"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ބަލަ...!

-ނަބީލް-

ޢަމަލުކުރަމުން ދިޔަޔަކަސް ގިނަބަޔަކު އަތް އުފުލާ ގޮތަށް

ޢަމަލުކޮށް ކިޔަމަންވުމަށް ވާޖިބު، އަމުރުފުޅު އައި ގޮތަށް

ފާޅުވާން އޮތް ޙުކުމަކާ މެދުގައި ކުރާނަމަ މަޝްވަރާ

ފާޅުގައި ތަރުޙީބު ދެވި އެދަނީ އަގެއް ނެތް ބިދުޢަތަށް

ޙުކުމަކާ މާސާފު، ނޫނިއްޔާ އިލާހީ އަމުރަކާ

ދެކޮޅުވާ ޤާނޫނަކާ މެދު މޫނު ލާށެ އަނެއް އަތަށް

ވެއްޖެނަމަ ކުށްވެރި، ކުށުން އޭނާ ބަރީއަ ނުވާނެތޭ

ދެއްވިޔަސް ބޮޑު ބޭފުޅެއްގެ ޢިނާޔަތެއް އެ ޖިނާޔަތަށް

ދޫނުކޮށް ވެރިއެއް ރަހެއް މުސްކުޅި ފަޤީރެއް ތާޖިރެއް

މޫނު އައްޔަސް އަނދިރިޔަސް އިންސާފު ދޭންވީ ޙުއްޖަތަށް

ޙައްޤު ނޫން އަދަބެއް ޢަޛާބެއް ހުއްދަ ނޫނޭ މަތިކުރަން

ޙައްދަކާއި މިނެއްވެޔޭ ބަލަ ކުށްވެރިންގެ ޙިމާޔަތަށް

އަންހެނުންގެ އަމަންކަމާ މިނިވަންކަމާ މެދުގައި އަމުރު

އަންގަވާ އެތަކެއް ކަމެއް އެބަ އެކަނބަލުންގެ ސަލާމަތަށް

ކޮންމެ ކަމަކަސް އޭގެ ޙައްޤެއް ސާފުނުވިނަމައީ ފޮތުން

އޮންނަ ގޮތަކީ އަންގަވާފައި ރައްދު ކުރުމޭ ސުންނަތަށް

އޭގެ ފަހުގައި ނޫން ގޮތެއްގައި އިޖުތިހާދާ މަޝްވަރާ

މޭގެ ރާޙަތަކަށް ހަދާ ނަމަ ކުފުރުވެއްޖެ! ޝަރީޢަތަށް

-ނިމުނީ-

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)