|
ސައްތައިންސައްތަ އިސްލާމްކަން؟
ލިޔުނީ:
أبو محمد إبراهــــم بن أحمد الفومّلكي

الحمد لله الذي خلق السَّمآوات بغير عمدٍ وبعث
النَّبيِّ الأميِّ بشيراًَ ونذيراً وداعياً إلى الله بإذنه و سِراجاً
منيراً.
أمّا بعد:
قال الله تبارك وتعالى:
"فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلاقُوا يَوْمَهُمُ
الَّذِي يُوعَدُونَ"
((المعارج: 42))
"ފަހެ،
އެއުރެންނަށް ޥަޢުދުކުރައްވާފައިވާ ދުވަހާ އެއުރެން
ބައްދަލުވެއްޖެއުމަށް ދާންދެން،
ބާޠިލު ވާހަކަތައް ދައްކައި،
ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ."
އިންސާނެއްގެ ޚަލްޤު ފެށިގެން އަންނަނީ މައިމީހާގެ ރަހިމުގެ
ތެރެއިންނެވެ. އޭގެ ކުރިން އެ އިންސާނާވަނީ އޭނާގެ ނަންވެސް ވަސްވެސް
ނެތް އަދި ބަޔަކު ދަންނަ އެއްޗެއްކަމުގައިވެސް ނޫނެވެ.
އެހެނެއްކަމަކު، ﷲ
ސުބުޙާނަހޫޥަތަޢާލާ އެ އިންސާނާ އެއްވެސް އުނދަގުލަކާ ނުލައި
އުފައްދަވައެވެ. އަދި އޭނައަށް ޞޫރައެއް ދެއްވައި އޭނާގެ ނިޔާތައް
ކަނޑަ އަޅުއްވައެވެ. އަދި އޭނާގެ މަރުވުމާއި އަލުން ދިރުއްވުން
މިލްކުވެގެންވަނީ އެއިންސާނާ އެންމެ ފުރަތަމަ އުފެއްދެވި ފަރާތަށެވެ.
ﷲ ތަޢާލާ އިންސާނާ އުފައްދަވައި މި ދުނިޔެއަށް ފޮނުއްވަނީ އެމީހަކު
ހިތުހުރި ގޮތަކަށް މިތަނުގައި ވޭތިކުރުމަކަށްނޫނެވެ. އަގު ބޮޑު
ޖިސްމަކާ ފުރާނައެއްގެ މާނައެއްވެސް އޮންނާނެތާއެވެ؟
ކޮންމެއަކަސް މާތް ﷲވަނީ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ ޙަޤީޤަތް
ބަޔާންކުރައްވާފައެވެ. އަދި އިންސާނާ މަރުވާނެ ކަމާއި، އެ އިންސާނާގެ
ޙިސާބު ބެއްލެވޭނެކަންވެސް ޞަރީޙަކޮށް ކީރިތި ޤުރުއާނުގައި
ބަޔާންކުރައްވާފައެވެ. މާތް ﷲ ޥަޙީ ކުރައްވަނީ:
"ثُـمَّ إِنَّـكُمْ بَعْدَ ذَلِكَ لَمَيِّـتُوْنَ(*)
ثُمَّ إِنَّـكُمْ يَوْمَ الْقِيَـامَةِ تُبْعَثُـوْنَ"
(سورة المؤمنون:15-16)
"ދެން،
ހަމަކަށަވަރުން،
ތިޔަބައިމީހުން އޭގެފަހުން މަރުވާނެކަން ކަށަވަރެވެ. ދެން
ހަމަކަށަވަރުން،
ތިޔަބައިމީހުން ޤިޔާމަތްދުވަހުން،
އަލުންދިރުއްވައި މަޙްޝަރަށް ފޮނުއްވާނެތެވެ."
އަދިވެސް ﷲ
ސުބުޙާނަހޫ
ޥަތަޢާލާ
ޥަޙީ
ކުރައްވައެވެ.
