|
ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުން
ލިޔުނީ: ޝެއިޚް އާދަމް ނަސީމް (ބީ.އޭ)
ﷲގެ
އިސްމުފުޅުން ފަށަމެވެ.
އިސްލާމްދީނުގެ ނަމުގައި މަސްއަލާތަކާމެދު ވާހަކަދައްކާ
ކަމުގައިވަނީނަމަ، ރިޢާޔަތް ކުރަންޖެހޭ އުޞޫލުތަކެއް ހުރެއެވެ.
މިދެންނެވި އުޞޫލުތަކަކީ އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކެވެ.
އެއީ (1) ކީރިތި ޤުރުއާން (2) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ ސުއްނަތް (3) ދަންނަބޭކަލުންގެ އިޖްމާޢު (4)
ޤިޔާސްކުރުން. މިއެވެ. މި އުޞޫލުތަކުގެ މައްޗަށް ބިނާކޮށްގެން މެނުވީ
އިސްލާމްދީނުގެ އެއްވެސް ކަމަކާމެދު ވާހަކައެއް ނުދެއްކޭނެއެވެ.
އެކަމަކީ އިންޓަރނޭޝަނަލް މަސްއަލާއެއް ކަމުގައި ވިޔަސް ވެހެވެ.
އިސްލާމްދީނަކީ އިންޓަރނޭޝަނަލްދީނެވެ. މި މާތްދީނުގައި
ކަނޑައެޅިފައިހުރި އުޞޫލުތަކާ އެއްގޮތަށް އެތައް ޤަރުނެއް ވަންދެން
މުސްލިމުންވަނީ ދުނިޔޭގައި ވެރިކަން ކޮށްފައެވެ. ޢަދުލު އިންސާފު
ޤާއިމުކޮށްދީފައެވެ. އިންސާނީ ޙައްޤުތައްވަނީ އެންމެ ދެރަ
ނިކަމެތިންނަށްވެސް ހޯދައިދީފައެވެ. ޖާހިލުކަމުގެ އަދިރިކަމުން
ހިދާޔަތުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރެދީފައެވެ. ސައެންސުގެ
ރޮގުގައި ކުރިއަށް ދިޔުމުގެ ބިންގާ އަޅައިދީފައެވެ.... އަދިވެސް
އެތައް އެތައް ރޮގެއްގައި އިންސާނިއްޔަތަށް އަލިމަގެއް
ކޮށައިދީފައެވެ. އިސްލާމްދީނުގެ އިމުގެ ތެރޭގައެވެ. މިދެންނެވި
އިމުގެ ތެރެއިން ބޭރުނުވެ، ތަރައްޤީގެ މަގުތައް ހޯދައިދީފައެވެ...
ދެންފަހެ މިހާރު، ދިވެހިރާއްޖޭގައި ޑރ.ކަމާލީ ވިދާޅުވާ
ކަމުގައިވެއެވެ. “އަޅުގަނޑު ދަންނަވާފައިވާނެ. އިސްލާމްދީން
އެހެންދީންތަކަށް އުޅުން މަނާ ނުކުރާކަމަށް. އަދި ޤުރުއާނުގައިވެސް
ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކޮށްފައި ވާކަމަށް.
މިގޮތުން ޤުރުއާނުގައި ސާފުކޮށް ބަޔާންކުރޭ
"لاَ
إِكْرَاهَ فِي الدِّينِ"
އެއީ ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތް.” (މިނިވަން: 01
ނޮވެމްބަރ 2007) ފަހެ ޤުރުއާނުގައިވެސް ދީނީ މިނިވަންކަން
ލިއްބައިދިނުމަށް ބަޔާންކުރައްވާފައިވާ ކަމަށް ވިދާޅުވެ، ސޫރަތުލް
ބަޤަރާގެ 256 ވަނަ އާޔަތް ވިދާޅުވާއިރު، އެވިދާޅުވާ ދީނީ
މިނިވަންކަމާ މިއާޔަތާ ހުރި ގުޅުމަކީ ކޮބައިބާވައެވެ! އާޔަތްތައް
ތަފްސީރު ކުރެވޭނީ ޙަދީޘުންނާއި، ތަފްސީރު ޢިލްމުވެރިންގެ
ބަޔާންތަކުންނެވެ. އެއްވެސް މީހަކަށް އެމީހެއްގެ ޚިޔާލާ އެއްގޮތަށް
ޤުރުއާނުގެ މާނަ ކުރުމަކީ ޙުއްދަކަމެއްނޫނެވެ. ކޮށްގެންވާނެ
ކަމެއްނޫނެވެ. މިމޭރުމުން މިއާޔަތުގެ މާނައާމެދު ވިސްނާލަމާތޯއެވެ؟
މާނަ: ދީނާމެދު މަޖްބޫރު ކުރުމެއްނެތެވެ. (ގަދަދެއްކުމެއްނެތެވެ.)
