|
ތިޔަ އެންމެހައި އަޚުންނާއި އުޚްތުންގެ
ލިޔުންތަކަށް މަރުޙަބާ ކިޔަމެވެ.
އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ ކާފަރުން
ކިތަންމެ ނުރުހުންވި ކަމުގައި ވިޔަސް
އިސްލާމްދީނުގެ ހުޅުކޮޅު ފުރިހަމަ
ކުރައްވާނެކަމަށް ވަޢުދުވެ ވަޑައިގަންނަވާފައިވާ
ގަދަފަދަ ކީރިތިވަންތަ އަރަހުށި ﷲ ސުބްޙާނަހޫ
ވަތަޢާލާއަށެވެ. ސަލާމާއި ޞަލަވާތް ލެއްވުން
އެދި ދުޢާ ކުރަނީ އެއިލާހުގެ މިމަތިވެރި
ވަޢުދުފުޅު ތަންފީޛު ކުރެއްވުމަށް ފޮނުއްވެވި
މާތް ނަބިއްޔާ މުޙައްމަދު
صلى الله عليه وسلم
އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ
އާލު އަޞްޙާބުންނާއި އެކަލޭގެފާނު ގެންނެވި
ގޮތުގައި ޤިޔާމަތާއި ޖެހެންދެން
ހިފަހައްޓައިގެން ތިބި އެންމެހައި މީސްތަކުން
ޝާމިލު ކުރަމެވެ.
الله تعالى
ވަޙީކުރައްވާފައި ވެއެވެ.
"يُرِيدُونَ
لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ
وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ
الْكَافِرُونَ"
(الصف:8)
"އެބައިމީހުން
الله تعالىގެ
ނޫރުކޮޅު (އެބަހީ: އިސްލާމްދީން)،
އެބައިމީހުންގެ އަނގަތަކުން ފުމެ، ނިއްވާލަން
ބޭނުންވެއެވެ. އެހެނެއްކަމަކު، ކާފަރުން
ކިތަންމެ ނުރުހުންވި ކަމުގައި ވިޔަސް
الله تعالى
އެއިލާހުގެ ނޫރުކޮޅު ފުރިހަމަ ކުރައްވަވާ
ހުއްޓެވެ." (ސޫރަތުއް ޞައްފު:8).
އުތުރާ ދެކުނުން، ހުޅަނގާއި އިރުން، ދުރުންނާއި
ގާތުންވެސް ފެންނަމުން މިދަނީ އިސްލާމްދީނުގެ
އަލިގަދަ ދަންމަރުގެ ހުޅުކޮޅު ނިއްވާލަން
މަސައްކަތް ކުރާތަނެވެ. މިއީއަކީ ހަމައެކަނި
އިއްޔެގެ މިއަދުގެ ކަމެއް ނޫނެވެ.
ކިއެއްހެއްޔެވެ، އިސްލާމްދީނުގެ މަތިވެރި
ރިސާލަތާއިގެން ﷲގެ ނަބިއްޔާ މުޙައްމަދު
صلى الله عليه وسلم
ވަޑައިގެންނެވި ދުވަހުން ފެށިގެން މިމަސައްކަތް
ދިޔައީ ކުރެވެމުންނެވެ.
އަޅުގަނޑުމެންގެ މިދިވެހި ފަސްގަނޑުގައި
އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަކޮށް އެތައް
ބަޠަލުންނެއްވަނީ ޝަހީދުވެ ގޮސްފައެވެ. ދީނާއި
ޤައުމުގެ ދިފާޢުގައި ދިވެހި އަބްޠާލުންވަނީ
ދުނިޔޭގެ ބޮޑެތި ބާރުތައްވެސް ބަލިކޮށް
ފައްސާލާފައެވެ. އާދެ ޕޯޗުގީޒުން ދުނިޔޭގެ ބޮޑު
ބާރުކަމުގައި އޮތްއިރު، އަޅުގަނޑުމެން ރާއްޖޭގެ
އަހުލުވެރީން ނަޞާރާދީނަށް ލަންބުވާލައި
އެމީހުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ
ގެންދަން ކުރި މަސައްކަތް އެބޭކަލުންވަނީ
މަތިވެރި ޖިހާދެއްކޮށް ފުނޑުފުނޑު ކޮށްލާފައެވެ.
