"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ސަރުކާރުން ތުނބުޅިތަކުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދުތަކާ ފަށަން އުޅޭ ވިޔަފާރި

ލިޔުނީ: އިބްރާހީމް މުހައްމަދު

މާލެ ތެރޭގައި ތުނބުޅި ދިގުކޮށްގެން އުޅޭ މީހުންގެ މައުލޫމާތު ފުލުހުން މިހާރަކަށް އައިސް ނޯޓް ކުރަމުން ދިޔުމުން ގިނަ ބަޔަކު ތިބީ މިކަމުގެ ބޭނުމާއި މަޤްސަދު ނޭނގިފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިފަދަ ހަރަކާތެއް އެންމެ ފަހުން ހިންގި ކަމަށް ފާހަގަކުރެވިފައިވަނީ ބުރާސްފަތި ދުވަހުއެވެ. މެންދުރު ނަމާދު ނިންމާލައިގެން މަސްޖިދުލް އިބްރާހިމީ މިސްކިތުން މީހުން ފޭބިތަނާ ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. ފުލުހުން ޔުނިފޯމްގައި ބަޔަކަށް އިންތިޒާރުކޮށްގެން ތިބުމުންނެވެ.

އެވަގުތު މިސްކިތުން ފޭބި މީހެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ފުލުހުން ތުނބުޅިލާފައި ތިބޭ މީހުންކައިރީގައި އައުމަށް އިޝާރާތްކޮށް އެދުނީ ނަމާއި އެޑްރެހާއި މިފަދަ މައުލޫމާތުތައް ދިނުމަށެވެ. އަދި މި މައުލޫމާތުތައް ނޯޓްކުރިއެވެ. ސަބަބެއް އަދި ކީއްވެގެންތޯވެސް ބަޔާން ނުކޮށެވެ. މަންޒަރު ދުށް ފަރާތްތަކުން ބަޔާންކުރިގޮތުގައި މިފަދަ ދެވަނަ ހަރަކާތެއް ވިޔަފާރިވެރިންގެ މިސްކިތުން އިޝާނަމާދަށްފަހު ހިނގާފައިވެއެވެ. އިތުރު މީހަކު އޮޅުން ފިލުވައިދިންގޮތުގައި މިފަދަ ހަރަކާތެއް ބުދަ ދުވަހުގެ ރޭ މާލޭގެ މަގުތަކުގައިވެސް ފުލުހުން ކުރިއަށް ގެންގޮސްފައިވެއެވެ. ތުނބުޅި ދިގު މީހުންގެ މައުލޫމާތު ނެގުމެވެ.

ގިނަ ބައެއްގެ ހިތުތެރޭގައި ފުލުހުން ހިންގާ މި ހަރަކާތުގެ މައުލޫމާތު އެނގެން ބޭނުންވެއެވެ. ނަމަވެސް މިކަމުގެ ބޭނުން އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ރާއްޖޭގެ މާޒީއަށް އަދި ދުނިޔޭގެ މަސްރަހަށް ބަލާފައި މިކަމުން ފިލާވަޅުތަކެއް ލިބިގެންދެއެވެ.

 

އެފްބީއައި ރުއްސަން

ހުސްވި މަހު 29 ވަނަ ދުވަހު ސަލްޓަން ޕާކުގައި ބޮންގޮއްވި ހާދިސާއާ ގުޅިގެން އިންޑިޔާގެ ނިއުދިއްލީގައި ހުރި އެމެރިކާގެ ފެޑަރަލް ބިޔޮރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ދެ އެޖެންޓަކު ރާއްޖެއައިސް ތަހުޤީޤުގައި ބައިވެރިވަމުން އަންނަކަން މިމަހު 1 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަ ކޮށްފައިވެއެވެ. ނަމަވެސް ތަހުޤީޤުގައި އެހީތެރިވަނީ ކިހިނަކުންކަމާއި ތަހުޤީޤުގައި ބައިވެރިވަނީ ކިހާ މިންވަރަކަށް ކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ. އެނގޭހާވެސް އެއްޗަކީ ޕޮލިސް ސަރވިސާއި އެފްބީއައިއާ ދެމެދު އުފެދިފައިވަނީ ގާތް ގުޅުމެއް ކަމެވެ. އެފްބީއައިގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދޭ ތަމްރީނުތަކަކީ މިކަމުގެ މިސާލުތަކެވެ. ޕޮލިސް ސަރވިސްއިން ދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކޮށް އެފްބީއައިގެ ފަރާތުން ފޮނުވާ ސިޓީ ތަކަކީ މިކަމުގެ ހެއްކެވެ. މިގާތް ގުޅުން ދެމެހެއްޓުމަކީ ދިވެހި ސަރުކާރުން ވަރަށް އަހުމިއްޔަތުކަން ދޭނެ ކަމެކެވެ.

