|
އުފާވެރި،
ހިތްހަމަޖެހޭ،
ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް؟
ލިޔުނީ: އަޙްމަދު ރިމާޒު

الحمد لله ربّ العالمين، ولِيُّ الصالحين، ولا عدوان إلا عل الظالمين.
والصلاة والسلام على إمام المتقين، وقدوة الناس أجمعين، وعلى آله
وصحبه والتابعين. أما بعد:
ހަމަ
ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން،
އޮމާން،
ބާއްޖަވެރި ޙسަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް
ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ.
އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް
ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި،
ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ. އެއްބަޔަކު ދެކޭގޮތުގައި
ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ.
އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން
ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި
އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.
ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ
ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ
މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި
މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި
ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު
އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ.
އެއިމްތިޙާނުން ފާސްވުމަށްޓަކައި، މުދާ ހޭދަކުރާންވީ ކިހިނެއްކަން
އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި،
ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުޙާނަހޫ
ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ، އެކަން
ވާހުށީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި
ވެއެވެ.
" فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا
يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا
وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ "
(التوبة: 55)
"ފަހެ
އެބައިމީހުންގެ މުދައުތަކާއި ދަރީންތައް، ކަލޭގެފާނު
ޢަޖައިބުކުރުވިޔަ ނުދޭ ހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ
އިރާދަކުރައްވަނީ ދުނިޔޭގެ ދިރިއުޅުމުގައި އެތަކެތީން
އެބައިމީހުންނަށް ޢަޛާބު ދެއްވުމަށެވެ. އަދި އެއުރެން
ކާފިރުންކަމުގައި ވާޙާލު އެއުރެންގެ ފުރާނަ ދިޔުމަށެވެ."
ޝާނާއި
ޝައުކަތުހުރި ބޮޑު ވެރިކަމަކުން މީހަކަށް ބާއްޖަވެރިކަމެއް ލިބޭނެ
ނަމަ ފިރްޢައުނަށް ލިބުނީހެވެ. ނަމަވެސް ފިރްޢައުނުގެ ވެރިކަމަކީ
އީމާންކަމުގެ ނޫރުން އަލިވެފައިވާ ވެރިކަމެއް ނޫނެވެ. ބޮޑާކަމާއި
ކިބުރުވެރިކަމުގެ މަތީގައި ބިންގާ އެޅިފައިވާ، އެއްކައުވަންތަ ﷲ އަށް
ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެފައިވާ، އަދި
އަނިޔާވެރިކަން ޙައްދުފަހަނައަޅާފައިވާ ވެރިކަމެކެވެ. އޭނާ ﷲ
ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވެރިކަމަށް ބޮޑާވެ،
ކިބުރުވެރިވެގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
"وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي
مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِنْ تَحْتِي أَفَلاَ
تُبْصِرُونَ "
(الزخرف: 51)
"އަދި
ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ
ބުންޏެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަމާއި
އަހަރެންގެ ދަށުން ހިނގަ ހިނގާ މިހިރަ ކޯރުތަކުގެ މިލްކުވެރިކަން
ލިބިގެންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ. ފަހެ ތިޔަބައިމީހުންނަށް
ނުފެންނަނީ ހެއްޔެވެ؟"
މިފަދަ
ގޮތަކަށް ފިރުޢައުނު އޭނާއަށް ﷲ ދެއްވި މުދަލާއި ވެރިކަމަށް
ކިބުރުވެރިވެ ބޮޑާވެ އެންމެ ފަހުން ޙައްދު ފަހަނައަޅައި ގޮސް އޭނާ
އަކީ އިލާހުކަމަށް ދަޢުވާކުރިއެވެ.
"مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي"
(القصص: 38)
"އަހަރެން
ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް، އަހަރެންނަށް
އެނގިފައެއް ނުވެއެވެ."
އާދެ
ފިރުޢައުނުގެ މިކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އޭނާގެ
އެވެރިކަމުން، ބާއްޖަވެރިކަމާއި އުފާވެރިކަމެއް ނުލިބުނެވެ. އޭގެ
ބަދަލުގައި އޭނާއަށް ކުރިމަތިލާންޖެހުނީ ﷲ ސުބުހާނަހޫ ވަތައާލާގެ
ކޯފާއާއި ލަޢުނަތާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި
ވަޙީ ކުރައްވާފައިވެއެވެ.