ހަމަކަށަވަރުން، މަގުފުރެދުމުގެ ތެރެއިން ހިދާޔަތުގެ ސާފު އަލިމަގު
އެނގިފާޅުވެއްޖެއެވެ. ފަހެ ޝައިޠާނާއަށް ކާފިރުވެ، ﷲއަށް
އީމާންވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ އިތުބާރުހުރި
އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ބިންދައިގެން
ދިޔުމެއް އެއަކަށް ނުވެއެވެ. ﷲއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް
ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (2/256) ތަފްސީރު ޢިލްމުވެރިން
ވިދާޅުވަނީ އިސްލާމްދީނަށް ވެއްދުމަށް އެއްވެސްމީހަކު އެހެން
މީހަކަށް މަޖްބޫރެއް ނުކުރެވޭނެ ކަމަށެވެ. އިސްލާމްވާށޭ، އިސްލާމް
ނުވެއްޖެނަމަ ބޯކަނޑާލަމޭ ނުބުނެވޭނެ ކަމަށެވެ. އިސްލާމްދީން
ފެތުރިގެން ދިޔައީވެސް ބާރުގެބޭނުންކޮށްގެނެއް ނޫނެވެ. ބާރުގެ ބޭނުން
ކުރުމަކީ އެއީ ކްރިސްޓިޔަން ދީން ފެތުރުމަށް ކްރިސްޓިޔަނުން
ބޭނުންކޮށްއުޅުނު އުސޫލެކެވެ. ގަދަބާރުން، ބިރުދައްކައިގެން
ނަޞާރާދީނަށް ވެއްދުމެވެ. ދުނިޔޭގެ ތާރީޚުގެ ތެރެއިން ސެއިންޓް
ޕޯލްއާ ހަމައަށް ހިންގަވާށެވެ. ދެން އެއަށްފަހު، މީލާދީން 325
(ތިންސަތޭކަ ފަންސަވީސް) ވަނައަހަރު، އެމްޕެރަރ ކޮންސްޓެންޓީން،
ނިއޭސާ (NICEAE)
ގައި ބޭއްވި ފާދިރީންގެ ކޮންފަރެންސުގައި ކަންހިގައިދިޔަ ތަނާއި،
ތަފާތު ގޮސްޕަލްތަކުގެ ތެރެއިން ހަތަރު ގޮސްޕަލް ހުއްދަކުރައްވައި،
އެހެންގޮސްޕަލްތައް އުވާލެއްވި ތަނާއި، މިހަތަރު ގޮސްޕަލް
މީސްތަކުންގެ މައްޗަށް ހިންގަންފެށީ ހަރުކަށި އުސޫލުތަކެއް
ބޭނުންކޮށްގެން ކަމާއި، މިކަންކަން ދުނިޔޭގެ ތާރީޚުފޮތް ފޮތުގައި
ރިކޯޑުކުރެވިފައި އެބަހުއްޓެވެ. މިކަންކަންކޮށްފައިވަނީ ކަނޑީގެ
ބާރުގެ ބޭނުންކޮށްގެންނާއި، ވެރިކަމުގެ ބާރުގެ ބޭނުންކޮށްގެންނާއި،
މީސްތަކުންނަށް ބިރުދައްކައިގެންނެވެ.
އިސްލާމްދީނަށް ވެއްދުމުގައި މަޖުބޫރުކަމެއް ނޯންނަކަން އިސްވެދިޔަ
އާޔަތުން ސާބިތުވެއެވެ. ފަހެ ހަނގުރާމަކުރަންޖެހިފައި ވަނީވެސް
މަޖްބޫރު ޙާލަތްތަކުގައެވެ. ހަނގުރާމައިގެ މަގްޞަދަކީވެސް މީސްތަކުން
އިސްލާމްދީނަށް ވެއްދުމަށް މަޖްބޫރު ކުރުމެއްނޫނެވެ. ﷲގެ ދީނުގެ
މަގުގައި ހުރަސްއަޅާ އަނިޔާވެރި ވެރިންގެ ސަބަބުން ހަނގުރާމަކުރުން
މަޖްބޫރުވަނީއެވެ. އެހިސާބަށް ކަންތައް ދަނީ ޞުލްޙަވެރި ގޮތުގައި
އެތައްގިނަ މަރުޙަލާތަކެއް ހުރަސް ކުރުމަށް ފަހުގައެވެ. ... މިއީވެސް
ނުހަނު ދިގުވާހަކައަކަށްވާތީ ކުރުކޮށްލީއެވެ...
