|
ކުރީގެ
ޢަރަބީން...
ލިޔުނީ: އަބޫ
ޙަނީން

ޖޯގުރަފީގެ ޢިލްމު (ކާއިނާތުގެ ޤުދުރަތީ ސިފަތަކާ ބެހޭގޮތުން ކިޔަވާ
ޢިލްމު) ގައި ޖަޒީރާއަކީ ވަށައިގެން ކަނޑު،
މޫދު ނުވަތަ ފެން އޮންނަ ބިން ގަނޑެކެވެ. އެ ޤައުމެއްގެ ހަތަރު
ފަރާތުން (އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުންނާއި އުތުރު
ފަރާތުން އަދި ދެކުނު ފަރާތުން) ކަނޑު ނުވަތަ މޫދު
ނެތްކަމުގައިވިޔަސް އެ ޤައުމެއްގެ ތިން ފަރާތުން ކަނޑު ނުވަތަ މޫދު
އޮންނަ ޤައުމުތަކަށްވެސް ޖޯގުރަފީގެ ޢިލްމުގައި ޖަޒީރާ ކިޔައެވެ.
ޢަރަބި
ޖަޒީރާއޭ ކިޔަނީ ދުނިޔޭގެ އޭޝިޔާ ބައްރުގެ އިރު އުތުރުގައި
ރަތްކަނޑުގެ އިރުގައި،
ގަލްފް ޤައުމުތަކުގެ ހުޅަނގުގައި،
ޝާމްކަރައާއި ޢިރާޤުގެ ދެކުނުގައި ޢަރަބިކަނޑުގެ އުތުރުގައި އޮންނަ
ބިމަށެވެ. ޢަރަބިންނޭ ކިޔަނީ މި ޤައުމުތަކުގެ ދިރިއުޅޭތާ ވަރަށް ގިނަ
ދުވަސް ވެފައިވާ،
އަދި އެބައިމީހުންގެ މާދަރީ ބަހަކީ ޢަރަބިބަސް ކަމުގައިވާ
މީހުންނަށެވެ. (ނޯޓް: ޝާމްކަރައަކީ މިހާރުގެ ލުބްނާނާއި ސޫރިޔާއާއި
ޢުރުދުންއާއި ފަލަސްޠީނެވެ.)
އިސްލާމްދީން އައުމުގެ ކުރީގައި ޢަރަބީންގެ ޙާލަތަށް ބަލާލާއިރު
ސިޔާސީ ގޮތުން ޢަރަބީންނަކީ ދައުލަތެއް ނޫނެވެ. ޢަރަބީންގެ ތެރޭގައި
ދައުލަތެއް ޤާއިމްވެފައި ނުވިކަމުގައި ވިޔަސް ރޫމީންނާއި ފާރިސީންގެ
ތެރޭގައި ވަރުގަދަ ވެރިކަމުގެ ސިލްސިލާއެއް ގެތެމުން ދިޔައެވެ.
ޢަރަބީންގެ މުޖްތަމަޢު ބިނާވެފައި އޮތީ ވަކި ވަކި އެތައް ހާސް
ޤަބީލާތަކެއްގެ މައްޗަށެވެ. އެއްބަޔަކު އަނެއް ބަޔަކަށްވުރެ
ބާރުގަދަކަމަށް ދަޢުވާ ކުރާ މިޤަބީލާތަކުގެ މެދުގައި އޮތީ
ދެކޮޅުވެރިކަމާއި،
ހަނގުރާމަ ކުރުމާއި ތަޅާފޮޅުމާއި،
ޤަތުލުކުރުމެވެ. މި ތަޅާފޮޅުންތަކުގެ އަޞްލަކީ ފެނަށްޓަކައި
މިމީހުންގެ މެދުގައި އޮންނަ ވާދަވެރިކަމާއި ގެރިބަކަރި ޖަމަލު
ގެންގުޅުމުގައި އެތަކެއްޗަށް ކާންދޭނޭ ކާތަކެތި ހޯދުމުގައި
މިމީހުންގެ މެދުގައި އޮންނަ ވާދަވެރިކަމާއި ޤަބީލާތަކުގެ ވެރިކަމާއި
މަތީ މަޤާމު ހޯދުމަށްޓަކައި އޮންނަ ދަހިވެތިކަމެވެ.
ޢަރަބީންގެ ތެރޭގައި އޭރު އޮތް އުޞޫލަކީ ބާރުގަދަ މީހާ ނިކަމެތި
މީހާގެ ޙައްޤުތައް ނިގުޅައި ގަތުމުގެ އުޞޫލެވެ. ޖަންގަލީގެ ޤާނޫނެވެ.