"فَأَخَذَهُ اللَّهُ نَكَالَ الأَخِرَةِ وَالأُولَى"
(النّازعات: 25)
"ދެން
ދުނިޔެއާއި އާޚިރަތުގެ ޢުޤޫބާތެއްގެ ގޮތުން މާތްﷲ އޭނާ
ހިއްޕެވިއެވެ."
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިރްޢައުނާއި އޭނާގެ އަޢުވާނުންނާ
ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ.
"النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ
تَقُومُ السَّاعَةُ أَدْخِلُوا ءَالَ فِرْعَوْنَ أَشَدَّ الْعَذَابِ"
(غافر: 46)
"އެއުރެން
ހެނދުނާއި ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް)
ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތުގެ ވަޤުތު އަންނަ ދުވަހު
(މަލާއިކަތުންނަށް އަންގަވާނެތެވެ.) ފިރްޢައުނުގެ މީހުން އެންމެ
ގަދަފަދަ ވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދާށެވެ."
ބާއްޖަވެރިކަމަކީ ގިނަމުދަލާއި ފައިސާއިން ލިބޭނެ އެއްޗެއްނަމަ
ޤާރޫނަށްވެސް އެބާއްޖަވެރިކަން ލިބުނީހެވެ. އޭނާއަށް ﷲ ދެއްވި
މުދަލަކީ އެއްގޮތަކަށްވެސް އޭނާއަށް ލިބިފައިވާ ޢިލްމަކާ ހުނަރަކުން
ނުވަތަ ވިސްނުންތޫނުކަމާއި ބުރަމަސައްކަތުން ލިބުނު އެއްޗެއްނޫނެވެ.
އެއީ މާތް ﷲ އޭނާއަށް އެއިލާހުގެ ފަޟްލުވަންތަވެރިކަމުން ދެއްވި
ތަނަވަސްކަމެކެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ދެއްވި
ނިޢުމަތްތަކަށް އޭނާ ބޮޑާވެ ކުފުރުވެރިވެގަތެވެ. ދުނިޔޭގެ ދަޅަތަކަށް
ހެއްލިގެންވާ ޙާލު އޭނާ އުފާކޮށް މަޖާކުރަމުން ދިޔައެވެ.
މީސްތަކުންގެ ޙައްޤުތައް އަދާކުރުމުން އެއްކިބާވެގަތެވެ. އަދި
ބިންމަތި ފަސާދަކޮށް އަނިޔާވެރިކަން ޢާއްމުކުރިއެވެ. ފާޅުވެގެންވާ
މަގުފުރެދުމަކުން މަގުފުރެދި ގަތެވެ. މި މަގުފުރެދުމުގެ
ޖަޒާއަކަށްވީ:
"فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ"
(القصص: 81)
"ފަހެ
ތިމަން ﷲ އޭނާއާއި އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި ބިންގަނޑު
ގަންބަވައިގަތީމެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފިރްޢައުނަށާއި ޤާރޫނަށް
އެމީހުންގެ ވެރިކަމުން އަދި މުއްސަދިކަމުން ބާއްޖަވެރިކަމެއް
ނުލިބުނެވެ. އޭގެ ބަދަލުގައި އެކަންތައްތައް ވެގެންދިޔައީ
އެމީހުންނަށް ޢަޛާބާއި ހަލާކު ޙައްޤުވުމަށް މެދުވެރިވި ސަބަބަކަށެވެ.
އަޅުގަނޑުމެން މިއަދު މިވަނީ ޙަޤީޤީ ބާއްޖަވެރިކަން ލިބޭނެ މަގު
ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެ
އެއިލާހަށް ފުރިހަމަގޮތުގައި ކިޔަމަން ތެރިވުމުން އެއްކިބާވެފައެވެ.
އަޅުގަނޑުމެން މިވަނީ ދުނިޔޭގެ މިކެހިވެރި ދިރިއުޅުމުގެ ބަދަލުގައި
އާޚިރަތް ވިއްކާލާފައެވެ. އަޅުގަނޑުމެން ދުނިޔޭގެ ކަންތައްތަކާއި
މަޝްޣޫލުވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް
ކުއްތަންވެލާނެ ވަޤުތެއް ނުވެއެވެ. މިސްކިތްތައް އާބާދު ކޮށްލާނެ
ފުރުޞަތެއް ނެތެވެ. ކީރިތި ޤުރުއާން ކިޔަވާލާނެ ވަޤުތެއް ނެތެވެ.