"كَيْفَ تَكْفُرُوْنَ بِاللهِ وَكُنتُـمْ أَمْوَاتًا فَأَحْيَاكُمْ
ثُمَّ يُمِيْتُـكُمْ ثُمَّ يُحْيِيْـكُمْ ثُمَّ إِلَيْهِ
تُرْجَعُـوْنَ"
(سورة البقرة:28)
"ތިޔަބައިމީހުން
ﷲއަށް ކާފިރުވެގަންނަނީ ކޮންގޮތަކުންހެއްޔެވެ؟
ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެގޮތުގައި ތިއްބައި ފަހެ،
އެކަލާނގެ ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު،
އެކަލާނގެ ތިޔަބައިމީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެތެވެ.
ދެން (ޤިޔާމަތް ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން
އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނެއެވެ."
އަދި ތަޣާބުން
ސޫރަތުގައި ޥަޙީގެ ނިދާ އިވިދަނީ މިގޮތަށެވެ:
"يَوْمَ يَـجْمَعُكُمْ لِيَوْمِ الْجَمْعِ ذَلِكَ يَوْمُ
التَّـغَابُنِ"
(سورة التغابن:9)
"(އެންމެހައި
މީސްތަކުން) އެއްކުރެއްވުމުގެ ދުވަހަށް،
އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!)
އެއީ ތަޣާބުންގެ ދުވަހެވެ. (އެބަހީ: ޤިޔާމަތް ދުވަހެވެ.)"
އެދުވަހުގެ
ބިރުވެރިކަމާމެދު ބަޔާންވެފައިވަނީ:
"يَوْمَ تَكُوْنُ السَّمَآءُ كَالْمُهْلِ(8) وَتَكُوْنُ الْجِبَالُ
كَالْعِهْنِ(9) وَلاَ يَسْئَلُ حَمِيْمٌ حَمِيْمًا(10)"
(سورة المعارج:8-10)
"ތެޔޮކުނޑި
ތަކެއް ފަދައިން އުޑު،
ވާނޭދުވަހެވެ. އަދި ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް
ވާނޭދުވަހެވެ. އަދި،
އެދުވަހުން ގާތް ރަހްމަތްތެރިއަކު،
ރަޙްމަތްތެރިއަކާމެދު ސުވާލެއް ނުކުރާނެތެވެ."
ނަމަވެސް ހިތާމަޔަކީ މިދުވަހާމެދު މީސްތަކުން ޣާފިލުވެފައިތިބި
މިންވަރު ބޮޑުކަމެވެ. ޣާފިލުކަމުގެ ނިދިން ތިމާ ހޭއަރައި ﷲއަށް
ރުޖޫޢަވުމުގެ ކުޑަވެސް ނިޔަތެއްނެތި އުޅެމުންދާ މީހުންގެ ގިނަކަމެވެ.
އަހަރެމެންމީ ސައްތައިންސައްތަ އިސްލާމުންނޭ ބުނެ ފުއްދާލައިގެން
ތިބީވެސް މަދުބައެއްނޫނެވެ. ނަން މުސްލިމް ވިޔަސް ޢަމަލުތައް ހުރީ
ވަލުޖަނަވާރުގެ އުޞޫލަށެވެ. ނޫންނަމަ އެއަށްވުރެވެސް ދަށް
މިންވަރެއްގަ އެވެ.
ދުނިޔޭގެ އަރާމާއި މުދަލާއި ކުޅިވަރަށް ގޮސް ހުސްވެފައި ތިބި
ޒުވާނުންތައް ވަނީ ގިނަވެފައެވެ. އެފަދަ ހަވާނަފްސުގެ އެދުންތައް
ބޮޑުވެގެން ގޮސް ﷲގެ އަޅުތަކުންވަނީ އާޚިރަތް އަންނާނެކަމުގެ
ޔަޤީންކަން ހިތުގައިއޮތަސް ނުވަތަ ޤަބޫލު ކުރެވުނަސް އެދުވަހަށް
ތައްޔާރުވާން ނުކުޅެދިފައެވެ.
