|
ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތް.
ލިޔުނީ:
އައްޝެއިޚް އާދަމް ނަސީމް (ބީއޭ)

ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "(196) ތިޔަބައިމީހުން
ﷲއަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ! ފަހެ،
އެކަމުގައި ތިޔަބައިމީހުންނަށް ހުރަސް އެޅިއްޖެނަމަ، ހަދްޔުގެ
ތެރެއިން ތަނަވަސްވެ، ލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. (ހަދްޔަކީ
ގެރި، ބަކަރި، ޖަމަލުގެ ތެރެއިން ކަޢުބަތުﷲ ގެފުޅަށް ހަދިޔާކުރެވޭ
ތަކެއްޗެވެ.) އަދި ހަދްޔު އެކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް
ދާންދެން، ތިޔަބައި މީހުން ބޯ ނުބާލާހުށިކަމެވެ. ފަހެ، ތިޔަބައި
މީހުންގެ ތެރެއިން ބަލިވެއްޖެމީހާ، ނުވަތަ ބޮލުގައި ބައްޔެއް
ހުރެއްޖެމީހާ، އެކަންކަމުގެ ސަބަބުން، ބޯ ބާލައިފިނަމަ، ފަހެ،
ރޯދައިން ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން،
ފިދްޔައެއް ދިނުންހުއްޓެވެ. ފަހެ، ތިޔަބައިމީހުންނަށް އަމާންކަން
ލިބިއްޖެނަމަ ޢުމްރާއަށްފަހު، ޙައްޖާއި ހަމައަށް ދާންދެން، އަރާމު
ލިބިގެންފިމީހާ (އެބަހީ: ޙައްޖުގެ ދުވަސް ވަރުގައި ޢުމްރާގެ
އަޅުކަންނިމި، އިޙްރާމުގެ ސަބަބުން ޙަރާމްވާ ކަންތައްތައް ހުއްދަ
ވުމަށްފަހު، މައްކާގައިހުރެ އަލުން ޙައްޖަށް އިޙްރާމް ބަދެފިމީހާ)
ހަދްޔުގެ ތެރެއިން، ތަނަވަސްވެލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ.
ފަހެ، އެނުލިބިއްޖެމީހާ، ޙައްޖުގެ ތެރޭގައި ތިންދުވަހު، އަދި
ޙައްޖުން އެނބުރި އައުމަށްފަހު ހަތްދުވަހު ރޯދަހިފުންހުއްޓެވެ. އެއީ
ފުރިހަމަ ވެގެންވާ ދިހަދުވަހެވެ. އެކަންއޮތީ އެމީހެއްގެ އަހުލުވެރީން
ޙުރުމަތްތެރި ވެގެންވާ މިސްކިތްހުރި ރަށުގެ ވަޒަންވެރީން ކަމުގައި
ނުވާމީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި
ހަމަކަށަވަރުން ﷲއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެކަން
ތިޔަބައިމީހުން ދަންނާށެވެ!
(197) ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ.
ފަހެ، އެމައްސަރުތަކުގައި ޙައްޖުގެ ފަރުޟު ކޮށްގެންފިމީހާ
(ދަންނާށެވެ!) ފަހެ، ޙައްޖު ވުމުގެތެރޭގައި ޖިމާޢުވުމެއް،
އުރެދުމެއް، އަދި އަރާރުން ވުމެއްވެސްނެތެވެ. އަދި، ހެޔޮކަމުގެ
ތެރެއިން ތިޔަބައިމީހުން ކުރާކޮންމެކަމެއް ﷲދެނެވޮޑިގެންވެއެވެ. އަދި
ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ،
ހަމަކަށަވަރުން އެންމެމޮޅު ކޮއްތަކީ ތަޤްވާއެވެ. އޭ ބުއްދީގެ
އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް
ތަޤްވާވެރިވާށެވެ!
(198) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ލިބޭ
ފަޟްލުވަންތަވެރިކަމެއް، (އެބަހީ: ވިޔަފާރި ކުރުންފަދަ ގޮތްގޮތުން
ހޯދާ ތަނަވަސްކަމެއް) އެދިގަތުމުގައި ތިޔަބައިމީހުންގެ މައްޗަކަށް
ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ
ދަތުރު ފަށައިގެންފިނަމަ، އަލްމަޝްޢަރުލް ޙަރާމްގައި ﷲހަނދުމަކޮށް،
(ތަލްބިޔާކިޔާ، ދުޢާކޮށް) އުޅޭށެވެ! އަދި އެކަލާނގެ ތިޔަބައި
މީހުންނަށް ތެދުމަގު ދެއްކެވިފަދައިން، ތިޔަބައިމީހުން އެކަލާނގެ
ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުންވެފައިވަނީ
މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
(199)ދެން، މީސްތަކުން (ޢަރަފާތުން މުޒުދަލިފާއަށް) އެނބުރިއަންނަ
ފަދައިން ތިޔަބައިމީހުންވެސް، އެނބުރި އަންނާށެވެ! އަދި
ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދޭށެވެ!
ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަހީމުވަންތަ
ރަސްކަލާނގެއެވެ.
(200) ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް އަދާކޮށް
ނިމިއްޖެ ހިނދެއްގައި، ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން
ހަނދުމަކޮށް އުޅުނު ފަދައިން، ނުވަތަ އެއަށްވުރެ ގަދަވެގެންވާ
ހަނދާން ކުރުމަކުން، ތިޔަބައިމީހުން ﷲހަނދުމަކުރާށެވެ! އަޅަމެންގެ
ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި އަޅަމެންނަށް ހެޔޮކަން ދެއްވާދޭނވެ
އޭ ކިޔައި ދުޢާކުރާމީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން
މީހަކަށް އާޚިރަތުގައި އެއްވެސް ނަސީބެއްނެތެވެ.
(201) އަދި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން،
އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާދޭނވެ އޭ އަދި
ނަރަކައިގެ އަޛާބުން އަޅަމެން ދިންނަވާދޭނވެ އޭ ކިޔައި ދުޢާކުރާ
މީހުންވެސް އެމީހުންގެ ތެރެއިންވެއެވެ.
