"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ވަކި ޖަމާއަތްތައް ހަދައިގެން ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިޔުން

ލިޔުނީ އިބްރާހީމް މުހައްމަދު   

 

   ރާއްޖޭގައި އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ހައްދުފަހަނަ އަޅާ ވާހަކައެވެ. ސައިމޭޒު ދޮށުން އެވާހަކައެވެ. ދެމީހަކު ބައްދަލުވުމުން އެވާހަކައެވެ. އަދި ތުނބުޅިލާފައި ހުރި މީހަކު ފެނުނަސް އެވާހަކައެވެ. މި މައްސަލައަކީ ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކުންވެސް އަލިއަޅުވަމުންދާ މައްސަލައެވެ. ބޭރު ސަރުކާރުތަކުގެ އިތުރުން ބައިނަލަޤްވާމީ މީޑިޔާތަކުންވެސް މިމައުޟޫއަށް ޚަބަރުތައް ފޮނުވަމުންދެއެވެ. ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ ބައިނަލަޤްވާމީ ފަރާތްތަކަށް ހައްދަކީ ކޮބައިކަން ބަޔާންކުރަން ނުކުޅެދިފައިވާއިރު ހައްދުފަހަނަ އަޅާދާވާހަކަ ހަލުވިމިނެއްގައި ދައްކާކަމެވެ. ބޭރުގެ ފަރާތްތަކުން ހައްދުފަހަނަ އަޅާފައިވާ މީހެއްކަމަށް ބުނަނީ ދެ ޝަރުތު ހަމަވުމުންނެވެ. އެއީ ފިރިހެނެއްނަމަ އަރަބި ނަމެއް ކިޔާފައި ތުނބުޅި ދިގުކޮށްފައިވާނަމައެވެ. އަންހެނަކުނަމަ އަރަބި ނަމެއް ކިޔާފައި ބުރުގާ އަޅާނަމައެވެ. މިއީ ހުޅަނގުން ދެކޭ ގޮތެވެ. ހިތާމައަކީ ހުޅަނގުން ދެކޭގޮތަށް ދިވެހިންގެ ފިކުރުވެސް ބަދަލުވަމުން އަންނާތީއެވެ. ހައްދުފަހަނަ އަޅާވާހަކަ ސަރުކާރާއި ކަމާ ބެހޭ ހުރިހާ ވުޒާރާތަކުން ދެއްކިނަމަވެސް ހައްދަކީ ކޮބައިކަން އެބޭފުޅުންވެސް ބަޔާންކުރަން ނުކުޅެދޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. ހައްދު އަޅުގަނޑުމެންނަށް ނޭގޭނަމަ އެބުނާ ހައްދެއް ފަހަނަ އަޅައި ދިޔަޔަސް އަޅުގަނޑުމެންނަކަށް ނޭގޭނެއެވެ. މިހެންވެ އަޅުގަނޑު މަސައްކަތްކުރާނީ ހައްދުފަހަނަ އަޅައި ދިޔުމަކީ ކޮބައިކަން އޮޅުންފިލުވައިދޭށެވެ.


