"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އަފްރާޝީމްގެ އޮޅުވާލުންތަކުގެ ތެރެއިން ބުޚާރީ އަދި މުސްލިމްގައި ރިވާވެގެންވާ ﷲގެ ނަބިއްޔާގެ ޙަދީޘްފުޅު.

    ﷲ ތަޢާލާގެ ދީނުގެ ކަންތައްތައް މީހުންނަށް އޮޅުވާލައި، ޙައްޤު ގޮތުގެ މައްޗަށް ބާޠިލް ރީތިކޮށް އެގޮތް މީސްތަކުންގެ މެދުގައި ފަތުރަން ކުރާ މަސައްކަތަކީ ދުނިޔެ ފެށުނީއްސުރެ އޮތް ކަމެކެވެ. މީގެ އަޞްލު ފެށިފައިވަނީ، ﷲ ތަޢާލާ އާދަމް عليه السلامއަށް ސަޖިދަ ކުރަން އިބިލީހަށް އަމުރު ކުރެއްވުމުން، އެއިބިލީސް ބޮޑާވެރިވެގަނެ ﷲ އަށް އުރެދުނު ހިސާބުން ފެށިގެންނެވެ. އޭގެ ކުރީގައި އޭނާވީ، އަޅުކަމުގެ ގޮތުން ކުރިއަރައި ގޮސް މަލާއިކަތް ބޭކަލުންގެ ދަރަޖައަށް އުފުލެވިފައެވެ.

    ކޮންމެއަކަސް ދީނުގެ ކަންތައްތައް އޮޅުވާލާ މީހުންގެ މުޞީބާތަކީ ﷲ ތަޢާލާ ފޮނުއްވެވި ކޮންމެ ރަސޫލުބޭކަލެއްގެ ރިސާލަތަށްވެސް ފޯރާފައިވާ މުޞީބާތެކެވެ. މިގޮތުން ކީރިތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ނަބީ ކަމާއިގެން ވަޑައިގަތުމުންވެސް އަދި އެކަލޭގެފާނަށް ފަހުގައިވެސް މީސްތަކުންގެ ތެރޭގައި މިފަދަ ބަޔަކުވިއެވެ. މީގެ އެއްބަޔަކީ މުސްލިމުންގެ ނަމުގައި ތިބި ބަޔެކެވެ. އާދެ މުނާފިޤުންނެވެ. އެހެންކަމުން ﷲ ތަޢާލާގެ އާޔަތްތަކާއި ނަބިއްޔާގެ ހިދާޔަތުގެ ކަންތައްތައް ފޮރުވައި އޮޅުވާލާ މީހުންނަށް އިންޒާރު ކުރައްވައި ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَى مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ أُولَئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللاَّعِنُونَ" (البقرة:159)

"ހަމަކަށަވަރުން ތިމަން ﷲ ބާއްވާލެއްވެވި ހެކިތަކާއި ހިދާޔަތް ޤުރުއާނުގައި މީސްތަކުންނަށް ތިމަން ﷲ ބަޔާން ކޮށްދެއްވާފައި ވަނިކޮށް އެއަށްފަހު އެފޮރުވާ އޮޅުވާލާ މީހުންނަށް ﷲ ތަޢާލާ ލަޢުނަތް ލައްވަވައެވެ. އަދި ލަޢުނަތް ދޭމީހުންގެ ލަޢުނަތް އެމީހުންނަށް ވެއެވެ."

    މިދުވަސްކޮޅަކީ އަޅުގަނޑުމެން ރާއްޖޭގައިވެސް، މިއުޒިކު ކުޅެ ލަވަކިޔުމުގެ ޙުކުމް ޤުރުއާނާއި ސުންނަތުގައި ޞަރީޙަކޮށް ފެންނަން އޮއްވައިވެސް އެކަމާއި ބެހޭ ގޮތުން ވަރަށް ފާޑުފާޑުގެ އަޑުތައް ފެތުރެމުންދާ ދުވަސްވަރެކެވެ. އަޅުގަނޑު ހިތުން މިކަމުގެ ބޮޑަކަށް މިހުރީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާރސިޓީއިން ޕީއެޗްޑީއެއް ހިއްޕަވައިގެން މިއުޒިކު ހުއްދަ ކުރުމުގެ މިޝަނަކާއިގެން ވަޑައިގެންނެވި އަފްރާޝީމް ޢަލީއެވެ.