އެފްބީއައިގެ ފަރާތުން ގާތްގުޅުންތައް ބަދަހި ކުރާ ގައުމުތަކުގެ ފަރާތުން އެދެވޭ ބޭނުން ހިފާކަމީ އަދުގެ ދުނިޔެ ހެކިދޭ ކަންކަމެވެ.

މިގޮތުން އެމެރިކާއިން ލިސްޓެއް އެކުލަވާލައި ފާކިސްތާނުގެ ސަރުކާރަށް އެދިފައިވޭ އެބަޔަކު ހައްޔަރުކުރަން ސެޕްޓެމްބަރު 11 އިގެ ހާދިސާތަކަށް ފަހު” މެދުއިރުމަތިން މަތީ ތައުލީމް ހާސިލްކުރެއްވި އިލްމުވެރިޔަކު ވިދާޅުވިއެވެ. “މިހެންވެ ޕާކިސްތާނުން މިކަން ކޮށްދީފައިވޭ”

ތެދެކެވެ. ރާއްޖޭގެ ދުވަހު ނޫހެއްގައި ޕާކިސްތާނުގެ ރައީސް ޕަރުވޭޒް މުޝައްރަފް ބޭނުންކުރި މި އުކުޅު ޚަބަރެއްގެ ސިފައިގައި ލިޔެފައިވަނިކޮށް އަޅުގަނޑުވެސް ކިޔީމެވެ.

ސަރުކާރުން އެކުލަވާލަން އުޅޭ ތުނބުޅިލީ މީހުންގެ ލިސްޓުގައި މިފަދަ ހިކުމަތެއް ފޮރުވިފައިވުންވެސް އެކަށީގެންވެއެވެ. މިގޮތުން މިމީހުންގެ މައުލޫމާތު އެފްބީއައިއަށް ފޯރުކޮށްދީފައި އޮތުމުން ލިސްޓުގައި ހިމެނޭ މީހަކު ދުނިޔޭގެ ކޮންމެ ސަރަހައްދަކަށް ދިޔަނަމަވެސް އެމެރިކާގެ އިންޓެލިޖަންސްއަށް އެނގުން އެކަށީގެންވެއެވެ. އަދި ޓެރަރިޒަމްގެ ތައްގަނޑު ޖަހާފައިވާ ގައުމަކަށް އެތެރެވެއްޖެނަމަ ދިވެހި ސަރުކާރަށް އެމެރިކާގެ ފަރާތުން އެމައުލޫމާތު ފޯރުކޮށްދޭކަށް ދައްޗެއް ނުވާނެއެވެ. ސަބަބަކީ ރެކޯޑުތައް އެނގެން އޮތުމުންނެވެ.

ލިސްޓު އެކުލަވާލަނީ ސީދާ އެފްބީއައިގެ ބޭނުމަށްކަމަށްވުންވެސް އެކަށީގެންވެއެވެ. އެއީ ލިސްޓުގައި ހިމެނޭ މީހުންނަކީ ބިރެއްކަމަށް އެމެރިކާއިން ދެކި އެމީހުން ބައެއް ގައުމުތަކަށް އެތެރެވާނަމަ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމެވެ. އަދި ފާރަލުމެވެ.