(202) އެބައިމީހުން ހޯދައިގަތް ހެޔޮކަމުގެ ނަސީބު އެބައިމީހުންނަށް
ހުއްޓެވެ. ﷲއީ، ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ
ރަސްކަލާނގެއެވެ.
(203) ޢަދަދު ކަނޑަ އެޅިގެންވާ ދުވަސްތަކެއްގައި (އެބަހީ: އައްޔާމުއް
ތަޝްރީޤުގެ ތިންދުވަހު) ﷲ ހަނދުމަކޮށް (ތަކުބީރުކިޔައި) އުޅޭށެވެ!
(އެއީ މިނާގައި ތިންދުވަހެވެ.) ފަހެ، ދެދުވަހުގެ ތެރޭގައި (އެނބުރި
ދިޔުމަށް) އަވަސްވެގަތް މީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ
މައްޗަކަށް ފާފައެއްނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާ
(ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށްވެސް ފާފައެއްނެތެވެ. އެއީ
ތަޤްވާވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް
ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން (ޤިޔާމަތް
ދުވަހުން) މަޙުޝަރަށް ފޮނުއްވޭނީ އެކަލާނގެ ޙަޟްރަތަށްކަން
ތިޔަބައިމީހުން ދަންނާށެވެ!” (ސޫރަތުލް ބަޤަރާ)
ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ ވެއްޖެމީހާ ޢުމުރުން އެއްފަހަރު
ޙައްޖުވުމަކީ ވާޖިބުކަމެކެވެ. ހަމައެފަދައިން ޢުމުރުން އެއްފަހަރު
ޢުމްރާވުމަކީވެސް ވާޖިބުކަމެކެވެ. ދިވެހިރާއްޖެއިން ޙައްޖަށްދާ
މީހުން ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ. އެހެންކަމުން
ޙައްޖާއި ޢުމްރާއާއި މިދެވާޖިބު ޙައްޖު ދަތުރުގައި އަދާކުރެވޭނެއެވެ.
ޙައްޖު ތަމައްތުޢުގެ ވާހަކަ އަދި ފަހުން އަންނަ ހުއްޓެވެ. ޙައްޖުގެ
މަގުތަކަށް ކެރިކުޅަދާނަ ވުމަކީ ޙައްޖުވުމަށް ޚަރަދުކުރުމަށް
ކުޅަދާނަ ވެގެންވުމާއި، ޞިއްޙީގޮތުން ކުޅަދާނަ ވެގެންވުމާއި
މަގުއަމާން ވެގެންވުމެވެ. ޙައްޖު ވާޖިބުވުމުން ޙައްޖުވުމަށް
އަވަސްވެގަތުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު
ކުރައްވާފައިވެއެވެ. އެއީ އޭނާއަށް ހުށަހެޅިދާނެކަމެއް އެއްވެސް
މީހަކަށް އެގިގެން ނުވާކަމަށް ޓަކައެވެ. ފަހެ ބަލިވެސް ވެދާނެއެވެ.
މަރުވެސް ވެދާނެއެވެ. އަންހެނުންގެ މައްޗަށްވެސް ޙައްޖާއި ޢުމްރާ
ވާޖިބުވެގެންވެއެވެ. ޞައްޙަ ސަނަދަކުން ރިވާވެގެންވެއެވެ.
ހަމަކަށަވަރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
އަރިހުގައި ޢާއިޝަތުގެފާނު، ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ!
އަންހެނުންވެސް ޖިހާދުކުރަން ޖެހޭތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ.
އެކަނބަލުންގެ މައްޗަށްއޮތީ ހަނގުރާމަ ކުރުމެއް ހިމެނިފައިނުވާ
ޖިހާދެކެވެ. ޔަޢުނީ: ޙައްޖުވުމާއި ޢުމްރާވުމެވެ. މިޙަދީޘް
ރިވާކުރެއްވީ އަޙުމަދުބުނު ޙަންބަލްއާއި އިބުނު މާޖާއެވެ.
ކޮންމެ މީހަކުމެ އެމީހެއްގެ ޢުމުރުން އެއްފަހަރު މެނުވީ ޙައްޖާއި
ޢުމްރާ ވާޖިބު ވެގެނެއްނުވެއެވެ. ޢުމުރުން އެއްފަހަރަށްވުރެ ގިނައިން
ޙައްޖާއި ޢުމްރާކޮށްފިމީހާގެ އެއަޅުކަން ހިމެނޭނީ ސުއްނަތް
އަޅުކަމުގެ ތެރޭގައެވެ. ޙައްޖާއި ޢުމްރާ ގިނަކުރުމަކީ
ސުއްނަތްވެގެންވާ ކަމެކެވެ.
ދެންފަހެ، ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ޤަސްދުކޮށް
ޢަޒުމްކަނޑައަޅައި ނުކުންނަމީހާ، ﷲއަށް ތަޤްވާވެރިވުމަށް އޭނާގެ
އަހުލުވެރީންނަށް ވަޞިޔަތް ކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަދި
އޭނާގެ އަތުން ދަރަނީގެ ގޮތުން މީހުން ގެންގޮސްފައިވާ ތަކެތީގެ
ތެރެއިން ލިބެންޖެހޭ ތަކެއްޗާއި، މީހަކަށް އެއްޗެއް ދޭންވެފައިވާނަމަ
އެ އެއްޗަކާއި، މިބާވަތުގެ މުޢާމަލާތުގެ ކަންތައްތައް ލިޔެ ހެކިކޮށް
ހެދުމަކީވެސް ކުރަންޖެހޭ ކަންކަމެވެ. އަދި ތެދުވެރި ތަޥްބާވުމަކީވެސް
އޭނާގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. އަދި އޭނާގެ ޙައްޖުގެ އަޅުކަން
އަދާކުރުމަށް ނުވަތަ ޢުމްރާގެ އަޅުކަން އަދާކުރުމަށް ހޭދަކުރާ
ހޭދަކުރުމަކީ ޙަލާލުގޮތުގައި ހޯދާފައިހުރި ތަކެތި ކަމުގައިވުން
ވާޖިބުވެގެންވެއެވެ. ފަހެ، މުސްލިމުން ކޮންމެ ހާލެއްގައިވެސް
އަބަދުގެ އަބަދަށް ބޭނުންކުރަން ޖެހެނީ ޙަލާލު ތަކެއްޗެވެ. ޞައްޙަ
ޙަދީޘުން ސާބިތުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރެއްވިއެވެ. ހަމަކަށަވަރުން އަރަހުށި މާތްﷲއީ ހުސްޠާހިރުވަންތަ
ރަސްކަލާނގެއެވެ. ޙަލާލު އެއްޗެއް މެނުވީ އެކަލާނގެ ޤަބޫލުފުޅެއް
ނުކުރައްވައެވެ.
