|
މުހިއްމު ޚަބަރު
ރާމާމަކުނާއި އޫރުގެ އަހުލުވެރީން
އަޅުގަނޑުމެންގެ ޢަޤީދާއާއި ކުޅެ ފުރައްސާރަ
ކުރަމުން ދާއިރުވެސް އަޅުގަނޑުމެން އެމީހުންގެ
ފޫބުޑުން ނުނެއްޓިގެން މިއުޅެނީ ކީއްވެ
ހެއްޔެވެ؟
- އަޅުގަނޑުމެންގެ ނަބިއްޔާއަށް ފުރައްސާރަ
ކުރުމުގެ ގޮތުން މިހާރު އެހެދީ މުޙައްމަދުގެ
ނަމުގައި ބުދެކެވެ.
ޔަހޫދީންނާއި ނަޞާރާއިން މުސްލިމުންނާއި
މެދުގައި އޮންނަ ޙަސަދަވެރިކަމަކީ އެނގި
ފައުޅުވެގެންވާ ކަމެކެވެ. އެހެންނަމަވެސް
ހިތާމައަކީ އެމީހުން ޑިމޮކްރަސީއާއި ހިއުމަން
ރައިޓްސްއާއި ފްރީޑަމްއާއި ޓެރަރިޒަމްގެ
ނަމުގައި އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއާއި
ކުޅެ ފުރައްސާރަ ކުރަމުންދާއިރުވެސް
އަޅުގަނޑުމެން އެމީހުންގެ ފަހަތުން ނުނެއްޓި
ކުރުނީސް ކުރަމުން ދާކަމެވެ. ޤުރުއާނުގެ އެތައް
ތަނެއްގައި އެމީހުންގެ މަކަރުވެރިކަމުގެ
ވާހަކައާއި ނުބައިނުލަފާ ކަމުގެ ވާހަކަ
ބަޔާންވެގެން ވެއެވެ. ބަޤަރާ ސޫރަތުގައި ﷲ
ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"وَلا
يَزَالُونَ يُقَاتِلُونَكُمْ حَتَّى
يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا"
(البقرة:217)
"ފަހެ އެމީހުންނަށް ވެގެންވަންޏާ
ތިޔަބައިމީހުންގެ ދީނުން (ނެރެ) މުރުތައްދު
ވެއްޖައުމަށް ދާންދެން ތިޔަބައިމީހުންނާއި
ހަނގުރާމަ ކުރުމުގައި ނެތި ނުދާނެއެވެ."
ހިތާމައަކީ މިހުރިހާ ވާހަކައެއް ޤުރުއާނުގައި
ބަޔާންވެފައި ވަނިކޮށްވެސް ދީނާއި ދުނިޔަވީ
ހުރިހައި ކަމެއްގައިހެން އެމީހުންނަށް
އަޅުވެތިވާކަމެވެ. ކިޔަވާދޭނެ މުޤައްރަރެއް
ހެދިޔަސް، ވިޔަފާރި ކުރާނޭ ގޮތެއް ވިޔަސް،
މަގެއްގައި ގަލެއް ބާއްވަން ވިޔަސް ނުވަތަ
ޤާނޫނު އަސާސީއެއް ހެދިކަމުގައި ވިޔަސް މިހަދަން
ޖެހެނީ އެމީހުން ރުހޭ އެމީހުން އެދޭ ގޮތަށެވެ.
ނިކަން ވިސްނާ ވަޑައިގަންނަވާށެވެ.
އަޅުގަނޑުމެން ދިވެހި ލޮބުވެތި މުސްލިމުންނަށް
ހަދާ ޤާނޫނު އަސާސީއެއް އެމެރިކާއާއި ޔޫރަޕް
މީހުން ބޭނުންވާ ގޮތަށް ހެދުމުން ދެން އެއިން
އަޅުގަނޑުމެންނަށް ކުރާނެ އޮތީ ކޮން
ފައިދާއެއްތޯއެވެ؟
ދަންނާށެވެ. ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ
އެޖެންޓުން ފޮނުވައިގެން އެދަނީ އަޅުގަނޑުމެންގެ
ދީނީ ސިޔާސީ އަދި އިޖްތިމާޢީ ހުރިހާ
ކަމަކަށްވަދެ އަޅުގަނޑުމެންގެ ދީން ޚަރާބު
ކުރަމުންނެވެ. ޓީޗަރުންނާއި ޑޮކްޓަރުންނާއި
އެކިރޮނގު ރޮނގުން ސްޕެޝަލިސްޓުންގެ ނަމުގައެވެ.