ޢަރަބި ބަހުގައިވެސް އަދި ދިވެހި ބަހުގައިވެސް ޅެމާއި އަންބާއާއި ފަރިއްސާއި ލަވައާއި މިފަދަ އެތައް ވައްތަރު ތަކެއް، ޅެމުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން ޅެމާއި ފަރިއްސާއި މިކަހަލަ އެއްޗެތި ހުއްދަވީ ކަމުގައި ވިޔަސް އޭގެ ސަބަބުން ކޮންމެހެން ލަވަކިޔައި މިއުޒިކު ކުޅުން ހުއްދަވީއެއް ނޫނެވެ. ޅެމުގެ އެކި ވައްތަރުތައް ވަކިކުރަން ނޭނގޭ މީހަކުނަމަ، ދެން އެމީހެއްގެ ކިބައިގާ ހުރި ބަހުގެ ފެންވަރު، (އެއީ ޢަރަބި ބަސްކަމުގައި ވިޔަސް ނުވަތަ ދިވެހި ބަސް ކަމުގައި ވިޔަސް) ތިޔަބޭފުޅުން ވަޒަން ކޮށްލައްވާށެވެ. އަޅުގަނޑު ހިތައް އަރަނީ ރުކު ރަލަކީވެސް ބޯ އެއްޗަކަށްވުމުން، އެރަލުގެ ޙުކުމް ނަގައި ބަނގު ރަލަށް ޖަހައި އެހުއްދަ ކުރާކަށްވެސް ދެން މާކަ ގިނަ ދުވަހެއް ނެތޭއެވެ.

    ކޮންމެއަކަސް މިތަނުގައި އަޅުގަނޑު އަލިއަޅުވާލަން ޤަޞްދު މިކުރަނީ އަފްރާޝީމް ޢަލީ މިއުޒިކް ހުއްދަ ކުރެއްވުމަށްޓަކައި ޙަދީޘްގެ ނައްޞާއި އަދި މަފްހޫމް މުޅިން އޮޅުވާލައިގެން ގެނެސްފައިވާ، ބުޚާރީއާއި މުސްލިމްގައި ވާރިދުވެފައިވާ ވަރަށް މަޝްހޫރު ޙަދީޘަކާއި ބެހޭގޮތުންނެވެ. ފުރަތަމައިނުން މިޙަދީޘްފުޅުގެ މާނަ އަފްރާޝީމް ކޮށްފައިވާ ގޮތަށް ބަލާލަމާތޯއެވެ. 'މިއަދު' ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި އަފްރާޝީމް މިޙަދީޘްގެ މާނަ ބަޔާންކޮށްފައިވަނީ އަންނަނިވި ޢިބާރާތުންނެވެ. "ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ޙަރާމް ކަންތައްތަކާއި ޙަލާލު ކަންތައްތައް (ވާޖިބު ކަންތައްތައް) މާތް ﷲ ވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައި، އަދި މިދެޙުކުމްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ހުއްދަ ކަންތައްތަކުގެ ތެރޭގައި އެބަ ލައްވާފައިވޭ، ޙުއްދަ ގޮތުގައި ލައްވާފައި މިވާ ކަންތައްތައް ޙަރާމް ކަންތައްތަކަށް ހަދަން ނުވަތަ ވާޖިބަކަށް ހަދަން ނޫޅުމަށް ﷲ ވަނީ އަންގަވާފައި، އެކަންތައްތަކަކީ ވާޖިބު ކަންތައްތަކަށް ނުހައްދަވާ ﷲ ދޫކޮށްލައްވާފައި އެހެރީ ފަހަރެއްގައިވެސް އެކަލާނގެއަށް އޮޅިވަޑައިގެނެއް ނޫން، ނުވަތަ މާތް ﷲ ހަނދުމަފުޅު ނެތިގެނެއް ނޫން، އެކަލާނގެ އެގޮތަށް ދޫކޮށްލައްވާފައި އެވަނީ ހަމަ ޤަސްތުގައި"[1]. ހަމަ މިގޮތަށް ހަވީރަށް ދީފައިވާ ވީޑިއޯ އިންޓަވިއުގައިވެސް އޭނާ ބަޔާންކޮށްފައިވެއެވެ. ދެން އަޅުގަނޑުމެން ބުޚާރީއާއި މުސްލިމްގައިވާ އޭގެ އަޞްލު ޙަދީޘަށް ބަލާލަމާތޯއެވެ.

عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: "إنَّ الْحَلاَلَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لاَ يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ فَقْدِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلاَ وَإِنَّ لِكُلِّ مَلِكٍ حِمًى، أَلاَ وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلاَ وَهِيَ الْقَلْبُ." رَوَاهُ الْبُخَارِيُّ [رقم:52]، وَمُسْلِمٌ [رقم:1599].

ﷲ ތަޢާލާ ރުއްސުން ލެއްވެވި އަބޫ ޢަބްދުﷲ، ނުޢުމާނު ބުނު ބަޝީރު ވިދާޅުވިއެވެ. ރަސޫލު ﷲ ޙަދީޘްފުޅު ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "ހަމަކަށަވަރުން ޙަލާލު ކަންތައްތައްވަނީ ބަޔާންވެގެންނެވެ. އަދި ޙަރާމް ކަންތައްތައްވެސް ވަނީ ބަޔާންވެގެންނެވެ. އަދި އެދެމެދުގައި ބައިވަރު ޝުބުހާތްތައް (އެބަހީ ޙަލާލްކަމެއް ނުވަތަ ޙަރާމްކަމެއް ނޭނގޭ ބައިވަރު ކަންތައްތައް) ވެއެވެ. މީސްތަކުންގެ ތެރެއިން ގިނަމީހުންނަށް އެކަންތައްތަކުގެ ޙަޤީޤަތެއް ނޭނގޭނެއެވެ. ފަހެ އެޝުބުހާތްތަކުން ދުރުވެގެންފި މީހާ، އެމީހެއްގެ ދީނާއި ޢަބުރު ރައްކާތެރި ކޮށްފިއެވެ. އަދި އެޝުބުހާތްތަކަށް އަރައިގެންފި މީހާ، ޙަރާމް ކަންތައްތަކަށް އަރައިގެންފިއެވެ. އޭނާގެ މިޘާލަކީ ގެރި ބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރި ބަކަރިތަކަށް ކާންދިނުމަށްޓަކައި އެހެން މީހެއްގެ ހުއި އޮތް ވިނަ ދަނޑެއްގެ އިމު ކައިރިއަށް ގެންދާ މީހެއްގެ މިޘާލެވެ. އެޖަނަވާރުތައް އެވިނަދަނޑަށް އަރައި ކެއުން ގާތެވެ. ދަންނާށެވެ. ކޮންމެ ރަސްކަލަކަށް އިމެއް ވެއެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާގެ އިމަކީ އެއިލާހު ޙަރާމް ކުރައްވާފައިވާ ކަންތައްތަކެވެ. އަދިވެސް ދަންނާށެވެ. ހަމަކަށަވަރުން އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެމަސްކޮޅު ރަނގަޅު ވެއްޖެނަމަ އޭނާގެ މުޅި ހަށިގަނޑު ރަނގަޅުވެ ދެއެވެ. އަދި އެމަސްކޮޅު ފަސާދަވެއްޖެނަމަ، އޭނާގެ މުޅި ހަށިގަނޑު ފަސާދަވެދެއެވެ. ދަންނައެވެ، އެއީ އިންސާނާގެ ހިތެވެ."

