|
ވަރަށް
އަސަރުކުރި ހުވަފެނެއް!
ލިޔުނީ: ޢަލީ
މާހިރު، މާހިރީމަންޒިލް، ހއ. އިހަވަންދޫ.

އާދައިގެމަތިން ޢިޝާ ނަމާދު ކޮށްލުމަށްފަހު ރޭގަނޑުގެ ކެއުން
ނިންމާލައިގެން ކުޑަކޮށް ޓީވީ ބަލައިލުމަށްޓަކައި ޓީވީ ކައިރީ
އިށީނދެލީމެވެ. ނަމަވެސް މާގިނަ އިރުތަކެއްނުވެ ނީދީގެ އަސަރު
މުޅިހަށިގަނޑުގައި ދައުރުވާންފެށިއެވެ. ބޭއިޚްތިޔާރުގައި އާފުރޭގޮތް
ވެއްޖެއެވެ. ދެންނުވާނޭ ހިތަށްއެރީމާ އެތަނުން ތެދުވެގެން ގޮސް ނިދާ
ކޮޓަރިއަށް ވަދެ އެނދުމަތި ފޮޅާލުމަށްފަހު އެނދުމައްޗަށް
ވެއްޓިގަތީމެވެ. އިސާހިތަކު މުޅި މީހާ ލޮޑުވެ ނިދީގެ ސާލަކުން މުޅި
މީހާ ބަނދެލިއެވެ. މާގިނަ އިރުތަކެއް ވީހެނެއް އަހަރެންނަކަށް
ހިޔެއްނުވެއެވެ. އަހަރެންނަށް ވަރަށް ސާފު އަދި އެހާމެ އުޖާލާ
މަންޒަރުތަކެއް ފެންނަން ފެށިއެވެ.
އެކުވެރި އަޙުމަދާއެކު ފުޓްބޯޅަކުޅެ ނިންމާލުމަށްފަހު ކައިރީހުރި
ހޮޓަލަކުން ސައިބޮއިގެން ގެޔަށް ދިޔުމަށްޓަކައި ހިގައިގަތީ ދެމީހުން
އެކުގައެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް
ނުދައްކައެވެ. ހޮޓަލުން ސައިބޮއެގެން ނިކުންނަމުން އިސްޖެހި ގޮތަށް
އެކަކު އަނެކަކަށް ބަލައެއް ނުލައެވެ. ހިނގަމުން ހިނގަމުން ގޮސް
ދެމީހުން ވަކިވާ ހިސާބާ އަރާ ހަމަވެއްޖެއެވެ. ދެމީހުންނަށްވެސް
ހުއްޓެވުނެވެ. އެއްފަހަރާ ކަހަލަގޮތަކަށް އެކަކު އަނެކަކަށް
ބަލައިލެވުނެވެ. ދެމީހުންގެ ލޯވެސްވަނީ ފެންކަޅިވެފައެވެ. މަޑުމަޑުން
ދެމީހުންނަށް ކައިރިވެވުނެވެ. އަދި ވަރަށް އަސަރާއެކު އަޙުމަދު
ބުންޏެވެ. ހިތްހެޔޮކުރާށެވެ. އަހަރެން ބޯޖަހައިލީމެވެ.
ކުއްލިއަކަށް މުޅި ސަރަޙައްދު އަނދިރިވެގެން ދިޔައެވެ. އެއްވެސް
އަލިކަމެއް އެސަރަޙައްދުން ފެންނާކަށް ނެތެވެ. އަހަރެން ކައިރީ ހުރި
އަޙުމަދުވެސް ފެންނާކަށް ނެތެވެ. އަހަރެންގެ ލޮލުގެ ފެނުން
ގެއްލުނީބާއޭވެސް ހިތަށްއެރިއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން
ވަންނަން ފެށިއެވެ. ދެލޮލުގައި ބާރުބާރަށް އަތް ކޭއްތެން ފެށިއެވެ.
ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެންވެށިއެވެ. ގައިން ވަރުދޫވެގެން
ކުޑަކަކޫމައްޗަށް ތިރިވެވުނެވެ. އަޙުމަދުގެ ޚަބަރެއްވެސް ނުވިއެވެ.