އިސްލާމްދީނަށް ވެއްދުމުގައި މަޖްބޫރުކަމެއް ނޯވެއެވެ. މަޖްބޫރު
ކުރުމެއް ނޯވެއެވެ. ނަމަވެސް ދީނުގެ ތަރަހައިގެ ތެރެއަށް
ވަނުމަށްފަހު، ދީނުގެ ޙުކުމްތައް އޭނާގެ މައްޗަށް
ތަންފީޒުކުރަންޖެހެއެވެ. ދީނުން ބޭރުވެއްޖެނަމަ އޭނާގެ މައްޗަށް
އޮންނަ ޙުކުމެއްވެސް އޮވެއެވެ. އަދި ޒިނޭކޮށްފި މީހާގެ މައްޗަށް ﷲ
ޢުޤޫބާތެއް ކަޑައަޅުއްވާފައިވެއެވެ. އަދި މިނޫނަސް އެކިއެކި
ޖަރީމާތަކަށް އަރައިގަންނަ މީހާއަށް އިސްލާމްދީނުގައި ޢުޤޫބާތް
ކަނޑައަޅުއްވާފައިވެއެވެ. މިކަންކަން ތަންފީޒުކުރުމަކީ ޙާކިމާގެ
ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މަޖްބޫރު
ނުކުރެވެނީ ދީނަށް ވެއްދުމަށެވެ. އެކަމަކީ ބާރުގެ ބޭނުން ކޮށްގެން
ކުރަންޖެހޭ ކަމެއްނޫނެވެ. މީގެމާނައަކީ އެހެންދީންތަކުގެ މީހުން
މުސްލިމުންގެ މައްޗަށް ވެރިވެ، އެބައިމީހުންގެ ދީނުގެ ނުފޫޒު
މުސްލިމުންގެ މައްޗަށް ގަދަކުރުމަށްޓަކައި ހަމަހިމޭނުން ތިބުމެއްވެސް
ނުމެ ނޫންމެއެވެ. އެއްވެސް އަޞްޙާބުބޭކަލަކު، ނުވަތަ އެއްވެސް ޠާބިޢީ
ބޭކަލަކު، ނުވަތަ އެއްވެސް އިމާމުވެރި ބޭކަލަކު މިއާޔަތުގެ މައްޗަށް
ބިނާކުރައްވައިގެން ނުވަތަ ޤުރުއާނުގެ އެހެން އާޔަތެއްގެ މައްޗަށް
ބިނާ ކުރައްވައިގެން ނުވަތަ ޙަދީޘެއްގެ މައްޗަށް ބިނާ ކުރައްވައިގެން
އެހެންދީންތަކުގެ މީހުންނަށް ދީނީ މިނިވަންކަން ދިނުމުގެ މައްޗަކަށް
ދަލީލެއް ދެއްކެވިކަމެއް ސާބިތެއްނުވެއެވެ. އެހެންދީންތަކުގެ
“އޭޖެންޓުން” މިކަންކުރާންއުޅޭ ކަމުގައި ވިޔަސް ވެހެވެ. މީގެމާނައަކީ
އެހެންދީންތަކުގެ މީހުންނަށް އިސްލާމްދީނުގައި މިނިވަންކަމުގެ
އިމުގެތެރޭގައި ޙާލަތު ނިޔާކުރާ ގޮތުގެމަތިން މިނިވަންކަން ނޯންނަ
ވާހަކައެއްނޫނެވެ. ނަމަވެސް އެކަންއޮންނާނީ ޙާލަތު ނިޔާކުރާ ގޮތުގެ
މައްޗަށް ބިނާވެފައެވެ. މުސްލިމުންނަށް ޖިޒީދީގެން މުސްލިމުންގެ
ދަށުގައިތިބޭ މީހުންނަށްވެސް އިސްލާމްދީނުގައި ކަނޑައެޅިފައިވާ
އިމުގެ ތެރޭގައި ދީނީ މިނިވަންކަން އޮވެއެވެ. އެމީހުން
އިސްލާމްވުމަށް މަޖްބޫރެއްވެސް ނުކުރެވޭނެއެވެ.