އަނބިދަރިންނާ އެކީ ހޭދަކޮށްލާނެ ވަޤުތެއް ނުވެއެވެ. އެފަދަ މީހުން
ކިތައްމެ ހިތްހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭހެން އަޅުގަނޑުމެންނަށް
ތަޞައްވަރު ވީކަމުގައި ވިޔަސް ﷲ ގަންދީ ބުނަމެވެ. އެއިން ގެއެއްގެ
ތެރޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުވެއެވެ. އަނބިމީހާއާއި
ފިރިމީހާ އާއި ދެމެދު ލޯބިވެރިކަމާއި ކުލުނާއި ހިތްހަމަޖެހުމެއް
ނެތެވެ. މައިންބަފައިންނާއި ދަރިންނާއި ދެމެދު އެއްވެސް އަޅާލުމާއި
އޯގާތެރިކަމެއް ނެތެވެ. އަރާމުގައި ހިތްހަމަޖެހިގެން
ނިދައިނުލެވެއެވެ. ނިދާލަން ވެސް މިޖެހެނީ ބޭސްގުޅައެއް
ކާލައިގެންނެވެ. ކުއްޖަކަށް ދިމާވި ޙާދިޘާއެކެވެ.
ވިޔަފާރިއާއިގެން ހޭބޯނާރާ މަސައްކަތްކުރަމުން ދިޔަ ބައްޕައެއްގެ
ދަރިއެކެވެ. އެއްދުވަހަކު މިބައްޕަ ގެއަށް އައިސް ގޭގައި ވެސް
މަސައްކަތާއިގެން މަޝްޣޫލުވެ އުޅެނިކޮށް ދަރިފުޅު އައިސް
ބައްޕަކައިރިން އެއްޗެއް އަހާލެވިދާނެތޯ އެހިއެވެ. ބައްޕަ ބުންޏެވެ.
"އަހަރެން މިހުރީ ބުރަ މަސައްކަތެއްގައިކަން ކަލެއަކަށް
ނޭނގޭހެއްޔެވެ؟ އަހަރެން މިހިރަ ބިލްތައް ޗެކްކުރަން އެބަޖެހެއެވެ.
އެހެރަ ޗެކްތަކުގައި ސޮއިކުރަން އެބަޖެހެއެވެ. އަދިވެސް ބައިވަރު
މަސައްކަތްތައް ކުރަން އެބެޖެހެއެވެ. އަވަހަށް ބުނާށެވެ!" ދަރިފުޅު
ބުންޏެވެ. "ބައްޕަގެ ތިޔަ ވިޔަފާރިން ގަޑިއަކަށް ލިބެނީ ކިހާ
ފައިސާއެއް ހެއްޔެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރަން ކަލޭ
ބަލާކަމެއް ހެއްޔެވެ؟
ކަލެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމައަށް ވާނީ ހޯދާދީފައެވެ.
އަހަރެންނަށް ލިބެނީ ގަޑިއަކަށް ވިހި ޑޮލަރެވެ. ދެން އުނދަގޫ ނުކޮށް
މިތަނުން އަވަހަށް ދާން އުޅޭށެވެ." ދަރިފުޅު ބުންޏެވެ. "އަދި އިތުރު
އެއް ސުވާލު ކޮށްލަން އަހަރެން ބޭނުމެވެ. ބައްޕާއެވެ! އަހަރެންނަށް
ދިހަ ދޮލަރު ދެވިދާނެތޯއެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރާ ދިހަ
ޑޮލަރެއް ހެއްޔެވެ؟
މި ދިޔަ ހަފްތާގަ ކަލެއަށް ދިހަ ޑޮލަރު ދިނީމު ނޫންހެއްޔެވެ؟ ދެން
އުނދަގޫ ނުކޮށް މިތަނުން ދާން އުޅޭށެވެ."