އެދުވަހަށް އަމަލުތަކެއް ނުވަތަ ޢަމަލުތަކުން މިންވަރެއް
އިޚްލާޞްތެރިކަމާއެކު ކުރުމަށް މި ޖީލު އޮތީ ކަމްޒޯރުވެފައެވެ.
ބޭނުން ވިޔަސް ހަވާނަފްސު ޤުރުބާންކޮށް މާތް ﷲއަށްޓަކައި އެންމެ
އަތެއް އުފުލާލުން،
މިއަދު
ވަނީ އާކަމަކަށްވެފައެވެ. އަޅުގަނޑުމެންގެ ދަރިވަރުންނަށް
އިސްލާމްދީން ބީރައްޓެހިވެފައިވާ މިންވަރަކީ ތަޞައްވަރުކޮށްލަން
ދަތިމިންވަރެކެވެ. އަދި ވިސްނައިފި މީހަކު ގިސްލާ ރޯނެހާވެސް
ބީރައްޓެހިކަމެކެވެ. ކުލާހެއްގައި ފަސްވަގުތު ބަރާބަރަށް ނަމާދު ކުރާ
ކުދިންގެ އަދަދު ހާލަކުން ކުއްޖެއް މެނުވީ ނުވާނެއެވެ. އަދި ފަތިސް
ނަމާދު މީހަކު ޤާއިމް ކުރުމީ މިއަދުގެ ޒުވާނުން އެފަދަ މީހަކާ މެދު
އަންތަރީސްވާ ކަމެކެވެ. ވިސްނާފިކުރުކުރާށެވެ! ކޮންމެދުވަހަކު
އަޅުގަނޑުމެން ކުރަންޖެހޭކަމެއް އަޅުގަނޑުމެން އަންތަރީސްވާ ކަމަކަށް
ހަދާނީ އެކަމެއް އަޅުގަނޑުމެންނާ ކިހާ ބީރައްޓެހިވީމަތޯއެވެ؟!!!
ޝަހާދަތުގެ ދެކަލިމަ ހަމަޔަށް ކިޔަން ދަންނަ ކިތައް ޒުވާނުން މި
ސައްތައިން ސައްތަ މުޖުތަމަޢުގައި ވެތޯއެވެ.؟
އޭގެ މާނަ ގިނަބަޔަކަށް އަދި އަދަށް ދާންވެސް ނޭނގެއެވެ. އިސްލާމުން
އިސްލާމްދީނަށް ބީރައްޓެހިވެފައިވާ މިންވަރު އަދި މިއަށްވުރެންވެސް
ބޮޑެވެ. ދުނިޔޭގެ މުޝްރިކުންނާ ނަޞާރާއިންގެ ތެރެއިން ފަންނީ
މީހުންނާ ޢިލްމީ މީހުން ނުދަންނަ ޒުވާނަކު އަދި އެފަދަ ޝެހެރު
(ސަހަރު)ތަކާއި ޕްރޮވިންސްތައް ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ.
ނަމަވެސް މުސްލިމެއްގެ ގާތުން މާތް ނަބިއްޔާގެ ފުރިހަމަ ނަން
އަހާލުމުން ފުރަތަމަވެސް އެމީހަކު ހުއްޓުންއަރާ އޮޅުންބޮޅުމުގެ ބޮޑު
ކަނޑަކަށް ޣަރަޤުވެގެން ދެއެވެ. އަދި މިއަދުގެ މުސްލިމުންނަށް
ޞަހާބީންނެއް ނޭނގެއެވެ. މުޙައްދިޘުންނެއް ނޭގެއެވެ. އަދި
ޙަދީޘްފޮތްތަކާއި ތަފްސީރުފޮތްތައް ގުނާ އަދަދު ނުކުރެވުނަސް އެފަދަ
އެކައްޗެއްވެސް މި ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ނޭގެއެވެ.
