''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

އަހަރެމެންގެ މިސާލަކީ ރާނާ މީހެއްގެ މިސާލެވެ.

އަބޫ ޙަނީން

ހުނަރުވެރި ރާނާ މީހެކެވެ. އޭނާ ގިނަދުވަސްތަކެއް ވަންދެން ވަޒީފާގައި އުޅުމަށްފަހު ޕެންޝަނާއި ނުވަތަ ވަޒީފާ ދޫކޮށްލުމާއި ކައިރިވެއްޖެއެވެ. އޭނާ އޭނާގެ ވަޒީފާ ނިންމާލަން ބޭނުންވާ ވާހަކަ ވެރިމީހާގެ ކައިރީގައި ބުނެފިއެވެ. އަދި އޭނާގެ ޢާއިލާއާއެކު ގިނަ ވަޤުތު ހޭދަކުރުމަށްޓަކައި ވީހާ އަވަހަށް ވަޒީފާއިން ވަކިވާން ބޭނުންކަމުގައި ބުނެފިއެވެ.

ވެރިމީހާ ވަރަށް ދެރަވިއެވެ. އެއީ އޭނާގެ އެންމެ އިތުބާރުކުރާ އެންމެ ރަނގަޅު އެއް މުވައްޡަފު ވަޒިފާއިން ވަކިވާތީއެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިވުމުގެ ކުރީން މުވައްޡަފުގެ ކިބައިން އެންމެ އެދުމެއް އެދުނެވެ. ރާނާމީހާ ވެރިމީހާގެ އެ އެދުން ޤަބޫލުކުރީ ވަރަށް ބޮޑަށް އާދޭސްކުރިފަހުންނެވެ. އެ އެދުމަކީ އެނާ ވަޒީފާއިން ވަކިވުމުގެ ކުރީން އަދި އެއް ގެ ރާނާ ދިނުމެވެ.

ރާނާ މީހާ ހުރީ ވަރަށްބޮޑަށް ވަޒިފާއިން ވަކިވާ ހިތް ވެފައެވެ. އެހެންކަމުން އަވަސް އަވަސް ކޮށްލާފައި ފަރުވާ ކުޑަކަމާއެކު ގެ ރާނަން ފަށައިފިއެވެ. އޭނާ ރޭނުމަށް އެހާބޮޑު ސަމާލުކަމެއް ނުދެއެވެ. މަސައްކަތްކުރީ ކުރާ ހިތަކުން ނޫނެވެ. ގެ ރޭނުމުގައި ބޭނުންކުރީ ފެންވަރު ދަށް އެއްޗިއްސެވެ. އިސާހިތަކު ގެ ރާނާ ނިންމާލައިފިއެވެ.

ގެ ރާނާ ނިމުމުން ވެރިމީހާކައިރީގައި މަސައްކަތް ނިމުނު ވާހަކަ ބުންޏެވެ. އަދި ވެރިމީހާ ގެނެސް އެ ގެ ދެއްކިއެވެ. ވެރިމީހާ ގެއަށް ވަނުމުގެ ކުރީގައި ކަރުދާސްތަކަކާއި ތަޅުދަނޑިއެއް ރާނާ މީހާގެ އަތަށް ދިނެވެ. އަދި ބުންޏެވެ. "މިއީ އަހަރެންގެ ފަރާތުން ތިބާއަށް ހަދިޔާކުރާ ގެއެކެވެ." ރާނާ މީހާއަށް ލިބުނީ ޝޮކެކެވެ. އޭނާ ވަރަށް ދެރަވިއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ؟ އޭނާ އެ ރޭނި ގެޔަކީ އޭނާ އަށް ދޭން ބިނާކުރި ގެޔެއްކަން އެނގުނުނަމަ އެހެން ގެތަކަށްވުރެ ފެންވަރު ރަނގަޅުކޮށް އެ ގެ ރޭނީހެވެ.

އަހަރެމެންގެ މިސާލަކީ މިފަދަ ރާނާ މީހެއްގެ މިސާލެވެ. އަހަރެމެން ދުނިޔެމަތީގައި މިބިނާކުރަނީ ސުވަރުގޭގައި އަހަރެމެން އުޅޭނެ ގެއެވެ. އަހަރެމެން ދުނިޔޭގައި ޢަމަލުތައް އިޚްލާޞްތެރިކަމާއެކު ކޮށް ހެޔޮކަންތައްތަކުގައި މަޝްޣޫލުވެއްޖެނަމަ ސުވަރުގޭގައި އަހަރެމެންގެ ގެ ފުރިހަމަ ވާނެއެވެ. އަހަރެމެން ވަޒީފާއިން ވަކިވާނެ އިރެއް އަހަރެމެންނަކަށް ނޭނގެއެވެ. ހަމަ ކޮންމެ ވަޤުތެއްގައިވެސް މަރު އަހަރެމެންނާ ބައްދަލުކޮށްފާނެއެވެ.

އަހަރެމެން މިބިނާކުރާ ގެއަކީ އަހަރެމެންގެ ގެއެވެ. އަހަރެމެންނަށް މިގެ ބިނާކުރަން ލިބޭ ވަޤުތަކީ އަހަރެމެން ވަޒީފާއިން ވަކިވުމުގެ ކުރިއެވެ. އެހެންކަމުން ގެ ފުރިހަމަކަމާއެކު ބިނާކުރާށެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)