ޑރ.ކަމާލީ ވިދާޅުވާކަމުގައި 1.11.07 ވަނަދުވަހުގެ “މިނިވަން”
ނޫހުގައި އަންނަނިވި ޢިބާރާތްތައް އޮވެއެވެ. “އެހެންދީންތަކެއް
އައުމުން ރާއްޖޭގައި ހަމަނުޖެހުންތަކެއް ނުހިނގާނެ... މިކަމުގެ
ބިރެއްނެތް”... މި ޢިބާރާތްތަކާމެދު ކޮންމެ ދިވެހި ދަރިއަކުމެ
ވިސްނައިލާންޖެހޭ ކަމާމެދަކު ޝައްކެއްނެތެވެ. ފަހެ، ރާއްޖޭގައި
މިއޮތް ޞުލްޙަ މަޞްލަޙަތުކަން އެތައްގިނަ ގަރުނެއްވަންދެން އޮތުމުގެ
ސަބަބަކީ ރާއްޖޭގައި އޮތީ ހަމައެކަނި އިސްލާމްދީންކަމަށްވާތީއެވެ.
އެހެންދީނެއްގެ ބަޔަކު ޤާނޫނީ ބާރު ލިބިގެން ރާއްޖޭގައި އުޅޭ
ކަމުގައި ނުވާތީއެވެ. އެހެންދީން ދީނުގެ މީހުން ޤާނޫނީ ބާރު ލިބިގެން
ރާއްޖެ އަތުވެއްޖެނަމަ ރާއްޖޭގައި ބައިބައިވުން އުފެދި ތަޅާފޮޅުން
ނުހިނގާނެ ކަމުގެ ގެރެންޓީއަކީ ކޮބައިތޯއެވެ؟ އިންޑިޔާފަދަ
ޤައުމުތަކުގައި ޤަދީމީ ޒަމާނުއްސުރެ މުސްލިމުންނާއި ހިންދީންގެ
ގުޅުންހުރީ ކޮންފަދައަކުންތޯއެވެ؟ ޕާކިސްތާނު އުފައްދަން ޖެހުނީ
ކީއްވެގެންތޯއެވެ؟ މިގަޑުބަޑުގެ ތެރޭގައި މަރައިލެވުނީ
ކިތައްމިލިޔަން އިންސާނުންތޯއެވެ؟ ރާއްޖެފަދަ ކުޑަކުޑަ
ޤައުމަކަށްބަލާއިރު، ޚާއްޞަކޮށް މިޒަމާނުގައި ހުރިހައި ނުބައިކަމަކާ،
ޓެރަރިޒަމާ، ބޮޑެތި ޖަރީމާތައް މުސްލިމުންނަށް ނިސްބަތްކުރަމުންދާ
ޒަމާނެއްގައި ޤާނޫނުގެ ބާރު ލިބިގެން އެހެންދީންތަކުގެ މީހުން ރާއްޖެ
އަތުވެއްޖެނަމަ ދެން ވާނެގޮތަކާމެދު ވިސްނަންޖެހެއެވެ. ފައިސާއާއި
ނުފޫޒާއި، އިންޓަރނޭޝަނަލް މުޢާހަދާތަކުގެ އެހީގައި މުސްލިމު
ގައުމުތަކުގައި އެހެންދީންތަކުގެ ނުފޫޒު އެކިފަރާތްފަރާތުން
ފަތުރަމުންދާ ޒަމާނެކެވެ. މުސްލިމުން ނިކަމެތިކޮށްލެވޭތޯ
ފަރާތްފަރާތުން ތަފާތު މަސައްކަތް ކުރަމުންދާ ޒަމާނެކެވެ.
މުސްލިމުންނަކީ ފަންޑަމެންޓަލިސްޓުން ކަމުގައި، ނުވަތަ ދީނުގެ
ކަންކަމުގައި އެކްސްޓްރީމިސްޓުން ކަމުގައި ސިފަކުރެވެމުންދާ
ޒަމާނެކެވެ. ޓެރަރިސްޓުންކަމުގައި ސިފަކުރެވެމުންދާ ޒަމާނެކެވެ.
މިވާހަކަތައް ތިރީގައިމިވާ އިގިރޭސި ޢިބާރާތުގައި
އެކުލެވިގެންވެއެވެ. މިއީ މިއަދު މުސްލިމުންނާމެދު މިއަދުގެ
ދުނިޔެދެކޭ ގޮތެވެ.
“Muslim
fundamentalism is fast becoming the chief threat to global peace
and security as well as a cause of national and local disturbances
through terrorism. It is akin to the menace posed by Nazism and
facism in the 1930s and then by Communism in the 50s”.
(The New York Times/
International Herald Tribune 9/9/93)
Do you think this is true? And
what is so called fundamentalism?
(މިލިޔުމަކީ
މިނިވަން ނޫހުން ނަގާފައިވާ ލިޔުމެކެވެ.)
|