މުއްސަނދިންނާއި ނުފޫޒު ގަދަ މީހުންނަކީ މުޖްތަމަޢުގެ "މީހުން"
ކަމުގައި ވެފައިވެއެވެ. ނިކަމެތީންނާއި ފަޤީރުންނަކީ ޙައްޤުތައް ނެތް
ބަޔެއްގެ ގޮތުގައި ވެފައިވެއެވެ. މިމީހުން ތާރީޚުގައި ވީ ދެކޮޅުވެރި
ބަޔެއްގެ ގޮތުގައެވެ. މިހެން އޮއްވައި މިމީހުންގެ ތާރީޚު
ބަދަލުކޮށްލީ އިސްލާމްދީނެވެ. ތިރީގައިމިވާ އާޔަތަށް ބަލާށެވެ.
(وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً
فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ
إِخْوَانًا)
(އާލަޢިމްރާން
ސޫރަތުގެ 103 ވަނަ އާޔަތުގެ ބައެއް)
މާނައަކީ،
"އަދި
ތިޔަބައިމީހުން (އެއްބަޔަކު އަނެއް ބަޔަކަށް) ޢަދާވާތެރީން ކަމުގައި
ވަނިކޮށް،
މާތް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން
ހަނދުމަކުރާށެވެ. އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި
ކުރެއްވިއެވެ. ދެން އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން
ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ."
މި
އާޔަތުގައި މިވަނީ އިސްލާމްދީން އައުމުގެ ކުރީގައި ޢަރަބީންގެ
މެދުގައި އޮތް ދެކޮޅުވެރިކަމަށް އިޝާރާތް ކުރައްވާފައެވެ.
ޢަރަބީން އެބައިމީހުންގެ މުޖްތަމަޢުގައި އަންހެން ދަރީންނަށްވުރެ
ފިރިހެން ދަރީންނަށް ވަރަށް ބޮޑަށް އިސްކަން ދެމުން ދިޔައެވެ. ތަފާތު
ކުރަމުން ދިޔައީ އިންތިހާއަށެވެ. އެއީ ހަނގުރާމައާއި ތަޅާފޮޅުމުގައި
ޤަބީލާއަށް ކާމިޔާބުވާނީ ފިރިހެނުން ގިނަ ވުމުން ކަމުގައި އެމީހުން
ޤަބޫލުކުރުމުގެ ސަބަބުންނެވެ. އެގޮތުން ބައެއް މީހުން އަންހެން
ކުއްޖަކު ލިބިއްޖެނަމަ ދިރިހުއްޓާ ވަޅުލަމުންވެސް ގެންދިޔައެވެ. ﷲ
ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
(وَإِذَا بُشِّرَ أَحَدُهُمْ بِالأُنْثَى ظَلَّ وَجْهُهُ مُسْوَدًّا
وَهُوَ كَظِيمٌ)
(ނަޙްލު
ސޫރަތުގެ 58 ވަނަ އާޔަތް)
މާނައީ : "އަދި
އެއިން މީހަކަށް،
އަންހެން ދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ އެމީހެއްގެ
މޫނު އަނދިރިވެގެން ދެއެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ
ޙާލުގައެވެ."
ފިރިހެނުން އެތައް ބައިވަރު އަންހެނުންނާ ކައިވެނި ކުރަމުން ދިޔައީ
އެއްވެސް ޢަދަދެއް ނެތިއެވެ. ޢާއިލާގެ މީހުންނާވެސް ދިޔައީ ކައިވެނި
ކުރަމުންނެވެ. ޒިނޭކުރުން އޮތީ ޙައްދު ފަހަނަ އަޅާފައެވެ. ވައްކަން
ކުރުމާއި ރާބުއިމާއި ފޭރުމާއި ޓެކުންފަދަ ކަންތައްތައް އޮތީ ޢާއްމު
ކަމަކަށް ވެފައެވެ.
