"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

މައުމޫނަށް ވަޅިން ދޭން އުޅުނު ޙަމަލާއާއި ވިދިގެން ފެންނަމުން މިދަނީ ޑިމޮކްރަސީގެ މުނާފިޤުކަމާއި ހަޑިމުޑުދާރު ކަމެވެ.

    ޑިމޮކްރަސީއަކީ ދުނިޔޭގައި ނެތްވަރުގެ މޮޅު އެއްޗަކަށް ހަދައިގެން އުޅުނަސް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ޙަޤީޤަތަކީ އެއީ ވަރަށް މުނާފިޤު އަދި އެހާމެ ހަޑިމުޑުދާރު އެއްޗެއް ކަމެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ޑިމޮކްރަސީ ބޭރަށް ނެރެ މަލަމަތި ރީތިކޮށްގެން ތިބެ، އަޑިއަޑިން ހިންގާ ނުބައިނުލަފާ ކަންތައްތަކަކީ މުޖްތަމަޢުތަކުގެ ފަސާދަކަމުގައިވަނީ ވެފައެވެ. ކޮންމެ ޕާޓީއެއްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައިވެސް ބޮޑެތި ގޭންގް ލީޑަރުން ގަނެލައި އެމީހުންނަށް ވާޤިދީގެން އެމީހުންގެ ހަތުރުންގެ މުދަލާއި ޖާނަށް ގެއްލުންދީ ހަދައިއުޅުމަކީ ޑިމޮކްރަސީގެ ފޮރުވިފައިވާ ރުކުނެކެވެ. މިއީ މުޅި ދުނިޔޭގައިވެސް މިކަން އޮތްގޮތެވެ. ބަޔަކު މީހުން އެވަރުގެ އެއްޗެއް ނެތިގެން ޑިމޮކްރަސީ ނަގައި ބޯމައްޗަށްލައިގެން އުޅުނެއްކަމަކު ފަރުދާގެ ފުރަގަހުން ހިނގާ މިފަދަ އެތައް ކަމެއްވެއެވެ.

    އާދެ ހއ.ހޯރަފުށީގައި މައުމޫނަށް އަމާޒުކޮށްގެން ދިން ވަޅީގެ ޙާދިޘާއަށްފަހު މީސްތަކުންގެ ޝުޢޫރުތައް ހުރިނެތްގޮތް ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. މައުމޫނަށް ތާޢީދު ކުރާ މީހެއްނަމަ އެޙާދިޘާ އެންމެ މަތީ ދަރަޖައިން ކުއްވެރިކޮށް، ހެއްދެވި ނުހެއްދެވިއަށް ގޮވައެވެ. ދެން އޮތީ މީގެ އަނެއް ކޮޅެވެ. މައުމޫނުދެކެ ނަފްރަތުކުރާ މައުމޫނުގެ ވެރިކަމަކަށް ބޭނުންނުވާ މީހުންގެ ޝުޢޫރުތައް ހުރި ނެތް ގޮތެވެ. އެފަދަ މީހަކާއި ދިމާވެއްޖެނަމަ އަޑުއިވެނީ މައުމޫނު ގަޔަށް ވަޅި ހަރާލައިގެން މަރާލި ނަމައެވެ. ނުވަތަ އަނެއްބަޔަކު ބުނަނީ މަރު ނުވިނަމަވެސް ވަޅި ހަރާލެވުނު ނަމައެވެ. މިއީ މައުމޫނާއި އިދިކޮޅު ސިޔާސީ ބޮޑެތި މީހުންގެވެސް ޝުޢޫރުތައް ހުރިގޮތެވެ. އެފަދަ މީހުންނާއި ގާތްގުޅުން އޮންނަ ނުވަތަ އެކީގައި އުޅޭ މީހުންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

    އެހެންނަމަވެސް ކުރީގައި ބުނިހެން ޑިމޮކްރަސީއިން ދައްކާނީ ބޭރަށް މަލަމަތި ރީތި، އެތެރެ ކުނިވެފައިވާ ސިޔާސަތެކެވެ. މިގޮތުން މިޙާދިޘާ ކުށްވެރިކޮށްފައި އެކި ސިޔާސީ ޕާޓީތަކުން އެދަނީ ވަރުގަދަ ބަޔާންތައް ނެރެމުންނެވެ. އެކަމަކުވެސް އެންމެން ދަންނަ ޙަޤީޤަތަކީ މިޕާޓީތަކުގެ ބޮޑެތި އެތައްބަޔެއްގެވެސް އެދުމަކަށް ވެފައިއޮތީ ކޮންމެފަދަ ގޮތަކަށް ނަމަވެސް މައުމޫނު ނެތި ދިއުމެވެ. ނުވަތަ ނެތި ކޮށްލުމެވެ. އަދި އެވެރިކަންވެސް ނެތި ދުއްވާލުމަށެވެ. މީގެ ތެދުކަން ޘާބިތު ކުރުމަށްޓަކައި މާގިނަ ހެކިތަކާއި ދަލީލުތަކެއްވެސް ބޭނުމެއް ނުވެއެވެ. ސިޔާސީ އެއްވުންތަކާއި ނޫސް މަޖައްލާތަކާއި ސިޔާސީ ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތަކުން މިކަން ވަރަށް ރަނގަޅަށް މިއޮތީ ފެންނާށެވެ. އެހެންކަމުން ތިޔަބޭފުޅުން އަމިއްލައަށް މިކަމާއިމެދު ރަނގަޅަށް ވިސްނަވާ ފިކުރު ކުރައްވާށެވެ.

    ކޮންމެއަކަސް މުޅި އިންސާނިއްޔަތަށް ހަމަޖެހުމާއި ފާގަތިކަން އޮތީ ﷲ ތަޢާލާ ބާއްވާލެއްވެވި ޝަރީޢަތަށް ފުރިހަމައަށް ރުޖޫޢަވެގެންނެވެ. އެނޫންގޮތަކަށް ސުލްޙަމަސަލަސް ކަމާއި މިނިވަންކަން ކިތަންމެ ވަރަކަށް ހޯދަން މަސައްކަތް ކުރިއަސް އެއީކީ ޤިޔާމަތާއި ޖެހެންދެންވެސް ވާނޭ ކަމެއް ނޫނެވެ. 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)