އަދި މިނޫނަސް ދިވެހި ފަސްގަނޑާއި ތޮޅެން އައި
އެތައް ބަޔަކު ވަނީ ފައްސާލާފައެވެ. މާތްވި
އިސްލާމްދީނާއި ލޮބުވެތި ޤައުމުގެ ދިފާޢުގައެވެ.
އެހެންނަމަވެސް ހިތާމައަކީ މިއަދު
އަޅުގަނޑުމެންގެ ލޮބުވެތި ފަސްގަނޑުގައިވެސް
އަޅުގަނޑުމެންގެ ލޭހިނގާ އެތައް ބަޔަކު ދީނުގެ
ޢަދާވާތްތެރީންގެ ގޮތްތައް ރީތިވެ އެމީހުންގެ
ދަޅަތަކަށް ހެއްލި އިސްލާމްދީނުގެ އަލިގަދަ
ދަންމަރުގެ ހުޅުކޮޅު ނިއްވާލަން މަސައްކަތް
ކުރާކަމެވެ. އާދެ މުސްލިމުންގެ ނަމުގައި ތިބެ،
އެކަން އެނގިގެން ކަމުގައި ވިޔަސް ނުވަތަ ނޭނގި
ކަމުގައިވިޔަސް މެއެވެ. ޤަބޫލުކުރަން ދަތި
ކަމުގައިވިޔަސް ނުވަތަ ފަސޭހަ ކަމުގައިވިޔަސް
ޙަޤީޤަތަކީ ސަރުކާރުގެ އެންމެ ބޮޑެތި ވެރީންގެ
ތެރެއިން ފެށިގެން ގޮސް އިދިކޮޅު އެންމެ ބޮޑެތި
މީހުންނާއި އެންމެ އާދައިގެ މީހުންގެ
ތެރޭގައިވެސް މިކަހަލަ އެތައް ބަޔަކު
ތިބިކަމެވެ.
ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުންދަނީ ﷲ
އާއި ރަސޫލާއަށް، ޤުރުއާނާ ސުންނަތައް، ދީނާއި
ދީނުގެ ޙުކުމްތަކަށް އަދި ދީނަށް އުޅޭ
އަޚުންނާއި އުޚުތުންނަށް ފުރައްސާރަކޮށް
މަލާމާތް ކުރަމުން ދާތަނެވެ. ހިތާމައަކީ
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ﷲގެ
ފޮތުގައި އޮތީ ކޯއްޗެއްކަން ރަނގަޅަށް ނޭނގި
ތިއްބާ ބަޔަކު އައިސް އޭގައި އޮތް އެއްޗެއް
ބަދަލުކޮށް ﷲ ތަޢާލާ ބާއްވާލެއްވެވި ދީން ބަދަލު
ކުރަން މަސައްކަތް ކުރާމަކެވެ. އަޅުގަނޑުމެންގެ
ތެރެއިން ގިނަ މީހުންނަށް، ޖުނުބުވެރިވުމުން
ރަނގަޅަށް ހިނައިގަންނަންވެސް ނޭނގެއެވެ.
ޖުނުބުވެރިވެފައި ވާނަމަ ހިނައިނުގަނެ ނަމާދު
ކަހަލަ އަޅުކަންތައް ކުރުން ހުއްދަވެގެން
ނުވެއެވެ. ހަމަ މިގޮތަށް ނަމާދުގައި ކިޔާ
ތަކެތިވެސް ގިނަ މީހުންނަށް ރަނގަޅަށް
ނޭނގެއެވެ. އެހެންކަމުން ދީނުގެ ޙައްޤު ބަސް
ބަޔާން ކޮށްދިނުމަށް އަރަފޯދިގެންވާ ކޮންމެ
މީހެއްގެ މައްޗަށް އެކަން ކުރުން ވާޖިބު
ވެގެންވެއެވެ. އަތާފަޔާއި ދުލާއި ޤަލަމުންނެވެ.
