|
ނަމާދުގެ ފިނިކަން.
ލިޔުނީ: އަބޫ
ޙަނީން

ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު
އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް
ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ
ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި
ނިތްތަޅާލާ އުޞޫލުންނެވެ. ނަމާދު އެ އަދާކުރަންވީ ގޮތުގައި ކުރެވޭނީ،
ނަމާދަކީ ކޮން އެއްޗެއްކަން އަދި ނަމާދު ކުރަންވީ ކިހިނެއްކަން
އެނގިގެންނެވެ. ނަމާދާއިމެދު ވިސްނާލަމާ ހިނގާށެވެ.
ނަމާދު
އެކުލެވިގެންވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށެވެ. އޭގެތެރޭގައި
ހަށިގަނޑުން ކުރާ ޙަރަކާތްތަކާއި، ދުލުން ކިޔާ ބަސްތަކާއި، ހިތުގެ
ޢަމަލު ހިމެނެއެވެ. ހަށިގަނޑުން ކުރާ ޙަރަކާތްތަކުގެ މިސާލަކީ
ނަމާދުގައި ކޮޅަށްހުރުމާއި، ރުކޫޢުކުރުމާއި،
ސަޖިދަކުރުމާއި، އިށީނދެ އިނުމާއި، ދެއަތް ދެކޮނޑާ ހަމައަށް އުފުލުން
ފަދަ ކަންކަމެވެ. ދުލުން ކިޔާ ބަސްތަކުގެ މިސާލަކީ ތަކްބީރު
ކިޔުމާއި، ތަޞްބީޙަކިޔުމާއި، ތަޙްމީދުކިޔުމާއި، ކީރިތި ޤުރުއާން
ކިޔެވުމާއި، ފާފަފުއްސެވުން އެދި ދެންނެވޭ ދެންނެވުން (އިސްތިޣްފާރު)
އާއި އެކިއެކި ކަންކަމަށް އެދި ކުރެވޭ ދުޢާއެވެ. ނަމާދުގެ ހިތުގެ
ޢަމަލުގެ މިސާލަކީ ނަމާދުގައި މާތް ﷲ ގެ ޙަޟްރަތާއި އަޅާ ގުޅިފައި
ހުންނަ ގުޅުމާއި، ދުނިޔޭގެ ދިރިއުޅުމުން ވިސްނުން އެއްކިބާކޮށްގެން
ހުންނަ ހުރުމާއި، ބިރުވެތިކަމާއި، ޚުޝޫޢަތްތެރިކަމާއި
މަޑުމައިތިރިކަމާއެކު އިބްތިހާލުވެ ހުންނަ ހުރުމާއި، ހިތް ނިޔަތް
ޚާލިޞްވެ ހުރެ އެއްކައުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ
ކަށަކުޅަދުންވަންތަ ކަމާއި، ނަރަކައިގެ ޢަޛާބަށް ބިރުވެރިވެ ހުރެ،
އެއިލާހުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށާއި ރަޙުމަތަށް އުއްމީދުކުރާ
ޙާލު ތިމާގެ ނިކަމެތިކަން ހިތް މައްޗަށް ގެނެސް، އެއިލާހުގެ މަދަދާއި
ވާގިވެރިކަމަށް ހިތުގެ އަޑީން އެދުމާއި އެންމެހައި ވަސްވާސްތަކުން
ތިބާގެ ހިތް ސާފުކުރުމަށް މަސައްކަތް ކުރުމެވެ.
ނަމާދުގައި ހުންނައިރު ފާޑުފާޑުގެ ވަސްވާސްތައް ހިތަށް އަރާ އަދި
އެކިއެކި ޚިޔާލުތައް ކުރެވޭކަމީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ.
މިއީ ތެދަކަށް ވެދާނެއެވެ. ސަބަބަކީ ނަމާދުގައި ހުންނަ ވަޤުތަކީ
ޝައިޠާނާ އޭނާގެ މަސައްކަތް އެންމެ ވަރުގަދަޔަށް ކުރާ ވަޤުތެވެ.