މިހިރަ ފެންނަނީ އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރެވެ! މިއީ
އަޅުގަނޑުމެންގެ ދަރިންތައް ތަރުބިއްޔަތު ކުރާ މުރައްބީންގެ
ތަރުބިއްޔަތެވެ! މިއީ އަޅުގަނޑުމެންގެ ސައްތައިންސައްތަ
އިސްލާމްވަންތަ ކަމެވެ! އަދިވެސް ނަމަކަށް ބަދަލެއް ނާދެއެވެ.
ހަމައެފަދައިން ޢަމަލަކަށް ތަބްދީލެއް އައުމެއްނެތެވެ. ރާއްޖޭގެ
މަޝްޙޫރު އަދީބެއްކަމުގައިވާ ޢަބްދުﷲ ޞާދިޤު ޅެންބަހުރުވައިން
ވިދާޅުވަނީ މި ބީދައިންނެވެ.:
ދީނުގެ
އަސްލެއް ނޭނގި އުޞޫލެއް އީމާންވާނޭ ނޭގި ރަސޫލެއް
ސީދާމަގުނުމެ ކޮންމެ ޤަބޫލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ
އާޚިރަތްދުވަސް ނުވަތަ ޤިޔާމަތްދުވަސްވެސް އޮތީ މިފަދަ ހާލެއްގައެވެ.
އަޅުގަނޑުމެންނަށް އެފަދަ ވާހަކަ އަޑު އިވުމުން ބިރުން
ފިތްކަނޑައިގެން ދޭހެއްޔެވެ؟
ނޫނެކެވެ! ގިނަމީހުންނަށް ހީވާކަހަލައެވެ. ދެން ވާހަކައެކެވެ. ނޫނީ
ވަރަށްފަސޭހަކަމާއެކު އެތަނުން ސަލާމަތް ވެވިދާނެ ތަނެކެވެ.
ޝަހާދަތް ކިޔައިގެން ހުރިއްޔާ ހާސްވާކަށް ނުޖެހެއެވެ... ކޮންމެސް
ދުވަހަކުން ސުވަރުގެ ވަންނާނެ ނޫންހެއްޔެވެ؟
މީ މިމުޖުތަމަޢުގައި ޢާންމު ބަހެކެވެ. ކޮންމެސް ދުވަހަކުން ސުވަރުގެ
ވަންނަ ވާހަކަ ދައްކާ ހިނދު ނަރަކައިގެ ޢަޛާބަށް ކެތްކުރެވިދާނެ
ކަމާމެދު ތިމާގެ ޒަމީރާމެދު ޝައްކެއް ނެތީތާއެވެ! މިފަދަ
ޢަމަލުތަކުންވެސް އަޅުގަނޑުމެންނަށް މިފެންނަނީ މިޤައުމުގެ
އިސްލާމްވަންތަކަމެވެ. ދަރިވަރުންގެ ޢިލްމީ ޤާބިލުކަމެވެ. އަދި
މުރައްބީންގެ ތަރުބިއްޔަތެވެ. މައިންބަފައިން،
ދަރިންނަށްޓަކައި ހައްގު އަދާކުރާ މިންވަރެވެ.!!!
މީގެ
ޒަމާންތަކެއް ނުވަތަ ޤަރުނުތަކެއް ކުރިން މުޝްރިކުން ތިބި
ޣާފިލުކަންމަތީ މިއަދު އެ ވަޒީފާއަދާކުރަނީ ޕާޓްނާޝިޕެއްގެ ގޮތުގައި
މުސްލިމުންނެވެ. ދެ ހަތުރުން އެކު އެކީ އެއްވެސް ޚިޔާލެއް ފިކުރެއް
ނެތިއެވެ.