 

ތުނބުޅިލީ މީހުންގެ އާބާދީ ދެނެގަތުން

ތުނބުޅި ދިގުކޮށްގެން އުޅޭ މީހުންގެ އާބާދީ މުޅިރާއްޖޭގައި ވަނީ އިތުރުވެފައެވެ. މިހާރު ފެޝަނަކަށް ބުރުގާއަޅާ އުސޫލުން ތުނބުޅި ބަހައްޓަމުން އަންނަ ޒުވާނުން މަދެކޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. ތުނބުޅި ލާފައި ތިބޭ މީހުންގެ އަނބިން ތިބެނީ ބޮޑު ބުރުގާ ނުނީ މޫނު ބުރުގާ އަޅާފައިކަމަށް ސަރުކާރުގެ އިސްފަރާތްތަކުން ސިފަކުރުން އެކަށީގެންވެއެވެ. ފަހަރުގައި މި ދެންނެވި މީހުންގެ އާބާދީ ރާއްޖޭގެ ތިން ބައިކުޅަ އެއްބަޔަށް ވުރެވެސް ގިނަވުމަކީ އެކަށީގެންވާކަމެއެވެ. ނޫނީ ބަޔާންކުރި ވަރަށްވުރެ މަދުވުންވެސް އެކަށީގެންވެއެވެ. ސަރުކާރުން މި ބައި މީހުންނަށް ފިޔަވަޅެއް އަޅާނަމަ މިބައި މީހުންގެ އާބާދީ އެނގުން ވަރަށް މުހިންމެވެ. މިސާލަކަށް އެކަކު ތުނބުޅި ދިގުކުރާނަމަ އެކަން މަނާ ކުރުން ފަސޭހަވެފައި ނިކުންނަ ފިތުނަ ކުޑަވާނެއެވެ. ނަމަވެސް ހާހުން ގުނާލެވޭ އަދަދެއްގެ ބަޔަކު ތުނބުޅި ނުބެހެއްޓުމަށް މަޖުބޫރުކުރުން ދަތިވާނެއެވެ. މިހެންވެ ފިޔަވަޅު އަޅާކަމަށްވާނަމަ އެންމެ ބުއްދިވެރިވާނީ އާބާދީ އެނގިގެންނެވެ.

އާބާދީ ދެނެގަތުމަކީ ސަރުކާރަށް ވަރަށް މުހިންމުވެފައިވާ މައްސަލައެއް” ކުރިން އިންފޮމޭޝަން މިނިސްޓަރީގައި މައްސައްކަތްކުރި ޒުވާނަކު ބުންޏެވެ. “މިއާބާދީ ދެނެގަނެއްވެއްގެނަމަ ދެން އަޅާނެ ފިޔަވަޅުތައް ދެނެގަނެވޭނީ. ފަހަރުގައި ލިސްޓުތައް އެކުލަވާލުމުގެ ބޭނުމަކީ މިއީ ކަމަށްވެދާނެ”

 

ބައިނަލްއަޤްވާމީ މުޖުތަމައު ރުއްސަން

ބޭރު ގައުމުތަކުގެ ޚަބަރު ދިރާސާ ކުރައްވާ ބޭފުޅެއްކަމުގައިވާ ހާމަ ނޫހުގެ އެކްޓިންގް އެޑިޓަރު ސައިފް އަޒްހަރު ވިދާޅުވީ ބައިނަލްއަޤްވާމީ ސަމާލުކަން ހޯދުމަށް ސަރުކާރުން މިފަދަ ގޮތަކަށް ހަރަކާތްތެރިވުން އެކަށީގެންވާކަމަށެވެ. މިގޮތުން އިސްލާމީ އަދި އަރަބި ބައެއް ގައުމުތަކުން ދީނީ ފަރާތްތަކަށް ފިޔަވަޅުއަޅައި އެމެރިކާ ފަދަ ގައުމުތަކުގެ ތާއީދު ހޯދާކަން މިފަދަ އުކުޅު ބޭނުންކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިސްރު، މޮރޮކޯ އަދި ސައޫދީއަރަބިއްޔާ މިސާލަކަށް ނެންގެވިއެވެ.

