބިގަތުމަކީ އަހަރެމެންނަށާއި
އަހަރެމެންގެ ދަރިންނަށް ފަލާޙާއި ކާމިޔާބު ލިބުމުގެ ދޮރެވެ.
ތިންވަނަ
ފިލާވަޅު : މުސްލިމަކު ހަލާކުގެ ތެރެއަށް ދޫކޮށްލުމުގެ ނުބައިކަން.
عبد الله بن عمر رضي الله عنهماގެ
ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ
صلى الله عليه وسلم
ޙަދީޘްފުޅު ކުރެއްވިއެވެ. "ކޮންމެ މުސްލިމަކީ
އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ،
އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ.
އަދި ދުޝްމިނުންނާ ޙަވާލެއްވެސް ނުކުރާނެއެވެ. އަދި އެމީހެއްގެ
އަޚާގެ ބޭނުންތައް ފުއްދާދިނުމުގައިވާ މީހާ ދަންނައެވެ. މާތްﷲ އޭނާގެ
ބޭނުންތައް ފުއްދައިދިނުމުގައި ވޮޑިގެންވެއެވެ. އަދި މުސްލިމެއްގެ
ކިބައިން ތަކުލީފެއް ދުރުކޮށްދީފި މީހާ ދަންނައެވެ. މާތްﷲ އޭނާގެ
ކިބައިން ޤިޔާމަތްދުވަހުގެ ތަކުލީފުތަކުގެ ތެރެއިން ތަކުލީފެއް
ދުރުކޮށް ދެއްވާނެއެވެ. އަދި މުއުމިނެއްގެ ޢައިބު ފޮރުވައިދީފި މީހާ
ދަންނައެވެ. މާތްﷲ އޭނާގެ ޢައިބު ޤިޔާމަތް ދުވަހުގައި
ފޮރުވައިދެއްވާނެއެވެ." (ބުޚާރީ)
މަތީގައި ބަޔާންވެދިޔަ ވާހަކައަށް އަހަރެމެން ވިސްނާލަމާ ހިނގާށެވެ.
ކަޅު ތިންގެރި ހީކޮށްގެންތިބީ،
އެމީހުންގެ ތެރެއިން ހުދުގެރި އެއްކިބާކޮށްލުމުން އެމީހުން
ސަލާމަތްވާނެކަމަށެވެ. ނަމަވެސް ކަންތައްވީ މުޅިން ދިމާ
އިދިކޮޅަށެވެ. މި ތިންގެރިއަށްވެސް އެންމެފަހުން ހުދުގެރިއަށް ޖެހުނު
މުޞީބާތް ޖެހުނީއެވެ.
ދެން
އަޅުގަނޑުމެންގެ ޙާލަތަށް ވިސްނަވާ ލައްވާށެވެ. ކާފަރުން
މުސްލިމުންގެ ބޮލުގައި ޓެރެރިޒަމްގެ ކުށްއަޅުވައި،
އެތައް މުސްލިމުންނެއްވަނީ އެބައިމީހުންގެ ޖަލުތަކުގައި
ހައްޔަރުކޮށްފައެވެ. އަހަރެމެންނަށް ހީވަނީ ހަމަ ކަޅުތިން ގެރިޔަށް
ހީވި ގޮތެވެ. އަހަރެމެންނަށް ހީވަނީ ކާފަރުން،
މުސްލިމުންގެ ތެރެއިން ޓެރަރިސްޓުންގެ ނަންދީގެން އުޅޭ މީހުން
ޖަލައްލައި ބަންދުކުރުމުން،
ކާފަރުން މުސްލިމުންނާއި ދެކޮޅަށް ފަށައިގެން އެއުޅޭ ހަނގުރާމަ
ހުއްޓާލައިފާނެކަމަށެވެ. މިއީ ހަމަ ކުށްހީއެކެވެ. ކާފަރުންގެ
ގޮތްތަކަށް އަހަރެމެން ބޯނުލަނބާހާ ހިނދަކު އެބީހުން ދެކޭނީ
އަހަރެމެންނަކީ އެމީހުންގެ ދުޝްމަނުން ކަމުގައެވެ. އަހަރެމެންގެ
އަޚުންތައް ކާފަރުންގެ އަތްމައްޗަށް ދޫކޮށްލައިފި ކަމުގައިވާނަމަ
އަހަރެމެންނަށްވެސް އާޚިރުގައި ޖެހޭނީ ހަމަ އެއް މުޞީބާތެކެވެ.
އެންމެހާ އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ސަލާމަތް
ބޭނުންކަމުގައިވާނަމަ މިގޮތަށް މިކަން ވުން ހުއްޓުވަން އެބަޖެހެއެވެ.