މައްސަލައަކީ ފުންކޮށްވިސްނާލަންޖެހޭ މައްސަލައެވެ. އަދި ކަމުގެ
ގޮތުން ބިރުވެރި ކަމެކެވެ. އެއީ އަޅުގަނޑު މި މަޥްޟޫޢު ފެށުމުގެ
ކުރިން ނަކަލުކޮށްލި އާޔަތުގެ މާނަ އާއި މެދުގައެވެ. އިންސާނާ
ﷲއާއިމެދު އަދި އެކަލާނގެ ރަސޫލާއާއި މެދު އަދި އާޚިރަތްދުވަހާއިމެދު
ޣާފިލުވެއްޖެނަމަ،
ދެން
މާތް ﷲގެ ބަސްފުޅަކީ އެބައިމީހުން އެގޮތުގައި ދޫކޮށްލައްވާށެވެ.
އެކަމަކު އެއީ ކަނޑައެޅި ވަޢުދުވެގެންވާ ޤިޔާމަތް ދުވަސް އެބައި
މީހުންނާއި ކުރިމަތި ލައިފުމަށްދާންދެނެވެ. އާދެ ކޮންމެ
އިންސާނަކަށްވެސް އެމީހެއްގެ މަރު އެއީ އޭނާގެ ޤިޔާމަތެވެ. ދެން
ދުވަހެއް ނުވަތަ ނިދިން ހޭލާފަދައިން ﷲގެ ދަރުބާރަށް ދާން ގޮވާލެވޭ
ތާޅަފިއްޔާކު ހޭލައިގެން ޤަބުރުން ތެދުވެގެން ދާންޖެހޭނެއެވެ. އެއީ
ތިމާ އެކަމަށް އެދުނަސް އަދި ނުއެދުނަސް ދެން އަމިއްލަ އިޚްތިޔާރު
ގެއްލި ﷲ ގެ މިނިވަން އަޅުވެތިކަމުން ފުރިހަމަ އަޅުވެތިކަމަކަށް ތިމާ
ހުށަހެޅޭ ދުވަހެވެ.
ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ޥަސައްލަމް ޙަދީޘްކުރައްވަނީ:
"مَـنْ مَـاتَ فَقَدْ قَـامَتْ قِيـَامَتُهُ"
"މީހާ
މަރުވުމުން ހަމަކަށަވަރުން އެމީހާގެ ޤިޔާމަތް ޤާއިމްވީއެވެ."
އޭ
މުސްލިމު އަޙުންނާއި އުޚުތުންނޭވެ! ވަގުތު އައިސް ޖެހުމުގެ ކުރިން
ތިމާގެ ނަފްސު ސަލާމަތް ކުރާށެވެ. ނަރަކައިގެ ވޭންދެނިވި ޢަޛާބުގައި
ހިނދުކޮޅަކުވެސް ކެތްކޮށެއް ނުލެވޭނެއެވެ. ދަރިން އިސްލާމީ
ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ. ސުވަރުގެ އަށް ދަރިން
އެދުންވެރިކުރުވާށެވެ. އަދި ނަރަކައަށް ބިރުވެތިކުރުވާށެވެ. ސަންތި
މަރިޔަނބު ސަފަރުކައްދަ ފަދަ ފުލޯކު ތަކަށް ދަރިން ބިރުވެތި
ނުކުރުވާށެވެ! އަބަދުވެސް ހައްޤުގޮތުގައި ހިފާ ﷲ އާއި އެކަލާނގެ
ރަސޫލާއަށް ސައްތައިންސައްތަ ކިޔަމަންވުމަކުން ކިޔަމަންވަމާ
ހިނގާށެވެ!
ފަޟީލަތުއް
ޝައިޚް ޙުސައިން ޞަލާޙުއްދީންގެ އަލްއަދަބް ގައިވެއެވެ.
"މިހެންނުވިނަމަ
ފަސާދަވެ ގޮސް ދެދުނިޔޭން ގެއްލިނިމިގޮސް
ޖަހަންނަމައަށް ޚަރާބުވެގޮސް ހިތާމާގައި ތިބެންވާނޭ"
وآخر دعوانا أن الحمد لله رب العالمين.
أخوكم في الله:أبو محمد إبراهــــم بن أحمد
الفومّلكي
-ނިމުނީ- |