"މިސްރު ފަދަ ގައުމުތަކުގެ ސަރުކާރުން އެމެރިކާ ފަދަ ގައުމުތަކުގެ ތާއީދު ހޯދުމަށް ސިޔާސީ މިފަދަ އުކުޅުތައް ބޭނުންކޮށްފައިވޭ" ސައިފް ވިދާޅުވިއެވެ.

އަޒްހަރު އޮޅުންފިލުވައިދިން ގޮތުގައި ހިމަންދޫގެ މައްސަލައަކީ ހުސްވި އަހަރުވެސް ދިމާވި މައްސަލައެކެވެ. ނަމަވެސް ހުސްވި އަހަރު ހިމަންދޫގައި ހިނގި ހަމަނުޖެހުމަށްފަހު ސަރުކާރުން ފިޔަވަޅު އަޅަން ނިންމީ ހުސްވި މަހު 29 ގައި ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މިކަމުގެ މަޤްސަދަކީ ސަރުކާރުން ހައްދުފަހަނަ އަޅާފައިވާ މީހުންނާމެދު ފިޔަވަޅު އަޅާކަން ބޭރުގެ ފަރާތްތަކަށް ދެއްކުން ކަމަށް ބެލެވިދާނެކަމަށްވެސް ސައިފް ވިދާޅުވިއެވެ.

ސަރުކާރުގެ ބޭނުމަކީ މިއީ ކަމުގައިވާނަމަ ބޭރުގެ ފަރާތްތަކުން ފިއްތަމުންދާ ފިއްތުންތައް ކުޑަވާނެއެވެ. ދުނިޔޭގެ މީޑިޔާތަކުން ފޮނުވާ ރާއްޖޭގެ ޚަބަރުތަކުންވެސް ހައްދުފަހަނަ އަޅާދިޔުމުގެ މައްސަލައާއި ސަރުކާރާ ގުޅުވާފައިވާތަން ފެނެއެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި ދިވެހިރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީ (އެމްޑީޕީ)ން ބޭރުގެ މީޑިޔާތަކަށް ދޭ ބަސްދީގަތުންތަކުގައިވެސް ރައީސް މައުމޫނު އަބްދުލް ގައްޔޫމް މިސްރުން މަތީ ތައުލީމު ހާސިލްކުރެވުމަށްފަހު ލާދީނީ ހަރަކާތްތައް ހިންގަން ފެށީކަން ބަޔާންކޮށްފައިވެއެވެ. އަދި މިމައްސަލަ ރައީސް މައުމޫނުގެ އިސްތަށިފުޅަށް ބިންދާލަން މައްސަކަތް ކޮށްފައިވާ ޚަބަރުތައް ފެނިފައިވެއެވެ. މިސަބަބަށްޓަކައި ދިވެހި ސަރުކާރުން ޓެރަރިޒަމްއާ ދެކޮޅުކަން ސާބިތުކުރަން އޮތީ މަޖުބޫރުވެފައެވެ. ފަހަރުގައި ރާއްޖޭން ސާބިތުކުރުމުގެ މަރުހަލާ ކަޑައްތުކުރަނީ ކަމަށްވެސް ވެދާނެއެވެ.

އެމެރިކާއިން އެމީހުން ބޭނުންވާ ސިޔާސަތު ގައުމުތަކުގައި ފަތުރަން ގައުމުތައް ރުއްސަނީ” ސައިފް ވިދާޅުވިއެވެ. “މިސާލަކަށް މިސްރަށް އެމެރިކާގެ ނުފޫޒު ފޯރުވާފައި ހުރުމުން އޯ.އައި.ސީ އަދި އަރަބި ލީގު ފަދަ ޖަމާއަތްތަކަށް އެމެރިކާ ބޭނުންވާފަދަ ނުފޫޒުތައްދަނީ ވައްދަމުން. އެ ދެ ޖަމްއިއްޔާއަކީ އެއްވެސް ކަމެއްކުރެވޭ ޖަމިޔާތަކެއް ނޫން”