އިރުކޮޅެއްފަހުން މާ ވަރުގަދަ އަލިކަމެއް އިޙްސާސްވުމުން އަހަރެންގެ
ލޯ ހުޅުވާލެވުނެވެ. ކުރިމަތިން ފެންނަން އޮތީ ދެކަފިވެފައިވާ
މަގެކެވެ. އަހަރެން ހުރި ހިސާބުން އިތުރަށް ކުރިޔަށްދާން ބޭނުމިއްޔާ
އެތަނުން ކޮންމެވެސް އެއްމަގެއް އަހަރެންނަށް ޚިޔާރުކުރަން ޖެހުނެވެ.
އަހަރެންގެ ކަނާތް ފަރާތުގައި އޮތް މަގުގައި ވަނީ ވަރަށް
ނުރައްކާތެރި ކަންތައްތަކެވެ. ކަށިކުނބުރު ގަސްތަކާއި ހަނި
ޖާގަތަކެވެ. އެކިކަހަލަ ގެއްލުންދެނިވި ކަންތައްތަކެވެ. އެހެން
ނަމަވެސް އެމަގު ފެށޭ ހިސާބުގައި ވަރަށް ވަރުގަދަ ބޯޑެއް
ހަރުކޮށްފައި ހުއްޓެވެ. އޭގައި ލިޔެފައިވަނީ "މި މަގުން ދަތުރުކުރަން
ކިތަންމެ އުނދަގޫވިޔަސް މި މަގުން ދަތުރުކޮށް މަގުހިނގާ ނިމޭއިރު
ވާސިލްވެވޭނީ ވަރަށްވެސް އުފާވެރި މަންޒިލަކަށެވެ. އެތަނަކުން ތިމާ
ބޭނުންހުރިހާކަމެއް ފުދިގެންދާނެ މަންޒިލަކަށެވެ." މިހެންނެވެ.
ދެންއޮތް މަގުން ފެންނަންހުރީ ރީތި ވަރުގަދަ ޢިމާރާތްތަކެވެ.
މަގުވެސްވަނީ ތާރުޖަހާ އޮމާންކޮށްފައެވެ. އިންސާނަކު ހިތްހަމަޖެހޭނެ
ހުރިހާކަމެއް އެމަގުން ފެންނަން ހުއްޓެވެ. ރާބޯ ތަންތަނާއި،
ނާސިގެތަކެވެ. ޖުވާކުޅުމާއި ޑީޖޭ މިޔުޒިކް ޝޯވ ތަކެވެ. މަގުމަތީ
ހިނގަމުންދަނީ ހެދުންލައިގެން އޮރިޔާމުންތިބި އަންހެނުންނާ
ފިރިހެނުންނެވެ. ދަތުރުކުރާނެ އަރާމު ކާރުތައް ހިލޭ ލިބެން ހުއްޓެވެ.
އެމަގުން ދަތުރުކޮށްލުމަކީ ފެންބުއިމަށްފަހު ވައެއްލައްވާލުމަށް
ވުރެއްވެސް ފަސޭހަކަމެކެވެ. ނަމަވެސް އެމަގު ފެށޭހިސަބުގައި ހަމަ
އެއްކަލަ ކަހަލަ ބޯޑެއް ބެހެއްޓިފައި ހުއްޓެވެ. "މި މަގުން
ދަތުރުކުރަން ކިތައްމެ ފަސޭހަކަމުގައި ވީނަމަވެސް އަދި ތިމާ ހިތްއެދޭ
ހުރިހާކަމެއް މި މަގުން ޚާޞިލްވާން ހުރިކަމުގައިވިޔަސް މިމަގުން
ދަތުރުކޮށް ނިމިގެން ވާޞިލްވެވެން އޮތް މަންޒިލަކީ ވަރަށްވެސް
ބިރުވެރި އަދި އެހާމެ ވޭންދެނިވި އަނިޔާތައް އެތަނަކުން ލިބެންހުރި
މަންޒިލެކެވެ."