އަޅާއާއި ﷲ އާއި ގުޅުނަ ނުދިނުމަށް އެސޮރަށް ކުރެވެން އޮތްހައި
މަސައްކަތެއް ކުރާނެއެވެ. ނަމާދުގައި ހުންނައިރު ދުނިޔަވީ އެކިއެކި
ކަންތައްތަކަށް ޚިޔާލުކުރުމުން ސަލާމަތްވުމަށްޓަކައި ތިބާގެ ނަފްސާ
ވަރުގަދަ ޖިހާދެއް ކުރަންޖެހެއެވެ. އެޖިހާދުގެ ހަތިޔާރެއްކަމަށް
ބަލާނީ ނަމާދުގައި ކިޔާ ތަކެއްޗެވެ. ތަކްބީރާއި، ތަހްލީލާއި،
ތަސްބީޙައާއި ތަޙްމީދެވެ. ކީރިތި ޤުރުއާނެވެ. އޭގެ މާނައެވެ.
ސައިންޓިފިކް ގޮތުން ބަލާއިރު އިންސާނާގެ ސިކުނޑިއަކީ ހުސްކޮށް،
އެއްވެސް ފިކުރެއްނެތި ވާއެއްޗެއް ނޫނެވެ. އަބަދުވެސް އޭނާގެ
ސިކުނޑިއަށް ކޮންމެވެސް އެއްޗެއް އަރައަރާ ހުރެއެވެ. އެހެންކަމުން،
ނަމާދުގައި ހުންނަ އިރުވެސް ސިކުނޑި މަސައްކަތް ކުރަނީ މި
އުޞޫލުންނެވެ. ސިކުނޑި ޖެހޭނީ އަހަރެމެން ބާރު ފޯރުވައިގެން
އަހަރެމެން ބޭނުންވާ މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި އަހަރެމެން
ބޭނުންވާ ކަމަކާ ދިމާއަށް ގެންދާށެވެ.
ޝައިޠާނާގެ ކެހިވެރި ވަސްވާހުގެ ވަކިތަކުން ސަލާމަތްވުމަށްޓަކައި
ނަމާދުގައި ހުންނައިރު އަޅުގަނޑުމެން ކިޔާ ތަކެއްޗާމެދު ވިސްނުމުން
އިސާހިތަކު އެވަސްވާސްތައް ފިލައިގެން ހިނގައިދާނެއެވެ. އެހެނީ
ނަމާދުގައި ހުންނަ ކޮންމެ މިނެޓަކީ ކޮންމެ ވަޤުތަކީ އަހަރެމެންގެ
ކަންފަތް ނުވަތަ ދޫ މަޝްޣޫލުވާ ވަޤުތެކެވެ. އިމާމާ ޤުރުއާން
ކިޔަވާއިރު އަޑުއެހުމުގައި ކަންފަތް މަޝްޣޫލުވެއެވެ. ދޫ މަޝްޣޫލުވަނީ
ތަކުބީރު ކިޔުމުގައެވެ. ނުވަތަަ ޤުރުއާން ކިޔެވުމުގައެވެ. ނުވަތަ
ދުޢާކިޔުމުގައެވެ. އެހެންކަމުން ދުލުން ކިޔަމުންދާ އެއްޗަކާ ދޭތެރޭ
ވިސްނައި އެކަން ހިތްމައްޗަށް ގެންނަން މަސައްކަތް ކުރަނީ ނަމަ،
ޝައިޠާނާއަށް ފަސޭހައިން ޖާގައެއް ނުލިބޭނެއެވެ. ނަމާދުގައި
ހުސްވަޤުތެއް ނުވެއެވެ. އެހެންކަމުން ނަމާދުގައި ﷲ އަށް
ބިރުވެތިވުމަށް ފަސޭހަ ވާނެއެވެ.
މިދެންނެވި ގޮތުގެ މިސާލަކީ ސޫރަތުލް ފާތިޙާ ކިޔަވަމުން ދާއިރު
(اهْدِنَا
الصِّرَاطَ الْمُسْتَقِيمَ)
ކިޔަވާ އިރު "އަޅަމެންނަށް ސީދާވެގެންވާ ތެދު މަގު ދައްކަވާނދޭވެ!"