އެދަރިފުޅު ބައްޕަގެ ހަރުކަށި ބަހުރުވައިގެ ސަބަބުން ދެރަވެ،
އެންމެފަހުން ނިދަން އޮށޯތެވެ. ބައްޕަ އޭނާގެ މަސައްކަތް
ނިންމާލުމަށްފަހު ހަމަޖެހިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން
އޭނާއާއި އޭނަގެ ދަރިފުޅާ ދެމެދު ހިނގި ހޫނު ވާހަކަތައް
ޚިޔާލުތަކެއްގެ ސިފައިގާ އޭނާގެ ލޮލުގެ ކުރިމަތީގައި ތަމްސީލްވަމުން
ދިޔައެވެ. އޭނާގެ ނިންޖަށް ހުރަސްއަޅަމުންނެވެ. ދަރިފުޅާއި ދެމެދު
ހިނގި ކަންތަކާއި ފުންކޮށް އޭނާ ވިސްނާލިއެވެ. ދަރިފުޅާއި މެދު
ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިޙްސާސްކުރެވި ދަރިފުޅުގެ
ކިބައިން މަޢާފަށް އެދުމުގެ ޝުޢޫރު އޭނާގެ ހިތުގެ ތެރޭގައި
އުތުރިގަތެވެ. އިރުކޮޅަކުން އެދާންމަތި ދޫކޮށްފައި ދަރިފުޅާ ދިމާއަށް
މިޞްރާބުޖެހިއެވެ.
ބައްޕަ
ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ. ދަރިފުޅު ބޭނުމީ
ދިހަ ޑޮލަރު ނޫންހެއްޔެވެ؟ މި އޮތީ ދިހަ ޑޮލަރެވެ. ހިފާށެވެ."
ބައްޕަ
ދިހަ ޑޮލަރު ދިނުމުން ދަރިފުޅު އެދިހަޑޮލަރު ބާލިސް ދަށަށްލައި
ރައްކާކުރިއެވެ. އެދިހަ ޑޮލަރު ލާން ބާލީސް ހިއްލާލި ވަޤުތު އޭގެ
ދަށުގައި އިތުރު ދިހަ ޑޮލަރު އޮއްވާ ބައްޕައަށް ފެނުނެވެ.
ބައްޕަ
ބުންޏެވެ. "ދަރިފުޅު އަތުގައި މިހާރުވެސް ދިހަ ޑޮލަރު އެބައޮތް
ނޫންހެއްޔެވެ؟ ދެން އަނެއްކާ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟"
ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ! އަހަރެން މި ފާއިތުވެދިޔަ
ދުވަސްތަކުގައި މިއަންނަނީ ފައިސާ އެއްކުރަމުންނެވެ. މިހާރު
އަހަރެންގެ އަތުގައި ވިހި ޑޮލަރު އެއްކޮށްފީމެވެ. އަހަރެން ބޭނުމީ މި
ވިހި ޑޮލަރު ބައްޕައަށް ދީފައި ބައްޕަގެ އަތުން މާދަމާ އެއްގަޑިއިރު
ގަންނާށެވެ. ބައްޕަގެ ބުރަ މަސައްކަތާ ހެދި ބައްޕަޔާ އެކީ
ހޭދަކޮށްލާނެ ވަޤުތުކޮޅެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ފަސް
މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. ބައްޕަގެ ހުރިހާ ވަޤުތެއް ތިޔަ
ހޭދަކޮށްލަނީ ވިޔަފާރީގައެވެ. ބައްޕަވަނީ މަންމައަށްވެސް އަޅާނުލެވި
މަންމަވެސް ދޫކޮށްލާފައެވެ. ތިޔަ ވިޔަފާރީގެ ސަބަބުން އަހަރެން
މިވަނީ މަންމަގެ ލޯބިން މަހުރޫމުވެފައެވެ. ބައްޕަ ތިޔަވަނީ ﷲ އަށް
އަދާކުރަންޖެހޭ އަޅުކަންތައްވެސް ދޫކޮށްލާފައެވެ. ޢާއިލާގެ
އެތައްބަޔަކާ ގުޅުން ކަނޑާފައެވެ. މި އޮތީ ވިހި ޑޮލަރެވެ.
އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށްޓަކައި ބައްޕަގެ ވަޤުތުން
މާދަމާ އެއްގަޑިއިރު ހުސްކޮށްދެވިދާނޭ ހެއްޔެވެ؟"
އެވަޤުތު މި ބައްޕައަށް ކުރާނޭ އަސަރު ތިބާ އިޙްސާސްކޮށްލާށެވެ.