ކުއްލިއަކަށް އަހަރެންގެ ފަހަތުން ބަޔަކު މީހުން އައިސް އަހަރެންގެ
ދެއަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަހަރެން އެބައިމީހުންނަށް
ބަލައިލީމެވެ. އެމީހުން ތިބީ އަހަރެންގެ ދެފަރާތުގައެވެ. އަހަރެންގެ
ކަނާތް ފަރާތުގައި ތިބިމީހުން ބުނަމުންދަނީ ދަތި އުނދަގޫ މަގުން
ކުރިޔަށް ދިޔުމަށެވެ. އަދި އަހަރެންގެ ވާތްފަރާތުގައި ތިބި މީހުން
ބުނަމުންދަނީ ފަސޭހަމަގުން ކުރިޔަށް ދިޔުމަށެވެ. އަދި އެންމެން
އެއްފަހަރާ ކަހަލަގޮތަކަށް ބުންޏެވެ. އަހަރެމެން 10 އަކާ ހަމައަށް
ގުނުމުގެ ކުރިން ކޮންމެވެސް މަގެއް ޚިޔާރުކޮށް ދަތުރު
ފަށަންޖެހޭނެއެވެ. އަހަރެން އަނެއްކާވެސް އެއްކަލަ ދެބޯޑަށް
ވަކިވަކިން ބަލައިލީމެވެ. ކުރިމަތިން ފެންނަން އޮތް ދެމަގަށްވެސް
ބަލައިލީމެވެ. ކަނާއަތްފަރާތުގައި އޮތްމަގުން ދެވޭނެހާ ހިތްވަރެއް
އަހަރެންގެ ގަޔަކު ނެތެވެ. އެޔާޚިލާފަށް ވާތްފަރާތުގައި އޮތްމަގުން
އަހަރެންނަށް ބަޔަކުމީހުން އެތިބީ މިހާރުވެސް މަރުޙަބާ ކިޔުމުގައެވެ.
އަހަރެން ހިނގައިގަތީމެވެ. ފަސޭހަމަގުން ކުރިޔަށް ދިޔުމަށެވެ. މަގަށް
ވަދެވުނުތަނާހެން އެއްކަލަ މީހުންތައް އައިސް އަހަރެންގެ "ޑްރެސް
ކޯޑް" ވަގުތުން ބަދަލުކޮށްލިއެވެ. އެމަގުގެ އަހުލުވެރިންގެ
ގޮތްތަކާއި އުޞޫލުތަކާއި އެއްގޮތަށެވެ. ހަމަ އެހިސާބުން ނުލާހިކު
ރީތި އަންހެންކުދިންގެ ކަޅި އެޅުންތައް އަހަރެންނާ އަމާޒުވާން
ފެށިއެވެ. އެކުދިންގެ ލޮލާ ބޮލުން އަހަރެންނަށް ދަޢުވަތު ދެމުން
ދިޔައެވެ. އަހަރެން އެމީހުންނާއެކު ކުރިޔަށް ހިނަގައިގަތީމެވެ.
އެންމެ ފުރަތަމަވެސް ގޮސް ވަދެވުނީ ވަރުގަދަ މިޔުޒިކު ޝޯވއެއް އޮތް
ތަނަކަށެވެ. ތަފާތުވައްތަރުގެ މީހުން ތަފާތު ގޮތްގޮތައް ހެދުން
އަޅައިގެން ތަފާތުގޮތްގޮތައް އެއްބަޔަކު އަނެއްބަޔަކާ "މިކްސް"
ވަމުން ދިޔައެވެ. އަހަރެންވެސް ރާފޮދެއް ބޯލައިގެން އެމީހުންނާ
ބައިވެރިވީމެވެ. ދުނިޔަވީ އެތައްތައް އަރާމުތަކެއް ލިބިގަތުމަށްފަހު
އެއްކަލަ މީހުންތައް އަހަރެން ގެންގޮސް ވަރަށް ރީތިކޮށް ހަދާފައިވާ
ބޮޑު ކޮޓަރިއަކަށް ދޫކޮށްލިއެވެ. އަހަރެންވެސް ހޫރެމުން ހޫރެމުން
ކަހަލަގޮތަކަށް ގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. އެއިރު ގަނޑިން
މެންދަމުން އަލިވެ ހަތަރެއް ޖަހަނީއެވެ. ދެންހޭލެވުނީ އަނެއްދުވަހު
މެންދުރުން އެނބުރި ފަހުންނެވެ. އިރުކޮޅެއްނުވެ އެއްކަލަ ގުރޫޕު
އަހަރެންގެ ކޮޓަރިއަށް އައިސް ވަދެއްޖެއެވެ. އަދި އަހަރެންގޮވައިގެން
ބޭރަށް ނުކުތެވެ. ކުރިމަތީ އޮތް ކާރަކަށް އަރައި ވަރަށް ބާރަށް
ދުއްވާލިއެވެ. އަދި އެމީހުން ބުންޏެވެ. މިދަނީ ދަތުރަކު ގޮސްލާށެވެ.