"ހައްދު" އަދި ހައްދު ފަހަނަ އަޅާދާގޮތް

އަރަބި ބަހުގެ “ޙައްދު” މި ބަހުގެ މާނަ އަކީ ކަނޑައެޅިފައިވާ މިންގަނޑެވެ. ނޫނީ އިމެވެ. އިނގިރޭސިބަހުން Boundary “ބައުންޑަރީ” އޭ ދެންނެވިދާނެއެވެ. ހައްފުފަހަނަ އަޅާދިޔުމަކީ ދީނުގެ ތެރޭގައި ހިމެނޭ ކަމެއް އުނިކޮށްގެން ބޭރުވެގެންދާ ދިޔުމެވެ. ނުވަތަ އިތުރުކޮށްގެން ބޭރުވެގެންދާ ދިޔުމެވެ. ކުރުކޮށް ދަންނަވަންޏާ ދީނުގެ ހުދޫދުތައް ކަނޑައެޅިފައިވާ މިންގަނޑުތައް ފަހަނައަޅައި ދިޔުމެވެ. މިސާލަކަށް ދަންނަވަންޏާ މޫނު ބުރުގާގެ މައްސަލައެވެ. ދީނީ ގިނަ އިލްމުވެރިން އިއްތިފާޤުވަނީ މޫނުބުރުގާ އަޅަން މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ. އަދި މޫނު ބުރުގާ ނެގުންވެސް މަޖުބޫރެއް ނުކުރެވޭނެކަމަށެވެ. ސަބަބެއްކަމަށް އިލްމުވެރިން ވިދާޅުވަނީ މޫނު ބުރުގާއަކީ ދީނީ ޝިއާރެއް ކަމަށެވެ. ދީނުގައި އޮތްކަމެއް ކަމަށެވެ. މޫނުބުރުގާ އެޅުން މަޖުބޫރު ކުރުވައިފިނަމަ އެކަމަށް ޙައްދު ފަހަނައަޅައި ދަނީއޭ ބުނެވިދާނެއެވެ. އިނގިރޭސި ބަހުންނަމަ Extremism އެކްސްޓްރީމިޒަމެވެ. އަދި މޫނު ބުރުގާއަކީ ނެތް އެއްޗެކޭ ބުނާނަމަވެސް ހައްދުފަހަނަ އަޅައި ދަނީއޭ ބުނެވިދާނެއެވެ. އިނގިރޭސި ބަހުންނަމަ Secularism ސެކިއުލަރިޒަމެވެ. މިއީ އަޅުގަނޑު ދަންނަވާ އެއްޗެއް ނޫނެވެ. މިއީ ދީނީ އިލްމުވެރިންގެ ރައުޔެވެ.


ރާއްޖޭގައި ފަހަނަ އަޅައިދިޔަކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ބައިގަނޑު

މިބަޔާން ކުރެވުނު ދެބައިގެ ތެރެއިން ރާއްޖޭގައި އުޅޭކަމަށް ރެކޯޑްތަކުން ކަށަވަރު ކުރެވިފައިވަނީ އެކްސްޓްރިމިސްޓުންނެވެ. ނުވަތަ ދީނީ ކަންތައްތަކުގައި ދީނުގައި ބަޔާންކުރެވިފައިވާ މިންވަރަށްވުރެ ހަރުކަށިކޮށް ތިބޭ މީހުންނެވެ. މިމީހުން ރާއްޖޭގައި އުފެދުނު ތާރީހެއް ސީދާ ރެކޯޑް ނުކުރެވުނު ނަމަވެސް 1990ގެ އަހަރުތަކުގެ ތެރޭގަޔޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި އުޅޭ މިމީހުންނަށް “ޑޮޓުން”ގެ ނަމުން ވަނީ ނަންދެވިފައެވެ. ޑޮޓުންނޭ ބުނުމުން މިއީ ކޮންބަޔެއްކަން ގިނަ ބަޔަކަށް އެނގޭނެއެވެ. ސަބަބަކީ މި ބައިގަނޑަށް ނިސްބަތްވާ ގިނަ އަމަލުތަކާއި އަލާމާތްތައް ދިވެހިންނަށް ވަނީ ފާހަގަވެފައެވެ. ޑޮޓުން ނޫނީ މި ބައިގަނޑު ރާއްޖެ އުޅޭކަން ސަރުކާރަށް އެނގުނީ މިއަދޭ ބުނުމުން ބުއްދި ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ޑޮޓުންގެ މައްސަލައިގައި ގިނަ ހާދިސާތަކެއް ވަނީ މީގެ ކުރިން ހިނގާފައެވެ. މިގޮތުން މިދިޔަ އަހަރު ރަމަޟާންމަހު އއ ހިމަންދޫގައި ވަކި ޖަމާއަތެއް ހަދައިގެން ގެއެއްގައި ނަމާދުކުރި ބަޔަކާމެދު ފުލުހުން ފިޔަވަޅު އަޅާފައިވެއެވެ. ހިމަންދޫގެ އިތުރުން މާލޭގެ މަޖީދީމަގުގައި ހުރި ގެއެއްކަމުގައިވާ މއ ޒީނިއާމާގޭގައި ވަކިޖަމާއަތެއް ހަދައިގެން ބަޔަކު ނަމާދުކުރުމާ ގުޅިގެން ފުލުހުން ވަނީ އެއްފަހަރަށްވުރެ ގިނައިން ފިޔަވަޅު އަޅާފައެވެ. މިގޮތުން ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ކުރިން ތިން އަހަރަށްވުރެ ގިނަދުވަހު ވަކިޖަމާއަތެއް ހަދައިގެން ނަމާދުކުރަމުން އަންނަކަމަށް ގިނަބަޔަކު ތުހުމަތު ކުރާ މިތަން މިއަހަރު ޖަނުއަރީ މަހު 10 ވަނަ ދުވަހުގެރޭ ބަންދު ކުރެވުނެއެވެ. މިއަހަރު ޖޫން މަހު 1 ވަނަ ދުވަހު ވަކިވެގެން އުޅޭ މީހުން ވަކިޖަމާއަތެއް ހަދައިގެން މަސްޖިދުލް އާދިލްގައި ހުކުރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާމެދު ހަމަނުޖެހުމެއް ހިނގައި ކުރިމަތިލުމެއް ހިނގާފައިވެއެވެ. މިއީ ހައްތަހާވެސް ވަކިވެގަނެގެން ހައްދުފަހަނަ އަޅާތިބި ބަޔަކު ރާއްޖޭގައި އުފެދުނުކަން ކުރިން އެނގޭކަމުގެ ދިރިހުރި މިސާލުތަކެވެ.