ޙައްޖުވުމަށް ނިޔަތްގަނެގެން ނިކުންމީހާ އޭނާގެ ޙައްޖުންނާއި
ޢުމްރާއިން ﷲގެ ވަޖްހުފުޅާއި އާޚިރަތް ދުވަހުގެ ބާއްޖަވެރިކަން
އެދުމަކީ ވާޖިބުކަމެކެވެ. އެއާ ޚިލާފަށް ކަންދެއްކުމާއި،
ފަޚުރުވެރިވެ ގަތުމަކީ ޙަރާމްކަމެކެވެ. އަޅުކަމަކަށް ސަވާބުލިބުމުގެ
ބަދަލުގައި އަޛާބު ލިބެނިވި ކަންކަމެވެ.
ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ޤަޞްދުކޮށްފިމީހާ މިއަޅުކަންތައް
އަދާކުރުމަށްޓަކައި ﷲ ޝަރުޢު ކުރައްވާފައިވާގޮތް ސުއްނަތުގެ އަލީގައި
ދަސްކުރުން ވާޖިބުވެގެންވެއެވެ. ފޮތްފޮތުން ދަސްކުރުމާއި ޢިލްމުގެ
އަހުލު ވެރީންނާ ސުވާލުކުރުން ހުއްޓެވެ. އެއީ އަޅުކަން އަދާކުރާގޮތް
ރަނގަޅަށް އުނގެނުމަށްޓަކައެވެ.
ކޮންމެ ދަތުރެއް ފަށާއިރުވެސް ދަތުރު ދުޢާކިޔުން ހަނދާންކުރުން
ހުއްޓެވެ. މިމޭރުމުން ބަލާއިރު މުހިއްމު ދުޢާތައް ލިޔެޗާޕް
ކޮށްފައިވާ ކުދިކުދި ފޮތްތަކުގެ ތެރެއިން ރަގަޅު ފޮތެއް ގެންގުޅުން
ރަނގަޅުވާނެއެވެ. ދަތުރުމަތީގައި ޛިކުރު ކުރުމާއި، ދުޢާކުރުމާއި،
ފާފަފުއްސަވައި ދެއްވުންއެދި ﷲގެ ޙަޟްރަތަށް ދެންނެވުމާއި، ޤުރްއާން
ކިޔެވުމާއި، ޞަލަވާތް ކިޔެވުމާއި، ނަމާދަށް ރައްކައުތެރިވުމާއި،
ދޫރައްކާތެރި ކުރުމާއި، ބުނެވުނޭ ބުނެފިއޭގެ ވާހަކަ ދޫކޮށްލުމާއި،
އަދި މިނޫނަސް މިބާވަތުގެ ހެޔޮ ޢަމަލުތަކުގައި މަޝްޣޫލުވުން
ހުއްޓެވެ.
ދަންނައެވެ! ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަންނަ މީހާއަށް
ދެޙާލަތެއްވެއެވެ. (1) އޭގެ ތެރެއިން އެއްޙާލަތަކީ ޙައްޖުގެ
މައްސަރުތައް ފިޔަވައި އެހެން މައްސަރެއްގެ ދުވަހެއްގައި އިޙްރާމް
ބަނުމެވެ. މިޙާލަތުގައި އިޙްރާމް ބަދެވޭނީ ހަމައެކަނި ޢުމްރާއަށެވެ.
ދުލުން ނިޔަތްކިޔާނީ އަދި ހިތުނިޔަތް ގަންނާނީ ޢުމްރާވުމަށެވެ.
މީޤާތުން އިޙްރާމްބަނުން ހުއްޓެވެ. އިހުރާމް ބަނދެވޭނީ
އިޙްރާމްހެދުން ލައިގެން މިއަޅުކަމަށް ނިޔަތް ގަތުމުންނެވެ.
އިހުރާމްގެ ހެދުން ލުމަކުން ނިޔަތްނުގަންނަހާ ހިނދަކު އިޙްރާމް
ބަންކަމަކަށް ނުވާނެއެވެ. އިޙްރާމް ބަނުމަށްފަހު ގެފުޅާ ހަމައަށް
ދެވެންދެން ތަލްބިޔާ ކިޔަންވާނެއެވެ. ފިރިހެނުން ހަރުއަޑުންނެވެ.
އަންހެނުން ހަރުއަޑަކުންނޫނެވެ. އިޙްރާމް ބަނުމުން ޙަރާމްވާ
ކަންތައްތަކެއް ހުރެއެވެ. އެވާހަކަ އަދިފަހުން އަންނަހުއްޓެވެ.
ގެފުޅާހަމައަށް ދެވުމާއެކު ތަލްބިޔާކިޔުން ހުއްޓުނީއެވެ.
ދެންގެފުޅުގައި ޠަވާފުކުރާނީއެވެ. ދެން މަޤާމު އިބްރާހީމުގައި
ޠަވާފުގެ ދެރަކްޢަތް ނަމާދު ކުރާނީއެވެ. މަޤާމް އިބްރާހީމުގައި
ދެރަކްޢަތް ނުކުރެވޭނަމަ ޙަރަމްފުޅުގެ ކޮންމެތަނެއްގައި މިދެރަކްޢަތް
ކުރުމުންވެސް ފުދޭނެއެވެ. އެއަށްފަހު ޞަފާއާއި މަރުވާއާ ދެމެދު
ހަތްފަހަރު ހިނގާނީއެވެ. ދެން އެއަށްފަހު ބޯބޭލުމުން ނުވަތަ ބޯ
ކުރުކުރުމުން އިޙްރާމް ކެނޑުނީއެވެ. އިޙްރާމް ބަނުމުން ޙަރާމްވީ
ކަންތައް ހުއްދަވީއެވެ. އަންހެނުން ބޯކުރުކުރުމުގެ ބަދަލުގައި
އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑުން އަނގުލެއްހައި މިންވަރު
ބުރިކޮށްލުމުން އިޙްރާމު ކެނޑުނީއެވެ.