 

ބޭރު ފައިސާގެ އެހީ ހޯދަން

އަރަބި ގިނަ ގައުމުތައް ތިބެނީ އެމެރިކާއަށް ވިކި ހުސްވެފައި. މިހެންވުމުން އެމެރިކާގެ ފަރާތުން ލިބޭ ފައިދާތައް ވަރަށް ބޮޑު” ކުރިން މައުލޫމާތު ދެއްވި ސައިފް ވިދާޅުވިއެވެ. “މިސާލަކަށް އަޅުގަނޑުގެ މައުލޫމާތު މުޅިން ގޯސްނޫންނަމަ އެމެރިކާއިން އަހަރަކު މިސްރަށް ހިލޭ އެހީގެ ގޮތުގައި 2 ބިލިއަން އެމެރިކާ ޑޮލަރުދޭ. އަދި މަދަދުވެސް ދޭ. މިއީ އާއްމުކޮށް އެނގޭކަންތައްތައް”

މިފަދަ އުކުޅެއް ބޭނުންކޮށްގެން ސަރުކާރުން ފައިސާގެ އެހީ ހޯދުން ފަހަރުގައި އެކަށީގެންވާކަމަށް ސައިފް ވިދާޅުވިއެވެ. ތެދުވާހަކައެކެވެ. ދިވެހި ސަރުކާރުގެ ބަޖެޓުގެ ދެކޮޅުނުޖެހުން އެއީ ދިވެހިންގެ ކަންފަތަށް މިހާރު އާވާހަކައެއް ނޫނެވެ. ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމުން ކުރިން ލިބެމުން އަންނަ އެހީ މިހާރަކު ނުލިބޭނެއެވެ. ބޭރުގެ އެހީން ނަގަހައްޓަމުން އަންނަ މި ޤައުމަށް އެހީ ތަނަވަސްވާން އޮތީ ޕާކިސްތާނު ހެދިކަހަލަ މޮޅު އުކުޅެއް ބޭނުންކުރުމުން ކަމަށް ފަހަރުގައި ވެދާނެއެވެ.

ކުރިން ބަޔާންކުރި މުޝައްރަފުގެ އުކުޅުގެ ފުރިހަމަ ނުކޮށްހުރިބައި ފުރިހަމަކޮށްލާނަމެވެ.

ހައްޔަރުކޮށްގެން އެމެރިކާއަށް ހަވާލުކުރި ކޮންމެ ބޮލަކަށް ފައިސާގެ އިނާމެއް ހުށަހެޅިކަމަށްވޭ” ކުރިން މައުލޫމާތު ދެއްވި އިލްމުވެރިޔާ ވިދާޅުވިއެވެ.

އިލްމުވެރިޔާ ވިދާޅުވިފަދައިން މުޝައްރަފް އެމެރިކާއަށް ވިއްކާލި ކޮންމެ ބޮލަކަށް ފައިސާގެ އިނާމެއް ލިބުނުކަމަށް އޭއެފްޕީން ދިވެހި ބަހަށް ޝާއިޢު ކޮށްފައިވާ ޚަބަރުގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ޓެރަރިސްޓުންގެ ލިސްޓެއް ހަދައި މިމީހުންނަށް ފިޔަވަޅު އަޅަން ފައިސާގެ އެހީ ބޭނުންވެޔޭ ބުނެފާނެތޯ؟ މިކަމާ އެއްޗެއް ބުނަން އެނގޭނީ އެކަމެއް ހިނގުމުންނެއެވެ.