ހައްދުފަހަނަ އަޅާދިޔުމަށް ފިޔަވަޅު އެޅުން ލަސްވުން

ބަޔާން ކުރެވުނު ހާދިސާތަކުން ދިވެހިރާއްޖޭގައި ދީނީ ގޮތުން ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ބަޔަކު ނޭވާލަމުން ދިޔަކަން ދިވެހި ސަރުކާރަށް އެނގޭނެކަމާމެދު ޝައްކެއް ވަސްވާހެއް ނެތެވެ. ސަރުކާރަށް މިމައްސަލަ އެނގޭކަމަށް ހެކިދޭ ބޭފުޅުންގެ ތެރޭގައި ކުރީގެ އެޓާނީ ޖެނެރަލް ޑރ ހަސަން ސައީދު ހިމެނިވަޑައި ގަންނަވައެވެ. ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަ އަޅާއިދިޔުން ދެނެގަތުމަށް ޙާއްސަކޮށްގެން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި ކޮމިޓީގައި ޑރ ހަސަން ސައީދު ހަރަކާތްތެރިވެފައިވާއިރު ހަރުކަށި އުސޫލުތައް ހުއްޓުވުމަށް އޭނާ ވަނީ ދިރާސާ ރިޕޯޓެއް ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ސަރުކާރުން ދިނީ ބީރު ކަންފަތެއްކަން އެބޭފުޅާ މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުން އެނގެއެވެ.