(2)
ދެވަނަ ޙާލަތަކީ ޙައްޖުގެ މައްސަރު ތަކުގެ ތެރެއިން ދުވަހެއްގައި
އިޙްރާމްބަނުމެވެ. ޙައްޖުގެ މައްސަރުތަކަކީ ޝައްވާލު މަހާއި،
ޒުލްޤަޢުދާ މަހާއި، ޒުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހާއިއެވެ.
މިޙާލަތުގައި އިޙްރާމް ބަންނަ މީހާއަށް ތިންގޮތަކުންކުރެ އެއްގޮތަށް
އިޙްރާމް ބަނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެއީ (1) ހަމައެކަނި
ޙައްޖަށް އިޙްރާމް ބަނުން. (2) ޢުމްރާއަށް އިޙްރާމް ބަނުން. (3)
ޙައްޖާއި ޢުމްރާއާ އެއްކޮށް އިޙްރާމްބަނުން. މިއެވެ. ދެންފަހެ،
ހަމައެކަނި ޙައްޖަށް އިޙްރާމް ބަންނަމީހާ އާއި، ޙައްޖާއި ޢުމްރާއާ
އެއްކޮށް އިޙްރާމްބަން މީހާއާއި މިދެމީހުންމިބަން އިޙްރާމް ކެނޑޭނީ
ޒުލްޙިއްޖާމަހުގެ ދިހަވަނަ ދުވަހުއެވެ. އެއީ ޢަރަފާތުގައި ހުރުމާއި،
މުޒުދަލިފާގައި ރޭކުރުމަށްފަހު، މިނާއަށްގޮސް އެދުވަހު ކުރަންޖެހޭ
ކަންތައްތަކުގެ ތެރެއިން ބައެއްކަންތައް ކުރުމަށް ފަހުގައެވެ.
އިޙްރާމް ބަނުމުން ޙަރާމްވީ ކަންތައްތަކުގެ ތެރެއިން ޖިމާޢުވުން
ފިޔަވައި އެހެނިހެން ކަންތައް މިހިސާބުން ހުއްދަވީއެވެ.
އަނބިކަނބުލޭގެ ހުއްދަވާނީ ނުވަތަ ފިރިކަލުން ހުއްދަވާނީ ޠަވާފުލް
އިފާޟާކޮށް ޞަފާމަރުވާގައި ހިނގުމަށް ފަހުއެވެ. ޙައްޖުމަހުގެ
އަށްވަނަދުވަހާއި، ނުވަ ވަނަދުވަހާއި، ދިހަ ވަނަދުވަހާއި، އައްޔާމުއް
ތަޝްރީޤުގެ ތިންދުވަހު ޙައްޖުވެރިން ކުރަންޖެހޭ ކަންތައްތަކުގެ
ވާހަކަ އަދި ފަހުން އަންނަހުއްޓެވެ. އަދި މިއަށްވުރެ ތަފްޞީލުކޮށް
ލިޔެފައި ހުންނަ ފޮތްފޮތުން އުނގެނުން ހުއްޓެވެ.
ދެންފަހެ އިސްވެދިޔަ ދެވަނަޙާލަތުގެ ދެވަނަ ނަމްބަރުގައިވާގޮތަށް
އިޙްރާމް ބަންނަމީހާ ދަންނައެވެ! އޭނާ ޙައްޖުވާނަމަ އެކުރަނީ ޙައްޖު
ތަމައްތުޢުއެވެ. ދިވެހިރާއްޖެއިން ޙައްޖަށް ދާމީހުން
ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ. ޙައްޖު ތަމައްތުޢު
ކުރާގޮތަކީ ޙައްޖުގެ މައްސަރު ތަކުގެ ތެރެއިން ދުވަހެއްގައި މީޤާތުން
ޢުމްރާއަށް އިޙްރާމް ބަނުމެވެ. ދެންއިސްވެ ބަޔާންކުރެވުނު ފަދައިން
ޢުމްރާގެ އަޅުކަން ނިންމައި ޙަލާލުވާނީއެވެ. މިޙާލަތުގައި، ޢުމްރާގެ
އަޅުކަން އަދާކޮށް ނިމުމަށްފަހު، ޙަލާލުވެގެން މައްކާގައި
ހުންނާނީއެވެ. ޙަލާލުވުމޭ ބުނެވުނު ބަހުގެ މާނައަކީ އިޙްރާމް
ބަނުމުން ޙަރާމްވީ ކަންތަކުން ޙަލާލުވުމެވެ. މިމޭރުމުން މާތްވެގެންވާ
މައްކާގައި ހުރެފައި ޒުލްޙިއްޖާމަހުގެ އަށްވަނަ ދުވަހު ޙައްޖަށް
އިޙްރާމް ބަންނާނީއެވެ. ޙައްޖަށް އިޙްރާމް ބަންނާނީ އެމީހަކުއެހުރި
ހޮޓަލެއްގައެވެ. ނުވަތަ އެހުރި ގެއެއްގައެވެ. މިޙާލަތުގައި ޙައްޖަށް
އިޙްރާމްބަނުމަށް މީޤާތަށް ދާކަށްނުޖެހޭނެއެވެ. ޙައްޖުމަހުގެ
އަށްވަނަދުވަހު އިޙްރާމް ބަދެގެން މިނާއަށް ދާނީއެވެ. އެދުވަހު
މިނާއަށް ދާދިޔުމަކީ ޙައްޖުގެ ސުންނަތް ކަންތަކުގެ ތެރޭގައި
ހިމެނޭކަމެކެވެ. މިނާގައި ނަމާދު ކުރާނީ ކޮންމެ ނަމާދެންމެ
އެނަމާދެއްގެ ވަގުތުގައި ހަތަރު ރަކްޢަތްނަމާދު ޤަޞްރުކޮށެވެ. އެބަހީ
ހަތަރު ރަކްޢަތް ނަމާދު ދެރަކްޢަތުންނެވެ. ދެން ޙައްޖުމަހުގެ ނުވަ
ވަނަދުވަހު ފަތިސްނަމާދުކޮށްގެން ޢަރަފާތަށްދާން ނިކުންނާނީއެވެ.