    އާދެ މަތީގައި ބަޔާންވެ އެދިޔައީ އަފްރާޝީމްގެ ތަރުޖަމާއާއި އަޞްލު ޙަދީޘްގައިވާ ލަފްޒުގެ ތަރުޖަމާއެވެ. މިޙަދީޘަކީ މިއަދާއި ޖެހެންދެންވެސް މުޅި އިސްލާމީ އުއްމަތް އޭގެ ޞައްޙަކަމާއި މެދު އިއްތިފާޤުވެފައިވާ ބުޚާރީއާއި މުސްލިމްގައި ރިވާވެފައިވާ ޙަދީޘެކެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "لاَ تَجْتَمِعُ أُمَّتِي عَلَى ضَلاَلَةٍ" މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތް މަގުފުރެދުމަކަށް އިޖްމާޢު (އެބަހީ އިއްތިފާޤު) ނުވާ ހުއްޓެވެ."[رواه أحمد (25966) والطبراني في الكبير (2171) وابن أبي عاصم في السنة (82) والترمذي (2093)، والحاكم (1/199-200)، وأبو نعيم في الحلية (3/37) وعبد بن حميد (1220)، وابن ماجه (3940)]

ދެން ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާށެވެ. ﷲގެ ނަބިއްޔާގެ ބަސްފުޅު އޮޅުވާލައި މަސްހުނި ކޮށްލި މީހަކު ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަމެއް ހުއްދަކުރަން ފަސް ޖެހޭނެ ހެއްޔެވެ؟ މީގެ ޖަވާބު އަޅުގަނޑު ތިޔަބޭފުޅުންނަށް ދޫކޮށްލަމެވެ. ޙަޤީޤަތަކީ ދީނުގެ ޙުކުމްތައް އޮޅުވާލަން ހަދައިގެން އެމީހަކު އޮޅުވާލާ އޮޅުވާލުން، ﷲގެ ވަޢުދު ބަސްފުޅުގައި (ސޫރަތުލް ބަޤަރާގެ 159 ވަނަ އާޔަތުގައި) ވާފަދައިން ފަޟީޙަތްވެ އެމީހަކަށް ލަޢުނަތްދޭ މީހުންގެ ލަޢުނަތް ރައްދުވާނޭ ކަމެވެ. މިގޮތުން މިޙަދީޘްފުޅު އޮޅުވާލާފައިވާ ގޮތް ހެޔޮ ވިސްނޭ ކޮންމެ މީހަކަށް މިހާރު ރަނގަޅަށް އެނގޭނޭކަމަށް އުއްމީދު ކުރަމެވެ.

މިލިޔުމުގައި ބަޔާންކުރަން ޤަޞްދުކުރި ޙިސާބަށް ނިމުނީއެވެ. ﷲގެ އިރާދަފުޅުން އަދިވެސް މިފަދަ އޮޅުވާލުންތަކަށް މިއަށްވުރެ ފުރިހަމަ ރައްދަކާއިގެން ތިޔަބޭފުޅުންނާއި ބައްދަލު ކުރަން އެދޭ ޙާލު މިނިކަމެތި އަޅާގެ ޤަލަމް މިވަޤުތަށް ބާއްވަމެވެ. ނިންމާލުމުގެ ކުރިން ތިޔަ އެންމެ ބޭފުޅުންނަށް ރަސޫލު ﷲ صلى الله عليه وسلمގެ ޙަދީޘްފުޅެއް ގެނެސްދެމެވެ.

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ބަޔަކު މީހުން ޒިނޭއާއި ފަށުވިފޭރާމާއި ރަލާއި އަދި މިއުޒިކް ކުޅޭ ސާމާނު ހުއްދަކޮށް ހަދާނެތެވެ." (ރަވާހުލް ބުޚާރީ: 5590)


______________________________________________________________

[1] ގ . http://www.miadhu.com.mv/div/news.php?id=8855ގެ 13 ވަނަ ޕެރެގްރާޕް ބައްލަވާ.

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)