ކަންމިހެން އޮތްއިރު ސަރުކާރުން އެލާޓަށް އައީ ސެޕްޓެމްބަރު މަހު 29 ވަނަ ދުވަހުގައިކަމަށް ދެންނެވުން ފާފަވެރިޔެއް ނުވާނެއެވެ. ކުރިން ދެނަހުރިކަމަށް ނުހެދި މައްސަލަތަކާމެދު ފިޔަވަޅު އަޅަން ފެށީ ވަގުތު ފާއިތުވުމުންނޭ ބުނެވިދާނެއެވެ. އޭރު ވާނެ ހައެއްޗެއްވެ ވަނީ ނިމިފައެވެ. ނޮވެމްބަރު 3 އަށް ފަހު ފުރަތަމަ ހިނގި ހަނގުރާމަ ހިނގާފައިވަނީ ބަޔާންކުރި މައްސަލައާ ގުޅިގެން ކަމަށްވާތީ ކުރިން ދެންނެވި ބަހައް ހެކިދެއެވެ. ކުރިޔާލައި ތައްޔާރުވެ މަޑުމަޑުން މި މައްސަލަޔާމެދު ޙިކުމަތްތެރިކަމާއެކު ފިޔަވަޅު އަޅަމުން ދިޔަނަމަ އޮކްޓޫބަރު 7 ވަނަ ދުވަހު ހިނގި ލޭއޮހޮރުވުމެއް ނުހިނގާނެވެ. ސަރުކާރުން ދީނީގޮތުން ހަރުކަށި އުސޫލު ގެންގުޅޭ މީހުންނާމެދު ފަރުވާކުޑަކުރި ހާދިސާއަށް ވިސްނާ ފިކުރުކޮށް އިބްރަތް ހާސިލު ކުރަންޖެހެއެވެ. އަދި މިހާރު ހައްދުފަހަނަ އަޅަމުން އަންނަ ދެވަނަ ބައިގަނޑު ކަމުގައިވާ ސެކިޔުލަރިސްޓުންނާ މެދު ރައްކާތެރި ވާންޖެހެއެވެ. އެކްސްޓްރީމިސްޓުންގެ ތަޖުރިބާގެ އަލީގައެވެ. މި މައުޟޫއަށް “ހައްދުފަހަނަ އަޅަމުން އަންނަ ސެކިޔުލަރިސްޓުން” މި ސުރިހީގެ ދަށުން އިތުރު ތަފްސީލް ތިރީގައި ބަޔާން ކުރެވިފައިވާނެއެވެ.

 
ދީނީގޮތުން ހަރުކަށި މީހުންގެ ވިސްނުން

ދީނީ ގޮތުން ހަރުކަށި އުސޫލުގެންގުޅޭ ހައްދުފަހަނަ އަޅާފައިވާ މީހުންގެ ވިސްނުން ވަރަށް ތަފާތެވެ. މިގޮތުން މިމީހުންގެ ބައެއް މީހުންގެ ފިކުރަކީ ދީނީ އިލްމުވެރިންގެ ފިކުރާ ފުށުއަރާ ފިކުރެކެވެ. ޑޮޓުންގެ ނަމުން ރާއްޖޭގައި ނަންދެވިފައިވާ މިމީހުންގެ ތެރެއިން ބައެއް މީހުން ގަބޫލުކުރާގޮތުގައި އެމީހުން ނޫން އެހެން މީހުންނަކީ މުސްލިމުންނެއްނޫނެވެ. އަދި ﷲ އަންގަވާފައިވާ ގޮތައް ޙުކުމްތައް ނުކުރާ ވެރިންނަކީ ކާފަރުންކަމަށް މިމީހުންގެ ތެރެއިން ބައެއް މީހުން ބުނެއެވެ. އަދި އެވެރިނަށް ތަބާވާ އަދި އެވެރިންގެ ދަށުގައި މަސައްކަތްކުރާ މީހުންނަކީވެސް ކާފަރުންކަމަށް ބުނެއެވެ. މިމީހުންގެ ތެރެއިން ގިނަމީހުން ދެކޭގޮތުގައި މިސްކިތްތަކުގެ ޖަމާއަތްތަކަކީ ނަމާދުކުރަން ހުއްދަ ޖަމާއަތްތަކެއް ނޫނެވެ. އަދި މިސަބަބަށްޓަކައި ނަމާދުކުރަނީ އެކަހެރިކޮށް ވަކިޖަމާއަތެއް ހަދައިގެންނެވެ. މިމީހުންގެ ތެރެއިން ބައެއް މީހުން ދެކޭގޮތުގައި އިލްމުވެރިންނަކީވެސް ފާސިޤުވެފައިވާ ބަޔެކެވެ. މިސަބަބަށްޓަކައި އިލްމުވެރިންގެ ފަރާތުން ފަތުވާއެއް ނަސޭހަތެއް ނުހޯދައެވެ. ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ރައީސް ޑރ އަބްދުލް މަޖީދުއަބްދުލް ބާރީއަކީ ކާފަރެއްކަމަށް މިމީހުންނަށް ނިސްބަތްވާ މީހަކު އަޅުގަނޑު ގާތު ބުނެފައިވެއެވެ. ޑޮޓުންނަށް ނިސްބަތްވާ ބައެއް މީހުން އިސްލާމީ އެއްވެސް ގައުމެއްގެ ވަރިން ގަބޫލުނުކުރާ ކަމަށްވެއެވެ. މީގެ އިތުރުން ސައޫދީ އަރަބިއްޔާގެ ކުރީގެ މުފްތީ ޝައިޚް އަބްދުﷲ ބިން ބާޒް ރަހިމަހުﷲ ކާފަރުކުރާ މީހުންވެސް އެބަތިއްބެވެ.