މިފަދަ
އެތައް ނުބައިކަންތައްތައް ކުރީގެ ޢަރަބި މުޖްތަމަޢުގައި މޫލާފައި
ހުރި އިރު ފާހަގަ ކޮށްލަން ޖެހޭކަމަކީ ބައެއް ރަނގަޅު އާދަތައްވެސް
އަށަގެންފައި ވާކަމެވެ. މިގޮތުން ދީލަތިކަމާއި،
ހިތްވަރުގަދަކަމާއި،
އަވަށްޓެރިންނަށް ކަމޭހިތުމާއި މެހެމާނުންނަށް ކަމޭހިތުމާއި ޢަހުދަށް
ވަފާތެރިވުމަކީ އިސްލާމްދީނުގެ ކުރީގެ ޢަރަބިންގެ ޘަޤާފަތުގެ
ތެރޭގައި ހިމެނުނު ރަނގަޅު ކަންތައްތަކެވެ. އެމީހުންގެ ދީލަތިކަން
ހުރިވަރަކީ ބައެއް ދޮލަނގު ތަކުން ޖަނަވާރުންނަށް ވެސް ކާންދީ
ހަދައެވެ. ހިތްވަރު ގަދަކަން ހުރިވަރަކީ ހަނގުރާމައަކާ ޖެހިއްޖެއްޔާ
ފިލަން ދުވުމަކީ ނޯންނަކަމެކެވެ. މެހެމާނުންނަށް ކަމޭހިތުން
ހުރިވަރަކީ މެހެމާނަކު އައިސްފިނަމަ އަމިއްލަ ޢާއިލާ މީހެއް ފަދައިން
ކަމޭހިތައިގެން ގެންގުޅެއެވެ. ޢަހުދަށް ވަފާވެރިވުން ހުންނަވަރަކީ
މީހަކު ޢަހުދެއް ކޮށްފިއްޔާ އެ ލިޔާކަށް ނުވަތަ އެއްވެސް ހެއްކެއް
ބޭނުމެއް ނުވާނެތެވެ. އަނގައިން އެކަމެއް ބުނެފިއްޔާ އެ
ބުނިބަހެއްގައި ހިފަހައްޓާނެއެވެ.
އެމީހުންގެ އިޤްތިޞާދީ ޙާލަތު އޮތީ އެހާ ރަނގަޅު ޙާލަތެއްގައެއް
ނޫނެވެ. އެހެންނަމަވެސް ކާންބޯން ބައެއް މަސައްކަތްތައް ކުރަމުން
ދިޔައެވެ. އެގޮތުން ވިޔަފާރިކުރުމާއި ދަނޑު ހެއްދުމާއި ގެރިބަކަރި
ހުއިހެއްޕުން ފަދަ މަސައްކަތްތައް ކޮށްއުޅުނެވެ. އިސްލާމްދީން
ފާޅުވުމުގެ ކުރީގައިވެސް މައްކާއަކީ ހަބެކެވެ. ވިޔަފާރީގެ
މަރުކަޒެކެވެ. އެކި އެކި ވިޔަފާރި ޤާފިލާތައް އައިސްގޮސްހަދާ
ތަނެކެވެ. އެހެނީ އޭރުވެސް ގެފުޅަށް ޙައްޖަށް އަންނަ އެތައް
މީހުންނެއް މައްކާއަށް އާދެއެވެ. އަދި ހޫނު މޫސުމާއި ފިނިމޫސުމުގައި
ޝާމްކަރައަށާއި ޔަމަނަށް ޢަރަބީން ވިޔަފާރިކަމު ގޮސްއުޅުނެވެ.
ދަނޑުވެރިކަން އެހާ ފުޅާ ދާއިރާއެއްގައި ފެން ތަދުވުމުގެ ސަބަބުން
ނުކުރެވުނު ކަމުގައިވިޔަސް އަހަރުގެ ބައެއް ދުވަސްވަރުގައި ފިނި
ސަރަޙައްދުތައް ކަމުގައިވާ ޔަޘްރިބާއި (މަދީނާއާއި) ޠާއިފާއި ޔަމާމާ
ގައި ކޮންމެވެސް ވަރަކަށް މޭވާ އަދި ކަދުރު ހައްދާ އުޅުނެވެ. އަދި
ގެރި ބަކަރި،
ކަންބަޅި،
ޖަމަލުފަދަ ތަކެތި ހުއިހައްޕާ އެތަކެތި ސަވާރުވުމަށާއި މަސްކެއުމަށް
ބޭނުންކޮށް އުޅުނެވެ.
ދީނީ ގޮތުން
ބަލާލާއިރު،
ކުރީގެ ޢަރަބީންގެ ތެރޭގައި މައިގަނޑު ހަތަރު ދީނެއް އޮތެވެ. އެއީ:
1-
ޙަނީފިއްޔާ: މިއީ އިބްރާހީމް ޢަލައިހިއްސަލާމްގެ މިއްލަތެވެ. އެއީ
ބުދަށް އަޅުކަން ކުރުމުން ދުރުހެލިވުމަށް މީސްތަކުންނަށް ގޮވާލައި ﷲ
އަށް އަޅުކަން ޚާލިޞްކޮށްގެން ތިބި މީހުންނެވެ. މިއީ ވަރަށް މަދު
ޢަދަދެއްގެ ބައެކެވެ. ޒައިދް ބުން ޢަމްރު ބުން ނުފައިލް އަކީ މީގެ
ތެރެއިން ވީ މީހެކެވެ.