މިކަން ހިތަށް ގެނައުމެވެ. އަދި ﷲ އަކްބަރު ކިޔާ ހިނދު "އެންމެ ބޮޑީ
ﷲ" ކަން ހިތްމައްޗަށް ގެނައުމާއި މިނޫންވެސް ނަމާދުގެ ކޮންމެ
އަޑުއެހުމަކާއި ކިޔުމެއްގެ މާނަ ހިތްމައްޗަށް ގެނެސް ހިތާއި ސިކުނޑި
ނަމާދަށް ޙާޟިރުކުރުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން ނަމާދު
އޭގެ އެންމެ ފައިދާ ކުރަނިވި ގޮތުގައި އަދާކުރުމަށްޓަކައި ނަމާދުގައި
ކިޔާ ތަކެތީގެ މާނަ ދަސްކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ކިޔޭ
ނުކިޔޭ އެއްޗެއް ނޭނގިހުރެ ކުރެވޭ ނަމާދަކުން އޭގެ ފޮނިކަމާއި
ލައްޒަތު އިޙްސާސް ކުރެވޭނެކަމަށް ނުބެލެވެއެވެ.
އެހެންކަމުން އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެން
މިކުރާ ނަމާދުތަކަކީ، ޤިޔާމަތް ދުވަހުން ވަޔަށް ބުރުއްސާލެވޭ
ކުނޑިތަކަކަށް ވެދާނޭގޮތަށް މިސްކިތަށް އަރައި ނިތް ތަޅާޅުމުގެ
ބަދަލުގައި، ﷲގެ ޙަޟްރަތަށް އުފުލިގެންދާ ކޮލިޓީ ނަމާދަކަށް
ހެދޭތޯއާއި އެނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ހިތް ހަމަޖެހުން
ލިބޭތޯއެވެ. އެހެނީ ނަމާދުގެ ފޮނިކަމާއި ލައްޒަތު
އިޙްޞާޞްކުރެވިއްޖެނަމަ އެއްނަމާދު ކުރުމަށްފަހު އަނެއް ނަމާދަށް
އިންތިޒާރު ކުރެވޭނެއެވެ. އަދި އެއްވެސް ނަަމާދެއް ދޫކޮށްލަން
ހިތްހަމައެއް ނުޖެހޭނެއެވެ. އަދި ނަމާދު އަޅާފައި އެއްވެސް ކަމެއް
ނުކުރާނެއެވެ. ނަމާދުގެ ސަބަބުން ލިބޭ ޙަޤީޤީ ފޮނިކަމާއި ލައްޒަތަކީ
ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މާ މީރު އަދި މާ އަގުހުރި
ފޮނިކަމަކާއި ލައްޒަތެކެވެ. މުއުމިނުންގެ ހިތުގެ ފަރުވާއަކީ އަދި
މުއުމިނުންގެ ދުނިޔެމަތީގެ ސުވަރުގެއަކީ ނަމާދެވެ.
އެއްވެސް މެދުވެރިއަކު ނެތި ސީދާ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ
ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް
ފަރުޟުކުރެއްވެވި ފަސް ނަމާދަކީ، އެހެން ހުރިހާ އަޅުކަންތަކާއި
ޚިލާފު އަޅުކަމެކެވެ. އެހެން ހުރިހާ އަޅުކަންތައް
ފަރުޟުކުރައްވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް
މިބިންމަތީ ހުންނަވަނިކޮށެވެ. އެެހެންނަމަވެސް ނަމާދު ފަރުޟު
ކުރެއްވެވީ އެކަލޭގެފާނު މިޢުރާޖު އުފުއްލަވާފައެވެ. ވީމާ
މިކަމުންވެސް ނަމާދު އަހަންމިއްޔަތާއި މަތިވެރިކަން އެނގި ދޭހަވެގެން
ދެއެވެ.
ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮލުގެ ފިނިކަން ކަމުގައިވި ނަމާދު
އަޅުގަނޑުމެން އެންމެންގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުން އެދި
ގަދަ ކީރިތި ވަންތަ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އޭ އަޅަމެން
ހައްދަވާ ބޮޑުކުރައްވަވާ ގެންގުޅުއްވާ އިލާހެވެ. އިނބަ ﷲ އަށް
ބިރުވެތިވެ، އިނބަ ﷲ ރުހިވޮޑިގަންނަވާ ގޮތުގައި އިނބަ ﷲ އެންމެ
ރުއްސަވާ އަޅުކަން ކަމުގައިވާ، ނަމާދު އެންމެ ފުރިހަމަ ގޮތުގައި
އަދާކުރުމުގެ ތަވްފީޤު އަޅަމެން އެންމެނަށް ދެއްވާނދޭވެ!
آمين.
-ނިމުނީ- |