ޢަރަފާތުގެ އަޅުކަން ފެށޭނީ މެންދުރުވުމުންނެވެ. އެހިނދު، މެންދުރު
ނަމާދާއި ޢަޞްރު ނަމާދު ޤަޞްރުކޮށް، ޖަމްޢުކޮށް ކުރުމަށްފަހު
ދުޢާކުރުމުގައި ދެމިހުންނާނީއެވެ. ޢަރަފާތުން ނިކުތުން ހުއްދަވާނީ
އެދުވަހުގެ އިރުއޮއްސުމުންނެވެ. ޢަރަފާތުގައި ހުންނަހުރުމަކީ
ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޙައްޖުގެ ރުކުނެއް
ފާއިތުވެއްޖެނަމަ ޙައްޖުފާއިތުވީއެވެ. ޙައްޖުގެ ވާޖިބެއް
އެޅިއްޖެނަމަ ކައްފާރާދޭނީއެވެ. ޙައްޖުގެ ރުކުނާއި ވާޖިބު
ތަފާތުވެގެންވެއެވެ. ވާޖިބެއް އެޅިއްޖެނަމަ ކައްފާރާ ދިނުމުންއެކަން
ހަމަޖެހޭނެއެވެ. ކޮންމެއަކަސް ނުވަ ވަނަދުވަހު ޢަރަފާތުގައި
ހުރުމަށްފަހު ޙައްޖުގެ އަޅުކަމުގެ ތެރެއިން ދެންއޮތްބައި
ފުރިހަމަކުރާނީއެވެ. އެހެންކަމުން ނުވަ ވަނަދުވަހާއި،
ދިހަވަނަދުވަހާއި، އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު ޙައްޖުވެރިޔާ
ކުރަންޖެހޭ ކަންތައްތައް އުނގެނި ދެނެގަތުން ވާޖިބުވެގެންވެއެވެ.
ޙައްޖު ތަމައްތުޢު ކުރާމީހާގެ މައްޗަށް ބަކަރި ކަތިލުން
ވާޖިބުވާނެއެވެ. އެކަމަށް ކުޅަދާނަ ނުވާމީހާ ދިހަދުވަހު ރޯދަ
ހިފަންޖެހޭނެއެވެ. އެއީ ޙައްޖުގައި ތިންދުވަހެވެ. އެނބުރިރަށަށް
އައުމަށްފަހު ހަތްދުވަހެވެ. މުޅިއެކު ފުރިހަމަ ދިހަދުވަހެވެ.
ޢުމްރާއަށް ޙައްޖަށް އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައްތަކަކީ (1)
ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށިބޭލުން ނުވަތަ އިސްތަށިގަނޑު
ކުރުކުރުން ނުވަތަ އިސްތަށި އުފުރުން. (2) ނިޔަފަތި ކެނޑުން ނުވަތަ
ނިޔަފަތި އުފުރުން. (3) މީރުވަސްދުވާ ބާވަތުގެ އެއްވެސް އެއްޗެއް
ހަށިގަނޑުގައި ނުވަތަ ފޭރާމުގައިލުން. އިޙްރާމް ބަނުމުގެ ކުރީގައި
އިޙްރާމް ބަނުމަށްޓަކައި ހަށިގަނޑުގައި ހުވަނދުލުން ހުއްދައެވެ.
އެކަމަކު އިޙްރާމް ބަނުމުގެ ކުރީގައި ކަމަށްވިޔަސް އިޙްރާމް
ހެދުމުގައި ހުވަނދުލުންފަދަ މީރުވަސްދުވާ އެއްވެސް އެއްޗެއް
ލައިގެނެއްނުވާނެއެވެ. (4) ފަހާފައި ހުންނަހެދުން ފިރިހެނުންލުން.
(5) ފިރިހެނުން ބޫޓަށް އެރުންފަދަ ފައިތިލަ ނިވާވެފައި ހުންނަ
ބާވަތުގެ ފައިވާނަށް އެރުން. (6) މޫނު ނިވާކުރުން. އިޙްރާމް
ބަދެގެންއިންނަ އަންހެނާ، މޫނު ނިވާކުރުމަށްޓަކައި ފަހާފައިހުންނަ
ބުރުގާފަދަ އެއްޗަކުން މޫނުނިވާކުރުން. އަންހެނާގެ ބޯނިވާކުރަން
އަޅާބުރުގާފަދަ އެއްޗަކުން ކޮންމެހެން ބޭނުމެއް ޖެހިއްޖެ
ޙާލަތެއްގައި (އެބަހީ: ހިލޭފިރިހެނުންގެ ގާތުގައިނަމަ)
އެކަނބުލޭގެމޫނު ނިވާކޮށްލުން ޖާއިޒުވެގެންވެއެވެ. (7) އަތްތިލަ
ނިވާކުރުމަށްޓަކައި އަތުއުރަފަދަތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ.