މީގެ ހެކި އަޅުގަނޑުމެންގެ ރާއްޖެއިންވެސް
ފެންނަން އެބައޮތެވެ. ރާއްޖޭގައި ކްރިސްޓިއަން
ދީން ފަތުރަން މަސައްކަތް ކުރަނިކޮށް ޔޫރަޕްގެ
ދެ ޑޮކްޓަރުން ހިފާ ހައްޔަރުކޮށް ފުރުވާލާފައި
ވާކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ.
ރާއްޖޭގައި ކްރިސްޓިއަން ދީނަށް އެންމެ
ވަރުގަދައަށް ގޮވާލި އެކަކީ އީޕީއެސް ސްކޫލްގެ
ޓީޗަރަކަށް އުޅުނު ފެނާންޑޯ ކިޔާ މީހެކެވެ.
އޭނާވެސް އެމައްސަލާގައި ހިފާ ހައްޔަރު ވުމުން
ފުރުވާލީއެވެ. ހަމަ މިގޮތަށް އޭއެމްޑީސީގައި
ކްރިސްޓިއަން ދީން ފެތުރުމުގެ ކަންތައް
ހިންގަނިކޮށް ރެޑް ހޭންޑްކޮށް ހިފާފައިވެއެވެ. އަދި މިހާރުވެސް މީގެ އެތައް
ބަޔަކު ރާއްޖޭގައި އެބައުޅެއެވެ. ޔޫއެންގެ
ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައާއި ހިލޭ
އެހީދޭ ޖަމާޢަތްތަކުގެ ނަމުގައެވެ. މިގޮތުން
މާލޭގައާއި ވިލިމާލޭގައި ވަރަށް ފާޅުގައި
ނަޞާރާދީނަށް ގޮވާލާ ޔޫރަޕްގެ ބަޔަކު
އެބައުޅެއެވެ. އޭގެ ބޮޑަކަށް ހުރި އެކަކީ ޑޭވިޑް
(ދާވޫދް) ނަމަކަށް ކިޔާ ނަޞާރާއެކެވެ. މީނާއަކީ
މިހާރު ދިވެހި ބަހަށްވެސް ނިކަން ފަރިތަ
މީހެކެވެ. މިމީހުން މާލޭގެ މަގުމަތިން ވަރަށް
ރީއްޗަށް ފާހަގަ ކުރަން އެނގޭނެއެވެ. ތިބޭނީ
ބޮޑު ތުނބުޅިއަކާއި މަތިމަހެއް ލާފައެވެ.
މީގެތެރޭގައި މުޅީންހެން އުޅެނީ ޔޫރަޕްގެ ދޮން
މީހުންނެވެ. ސަރުކާރަށްވެސް މިކަން އެނގޭއިރު
އެޅޭ ފިޔަވަޅެއް ނެތެވެ. މުޙައްމަދު ރަޝީދު
އިބްރާހީމް ގާތަށް ދިއުމުންވެސް ބުނަނީ ތިޔައީ
ތިމަންނައަށް ބާރު ފޯރުވޭ ވަރަށްވުރެ މަތީން
ބާރު ލިބިގެން ހިނގާ ކަންކަން ކަމުގައެވެ.
ދެން މީގެ ދުވަސްކޮޅެއް ކުރިން ސޫދަނުގެ
ކުޑަކުދިން ކިޔަވާ މަދަރުސާއެއްގައި ޓީޗަރަކަށް
އުޅޭ އިނގެރޭސިވިލާތުގެ އަންހެނަކު އެތަނުގެ
ކުދިން ލައްވާ ޓެޑީބެއާ އަކަށް މުޙައްމަދުގެ
ނަން ދިން މައްސަލައަށް ބަލާލަމާތޯއެވެ.
