|
މީހުން މަރަނީ ހަމައެކަނި
ސިފައިންނާއި މަގުމަތީގައި އުޅޭ
ގުރޫޕްތަކަކުންނޫނެވެ.

ޑަސްބިން ކޮތަޅަކަށް
އަޅައި އުކާލަން ތައްޔާރުކޮށްފައި.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މީހުން މަރާ
ވާހަކަ މިހާރަކަށް އައިސް ވަރަށް ޢާއްމުކޮށް
އަޑުއިވެއެވެ. އަދި ހަމައެހެންމެ ވަރަށް ހަރު
އަޑުން އެކަންތައް ކުށްވެރިކޮށް ވަރުގަދަ
ބަޔާންތަކާއި ޚިޠާބުތައް ނެރެ ހަދައެވެ.
އެއްބަޔަކު ކަންބޮޑުވެ ހިތްނުތަނަވަސްވަނީ
ޖަލުގައި ސިފައިން މީހުންނަށް އަނިޔާކޮށް ތަޅާ
މަރާތީއެވެ. އަދި އަނެއް ބަޔަކު ކަންބޮޑުވެ
ހާސްވަނީ ކޮންމެވެސް އެހެން ތަނަކުން މީހަކު
މަރުވެގެން އުޅޭތީއެވެ. ކަނޑުމަތިން ނުވަތަ
މަގުމަތިން ނުވަތަ ހޮސްޕިޓަލަކުން މީހަކު
މަރުވެގެން އުޅޭތީއެވެ. ކޮންމެވެސް
އެކްސިޑެންޓެއްވެގެންނެވެ. ނޫނީ ބައެއްގެ ފަރުވާ
ކުޑަކަމުންނެވެ. ނުވަތަ ކަނޑިއާއި ލަޓި ބުރިން
ތަޅާ މަރާތީއެވެ. ނަމަވެސް އަޅުގަނޑު
އަލިއަޅުވާލަން ޤަޞްދުކޮށްފައިވަނީ
އަޅުގަނޑުމެންނަށް ވަރަށް ކައިރިން ފެންނަ
އެހެންނަމަވެސް އެއްވެސް ވަރަކަށް، މަދު މީހަކު
ނޫނީ އެކަމާއިމެދު އަޅާނުލާ އެއްވެސް ޖެހިލުމެއް
ނެތި ބޮޑެތި ޤާތިލުންތަކެއް ހިންގަމުންދާ
މާރާމާރީތަކަކާއި ބެހޭގޮތުންނެވެ.
އެމާރާމާރީއަކީ އަޅުގަނޑުމެންގެ ކޮންމެ
މީހެއްވެސް އެންމެ ބޭނުންވާ އަދި އެންމެ އެދޭ
ދުނިޔެވީ އަރާމުކަމަށްވާ އަނބިފިރިކަމުން ލިބޭ
ލައްޒަަތަށް ފަހު މާތް ﷲ ރޯދި ކުރައްވާ އަގު
ބޮޑު ނިޢުމަތާ މެދުގައި ހިންގޭ މާރާމާރީއެވެ.
އެކަލާނގެ ދެއްވާ މިނިޢުމަތަށް އަޅުގަނޑު
މިދަންނަވާ ޤާތިލުންތައް ކުފުރުވެ އުރެދެނީ
އެއްވެސް އާރެއް ބާރެއް ލިބިފައިނުވާ،
އެމައުޞޫމު ފުރާނަ އެއްވެސްކަހަލަ ރަޙްމެއްނެތި
މަރާލާ ކުދިކުދިކޮށްލާ، ޖަނަވާރުންތަކެއް
ފަދައިންނެވެ. މިބައިމީހުންގެ މިކަން ރީތި
ކުރުމަށްޓަކައި އެކިކަހަލަ މަތި އޮމާންކުރާ
ނަންނަން ބޭނުން ކުރެއެވެ. އޭގެ ތެރެއިން އެންމެ
އާންމު ނަމަކީ "އެބޯޝަން" އެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި މިކަން
ވަރަށް އާއްމެވެ. ނަމަވެސް މިކަމަކީ އެއްވެސް
ފަރާތެއް ކަންބޮޑުވެ ނުރުހުން ފާޅުކުރާ
ކަމެއްނޫންކަހަލައެވެ. އެންމެ
ބޮޑުވަރުވެގެންވެސް މީހަކަށް މިފަދަ ކަމެއް ކުރި
ވާހަކަ އިވިއްޖެނަމަ އިވޭ އަޑަކީ "އެހެންތަ؟
ހާދަ ދެރައޭ" މިއީއެވެ. މިއީވެސް އާއްމުކޮށް
މިއުޅޭ "ކަޓު" އަންހެނުންގެ ކިބައިން އިވޭ
އަޑެކެވެ. ފިރިހެނުންނާއި "ގައްޑާ"
އަންހެންވެރިންގެ ކިބައިން މިކަހަލަ އަޑެއް
އިވުމަކީ ވަރަށް ދަށްފެންވަރުގެ ކަމެކެވެ.