ނަމަވެސް ހެދުމުން، ނުވަތަ އަޅައިގެން ހުރިބުރުގާއަކުން އަތްތިލަ
ނިވާކޮށްލުން ޖާއިޒުވެގެންވެއެވެ. (8) ޖިމާޢުވުން. (9) ނުބައި
ވާހަކަދެއްކުމާއި އަރާރުންވުން. (10)ފިރިހެނުން ބޯނިވާކުރުން. (11)
އެއްގަމު ޝިކާރަކުރުން. (12) ކައިވެނިކުރުން. (13) ޝަހުވަތްތެރި
ކަމާއެކު އަނބި ކަނބުލޭގެ ގައިގައިބީހުން. (14) ޙަރަމްގެ
އިމުގެތެރޭގައި ހުންނަ ގަސްކެނޑުމާއި ރޯވިނަ އުފުރުމަކީ އިޙްރާމުގައި
ތިބޭމީހުންނާއި އެނޫން މީހުންގެ މައްޗަށްވެސް ޙަރާމްވެގެންވާ
ކަމެކެވެ. (މިނާއާއި މުޒްދަލިފާއަކީ ޙަރަމުގެ އިމުތެރޭގައި ހިމެނޭ
ތަންތަނެވެ. ޢަރަފާތަކީ ޙަރަމުގެ ޙުދޫދުގެ ތެރޭގައި ހިމެނޭ
ތަނެއްނޫނެވެ.) މީހުންގެ އަތުން ވެއްޓިފައި ހުންނަތަކެތި
ހޮވާހެދުމަކީ ޙަރަމްފުޅުގެ ތެރޭގައި ޙަރާމްކަމެކެވެ. ވެރިފަރާތަށް
ރައްދުކުރުމަށްޓަކައި އެފަދަތަކެތި ހޮވުމަކީ ހުއްދަކަމެކެވެ.
މިޒަމާނުގައި އެފަދަތަކެތި ބަލައިގަންނަ އޮފީސް ޙަރަމްފުޅުގެ
ތެރޭގައި ހުރެއެވެ. ގެއްލުން އެއްޗެއް ސިފަކޮށް ދިނުމުން
އެއޮފީހަކަށް އެއެއްޗެއް ލިބިފައިވާނަމަ އޭގެ ވެރިފަރާތަށް
އެއެއްޗެއް ލިބޭނެއެވެ.
އިޙްރާމް ބަދެގެންހުންނަ މީހާ ފެންވެރުމަކީ ހުއްދަކަމެކެވެ.
އިޙްރާމްހެދުން ދާވެއްޖެނަމަ ހެދުންބަދަލު ކޮށްލުމަކީ
ހުއްދަކަމެކެވެ. ބަދަލުގައި ބޭނުންކުރާ ހެދުމަކީވެސް އިޙްރާމް
ބަނުމަށް ހުއްދަވެގެންވާ ހެދުމަކަށްވާން ޖެހޭނެއެވެ.
ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށްވެސް އިޙްރާމް ބަދެވޭނެއެވެ.
އެކަނބަލުން ޢަމަލުކުރާނެ މަގަކީ ފެންވަރާ ސާފުތާހިރުވެގެން
އިޙްރާމްހެދުން އަޅާނީއެވެ. މީޤާތުން ނިޔަތްގަންނާނީއެވެ.
ނަމާދުކުރުން ޙަރާމްވެގެންވާ ފަދައިން ގެފުޅުގައި ޠަވާފުކުރުންވެސް
އެކަނބަލުންނަށް ޙަރާމްވެގެންވެއެވެ. އެހެންކަމުން މައްކާއަށް
ވާޞިލުވުމުން އެކަނބަލުން ހިނައިޠާހިރުވެވެންދެން މައްކާގައި
ތިބޭނީއެވެ. ހިނައިޠާހިރުވެވުމުން ޠަވާފު ކުރާނީއެވެ. ޢަރަފާތުގައި
ތިބުމާއި، މުޒްދަލިފާގައި ރޭކުރުމާއި، މިނާގައި ރޭކުރުމާއި،
ޖަމްރާއަށް ހިލައުކުމާއި މިހުރިހައި ކަމެއްވެސް އެކަނބަލުންނަށް
ކުރެވޭނެއެވެ. ނުކުރެވޭނެކަމަކީ ނަމާދު ކުރުމާއި ޠަވާފު ކުރުމެވެ.
މިކަންކަން ކުރެވޭނީ ހިނައި ޠާހިރުވެވުނު އިރަކުންނެވެ.
ހިނައިޠާހިރުވެވޭނީ ޕީރިއަޑުގެ ކަންތައް ނިމުނީމައެވެ.
ޙައްޖާއި ޢުމްރާއާ ބެހޭގޮތުން އިސްވެދިޔަ ޙުކުމްތަކާއި މިޙުކުމްތަކާ
ގުޅިފައި ހުންނަ ޙުކުމްތައް، މިއަށްވުރެ ތަފްޞީލްކޮށް ލިޔެފައި
ހުންނަ ފޮތްފޮތުން އުނގެނި ދަސްކުރުން ހުއްޓެވެ. މިލިޔުމުގައި މިވަނީ
ހަމައެކަނި އައުޓުލައިނެކެވެ. މިއަކީ މިއަޅުކަމުގައި
ފުދޭމިންވަރެއްނޫނެވެ. ތަފްސީލު ބޭނުންވެގެންވެއެވެ.
ދަންނައެ! ޙައްޖުމަހުގެ 9ވަނަދުވަހަކީ ޢަރަފާތް ދުވަހެވެ. ޙައްޖަށް
ނުދާމީހުން އެދުވަހު ރޯދަ ހިފުމަކީ މުހިއްމު ކަމެކެވެ. ޔަޢްނީ
އެދުވަހު ރޯދަ ހިފުމަކީ ސުއްނަތް އަޅުކަމެކެވެ. ޙައްޖުވެރީން
ޢަރަފާތުގައި ތިބޭއިރު ރޯދަހިފުމެއްނޯވެއެވެ. ކީރިތި ރަސޫލާ ސައްލަﷲ
ޢަލައިހި ވަސައްލަމަ ޢަރަފާތުގައި ހުންނަވައި ރޯދަފުޅު
ހިއްޕެވިކަމެއް ސާބިތެއްނުވެއެވެ. ހަމައެފަދައިން އެކަލޭގެފާނުގެ
އަރިހުގައި ތިއްބެވި އަޞްޙާބު ބޭކަލުންވެސްމެއެވެ. ދިވެހިރާއްޖެއިން
ޙައްޖަށްދާ މީހުންގެ ތެރެއިން ބައެއްމީހުން ޢަފަރާތް ދުވަހު
ޢަރަފާތުގައި ރޯދައަށް ތިބެއެވެ. އެކަމަކު އެއީ ސާބިތުވާ
ކަމެއްނޫނެވެ. އެދުވަހުގެ މުހިއްމު އަޅުކަމަކީ މެންދުރުވުމުން
މެންދުރު ނަމާދާއި ޢަޞްރުނަމާދާއި ޤަޞްރު، ޖަމްޢު ކުރުމަށްފަހު ދުޢާ
ކުރުމުގައި ދެމިތިބުމެވެ.