ކައްޓަރު މުސްކުޅިންގެ ފަރާތުން އިބުރަތް ޙާސިލްކުރުން


މިހާރު ރައްކާތެރި ހާލަތަށް ގެނެވުނު ނަމަވެސް ދީނީގޮތުން ހަރުކަށިވެ ހައްދުފަހަނަ އަޅާދިޔަ އެއްބަޔަކީ ކުރީގެ ކައްޓަރު މުސްކުޅިންނެއެވެ. ހައްދާއި ފަހަނަ އަޅައި ދިޔުން” މި ސުރުހީގެ ދަށުން އަޅުގަނޑުވާނެ ދީނުގެ ތެރޭގައި ހިމެނޭ ކަމެއް އިތުރުކޮށްގެންވެސް ހައްދުފަހަނަ އަޅާދާކަމަށް ބުނެފައެވެ. ކައްޓަރު މުސްކުޅިން ހައްދުފަހަނަ އަޅާދިޔައީ ދީނުގެ ކަންތައްކަތަށް އާކަންތައްތައް އިތުރުކުރުމަށްފަހުގައެވެ. އަރަބި ބަހުން މިކަމަށް ކިޔަނީ “ބިދުޢަ” އެވެ. އެއީ އިނގިރޭސިބަހުންނަމަ Innovation “އިނޮވޭޝަން” އެވެ. މިހެންވެ ކައްޓަރު މުސްކުޅިންނަކީ ބިދުޢަ ވެރިންނޭ ދެންނެވިދާނެއެވެ. ހައްދުގެ އިން ހުރަސްކުރި މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ ކާބަފައިން ނުހިމެނެންވީ އެއްވެސް ސަބަބެއްނެތެވެ. މިހާރުގެ އިލްމުވެރިން ވަނީ މިކަން ޔަޤީންކޮށް ދެއްވާފައެވެ. ދީނީ ގޮތުން ހައްދުފަހަނަ އަޅައިގޮސް، އިލްމުވެރިން ދީނުން ބޭރުވެފައިވާކަމަށް ވިދާޅުވަމުން އަންނަ ބަޔަކު ކަމުގައިވާ Brelevis “ބްރެލަވީން”ގެ އަމަލުތަކާ ކާބަފައިންގެ އަމަލުތަކާއި ގާތްކުރިއެވެ. ބްރެލެވީންނަކީ މުސްލިމުންކަމަށް ދައުވާކުރަމުން އަންނަ ބަޔަކު ކަމުގައިވިޔަސް ގަބުރަށް ނަދުރުބުނެ ޝިރުކުގެ ޢަމަލުތައް ގިނަ ބަޔެކެވެ.