2-
ބުދަށް
އަޅުކަން ކުރުން: އިސްލާމްދީނުގެ ކުރީގައި އެންމެ ގިނަ ޢަދަދެއްގެ
ޢަރަބީން އަޅުކަންކޮށް އުޅުނީ ބުދަށެވެ. ބުދުތަކުގެ ވަށައިގެން
ޠަވާފުކޮށް،
އެތަކެއްޗަށް ޤުރުބާންކޮށް،
ލޯބިކޮށް،
ކަމޭހިތާ އުޅުނެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ
ކުރައްވާފައިވެއެވެ.
(أَفَرَأَيْتُمُ اللاّتَ وَالْعُزَّى * وَمَنَاةَ الثَّالِثَةَ
الأُخْرَى)
(ނަޖްމު
ސޫރަތުގެ 19 އަދި 20 ވަނަ އާޔަތް)
މާނައީ : "ލާތަ
އާއި ޢުއްޒާ އާމެދު ތިޔަބައިމީހުން ވިސްނައިބެލީމުހެއްޔެވެ؟
*
އަދި
މަނާތު އެވެ ކިޔުނު އަނެއް ތިންވަނަ ބުދާމެދުވެސް މެއެވެ."
އަދިވެސް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
(........مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللَّهِ
زُلْفَى.........)
(ޒުމަރު
ސޫރަތުގެ 3 ވަނަ އާޔަތް)
މާނައީ : "ﷲ ގެ
ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ،
ތިމަންމެން އެތަކެއްޗަށް (އެބަހީ ބުދުތަކަށް) އަޅުކަމެއް
ނުކުރަމެވެ."
ޞަޙީޙު
ބުޚާރީގައި ވާގޮތުގައި މައްކާގައި ބުދަށް އަޅުކަން ކުރުން
ތަޢާރަފުކުރީ ޢަމްރު ބުނު ލުޙައްޔު އަލް ޚުޒާޢީ އޭ ކިޔުނު މީހެކެވެ.
3-
އިރު
ހަނދާއި ތަރިތަކަށް އަޅުކަން ކުރި ބައެއްވެސް ޢަރަބީންގެ ތެރޭގައި
އުޅުނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
(وَأَنَّهُ هُوَ رَبُّ الشِّعْرَى)
(ނަޖުމު
ސޫރަތުގެ 49 ވަނަ އާޔަތް)
މާނައީ
: "އަދި ހަމަކަށަވަރުން އެކަލާނގެއީ ޝިޢުރާއެވެ ކިޔުނު ތަރީގެ ވެރި
ރަސްކަލާނގެއެވެ."
4-
ޔަހޫދީންނާއި ނަޞާރާއިން: އިސްލާމްދީން އައުމުގެ ކުރީގައި ޔަހޫދީ
ދީނާއި ނަޞާރާދީން ޢަރަބި ޖަޒީރާގެ ބައެއް ސަރަޙައްދުތަކަށް
ފެތުރިފައިވެއެވެ. އެގޮތުން ޚައިބަރާއި ޔަޘްރިބް (މަދީނާ) ގައި އޮތީ
ޔަހޫދިއްޔަތެވެ. އަދި ނަޖްރާންއާއި ޔަމަންގައި އޮތީ ނަޞާރާ ދީނެވެ.
ބައެއް މީހުން ތިބީ މާތް ﷲ ބާވައިލެއްވި ނަޞާރާދީން މަތީގައި
އެގޮތަށް ތަބަޢަ ވެގެންނެވެ. އެގޮތުން މައްކާގެ ވަރަޤަތު ބުނު
ނައުފަލު ފާހަގަކޮށްލެވެއެވެ.
މުޅި
ދުނިޔެއަށް ވެރިވެފައިވާ ޖާހިލުކަމާއި ނޭއްގާނީކަމާއި
އަނިޔާވެރިކަމާއި އަނދިރިކަމުން މީސްތަކުން ސަލާމަތްކޮށް
އިސްލާމްދީނުގެ އަލިކަމަށް މީސްތަކުން ނެރުމަށްޓަކައި މާތް ﷲ،
މުޙައްމަދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ފޮނުއްވިއެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޒިންމާ
ފުރިހަމައަށް އަދާކުރެއްވުމަށްފަހު ދުނިޔެއާ ވަކިވެވަޑައިގެންނެވި
އިރު އިސްލާމްދީނުގެ ހުޅުކޮޅު ސާބިތުކަމާއެކު ދިއްލިފައިވެއެވެ.
އިތުރު އެކަލޭގެފާނު މިދުނިޔެއަށް ގެންނެވި ފަދަ އިންޤިލާބެއް
މިދުނިޔޭގެ ތާރީޚު ދެކެފައި ނުވެއެވެ.
وصلى الله وسلم وبارك على نبينا محمد وعلى آله وأصحابه أجمعين.
والحمد لله رب العالمين.
-ނިމުނީ- |