އެމީހުން މިހާރު ހިފާފާލާފައި އެތިބީ
އަޅުގަނޑުމެންގެ ތުއްތު ޖީލުގެ ވިސްނުމާއި
ފިކުރުވެސް ޚަރާބު ކޮށްލުމަށެވެ. ކޮންމެއަކަސް
އެމައްސަލައަށްފަހު މުސްލިމުންނަށް ފުރައްސާރަ
ކުރުމުގެ ގޮތުން މިހާރު ދުނިޔޭގެ ބާޒާރަށް
މުޙައްމަދު ކިޔާ ޓެޑީބެއާއެއް ނެރެ އެދަނީ
ވިއްކަމުންނެވެ. ވިއްކަނީ 9.95 ޑޮލަރަށެވެ. އޭގެ
ކޮންމެ ބެއާއެއް ވިއްކައިގެން ލިބޭ ލާރީގެ
ތެރެއިން އެއް ޑޮލަރު، އެމެރިކާގެ ޝައިޠާނީ
ސިފައިންގެ ލަޝްކަރަށް އެހީވުމުގެ ގޮތުން
އެމީހުންނަށް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. މީގެ
އިތުރު ތަފްޞީލު
http://www.teddybearmuhammad.com
އިން
ބައްލަވާށެވެ. އެހެންކަމުން އެމެރިކާއިން
ޓެރަރިޒަމްގެ ނަމުގައި ކުރާ ހަނގުރާމައިގެ
ޙަޤީޤަތްވެސް މިއޮތީ ފެންނާށެވެ. އެހެންނަމަވެސް
މިހާރުވެސް އެއުޅެނީ ދިވެހި ސިފައިންނަށް
ކޮންމެވެސް ތަމްރީނު ތަކެއް ދިނުމުގައެވެ.
ހަމައެކަނި ދިވެހި ރާއްޖޭގައެއް ނޫނެވެ.
ދުނިޔޭގެ ހުރިހައި މުސްލިމު ގައުމުތަކެއްގައެވެ.
ބޭނުމަކީތޯއެވެ. މުސްލިމުންގެ އަތްތަކުން
މުސްލިމުން ކަތިލާ ތަޅާ ސުންނާފަތި ކުރުވުމެވެ.
އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.
އަޅުގަނޑުމެންގެ ދަރީން ކުޅެން ފާޑުފާޑުގެ
ޙަރާމް ބުދުތަކާއި އެއްޗެތި ދީގެން ދިން
ތަރުބިއްޔަތު މިއަދުގެ މުޖްތަމަޢުގެ ތެރޭގައި
މިއޮތީ ފެންނާށެވެ. މިހާރު ބޮޑުވާ ކުއްޖެއްގެ
ކިބައިގާ ދީނީ ކަންފުޅެއްވެސް ނެތީއެވެ.
ނަމާދެއް ކީއްކުރަންތޯއެވެ. ހިނައިގަނެ
ޠާހިރުވާންވެސް ނޭނގެއެވެ. އޭގެ ސަބަބުން
ދެންވާނޭގޮތް މިހާރުގެ މުޖުތަމަޢު މިއޮއް
ހެކިވަނީއެވެ. ޒިނޭ ކުރުން ޢާއްމުވެއްޖެއެވެ.
ރާބުއިމާއި މަސްތުވާތަކެތީގެ އަވާގައި ނުޖެހޭ
ޢާއިލާއެއް ނެތެވެ. ތަޅާ ފޮޅައި މީހުން
މަރަނީއެވެ. މައިން ބަފައިންގެ ކުރިމަތީގައި
ކިޔާކަށް އަދި ނުކުރާކަށް ކަމެއް ނޯވެއެވެ.
ސުބްޙާނަﷲ އެވެ. މުސްލިމުންނަކީ ﷲ ތަޢާލާ
ޢިއްޒަތް ދެއްވެވި ބައެކެވެ. މުސްލިމް ކުޑަކުޑަ
ކުއްޖެއްގެ ޢަމަލުތަކުގެ ސަބަބުން ބޮޑެތި
މާސިންގާ މީހުން އިސްލާމް އެބަވެއެވެ. އެކަމަކު
މިއަދު އަޅުގަނޑުމެން ދަރިއަކު ކާފަރަކާއި
ޖެހިއްޖެނަމަ އެންމެ ފުރަތަމަ ކާފަރު ވާނީ
އަޅުގަނޑުމެންގެ ދަރިފުޅެވެ. އެމެރިކާގައި
ހިނގާފައިވާ މިޙާދިސާއަށް ބަލާލަމާތޯއެވެ.