ކޮންމެއަކަސް ކާބަފައިންގެ ފުށުން، ދިވެހިރާއްޖެ އޭޝިޔާގެ ސަރަހައްދީ ނަން މަޝްހޫރު ބޮޑު ބިދުޢަޔަކަށް ހެދިއިރު މިކަން ހުއްޓުވަން ސަރުކާރުން ކުރީ ހިމަންދޫގައި ކުރިކަހަލަ ހަނގުރާމައެއް ނޫނެވެ. ނަމަވެސް ފިކުރީ ހަނގުރާމައެކެވެ. އަޒްހަރުން ދީނީ ތައުލީމު ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންގެ ޙިކުމަތްތެރި ވިސްނުމެވެ. އެބޭފުޅުންގެ ސިކުނޑީގެ ތެތްކަމެވެ. އެބޭފުޅުންގެ މިންނަތް މަސައްކަތްތަކުގެ ސަބަބުން ޒިޔާރަތްތަކުގައި ދިދަޖަހައި ދޮންވެލިލާ ބޮކިފަތި ހަރުކޮށް، ޒިޔާރާތްތަކުގައި ހަވާއަރުވައި ނަދުރުބުނުމާއި މާލޫދާއި ސޮލަވާތްފުޅު ކިޔެވުން ފަދަ ހުރާފީ ކަންތައްތައް މިހާރިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ދަނީ ނެތެމުންނެވެ. މިކަމުގެ ސަބަބަކީ ކޮބާތޯއެވެ؟ ދީނީ ގޮތުން ހޭލުންތެރިކުރުވުމެވެ. ހިމަންދޫގައި ހެން ކައްޓަރު މުސްކުޅިންގެ އަމަލުތައް ހުއްޓުވަން މުގުރުބުރި އާއި ޝީލްޑް ނެރުނުނަމަ ކައްޓަރު މުސްކުޅިންތައް އަސައާއި ފަންޑިތަ ބޮނޑިވަރުތަކާއެކު ކުރިމަތިލީސް ކަން ކަށަވަރެވެ.


ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި އުސޫލު ގެންގުޅެމުންދާ މީހުންނާމެދު ކައްޓަރު ބައިގަނޑަށް ބޭނުންކުރިފަދަ ހޭލުންތެރި ކުރުވުމުގެ ޙިކުމަތްތެރި އުސޫލު ގެންގުޅުން ވަރަށް މުހިންމެވެ. މިއީ ދީނީ ގިނަ އިލްމުވެރިންގެ މައްޗަށް އުފެދިފައިވާ ޢަދާލަތު ޕާޓީންވެސް ސަރުކާރަށް ހުށަހަޅާފައިވާ ވިސްނުމެވެ.


ހައްދުފަހަނަ އަޅަމުން އަންނަ ސެކިޔުލަރިސްޓުން


ކުރިން އިޝާރާތްކުރި ފަދައިން ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަ އަޅަމުން އަންނަ ދެވަނަ ބައިގަނޑަކީ ސެކިޔުލަރިސްޓުންނެވެ. މިބައި މީހުންގެ އަޤީދާއަކީ އިސްލާމް ދީނުގެ ޝަރުޢުތަކަށާއި ހުކުމްތަކަށް ދެކޮޅު ހަދައި އިސްލާމް ދީނުގެ ޝިއާރުތައް ޤަބޫލުނުކުރުމެވެ. މި އުސޫލާއި ފިކުރު ގެންގުޅެމުން އަންނަ މީހުން ރާއްޖޭގައި ދުވަހެއް ދުވަހެއް އިތުރު ވަމުންދާ ކަމުގެ ފެހި ސިގްނަލް މިހާރު ވަނީ ލިބިފައެވެ. މިގޮތުން މި ވިސްނުން ގެންގުޅޭ ފަރާތްތަކުން ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ދީނެއް ޤަބޫލުނުކުރާކަމަށް ބުނުމާ ދީނީ ވާޖިބުތަކަށް ދެކޮޅުހަދާ ކަމީ މިހާރު އެންމެން ދެނަހުރި ކަންތައްތަކެވެ. އަދި އެހެން ދީންތަކުގެ އުސޫލުތައް ބަލައިގަނެ ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު އޮންނަން ޖެހޭކަމަށް ބުނަމުންދެއެވެ. މިގޮތުން ބޭނުން ދީނަކަށް އުޅުމަކީ މިނިވަން ކަމޭ މިމީހުން ބުނެއެވެ. ދީނީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ނަމާދުކުރުމާއި މިފަދަ އަޅުކަންތައްތައް ކުރަން މަޖުބޫރު ނުކުރެވޭކަމަށްވެސް މިމީހުން ބުނެއެވެ.