ދަމުން އެކި ތަންތަނަށް މަޑުކޮށް މަޖާކުރާނަމެވެ. ކަލޭވެސް
އަހަރެމެންނާ ބައިވެރި ވާން ވާނެއެވެ. އަހަރެން ބޯޖަހާލީމެވެ.
ކާރު
މަޑުކޮށްލިއެވެ. ވަރަށްވެސް ރީތި ޢިމާރާތެއްގެ ކައިރިއަށެވެ. ހަމަ
މަޑުކޮށްލިތަނާހެން ވަރަށް ރީތި ދެ އަންހެންކުދިން އައިސް ކާރުގެ
ދޮރުފަތް ހުޅުވައިލިއެވެ. އަދި އަހަރެމެން ގޮވައިގެން ޢިމާރާތުގެ
އެތެރެއަށް ދެމިގަތެވެ. އެތަނުންވެސް ހިތް އެދުނުހާ އަރާމެއް
ހޯދުމަށްފަހު މަސްތުވެގެންވާ ޙާލުގައި ކާރަށް އަރައި ދުއްވާލީމެވެ.
މިގޮތަށް އެތައްއެތައް ތަނަކުން ހިތްހަމަޖެހުން ހޯދުމަށްފަހު
އެންމެފަހުގެ މަންޒިލަށް ވާޞިލްވުމުގެ ވަގުތު ޖެހުނެވެ. ޑްރައިވަރު
ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އަދި ކާރު މަޑުކޮށްލުމަށްފަހު ކާރުން
ފޭބީމެވެ. ކުރިޔާ ޚިލާފަށް މިސަރަޙައްދުން ފެންނަނީ ހަމަ
ހިމޭންކަމެވެ. މަގުމަތީ ހިނގާބިނގާ އުޅޭމީހުންވެސް
ދަތުރުކުރަމުންދަނީ އެއްދިމާއަކަށެވެ. ދަތުރުކުރަނީވެސް
ފައިމަގުގައެވެ. އަހަރެން ހާސްވާގޮތް ވިއެވެ. އަހަރެންނާއެކު
ދަތުރުކުރަމުން އައި އަހަރެންގެ ހުރިހާ އެކުވެރިންވެސް
އިސްޖަހައިގެން ތިބެ ކުރިޔަށް ހިނގަން ފެށިއެވެ. އެކަމަކު އަހަރެން
ކުރިޔަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ފަހަތަށް އެނބުރި
ހިނގައިގަންނަށް ތައްޔާރުވީމެވެ. ނަމަވެސް އެންމެ ފިޔަވަޅެއްވެސް
ފަހަތަކަށް ނޭޅުނެވެ. މުޅިސަރަޙައްދުވަނީ އަނދިރިވެފައެވެ.
އެހެންކަމުން އަހަރެންނަށްވެސް މަޖުބޫރުވީ އެއްކަލަ އެކުވެރިންނާއެކު
ކުރިޔަށް ދިޔުމަށެވެ. ހިނގަމުން ދިޔައިރު އެއްވެސް މީހަކު އެކަކު
އަނެކަކަށް ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހެއްގެ ލޮލުންވެސް
ވަނީ ކަރުނަ ހިލިފައެވެ. އެވަގުތު އަހަރެންގެ ހިތަށް އެކުވެރި
އަޙުމަދުގެ ޙިޔާލުތައް ވެރިވެގެން ދިޔައެވެ. އަދި އެއްކަލަ މަގު
ފެށޭތާ ހަރުކޮށްފައިހުރި ދެބޯޑުގެ މަތިންވެސް ހަދާންވިއެވެ. އެވަގުތު
އަހަރެންގެ މޭގަނޑު އަނަގައަށް އަންނަން އުޅޭހެން އަހަރެނަށް
ހީވިއެވެ. އަދި މިހާރު މި ދެވެނީ މަގުގެ ނިމުމަށްކަންވެސް
އަހަރެންނަށް ޔަޤީންވިއެވެ. އަހަރެން ކުރިޔަށް ނުގޮސް ހުއްޓެއް
މަސައްކަތްކުރީމެވެ. ނަމަވެސް އެކަމަށްޓަކައި އަހަރެންކުރި ހުރި
ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އަހަރެންނަކަށް ނުހުއްޓެވުނެވެ.
