"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

أَبو بكر رضي اللّه عنه ވެރިކަމަށް އިސްކުރެއްވުމުން ދެއްވެވި ޚުޠުބާ.

ތަރުޖަމާ: آدم نشان المالديفي

 ރަސޫލު ﷲ صلى الله عليه وسلم އަވަހާރަވެވަޑައި ގަތުމުން، أَبو بكر رضي اللّه عنه، މުސްލިމުންގެ ޚަލީފާއެއްކަމުގައި ކަނޑައަޅުއްވައި އެކަލޭގެފާނަށް ބައެޢަތު ހިއްޕެވުމުން، އެކަލޭގެފާނު ކީރިތި ނަބިއްޔާ محمد صلى الله عليه وسلمގެ މިސްކިތްކޮޅުގައި އެންމެހައި މީސްތަކުންނާއި މުޚާޠަބުކުރައްވައި އެންމެ ފުރަތަމަވެސް ދެއްވެވީ ޚުޠުބާއެކެވެ. ﷲ ތަޢާލާއަށް ޙަމްދު ޘަނާ ކިޔުއްވުމަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.

أما بعد:  (އެއަށްފަހު ބުނަމެވެ.)

أَيُّها الناسُ فَإِني قد وُلِّيتُ عليكم ولست بخيركم فإِنْ أَحْسَنْتُ فَأَعِينُونِي وإِنْ أَسَأْتُ فَقَوِّمُوني.

އެންމެހައި މީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިއެއް ކަމުގައި ތިމަންކަލޭގެފާނު އިސްކުރެވިއްޖެއެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ހެޔޮ، ރަނގަޅު މީހާއެއް ނޫނެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ރަނގަޅަށް ހެޔޮކޮށް ކަންތައް ކޮށްފިނަމަ، ތިމަންކަލޭގެފާނަށް ވާޤިވެރިވެ އެހީތެރިވެދޭށެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނުބައިކޮށް ނުވަތަ ގޯސްކޮށް ކަންތައް ކޮށްފިނަމަ. ތިޔަބައިމީހުން ތިމަންކަލޭގެފާނު ސީދާ ކުރާ ހުށިކަމެވެ.

الصِدْقُ أمانةٌ والكَذِبُ خِيَانَةٌ . والضعيفُ فيكم قويٌّ عندي حتى أرجعَ إليه حقَّه إن شاء اللّه، والقويّ فيكم ضعيفٌ عندي حتى آخذَ الحقَّ منه إن شاء اللّه.

ތެދުވެރިކަމަކީ އަމާނާތެކެވެ. އަދި ދޮގުވެރިކަމަކީ ޚިޔާނާތެކެވެ. ފަހެ ﷲގެ އިރާދަފުޅާއިއެކު ތިޔަބައިމީހުންގެ ތެރެއިންވާ ބަލިކަށި މީހުންނަކީ (އެބަހީ އަނިޔާލިބި ނުވަތަ ޙައްޤުތަކުން މަޙްރޫމްވެފައިވާ ނުވަތަ ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނަކީ) އެމީހުންނަށް ލިބެންޖެހޭ ޙައްޤު އަނބުރާ ލިބިއްޖެއުމަށްދާންދެން ތިމަންކަލޭގެފާނުގެ އަރިހުގައި ގަދަފަދަ ބައެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިންވާ ގަދަފަދަ މީހުންނަކީ (އެބަހީ މުއްސަނދިން ނުވަތަ ގަދަ ބާރުން ތަކެތި ހޯދާފައިވާ މީހުންނަކީ)، އެމީހުންގެ އަތުން ނަގަންޖެހޭ ޙައްޤު އަތުލެވިއްޖެއުމަށް ދާންދެން ތިމަންކަލޭގެފާނުގެ އަރިހުގައި ބަލިކަށި ބައެކެވެ.

لا يَدَعُ قومٌ الجِهادَ في سبيل اللّه إلا خَذَلَهم اللَّهُ بالذُلِّ ولا تَشِيعُ الفاحشةُ في قومٍ إِلا عَمَّهم اللَّهُ بِالبلاءِ.

ފަހެ ބަޔަކު މީހުން ﷲގެ މަގުގައި ޖިހާދުކުރުމުން އެއްކިބާވެގަންނަ ކަމުގައި މެނުވީ ނުވެއެވެ. އެހިނދު ﷲ ތަޢާލާ އެބަޔަކަށް ނަޞްރު ނުދެއްވާ ނިކަމެތި ކުރައްވައެވެ. އަދި ބައެއްގެ ތެރޭގައި ފާޙިޝްކަންތައްތައް ފާޅުވެ ފެތުރިގެން ދާކަމުގައި މެނުވީ ނުވެއެވެ. އެހިނދު ﷲ ތަޢާލާ އެބައިމީހުންގެ ތެރެއަށް މުޞީބާތްތަކާއި ބަލާތައް ޢާއްމު ކުރައްވަތެވެ.

أَطِيعُوني ما أَطَعْتُ اللَّهَ ورسولَه فإِذا عَصَيْت اللَّهَ ورسولَه فلا طاعةَ لي عليكم.

ފަހެ ތިމަންކަލޭގެފާނު ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިވި ކަމެއްގައި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކުރާ ހުށިކަމެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނު، ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ ނަމަ (އެބަހީ ކިޔަމަންތެރި ނުވެއްޖެނަމަ)، ދެން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނަށް ކިޔަމަންތެރިވުމެއް ނެތެވެ.

قُومُوا إلى صلاتكم يَرْحَمْكُمُ اللّه.

(ދެން) ތިޔަބައިމީހުން ނަމާދަށް ތެދުވާ ހުރިކަމެވެ. (އަދި) ﷲ ތަޢާލާ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވަވާށިއެވެ.

(سيرة ابن هشام : 4/240، عيون الأخبار لابن قتيبة : 2/ 234.)

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)