އެމެރިކާގެ ނާސަރީ ނުވަތަ ޕްރައިމަރީ
ސްކޫލެއްގައި ކިޔަވަމުން ދިޔަ ކުޑަ މުސްލިމް
ކުއްޖެކެވެ. އެއްދުވަހަކު އޭނާގެ އަންހެން
މުދައްރިސް ކްލާހުގެ ކޮންމެ ކުއްޖަކުވެސް
އެކުއްޖަކު އެންމެ ގަޔާވާ އަދި ވާން ބޭނުންވާ
ޝަހުސިއްޔަތަކާއި (ފޭވަރިޓް ޕާސަނަލަޓީއަކާއި)
ބެހޭ ގޮތުން ކުރު މަޒުމޫނެއް ލިޔަން ދިނެވެ.
އާދެ އެއްކަލަ މުސްލިމް ކުއްޖާ މިލިއުނީ ކޮން
ޝަހުސިއްޔަތަކާއި ބެހޭގޮތުން ތޯއެވެ؟ އެވަރުގެ
ކުދީންގެ ފޭވަރިޓް ޕާސަނަލަޓީއަކަށްވެފައި
އޮންނަނީ ކޮންމެވެސް ކާޓޫނު ޝަހުސިއްޔަތެކެވެ.
އެހެންނަމަވެސް އެއްކަލަ މުސްލިމު ކުއްޖާ އެންމެ
ގަޔާވާ އަދި ވާން ބޭނުންވާ ޝަހުސިއްޔަތަކަށް
ލިޔުނީ ޢުމަރު ބުނުލް ޚައްޠާބު
رضي اللّـه عنه
އާއި ބެހޭ ގޮތުންނެވެ. ކޮންމެއަކަސް މިހެން
ވުމުން އެއްކަލަ ޓީޗަރު ޢުމަރު ބުނުލް
ޚައްޠާބުއަކީ ކާކުތޯ ބަލަން ބޭނުން ވެއްޖެއެވެ.
އެހެންކަމުން އެކުއްޖާގެ މަންމައާއި
ބައްދަލުކޮށް އެމަޢުލޫމާތު ހޯދިއެވެ. އަދި
އިސްލާމްދީނާއި ބެހޭ މަޢުލޫމާތު ހޯދަމުން
ދިޔައެވެ. އެންމެ ފަހުން އިސްލާމްދީނުގެ
މަތިވެރިކަމާއި އިސްލާމީ ތަރުބިއްޔަތުގެ
މަތިވެރިކަން އެނގި އިސްލާމްވީއެވެ.
އާދެ މިޙާދިސާއިން ދޭހަކޮށްދެނީ އިސްލާމީ
ތަރުބިއްޔަތުގެ ފުރިހަމަކަމެވެ. އެހެންކަމުން
އަޅުގަނޑުމެންގެ ދަރީންވެސް ޔަހޫދީންނާއި
ނަޞާރާއިންގެ ޕްރޮޕެގެންޑާގެ ތެރޭގައި ހިމެނޭ
މިފާޑުފާޑުގެ ޙަރާމް ބުދުތަކާއި ކާޓޫނު ތަކާއި
ލަވަތަކާއި ފިލްމުތަކުން ދުރުކުރުވައި އިސްލާމީ
އެއްޗެތި ދައްކުވައި އިސްލާމީ ތަރުބިއްޔަތު
ދޭންވީއެވެ. ދުނިޔެއާއި އަދި އާޚިރަތުގެވެސް
ކާމިޔާބު ލިބެން އޮތީ އޭރުންނެވެ.
______________________________________________________
(ތިރީގައި މިވަނީ މިބުދު ޕްރޮމޯޓް ކުރާ
ސައިޓްގައިވާ ފޮޓޯއެވެ)

|