ވާނީވެސް އެހެންތާއެވެ! މިހާރު އަޅުގަނޑުމެންގެ
ތެރޭގައި އުޅޭ ގިނަ މީހުންނަކީ ކޮންމެވެސް
މީހަކާ އެއްކޮށް ޒިނޭކޮށްގެން ނުވަތަ
ދެމަފިރިންނަަށް، ދަރިން ބޭނުންނުވަނީސް
ބަނޑުބޮޑުވުމުން، މި މާރާމާރީ ހިންގާފައި ތިބި
މީހުން ވިއްޔާއެވެ. އެހެންކަމުން ތިމާ ކުރާ
ކަންތައްތައް "ރަނގަޅު" ކަމުގައި ދެކޭ މީހަކަށް
އަނެކުންވެސް އެފަދަ ކަމެއް ކުރުމުން އެއީކީ
އެއްވެސް މައްސަލައެއް ނޫންތާއެވެ! އެއީ
ކިތަންމެ ބޮޑު ފާފައެއް ވިޔަސްއެވެ.
ކޮންމެއަކަސް މިކަމުގައި އެންމެ ޢަޖާޢިބުވާ
އެއްކަމަކީ އެހެން ގޮތްގޮތުން މީހުން
މަރުވެގެންދާއިރު އެމީހެއްގެ މައިންބައިންނާއި
ގާތް މީހުން ހިތާމަކޮށް ރޮއިހަދާއިރު މިކަމުގައި
މިކަން ކުރިއެރުވުމަށް ބާރު އަޅާ އެންމެ އިސް
ބަޔަކަށް ބަލިވެއިންނަ އަންހެނާގެ
މައިންބަފައިންނާ ގާތް މީހުން ވާކަމެވެ.
އެބޯޝަން ހަދަން ނިންމާއިރު ނުވަތަ މަޝްވަރާ
ދޭއިރު އެތުއްތު ކުއްޖާގެ މަޙައްލުގައި އެވަނީ
ތިމާ ކަމުގައިވީނަމަ ތިމާއަށް އެވަގުތުގައި
ކުރާނެ އަޘަރާއި ލިބޭނެ ވޭން އެއްވެސް ވަރަށް
ވިސްނާލިބާވައެވެ؟

އެބޯޝަން ހަދާމީހުން ﷲގެ އެއްސްވުމާއި
ބެއްލެވުމަށް ކުފުރުވާ ކަހަލައެވެ. އަދި
އެމީހުން ﷲ
سبحانه وتعالى
ޥަޙީ ކުރައްވާފައިވާ މިއާޔަތްވެސް ނުކިޔާ
ކަހަލައެވެ.
"وَمَن
يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُ
جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللّهُ
عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا
عَظِيمًا"
(سورة النساء: 93)
އާޔަތުގެ މާނައިގެ ތަރުޖަމާ: "އަދި ޤަޞްދުގައި
މުއުމިނަކު މަރައިފި މީހާ ދަންނައެވެ!
އެމީހެއްގެ ޖަޒާއެއްގެ ގޮތުން ނަރަކައިގައި
ދެމިހުންނާނެއެވެ. އަދި މާތް ﷲ އެމީހަކަށް
ކޯފާވެވޮޑިގެންވާ ޙާލު ލަޢުނަތްލައްވާނެތެވެ.
އަދި ގަދަފަދަވެގެންވާ ޢަޛާބަށް އެމީހެއް
ހުށަހެޅޭނެއެވެ".