 

ތުނބުޅި ދިގުކޮށްގެން އުޅޭ މީހުނަށް ބިރުދެއްކުމަށް

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ހުސެން ރަޝީދު އަހުމަދު ވިދާޅުވީ ފުލުހުން މިފަދަ ލިސްޓެއް ނަގަނީ ތުނބުޅި ދިގުކޮށްގެން އުޅޭމީހުނަށް ބިރުދެއްކުމަށް ކަމަށެވެ. ނަމަވެސް މިގޮތަށް އަމަލުކުރުމަކީ ސަރުކާރުން ސިޔާސީ ގޮތުން އަޅާ ޅައެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިޚް ހުސެން ވިދާޅުވިގޮތަށް ގިނަ މީހުންވެސް ބުނަނީ ތުނބުޅިލީ މީހުންގެ ލިސްޓެއް އެކުލަވާލުމުގެ އެއްބޭނުމަކީ މުޖުތަމައުގެ ތެރޭގައި ތުނބުޅީގެ ފިތުނައެއް އުފެއްދުމެވެ. އަދި ނަފްސާނީ ބިރުވެރިކަމެއް އުފައްދާ ގިނަ ބަޔެއް އަމިއްލައަށް ތުނބުޅި ބޭލުމަށް ބާރުއެޅުމެވެ.

ރައީސް މައުމޫނު ބިރުގަންނަ ދެ އެއްޗެއް އެބައޮތް. އެކައްޗަކީ ބުރުގާ. މޫނު ބުރުގާ އެކަންޔެއް ނޫން. ނަމަވެސް ބުރުގާ. އަނެކައްޗަކީ ތުނބުޅި. މި ދޭތި” އޭނާ ވިދާޅުވިއެވެ. “މިއީ ޔޫރަޕްމީހުންވެސް ވަރަސް ނުރުހޭ ދޭތި”

ޝައިޚް ހުސެން ވިދާޅުވީ 1993 ކާއި 2000 ވަނަ އަހަރުގެ ނިޔަލަށް ތުނބުޅި ދިގުކޮށްގެން އުޅުނު ގިނަ ބަޔަކު ދޫނިދޫގައި ބަންދުކުރިކަމަށެވެ.

އޭރު އަޅުގަނޑުވެސް ހުރީ ބަންދުކޮށްފައި” ޝައިޚް ހުސެން ވިދާޅުވިއެވެ. “90 ވަރަކަށް މީހުން އޭރު ދޫނިދޫގައި ބަންދުކުރެވިފައިވޭ. ނަމަވެސް ބަންދުކުރެވުނު މީހުންގެ ތެރޭގައި ދީނީ މަޤްސަދެއްގައި ތުނބުޅި ދިގުކޮށްފައި ނުވާ މީހުންވެސް ބަންދުކުރެވުނު. ދުވަހުކުވެސް ނަމާދުނުކުރާ”

ޝައިޚް ހުސެން ވިދާޅުވީ މިފަހަރުވެސް ލިސްޓުނެގުމުގައި މިފަދައިން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ޝައިޚް ހުސެން ވިދާޅުވިގޮތުގައި ހައްދުފަހަނަ އަޅާފައި ތިބޭ މީހުންގެ އަދަދު ވަރަށް މަދެވެ. ނަމަވެސް ދީނީ ގޮތްގޮތަށް ނޫން އަމިއްލަ ބޭނުންތަކަށް ތުނބުޅި ދިގުކޮށްގެން ތިބޭ ޒުވާނުން އިތުރުވެފައިވާކަން ޝާއިޚް ހުސެން ފާހަގަ ކުރެއްވިއެވެ.

 

ތުހުމަތަކާ ނުލާ އައިޑެންޓިޓީ ހާމަކުރަން ޖެހޭތަ؟

ޑްރާފްޓިންގް ކޮމިޓީގައި ހުންނަވާ ޤާނޫނީ ވަކީލަކު މައުލޫމާތު ދެއްވިގޮތުގައި މީހެއްގެ މައުލޫމާތު ނުވަތަ އައިޑެންޓިޓީ ހާމަކުރެވޭނީ ކުށެއްގެ ތުހުމަތުގައެވެ. ސަބަބެއް ނެތި އައިޑެންޓިޓީ ހާމަކުރަން މަޖުބޫރެއް ނުކުރެވޭނެއެވެ.