ބައެއް ޙައްޖުވެރިން ޢަރަފާތުގައި ތިބޭއިރު، ބާޠިލުޢަޤީދާއެއްގެ
މައްޗަށް ބިނާކޮށް ޢަރަފާތު ބިމުގައި ހިލަ ވަޅުލާހަދާވެސްމެއެވެ.
އެއީ ބިދްޢައެކެވެ. ބިދްޢައިން ރައްކައުތެރިވުން ހުއްޓެވެ.
ޙައްޖުމަހުގެ ނުވަވަނަދުވަހަކީ ޢަރަފާތް ދުވަހެވެ. ޢަރަފާތުގައި
ހުރުމަކީ ޙައްޖުވުމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.
ޢަރަފާތުގައި ހުރުން ފާއިތުވެއްޖެ މީހަކަށް އެއަހަރަކު ޙައްޖެއް
ނުލިބޭނެއެވެ. ޢަރަފާތުގައި ހުރުމުގެ ފުރިހަމަ ވަގުތަކީ އެދުވަހުގެ
މެންދުރުން ފެށިގެން އެދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެންނެވެ.
އިރުއޮއްސުމުގެ ކުރީގައި ޢަރަފާތުން ނިކުތުމަކީ ދީނުގައި
މަނާކަމެކެވެ. އިރުއޮއްސުމުން ޢަރަފާތުން ނިކުތީމާ ރޭގަނޑުން
ބައެއްވެސް ޢަރަފާތުގައި ލިބުނީއެވެ. ކޮންމެއަކަސް ޢުޛުރެއް
މެދުވެރިވުމުން އިސްވެދިޔަ ވަގުތުގައި ޢަރަފާތުގައި ނުހުރެވުނުމީހާ
އެރޭގެ (ޔަޢްނީ: ޢަރަފާތް ދުވަހުގެ ރޭގަނޑުގެ) ފަތިހު
ފަޖްރުއްޞާދިގުގެއަލިކަން ފާޅުވުމުގެ ކުރީގައި ޢަރަފާތުގައި
މަޑުކޮށްލެވުނުނަމަ ޢަރަފާތް ލިބުނު މީހެއްކަމުގައި ބެލެވޭނެއެވެ.
ޢަރަފާތް ދުވަހު މެންދުރުވުމުން އިމާންމީހާ ދުވަހާ އެކަށީގެންވާ
ޚުޠުބާއެއް ވިދާޅުވެ މީސްތަކުންނާ މުޚާޠަބު ކުރެއްވުމަކީ ސުއްނަތް
ވެގެންވާ ކަމެކެވެ. އެއަށްފަހު މެންދުރުނަމާދާއި ޢަޞްރުނަމާދު
ޤަޞްރުކޮށް ޖަމްޢުކުރާނީއެވެ. މެންދުރު ނަމާދަށް ބަންގިއާއި
ޤަމަތްދޭންވާނެއެވެ. ސަލާމް ދިނުމަށްފަހު ޢަޞްރުނަމާދަށް
ޤަމަތްދޭންވާނެއެވެ. ދެން އިރުއޮއްސިއްޖައުމަށް ދާންދެން
ދުޢާކުރުމުގައި ދެމިތިބޭނީއެވެ. އެދުވަހު ކުރުން ޚާއްޞަވެގެންވާ
ދުޢާތައް ދުޢާފޮތްފޮތުގައި ހުންނާނެއެވެ. ތަކްރާރުކޮށް ދުޢާކުރުން
ހުއްޓެވެ. ގިނަގިނައިން ފާފަފުއްސެވުންއެދި ކީރިތިވަންތަ ﷲގެ
ޙަޟްރަތަށް ދެންނެވުން ހުއްޓެވެ. ގިނަގިނައިން ޞަލަވާތް ކިޔެވުން
ހުއްޓެވެ. ގިނަގިނައިން ޤުރްއާން ކިޔެވުން ހުއްޓެވެ. ތަޥްބާވުން
ހުއްޓެވެ. ޢަރަފާތް ދުވަހަށްވުރެ ގިނައިން މީސްތަކުން ނަރަކައިން
މުއްތިކޮށްދެއްވާ އެހެންދުވަހެއް ނުވާކަމަށް ޞައްޙަ ޙަދީޘުން
ސާބިތުވެއެވެ. ބަދްރު
ހަނގުރާމައިގެ ދުވަސްފިޔަވައި ޝައިޠާނާ އެންމެބޮޑަށް ނިކަމެތި
ވެގެންދާ ދުވަހަކީވެސް ޢަރަފާތްދުވަހެވެ.
އެދުވަހު އިރު އޮއްސުމަށްފަހު ޢަރަފާތުން ނިކުންނާނީ
މަޣްރިބުނަމާދު ނުކޮށެވެ. މުޒްދަލިފާއަށް ދެވުމުން މަޣްރިބްނަމާދު
ތިންރަކްޢަތުން ޢިޝާނަމާދު ދެރަކްޢަތުން މިދެނަމާދު ޖަމްޢުކޮށް
ކުރާނީއެވެ. މުޒްދަލިފާގައި އެންމެ ފުރަތަމަ ކުރާނީ ނަމާދެވެ.
ހިލަހޮވާނީ ނަމާދަށްފަހުއެވެ. މުޒްދަލިފާގައި ރޭކުރުމަކީ ޙައްޖުގެ
ވާޖިބެކެވެ. ވާޖިބެއް އެޅިއްޖެއްޔާ ފިދްޔަދޭންޖެހޭނެއެވެ. އެއީ
ބަކަރިއެއް ކަތިލުން ނުވަތަ ތިންދުވަހު ރޯދަ ހިފުން ނުވަތަ ހަ
މިސްކީނުންނަށް ކޮންމެ މީހަކަށް ޞާޢެއްގެ ދެބައިކުޅަ އެއްބައިގެ
މިންވަރު ކާންދިނުމެވެ. ޙައްޖުވެރިން މުޒްދަލިފާގެ ރޭގައި ރޭކުރާނީ
މުޒްދަލިފާގައެވެ. ބަލިކަށިމީހުން ރޭގަނޑުގެ ފަހުބައިގައި މިނާއަށް
ރުޖޫޢުވުން ޖާއިޒުވެގެންވެއެވެ. އެނޫންމީހުން ފަތިސްނަމާދު ކުރާނީ
މުޒަދަލިފާގައެވެ. އެއަށްފަހު ދުޢާކުރުމުގައި ދެމިތިބޭނީއެވެ.