މިއަދު ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟ ތިބާގެ އަތުން ފައިސާދީފައި
މިގޮތަށް ވަޤުތު ގަންނަންޖެހިފައި ތިބި ކިތައްމީހުން އެބަތިބި
ހެއްޔެވެ؟ ތިބާ އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ބަރާބަރަށް
އަދާކުރަމު ހެއްޔެވެ؟ އަނބިންނާއި ދަރީންނަށް ލޯބި ދެމު ހެއްޔެވެ؟
އެމީހުންނާއިއެކު ވަޤުތު ހޭދަކުރަން ހެއްޔެވެ؟ ބާއްޖަވެރި އުފާވެރި
ޙަޔާތެއްގެ ތަޅުދަނޑިއަކީ ލޯބިވެތިކަމުން ފުރިފައިވާ ޢާއިލާއެއް
ނޫންހެއްޔެވެ؟ އެފަދަ ލޯބިވެތިކަމެއް ޢާއިލާގައި ޤާއިމްކުރެވޭނެ
ހަމައެކަނި ގޮތަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް
ތަބާވުން ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟ މިއީ ތިބާގެ ޙަޔާތުގެ
ބަދަލުކުރުމުގެ ވަޤުތެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަތީގައިވާ އެވާ ކުރުކުރު
ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. މިއީ
އަޅުގަނޑުމެންގެ ނަޒަރުގައި ފައިސާގެ ގިނަކަމާއިހުރެ
ބާއްޖަވެރިކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތެވެ. މިފަދަ
އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ.
ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ
ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ
މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ
ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.
އެހެންވީމާ ދެން އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟
ބާއްޖަވެރިކަން ލިބެނީ ކޮންބަޔަކަށްތޯއެވެ؟ މިސުވާލުގެ ޖަވާބު ކީރިތި
ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންނަނިވި އާޔަތުގައި ވަނީ
ބަޔާންކުރައްވާފައެވެ.
ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު
ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު
ދެއްވާ ނިޢުމަތެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި
ވަހީކުރައްވާފައި ވެއެވެ.
"مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ
فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً"
(النّحل: 97)
"މުއުމިނެއް
ކަމުގައިވާޙާލު, ފިރިހެނުންގެ ތެރެއިިން ވިޔަސް ނުވަތަ އަންހެނުންގެ
ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ
ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ
ދެއްވަވާހުށީމެވެ."
ﷲ
ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހުގެ ކިޔަމަންތެރި އަޅުންނަށް
އަމާން އޮމާން ރަނގަޅު ޙަޔާތެއް ދެއްވާނެކަމަށް
ވަޢުދުވެވޮޑިގެންފައެވެ. އެއިލާހުގެ ވަޢުދަކީ އެއާ ޚިލާފުވުމެއްނެތް
ހަމަކަށަވަރުންވެސް ތެދު ވަޢުދެކެވެ. އެކަމުގެ މިސާލުތައް
އަހަރެމެންނަށް ފެންނަން އެބަހުއްޓެވެ.
ﷲ
ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޔޫސުފު ޢަލައިހިއްސަލާމް އެތައް
އަހަރުތަކެއް ވަންދެން ޖަލުގައި އުޅުއްވި އިރުވެސް އުޅުއްވީ އިލާހީ
ޙަޟްރަތުން ދެއްވި ހިތްހަމަޖެހުން މަތީގައެވެ. އެއްގޮތަކަށްވެސް
ދިރިއުޅުން މަތިން ފޫހިވެ މާޔޫސްވެ ނުލައްވައެވެ. ޖަލުގައިވެސް ﷲ ގެ
ދީނަށް ގޮވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން
ދިރިއުޅުއްވީ އެބޭކަލުންނަށް މާއްދީ ގޮތުން ދިމާވި ދަތިތަކާއި
އެކުވެސް ހިތްހަމަޖެހިގެންވާ ދިރިއުޅުމެކެވެ. މިއުއްމަތުގެ ބޮޑު
ދަންނަބޭކަލެއް ކަމުގައިވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ
ރަޙިމަހުﷲ އެކަލޭގެފާނު ކަސްތޮޅު އަޅުވައި ކުޑަގޮޅިއަށް ލައި
ބަންދުކުރި ހިނދު ވިދާޅުވީ ކީކޭތޯއެވެ؟ "މިބައިމީހުން އަހަރެން
ކުޑަގޮޅިއަކަށް ލައި ބަންދުކުރުމުން އެމީހުންނަށް އަހަރެންނަށް
އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ (މުރާދަކީ އެއްވެސް ހިތްދަތިކަމެއް
ނުކުރެވެއެވެ.) އަހަރެންގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ވަނީ
އަހަރެންގެ ހިތުގައެވެ. އެބައިމީހުންނަށް އަހަރެންނާއި އަހަރެންގެ
ހިތަކާ ވަތްކެއް ނުކުރެވޭނެއެވެ."
