|
ރޯދަމަހުގެ އިސްލާމުން!
–
ތިބާ އަކީ ވެސް އޭގެ މީހެއްތަ؟
މުޙައްމަދު
ޝާފިޢު ހއ އިހަވަންދޫ

އަނެއްކާވެސް އައު ރޯދަ މަހަކަށް ހަނދު ބަލަނީއެވެ. މި ރޯދަމަސް ތިބާ
ހޭދަކުރައްވަން ޤަޞްދު ކުރައްވަނީ ކިހިނެއްތޯއެވެ؟
ރޯދަމަހުގައި މުސްލިމުންގެ ކަންތައްތައް ހުންނަގޮތުން ފަސް ބަޔަކަށް
އެމީހުން ބެހިދާނެއެވެ. ފުރަތަމަ ބައިގެ މީހުންނީ ރޯދަމަހަށްޓަކައި
ކެތްތެރިކަމެއްނެތި އިންތިޒާކުރާ،
އެމަހަށް ތައްޔާރުވާ މީހުންނެވެ. ފަރުޟު އަޅުކަން ކުރުމުގައި
އެމީހުން މުރާލިވެއެވެ. މުޞްތަޙައްބު ޙަރަކާތްތަކުގައި ގިނަވަޤުތު
ހޭދަކުރެއެވެ. އެއީ މިދުނިޔެއަށް ކައުކުރެއްވި މާތް ރަސޫލާ
މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ފިޔަވަޅުފުޅުތައް މަތީން
ހިނގަން މަސައްކަތްކުރާ ތަޤުވާވެރީންނެވެ.
ދެވަނަ
ބައިގެ މީހުންނީ މި ރޯދަމަސް އައިސް އަދި ފައިބައިގެން ދިޔަކަމުގައި
ވިޔަސް އެމީހުންގެ ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ވަކިން އިތުރު
މަސައްކަތް ނުކުރާ މީހުންނެވެ. މިބައިމީހުން އެ ނަގާލަނީ އަނބުރާ
ލިބުމެއް ނެތް ހެޔޮކަމުގެ ދުވަސްތަކެކެވެ.
ތިންވަނަ ބައިގެ މީހުންނީ މިމަހު ނޫނީ ﷲ އެންގެވި ގޮތަށް އަޅުކަން
ކުރުމުގައި ފަރުވާ ނުބަހައްޓާ މީހުންނެވެ. މިމީހުންނީ "ރޯދަމަހުގެ
އިސްލާމުން" ނެވެ. ރޯދަމަސް އައުމުން މިމީހުން އަޅުކަމުގައި
އުޅެއެވެ. ނަމާދުކުރުމަށް ފަރުވާ ބަހައްޓައެވެ. ރޯދަމަސް ނިމުމުން
ނަމާދުކުރުން ނިމެއެވެ. މާތް ﷲ ރުއްސަވާފައި ވަނިކޮށް ނިޔާވުމަކީ
އެމީހުންނަށް އޮތް އެންމެ ރަނގަޅު ގޮތެވެ.
ހަތަރުވަނަ ގުރޫޕްގެ މީހުންނީ ކެއިން ބުއިން ފިޔަވައި އެހެން
އެއްވެސް ކަމަކުން އެއްކިބާވެގެން ނޫޅޭ މީހުންނެވެ. މިމީހުންނަށް
ރޯދައިގެ ސަބަބުން ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ނޫނީ
ނުލިބެއެވެ.
ފަސްވަނަ ބައިގެ މީހުންނީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ނިދުމުގެ
ވަޤުތުތަކަކަށް ހަދައި އެމަހުގެ ރޭގަނޑުތައް މުނިފޫހި ފިލުވުމުގެ
ޕާރޓީތަކަކަށް ހަދާ މީހުންނެވެ. ޒިކުރުކުރުމާއި ﷲ ހަނދުމަކޮށް
މަޢުރިފާ ކޮށް ދެނެގަތުމުގެ ބަދަލުގައި މިމީހުން ކުޅިވަރާއި މުނިފޫހި
ފިލުވުމުގެ ކަންތަކުގައި ޢުމުރުގެ ދުވަސްތައް އިސްރާފު ކުރެއެވެ.
މިމީހުންނަށް ދުޅަ ހެޔޮކަމުގެ ނިޢުމަތް ދެއްވާފައި ވާއިރުވެސް،
އަދި ހެޔޮކަންތައްތައް ކުރުމުގެ ފުރުޞަތު ލިބިފައިވާއިރުވެސް މި ހެޔޮ
ނިޢުމަތް ހިތަށް ޣާފިލުކަންމަތީ ނާޝުކުރުވެރިކަމުގައި ދުވަސްތައް
ހޭދަކުރެއެވެ.
ތިބާ
ހިމެނެނީ މިފަސް ބައިގެ ތެރެއިން ކޮން ބަޔެއްގައި ތޯއެވެ؟
މިރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް،
ތިމާގެ ނަފްޞު ޠާހިރުކޮށްލުމަށް،
ހެޔޮކަމަށް ރުޖޫޢަވުމަށް،
ޙަޔާތުގެ އައު ޞަފްޙާއެއް އެއްލުމަށް މަސައްކަތްކުރާ ވަޤުތަކަށް
ހަދަމާތޯއެވެ. ޔަޤީނުން އެނގޭ ކަމަކީ މިރޯދަމަހެއް ތިބާއަށް ދެނެއް
ނުލިބޭނެކަމެވެ. ޢުމުރުގެ ބާކީ އޮތް ދުވަސްތަކުން އެއްރޯދަމަސް
އުނިވަނީއެވެ. ކަންދިމާވާގޮތުން ތިބާއާ ބައްދަލުވާ އެންމެ ފަހު
ރޯދަމަހަކީ މިރޯދަމަސް ކަމުގައިވެސް ވެދާނެއެވެ. ތެދުވާށެވެ.
ހެޔޮކަންތަކުގައި މަޝްޣޫލު ވާށެވެ.
-ނިމުނީ- |