ދީނީ ގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ފަރާތްތަކުން ވަކިޖަމާއަތް ހަދައިގެން އުޅޭ އުސޫލުން ލާދީނީ ފިކުރުގެ މީހުންތައްވެސް ވަކިވެގަނެގެން ހަދާ ޖަމާއަތްތައްވެސް ވަނީ އިތުރުވެފައެވެ. މިގޮތުން ވަކިޖަމާއަތެއް ހަދައިގެން ނެށުމާއި ނާޗަރަންގީ ތެޅުމާއި ގުރޫޕު ސކސ (ބަދުއަހުލާޤީ އަމަލުގެ ބާވަތެއް) ހެދުމަކީ މިހާރު ގިނަ ނާސިގެތަކުގައި އާއްމު ކަންތައްތަކެވެ. އިޖްތިމާޢީ ޖަމާއަތާ ވަކިވެގަނެގެން މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކޮށް މުއާމަލާތް ހިންގުން މިހާރުވަނީ އާއްމުވެފައެވެ. ދީނީ ގޮތުން ހަރުކަށި އުސޫލު ގެންގުޅޭ މީހުން އަމިއްލައަށް ކައިވެނިކުރުމާއި ޖާރިޔާ ގެންގުޅޭކަމަށްކަމަށް ތުހުމަތު ކުރެވޭއިރު ލާދީނީ މީހުން ކައިވެނިނުކޮށް ޒިނޭކުރާ މައްސަލައަކީ ބޮޑުވެއްޖެ މައްސަލައެއް ނޫންތޯއެވެ؟.


ދީނީ ގޮތުން ހަރުކަށި އުސޫލު ގެންގުޅޭ މީހުން އަނބީން ކަޅުފޮތިގަނޑަކަށްލައި ކަފުންކުރާކަމަށް ބުނާއިރު ލާދީނީ އަންހެނުން ދީނީ ހުދޫދުތައް މުގުރާލައި ބަރަހަނާ ވަމުންދާއިރު، އަބުރު ޕަބްލިކް ފާހާނާއަކަށް ވުރެ ކިލަނބުނާ ފަހަރުވެސް މަދެއްނޫނެވެ.


ޑޮޓް ޖަމާއަތް ފުޅާވެ ބާރުގަދަވި އުސޫލުން މި ބައިގަނޑުވެސްދަނީ ފުޅާވެ ގައުމުގައި މޫހިއްޕަމުންނެވެ. މިސަބަބަށްޓަކައި ލާދީނީ ފިކުރު ގެންގުޅޭ ފަރާތްތަކާމެދުވެސް އިންސާފުން އަމަލު ކުރަންޖެހެއެވެ.

ދީނީ ގޮތުން ހަރުކަށި އުސޫލު ގެންގުޅުނު މީހުންގެ ފަރާތުން ކުރިން އަލާމާތްތަކެއް ފެނި ހައްލުކޮށްފައި ނުވުމުން ނިކުތް ނަތީޖާ ވަރަށް ހިތި ނޫންތޯއެވެ؟ މި ތަޖުރިބާގެ އަލީގައި ލާދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކާމެދު ކުރިޔާލައި ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ. އެހެންނޫނީ ތަފާތުގޮތަކަށް ތާރީޚު އިޔާދަވެދާނެއެވެ. ރާއްޖެ އަފްޣަނިސްތާނަށް ބަދަލުވެގެންދާނެކަމުގެ ބިރު އޮންނަ އުސޫލުން ރާއްޖެ ތުރުކީ ވިލާތަށް ބަދަލުވެގެން ދާނެކަމުގެ ބިރު އަޅުގަނޑުގެ ހިތުގައި މާބޮޑެވެ.

(ނިމުނީ)

--------------------------------------

(ނޯޓް: މިލިޔުމަކީ މިނިވަން ނޫހުން ނަގާފައިވާ ލިޔުމެކެވެ. މިލިޔުމުގައިވާ ކުޑަ ތަންކޮޅެއް ކަނޑާލެވިފައިވާނޭ ވާހަކަ ތިޔަބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވާލީމެވެ.)

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)