އެމީހުން އެމަރާލަނީ އެއްވެސް ކުށެއްނުވާ
މައުޞޫމު އިންސާނެކެވެ. ހަމަޔަޤީނުންވެސް
މަތީގައި މިވާ އާޔަތަށް އެމީހުން ރަނގަޅަށް
ފެތެއެވެ. ޤިޔާމަތް ދުވަހުން މާތް ﷲ އެމީހުން
ސުވާލު ކުރެއްވުމުން އެމީހުން ދޭނީ ކޮން
ޖަވާބެއް ހެއްޔެވެ؟ އަނެއްކޮޅުން ރަސޫލު ﷲ
صلى الله عليه وسلم،
ތުއްތު އިރު މަރުވާ ކުދިންގެ މައިންބަފައިންނަށް
އެކުދިންގެ ޝަފާޢަތް ލިބޭނެކަމަށް ދެއްވާފައިވާ
އުފާވެރި ޚަބަރުގެ ބަދަލުގައި އެމީހުންނަށް ވަނީ
އެކުދިން މެރުމުގެ ސަބަބުން ނަރަކައިގައި
ދެމިހުންނަންޖެހޭނެކަމުގެ ބިރުވެރި ޥަޢީދެވެ.
"وَإِذَا
الْمَوْؤُودَةُ سُئِلَتْ
(*) بِأَيِّ ذَنبٍ قُتِلَتْ"
(سورة التكوير:8&9)
އާޔަތުގެ މާނައިގެ ތަރުޖަމާ: "އަދި ތުއްތު
ކުއްޖާއާ ސުވާލު ކުރެވޭ ހިނދެވެ. (8) ތިބާ
މަރާލެވުނީ ކޮން ކުށަކާލައިގެން ހެއްޔެވެ؟" (9).
މި ސުވާލުތައް ޤިޔާމަތް ދުވަހުން އެތުއްތު
ކުއްޖާއާ ކުރެވުމުން އެކުއްޖާ އިނގި ދިއްކުރާނީ
އެކުއްޖާގެ މަންމަ ނޫން ދެން އިތުރު ކާކަށް
ހެއްޔެވެ؟ ކުރީ ޒަމާނުގައި ޢަރަބިންނަށް
އަންހެން ކުއްޖަކު ލިބިއްޖެއްނަމަ އެކުއްޖާ
ދިރިހުއްޓާ ވަޅުލާ ވަޅުލުމާ އެބޯޝަން ހެދުމާ
ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ ތަފާތަކީ މިހާރު
މީހުން އެމީހުނަށްވުރެ މިކަމުގައިވެސް
ކުރިއެރުމެވެ. އޭރުގެ މީހުން މަރާލަނީ އަންހެން
ކުއްޖަކަށް ވީތީއެވެ. ނަމަވެސް މިހާރު ވަކި
ޖިންސެއް ބެލުމެއް ނެތެވެ. ބޭނުންނުވަނީސް
ބަލިވެ އިނދެއްޖެނަމަ ޑިސްޕެންސަރީއަށް ގޮސް
ބޭސް ގުޅައެއް ހިފައިގެން އައިސް "ކަންތައް"
ކޮށް ނިންމާލަނީއެވެ. ނުވަތަ އިންޑިއާ ފަދަ
ގައުމަކަށް ގޮސް ބަނޑު ދޮވެލަނީއެވެ. ތިމާ
ހެއްދެވި ކީރިތި ﷲ މިކަންކަން ދެނެވޮޑިގެން
ނުވާނޭކަހަލައެވެ.
 

ފޮޓޯތަކުން ތިޔަ
ފެނިވަޑައިގަންނަވަނީ ބޭސް ބޭނުންކޮށްގެންނާއި
ބަނޑު ދޮވެލައިގެން ވައްޓާލާފައިވާ
(މަރާލާފައިވާ) ތުއްތު ކުދީންނެވެ.
ކޮންމެއަކަސް ދިވެހި މުޖްތަމަޢުގައި މިއަނިޔާ
އާއްމުވެފައިވާ މިންވަރަކީ އަޅުގަނޑުމެން
ކަންބޮޑުވާންޖެހޭ މިންވަރެކެވެ. އަޅާނުލައި
ދޫކޮށްލެވެންނެތްވަރު ބޮޑު އަނިޔާއެކެވެ.
އެހެންކަމުން ކޮންމެ ފަރުދެއްވެސް އެފަރުދެއްގެ
ފެންވަރުން މި އަނިޔާ ހުއްޓުވަން މަސައްކަތް
ކުރުމަކީ ކަނޑައެޅިގެން އެމީހެއްގެ ކޮނޑުގައި
އެޅިފައިވާ ޥާޖިބެކެވެ. |