އަހަރެމެންގެ ތެރެއިން އެންމެ އަޚަކުވެސް ކާފަރުންގެ އަތްމައްޗަށް
ބީވެގެން ހިނގައްޖެ ކަމުގައިވާނަމަ،
ﷲ
ސުބްޙާނަހޫ ވަތަޢާލާގެ އެހީތެރިކަމާއި މަދަދު އަހަރެމެންނަށް
ނުލިބިދާނެތީ ބިރުވެތިވާން ޖެހެއެވެ. އެހެނީ ރަސޫލާ
صلى الله عليه وسلم
ޙަދީޘްފުޅުކުރައްވާފައި އެވަނީ "...އަދި
އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދާދިނުމުގައިވާމީހާ ދަންނައެވެ.
މާތްﷲ އޭނާގެ ބޭނުންތައް ފުއްދައިދިނުމުގައި ވޮޑިގެންވެއެވެ. އަދި
މުސްލިމެއްގެ ކިބައިން ތަކުލީފެއް ދުރުކޮށްދީފި މީހާ ދަންނައެވެ.
މާތްﷲ އޭނާގެ ކިބައިން ޤިޔާމަތްދުވަހުގެ ތަކުލީފުތަކުގެ ތެރެއިން
ތަކުލީފެއް ދުރުކޮށް ދެއްވާނެއެވެ..." އެހެންކަމުން މިއަދު
އަހަރެމެންގެ އަޚުންނަށް އެހީތެރިވެއްޖެ ކަމުގައިވާނަމަ¡
އަހަރެމެން އެންމެބޮޑަށް އެހީއާއި މަދަދަށް ބޭނުންޖެހޭ ޤިޔާމަތް
ދުވަހު ﷲ ގެ އެހީތެރިކަން އަހަރެމެންނަށް ލިބޭނެއެވެ.
އަހަރެމެންނަށް އެނގޭ ހަޤީޤަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެހީ އާއި
މަދަދުނެތި އަހަރެމެންނަށް ހުރިތަނުން ގުޑައިވެސް ނުލެވޭނެކަމެވެ.
އެކަލާނގެ އެހީ އާއި މަދަދު އަހަރެމެންނާއި އެއްކޮށްވުމަށް
ބޭނުންކަމުގައިވާނަމަ އަވަހަށް އަހަރެމެންގެ އަޚުންނަށް އެހީވާން
ވީއެވެ. އަޚަކު ކާފަރުންގެ އަތްމައްޗަށް ދޫކޮށްލައިގެން ކާފަރުންގެ
ރުހުން ހޯދުމަށް މަސައްކަތް ނުކުރާށެވެ. އިސްލާމީ މުޅި އުއްމަތް
ހަލާކުކޮށްލައިގެން މެނުވީ ޝައިތާނާ ހިތްހަމައެއް ނުޖެހޭނެއެވެ.
އަހަރެމެން އޭނާ ހިތް ހަމަޖެއްސުމަށް ކިތަންމެ ކަމެއް ކުރިކަމުގައި
ވީނަމަވެސް އެއީ ކާމިޔާބުވާނެ ކަމެއްނޫނެވެ. އެހެނީ އޭނާއަކީ
آدم عليه السلام
އާއި ހިސާބުން ފެށިގެން ޤިޔާމަތާ ހަމައަށް އަހަރެމެންގެ
ދުޝްމަނެކެވެ. ހަމައެހެންމެ އެންމެހާ އިންސީންގެވެސް ދުޝްމަނެކެވެ.
މިއަދު
އަހަރެމެންގެ ތެރެއިން ބޭނުންޖެހިފައިވާ މުސްލިމަކަށް އަޅައިނުލައި
ދޫކޮށްލައިފިކަމުގައިވާނަމަ،
ޤިޔާމަތް ދުވަހު ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން ދޫކޮށްލައިފާނެތީ
ބިރުވެތިވާންޖެހެއެވެ.
والله المستعان وعليه التكلان، وصلّى الله وسلّم وبارك على عبده
ورسوله نبيّنا محمد وعلى آله وأصحابه أجمعين، والحمد لله ربّ
العالمين
-ނިމުނީ-
______________________________________________________
ނޯޓް:
މިލިޔުމަކީ ޝެއިޚް އަންވަރުލް ޢަވްލާކީ ދެއްވާފައިވާ ޚުޠުބާއެއް
އަސްލަކަށް ބަލައިގެން،
ލިޔެވިފައިވާ ލިޔުމެކެވެ.
|