ދަރުސްތަކާއި ނޫސް މަޖައްލާތަކާއި އިންޓަނެޓްގެ
ޛަރީޢާއިންނެވެ.
الله تعالى
ވަޙީކުރައްވާފައި ވެއެވެ.
"وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ
إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ
وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ
الْمُفْلِحُونَ"
(آل عمران:104)
"ތިޔަބައިމީހުންގެ ތެރެއިން، ހެޔޮ
ކަންތައްތަކަށް
ގޮވާލައި އެއަށް އަމުރުކޮށް
އަދި ނުބައިކަންތައްތައް ނަހީ ކުރާ ބަޔަކު
ވާހުށިކަމެވެ.
ފަހެ
ދިންނެވުން ލިބިގެންވާ ބަޔަކީ ހަމައެއީއެވެ."
މިގޮތުން ﷲ ތަޢާލާގެ ހެޔޮ ރަޙުމަތާއި
މިންވަރުފުޅާއިއެކު މިސައިޓް ވުޖޫދަށް މިގެނައީ
ޢަދުއްވުންގެ މަކަރުވެރިކަމާއި ޙީލަތްތެރިކަމުން
ދީނަށް ނަޞްރުދީ އަދި ކޮންމެ މުސްލިމަކުވެސް
ކޮންމެހެން އެނގެން ޖެހޭ ދީނުގެ އެކިއެކި
މަޢުލޫމާތު، ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް
އަދި ކީރިތި ރަސޫލާ
صلى الله عليه وسلم
ދައްކަވާފައިވާ ގޮތަަށް ފޯރުކޮށްދިނުމުގެ
ނިޔަތުގައެވެ.
الله ولي والقادر عليه.
މިކަހަލަ ބޮޑު ކަމެއް ކުރާއިރު މިކަން އެންމެ
ފުރިހަމައަށް ގެންދެވޭނީ ތިޔަބޭފުޅުންގެ
އެހީތެރިކަމާއިވެސް އެކުގައެވެ. މިގޮތުން ތިޔަ
އެންމެހައި އަޚުންނާއި އުޚްތުންގެ
ލިޔުންތަކަށްވެސް މަރުޙަބާ ކިޔާ ވާހަކަ
ދަންނަވަމެވެ. ކޮންމެ މީހަކީ ޤުރުއާނުގެ
އާޔަތްތަކާއި ޙަދީޘްތައް ލިޔެ ތަރުޖަމާ ކުރެވޭނޭ
މީހެއްކަމުގައި ނުވެދާނެއެވެ. އެހެންނަމަވެސް
ޢަދުއްވުން ދީނާއިމެދު ދައްކާ ބައެއް ކަހަލަ
ވާހަކަތަކަށް ރައްދުދީ ދީނަށް ނަޞްރު ލިބޭ
ގޮތަށް ލިޔުންތައް ލިޔުމަކީ އަޅުގަނޑުމެންގެ
ތެރެއިން ގިނަ މީހުންނަށް ކުރެވިދާނެ ކަމެކެވެ.
މިގޮތުން ލިބޭ ލިޔުންތައް ޝާޢިއު ކުރެވޭނީ އޭތި
ބަލައި އޭގެ ކުށްތައް ފިލުވުމަށްފަހުގައެވެ.
ހެޔޮކަންތައްތަކަށް ގޮވާލައި ނުބައި
ކަންތައްތައް ނަހީ ކުރުމުގެ މަތިވެރިކަމާއި
ބެހޭގޮތުން
الله تعالى
ވަޙީކުރައްވާފައި ވެއެވެ.
"كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ
لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ
وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ
بِاللَّهِ"
(آل عمران:110)
"ތިޔަބައިމީހުންނީ މީސްތަކުންގެ ތެރެއަށް
ނެރެވުނު އެންމެ ހެޔޮ އުއްމަތެވެ. އެއީ
ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް
(އެބަހީ ނުބައި ކަންތައްތައް) ނަހީ ކުރާތީއެވެ.
އަދި ތިޔަބައިމީހުން ﷲ އަށް އީމާންވާތީއެވެ."
وصلّى اللهم وسلّم وبارك
على نبيِّنا محمّد وعلى آله وأصحابه وسلّم
تسليماكثيرا. |