އެއްވެސް ކަހަލަ ތުހުމަތެއް ނެތި ނުބުނެވޭނެ އައިޑެންޓިޓީ ހާމަކުރަން” އޭނާ އޮޅުން ފިލުވައިދެއްވިއެވެ. “މިއީ ދުނިޔޭގައި އޮންނަ ކޮންސެޕްޓެއް. މިސާލަކަށް އިނގިރޭސިވިލާތުގައިވެސް”

ނަމަވެސް އިނގިރޭސިވިލާތުގައި <ޕޮލިސް އެންޑް ކްރިމިނަލް އެކްޓް> ގެ ދަށުން އޮންނަ <ސްޓޮޕް އެންޑް ސަރޗް> މި މާއްދާގެ ދަށުން ފުލުހުންނަށް މައްސަލަތަކުގައި ޝައްކުވާ ފަރާތްތަކުގެ އައިޑެންޓިޓީ ހޯދުމަށް ސުވާލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެމީހުން މީހުންނާ ސުވާލުކުރާނީ ވަރަށް ޕޮލައިޓްކޮށް. ލަންޑަން ބޮންގޮއްވުމުގެ ހާދިސާގައި އޭޝިއާ ނަސްލަށް ނިސްބަތްވާގިނަ ބަޔަކަށް ސުވާލުކޮށްފައިވޭ. ސަބަބަކީ އޭޝިޔާ ނަސްލުގެ ބަޔަކު މިއަމަލު ހިންގި ކަމަށް ތުހުމަތު ކުރެވިގެން”

ޑްރާފްޓިންގް ކޮމިޓީގެ މެމްބަރު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި މިނިވަން ކަމާއެކު ހިނގާފައިދާ މީހެއްގެ އައިޑެންޓިޓީ ތުހުމަތަކާ ނުލާ ހާމަކުރަން ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް ހާމަނުކޮށްފިނަމަ އަމުރަށް ނުކިޔަމަންތެރިވީއޭ ބުނެ މިތަނުގައި މީހުން ހައްޔަރުކުރޭ” އޭނާ ވިދާޅުވިއެވެ.

އެނާ މައުލޫމާތު ދެއްވިގޮތުގައި މިފަހުން ރައްޔިތުންގެ މަޖިލިހުގެ ވޯޓަށް އައްސަވައިގެން ފާސްނުވި ޑްރާފްޓިންގް ކޮމިޓީން އެކުލަވާލި 4 ވަނަ މާއްދާއަށް އަލިއަޅުވާލިއެވެ. 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޤާނޫނަކުން ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެން ވެއެވެ. އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކު ވިއަސް ހުރަސް އަޅައި، ހުއްޓުވައިގެން ނުވާނެއެވެ. މިގޮތަށް ފާސްވިނަމަ މިހާރު ދިމާވެގެން މި އުޅޭ މައްސަލައަށް ޤާނޫނު އަސާސީގެ ސަބަބުން ހައްލެއް ލިބުނީސްކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުއޫދު އިއްޔެ މިއަދު ނޫހަށް ދެއްވި ބަސްދީގަތުމުގައިވެސް މީހަކު ހުންނަ ގޮތަކުން އެމީހާއާއި މެދު ޝައްކެއްކޮށް އެމީހާގެ އައިޑެންޓިތީ ފުލުހުންގެ ހައްޤެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. އަދި އެއީ ޒާތީ ދިރިއުޅުމަށް ބެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ސަރުކާރުން ކުރާ ޣައިރު ދުސްތޫރީ އަމަލެއް” ރައްޔިތުންގެ ޚާއްސަ މަޖިލިހުގެ ސ.އަތޮޅު މެމްބަރުކަންވެސް ކުރަމުން އަންނަ ސުއޫދު ވިދާޅުވިއެވެ.

(މިލިއުމަކީ 27 އޮކްޓޯބަރު 2007 ދުވަހުގެ މިނިވަން ނޫހުގައި ޝާއިޢުކޮށްފައިވާ ލިއުމެކެވެ.)

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)