ޙަޤީޤީ ބާއްޖަވެރިކަމަކީ މިއީއެވެ. ދަތި އުނދަގޫ ތަކާ އެކުވެސް
އެބައިމީހުން ވަނީ އިލާހީ ހިތްހަމަޖެހުމުން އުފާވެރިކަން
ޙާޞިލުކޮށްފައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ބާއްޖަވެރިކަން މި ހިތް
ހަމަޖެހުން މި
އުފާވެރިކަން މި
ފޮނިކަން މި ލައްޒަތު، ﷲ އަށް ސަޖިދައެއް ޖަހާލާނެ ފުރުޞަތެއް
ނުލިބޭ، ޤުރުއާން ކިޔަވާލާނެ ފުރުޞަތެއް ނުލިބޭ ބަޔަކަށް ލިބޭނެ
ހެއްޔެވެ؟
އެބައިމީހުންގެ މުއްސަދިކަމަކުން މިފަދަ ރޫޙާނީ އަރާމެއް
ނުލިބޭނެއެވެ. އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި
މިމިސްކިތްތަކާއި މިޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި
މެދު މިދީނާއި މިޤުރުއާނާއި މިމިސްކިތްތައް ރޯނެ ނަމަ
އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެކަން ކަށަވަރެވެ.
އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމެއް ނެތި އަދި ހެޔޮލަފާ
ޞާލިޙް ޢަމަލުތައް ކުރުމެއް ނެތި ގަނޑުވަރުތަކުގައި އަރާމާއި
އުފަލުގެ ވަޤުތީ ދާންމަތި ތަކުގައި މިދުނިޔޭގެ ކުރު ދުވަސްތައް
ބޭކާރު ކުރިޔަސް އަދި އެއުޅެވެނީ ބާއްޖަވެރި ދިރިއުޅުމެއް ނޫނެވެ.
އީމާންކަމާއި ހެޔޮލަފާ ޢަމަލުކުރުން ނެތި ކިތަންމެ ގިނަ މުދަލާއި
ފައިސާތަކެއް އެއްކޮށް އެއިން އަގުބޮޑެތި ތަކެތި ގަނެ އަގުބޮޑު
ޚިދުމަތްތައް ބޭނުންކުރި ކަމުގައިވިޔަސް ބާއްޖަވެރި ދިރިއުޅުމެއް
ނުލިބޭނެއެވެ. އެފަދަ މީހުންނަށް ވަނީ މާތްﷲ ޤުރުއާނުގައި
ބަޔާންކުރައްވާފައިވާ ފަދައިން ދަތި އުނދަގޫ ދިރިއުޅުމެކެވެ. މާތް ﷲ
ވަޙީކުރައްވާފައި ވެއެވެ.
"فَإِنَّ لَهُ مَعِيشَةً ضَنْكًا"
(طه: 124)
"ފަހެ
ހަމަ ކަށަވަރުން އެމީހަކަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ."
ބާއްޖަވެރިކަމާއި އުފާ ފާގަތިކަމަށް ފެންބޮވައިގެންވާ
މީސްތަކުންނޭވެ! އަޅުގަނޑުމެން ބާއްޖަވެރި އުފާފާގަތި އަމާން،
އޮމާން ހިތްހަމަޖެހޭ ހަޔާތެއް ބޭނުންކަމަށް ވާނަމަ، ﷲގެ ގެކޮޅުތައް
އާބާދުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ޤުރުއާން ކިޔެވުމުން
ހިތްހަމަޖެހުން ހޯދަންވީއެވެ. ދުނިޔެއާއި އާޚިރަތުގައި
ބާއްޖަވެރިވާނެ މަގު ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ތަބާވުމުން
ހިތްހަމަޖެހުން ހޯދަންވީއެވެ. ހެޔޮލަފާ ޞާލިޙު ޢަމަލު ކޮށްގެން
ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ
ޛިކްރުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ
ވަޙީކުރައްވާފައިވެއެވެ.
"أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ" (الرّعد: 28)
"ފަހެ
ދަންނާށެވެ. ހަމަކަށަވަރުން ހިތްތަކަށް ހަމަޖެހުންވަނީ، ﷲ އަށް
ޛިކުރު ކުރުމުންނެވެ."
-ނިމުނީ- |