އަހަރެންގެ ޖިސްމަކަށް އަހަރެންގެ އަމިއްލަ ބާރެއް ނުފޯރިއެވެ. ވަކި
ހިސާބަކަށް ދެވުނުތަނާހެން ބަޔަކު ހަޅޭލަވާއަޑު އިވެންވެށިއެވެ.
ވޭނާކެކުޅުމުގެ ހަޅޭކެވެ. ރުއިމާއި އާދޭހުގެ ހަޅޭކެވެ. އަނެއްކާވެސް
އަހަރެން ކުރިޔަށްނުގޮސް ހުއްޓެވޭތޯ މަސައްކަތް ފެށީމެވެ. އެވަގުތު
އެއްކަލަ ދަތި އުނދަގޫމަގުން ދެވުނު ނަމައޭވެސް ހިތަށް އެރިއެވެ.
ނަމަވެސް........ ކުއްލިއަކަށް ބޮޑު ސިންގާ ދެމީހުން އައިސް އަހަރެން
އުފުއްލާލި އެވެ. އަދި އަހަރެންގާތު ސުވާލުކުރިއެވެ. ކަލޭއަށް
ކުރިމަތީ އެވާ ބޮޑު ވަޅުގަނޑު ފެނޭހެއްޔެވެ؟ އެތަނުގައި އެތިބަ
މީހުންނަށް އެލިބޭ އަނިޔާ ފެނޭހެއްޔެވެ؟ އަދި ކަލޭ މިހިސާބަށް
އަންނަން ހިނގައިގަތުމުގެ ކުރިން އެއަނިޔާ ލިބޭނެކަން ނޭނގޭހެއްޔެވެ؟
މަގުފެށޭ ހިސާބުގައި ހަރުކޮށްފައިހުރި ބޯޑެއް ކަލޭ ނުކިޔަން
ހެއްޔެވެ؟ އެސުވާލުތަކަށް ދޭނެ އެއްވެސް ޖަވާބެއް އަހަރެންގެ އަތަކު
ނެތެވެ. ރުޅިވެރިކަމާއެކު އަހަރެން ނަގާ އެދެމީހުންގެ އަތުކޮޅަށް
ހިއްލާލިއެވެ. ރަނގަޅަށް ބޯމަތީ އަނބުރާލާފައި، "ވަގުތީ ފައިދާ
ލިބިގަންނަ މީހުންނަށް ވާނީ މިހެންނޭ" ކިޔާ އެއްކަލަ ވަޅުގަނޑާ
ދިމާލަށް އަހަރެން އެއްލާލި އެވެ.
"އަހަރެން
ސަލާމަތްކުރޭ! އަހަރެން ސަލާމަތްކުރޭ!" ކުއްލިއަކަށް އަހަރެންނަށް
ހޭލެވުނެވެ. އަދި ދެކޮޅު ހޯދާ ބަލައިލެވުނެވެ. މުޅި މީހާވަނީ
ދާހިއްލާ ފޯވެފައެވެ. މި ފެނުނީ ހުވަފެނެއްކަން ޔަޤީންވުމުން މޫނު
ފޮހެލައި ރަނގަޅަށް ހަމަޖެހިލީމެވެ. އިރުކޮޅަކުން މުދިންބެގެ ރީތި
އަޑުން ފަތިސްނަމާދު ބަންގީގެ އަޑު އިވެން ފެށިއެވެ. މީގެކުރިން
ދުވަހަކުވެސް ބަންގިޔަށް ސަމާލުކަމެއް ނުދިންކަމުގައިވިޔަސް މިފަހަރު
އެބަންގިއާ ދެތެރޭ ވިސްނެން ފެށިއެވެ. އަދި ބޭއިޚްތިޔާރުގައި
ކަހަލަގޮތަކަށް އެ އަރާމު ތަންމައްޗާއި ނިދި ދޫކޮށްލުމަށްފަހު
ފާހާނާއަށްވަދެ ފެންވާރާ ވުޟޫކޮށްގެން މިސްކިތާ ދިމާއަށް
ހިނގައިގަތީމެވެ.
-ނިމުނީ- |