އިރަށްދޮންވެ އިރުއަރަން ކައިރިވުމުން މިނާއަށް ދަތުރުފަށާނީ
އިރުއެރުމުގެ ކުރީގައެވެ. ޙައްޖަށް އިޙްރާމް ބަދެގެން ކިޔަންފެށި
ތަލްބިޔާ ނިމޭހުށީ ޖަމްރަތުލް ޢަޤަބާއާ ހަމައަށް ދެވުމުންނެވެ.
އެދުވަހު ޔަޢްނީ ޢީދުދުވަހު މުޒްދަލިފާއިން މިނާއަށް އައުމަށްފަހު
ކުރަންޖެހޭ ކަންތައްތަކަކީ
(1) ޖަމްރަތުލް ޢަޤަބާއަށް ހިލައުކުން.
(2) ކަތިލުން.
(3) ބޯބޭލުން ނުވަތަ ބޯކުރުކުރުން. (އަންހެނުން އެކަނބަލުންގެ
އިސްތަށިގަނޑުގެ ނިމޭހިސާބުން އަގުލެއްގެ މިންވަރު
ބުރިކޮށްލާނީއެވެ.)
(4) ޠަވާފުލް އިފާޟާކުރުމާއި ސަޢްޔުކުރުން. މިއެވެ.
މިކަންތައް މިމަގުން ތަރުތީބު ކުރުން ސުންނަތް ވެގެންވެއެވެ.
ނަމަވެސް މިކަންކަން މިމަގުންނޫން ގޮތަކަށް އިސްފަސްކުރުމަކީ
ހުއްދަކަމެކެވެ. ހިލައުކުމާއި، ބޯބޭލުން ނުވަތަ ބޯކުރުކުރުމާއި،
ސަޢްޔުކުރުމާއެކު ޠަވާފުލް އިފާޟާ ކުރުމާއި، މިތިން ކަންތަކުގެ
ތެރެއިން ފުރަތަމަ ބުނެވުނު ދެކަންތައް ކުރުމުން ފުރަތަމަ ޙަލާލު
ވެވުނީއެވެ. އެބަހީ ޙައްޖަށް އިޙްރާމްބަނުމުން ޙަރާމްވީ ކަންތަކުގެ
ތެރެއިން އަނބިމީހާ ފިޔަވައި އެހެނިހެން ކަންތައް ޙަލާލުވީއެވެ.
އަނބިމީހާ ޙަލާލުވާނީ މިތިންކަންތައް ފުރިހަމަ ކުރުމުންނެވެ.
ޢީދުދުވަހު މިކަންތައްތައް ނުކުރެވުނުމީހާ އައްޔާމުއްތަޝްރީޤުގެ
ތިންދުވަހުގެ ތެރޭގައި މިކަންތައް ކޮށްނިންމާނީއެވެ.
ޢުޒުރުވެރިވެއްޖެނަމަ އުޒުރު
ފިލައިދިޔަ
ދުވަހަކުންނެވެ. ކަތިލުންވެސް ހަމަމިފަދައެވެ. އައްޔާމުއް ތަޝްރީޤުގެ
ތިންދުވަހުންކުރެ ކޮންމެ ދުވަހަކު ތިންޖަމްރާއަށް ހިލައުކުމާއި
މިނާގައި ރޭކުރަން ޖެހޭނެއެވެ. ހިލައުކަންވާނީ މެންދުރުވުމަށް
ފަހުގައެވެ. މިނާގައި ތިންދުވަހު ނުތިބެ ދެދުވަހުތިބުމަކީ
ކުށެއްނޫނެވެ. މިނާގައިތިބޭ ތިބުމަކީ ﷲހަނދުމަ ކުރުމަށްތިބޭ
ތިބުމެކެވެ.
އިސްވެދިޔަ ކަންތައް އިސްވެދިޔަ ފަދައިން ކުރުމުން ޙައްޖުނިމުނީއެވެ.
ޙައްޖުވެރިންނާއި އެނޫންމީހުން ޒަމްޒަމްފެން ބުއިމަކީ ސުއްނަތް
ވެގެންވާކަމެކެވެ. އެއީ ފައިދާހުރި ބުއިމެކެވެ. އެއީކޮންމެ
ބަލިމަޑުކަމަކަށް ޝިފާލިބޭ ކަމެކެވެ. ޙައްޖުވެރިޔާ ރަށަށް އެނބުރި
އައުމުގެކުރީގައި އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުމަކީ
އެދެވިގެންވާ ކަމެކެވެ. ޙައްޖުގެ އަޅުކަމާބެހޭ ޙުކުމްތައް މިއަށްވުރެ
ތަފްޞީލުކޮށް ލިޔެފައި ހުންނަފޮތްފޮތުން އުނގެނުން ހުއްޓެވެ.
އެޙައްޖުގައި ކުށެއްއެކުލެވިގެންނުވާ ގޮތުގެމަތީން މަބްރޫރު ޙައްޖެއް
ވެއްޖެމީހާއަށް ސުވަރުގެ ހުރިކަމުގެ އުފާވެރި ޚަބަރު އަހަރުމެންގެ
މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއުއްމަތަށް
ދެއްވާފައިވެއެވެ. ޙައްޖުވެރިޔާ މާތްވެގެންވާ މައްކާގައި
އެންމެފަހުން ކުރަންޖެހޭކަމަކީ ޠަވާފުލްވަދާޢުއެވެ. އާދެ! ވަދާޢުގެ
ޠަވާފެވެ.
-ނިމުނީ-
|