|
އަންހެނުން ވެރިކަން ކުރުމަކީ ހުއްދަކަމެއް
ކަމުގައި އަފްރާޝީމް ލިޔެފައިވާ ލިޔުމަކީ އޮޅުން
ބޮޅުންވެ، ކޮޅެއް މެދެއް ނޭނގޭ ލިޔުމެކެވެ.
(ފުރަތަމަ
ބައި)
އާދެ ޑރ. އަފްރާޝީމް ރާއްޖެ އައުމަށްފަހު އެންމެ
ފުރަތަމަވެސް މަޝްހޫރުވެގެން ދިޔައީ ލަވަ
ކިޔުމާއި އެކު މިއުޒިކަކީވެސް ހުއްދަ އެއްޗެއް
ކަމުގައި ބުނެ ދިން ފަތުވާއަކަށްފަހުއެވެ.
މިގޮތުން ޤުރުއާނާއި ޞައްޙަ ޙަދީޘްތަކުން
ޘާބިތުވާ މިފަދަ އެތައް މައްސަލައަކަށް މީނާ
އަންނަނީ ދިމާ އިދިކޮޅަށް ވާހަކަ
ދައްކަމުންނެވެ. އިހަކަށްދުވަހު މިފެނުނީ
އިސްލާމްދީނުގައި އަންހެނުންނަށްވެސް ވެރިކަން
ކުރެވިދާނޭ ކަމަށް މީނާ ލިޔެފައިވާ ލިޔުމެކެވެ.
އެލިޔުން ކިޔާލުމުން އަޅުގަނޑަށް ވިސްނުނީ،
އެލިޔުމަކީ ޤުރުއާނާއި ސުންނަތުގެ ޢިލްމު ނޭނގޭ
މީހަކު ކިޔާލައިފިނަމަ އެމީހަކު ވަރަށް
ފަސޭހައިން ވާވަދެ މަގުފުރެދިދާނޭ ފަދަ
ލިޔުމެއްކަމެވެ. އެލިޔުން ކިޔައި އޭގައިވާ
އާޔަތްތަކާއި ޙަދީޘްތަކާއި ފިޤުހީ ޤާޢިދާތަކާޢި
އުޞޫލުތައް މުރާޖަޢާ ކޮށްލުމުން ފެނުނީ ލިޔުން
ބިނާކޮށްފައިވާ ފިޤުހީ ޤާޢިދާއިން
ކައްސާލައިގެން ގޮސް ލިޔުމުގެ ކުރީކޮޅުގައި ހުރި
ވާހަކަތައް ލިޔުމުގެ ފަހުކޮޅުގައިވާ
އުސޫލުތަކާއި މުޅިން ތަޢާރަޟްވެ ޚިލާފްވެ،
ލިޔުމުގައި ލިޔުންތެރިޔާ ބިނާކޮށްފައިވާ
ތަނބުތައް އަމިއްލައަށް މުގުރާލައި
މަތިވަޑާންގަނޑު ބޯމައްޗަށް
ވައްޓާލާފައިވަނިކޮށެވެ. (މީގެ ތަފްޞީލް އަދި
ފަހުން އަންނަ ހުއްޓެވެ.
إن شاء الله).
ކޮންމެއަކަސް ކަމުގެ ހުއްދަކަން
ބަޔާންކޮށްދިނުމަށް ގެނެސްފައިވާ ނަޤްލީ އަދި
ޢަޤްލީ ދަލީލުތަކުގެ މައްޗަށް ރަނގަޅަށް
ވިސްނައިފި މީހަކަށް އެލިޔުމަކީ ޤުރުއާނާއި
ސުންނަތާއި ފުށޫ އަރާ އަދި ޢަޤްލީ
ދަލީލުތަކާއިވެސް މުޅިން ތަޢާރަޟްވާ
ލިޔުމެއްކަން ޔަޤީންވާނެއެވެ. މިގޮތުން
މިތަނުގައި ﷲ ތަޢާލާގެ ވާގިފުޅާއިއެކު،
އެލިޔުމުގައި ބަޔާންކޮށްފައިވާ ތާކުންތާކު
ނުޖެހޭ ބައެއް ނުކުތާތައް ފާހަގަ ކޮށްލާނަމެވެ.
އެލިޔުމުގެ އެންމެ ފުރަތަމަ ނުކުތާއެއްގެ
ގޮތުގައި ފާހަގަކޮށްފައިވަނީ ﷲ ތަޢާލާގެ
ޢަދްލުވެރިކަމާއި ބެހޭ ގޮތުންނެވެ. މިގޮތުން
ކީރިތި ޤުރުއާނުގެ މިއަންނަނިވި އާޔަތް ބަޔާން
ކޮށްފައިވެއެވެ.
"وَلاَ يَظْلِمُ
رَبُّكَ أَحَدًا"
(ސޫރަތުލްކަހުފް:
49). މާނައަކީ: "ކަލޭގެފާނު
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ހަމަ
އެކަކަށްވެސް އަނިޔާވެރިވުމުގެ ގޮތުން
ކަމެއް ނުކުރައްވާ ހުއްޓެވެ." (މާނަ މިވަނީ
އެލިޔުމުގައިވާ ގޮތަށެވެ). ފުރަތަމަ
އަޅުގަނޑުމެން ޢަރަބި ބަހުގައި
"ظلم",
އާދެ އަނިޔާވެރިކަމުގެ މާނަ އޮތީ ކޮން
ގޮތަކަށްތޯ ބަލާލަމާ ހިނގާށެވެ. އޭގައިވަނީ: "وضع
الشيء في غير موضعه
-
އެއްޗެއް އެއަށް ޙައްޤުވެގެންވާ މަޙައްލު (ތަން)
ނޫން އެހެން ތަނެއްގައި ބޭއްވުމެވެ. ނުވަތަ
ތަނަކަށް ލުމެވެ." އަދި މިނޫނަސް ޝިރުކުގެ
މާނާއާއި ޙައްޤުގޮތް ބާތިލްގޮތަށް
ބަދަލުކޮށްލުމާއި މިފަދަ އެތައް މާނައެއްގައި
މިލަފްޒު ކީރިތި ޤުރުއާނުގައި
ބަޔާންވެފައިވެއެވެ.
އެހެންކަމުން އަފްރާޝީމް މިއާޔަތުން
މާނަކޮށްދޭން ބޭނުންވެފައި އޮތްކަމަށް ދޭހަވަނީ
ފިރިހެނުންނާއި އަންހެނުން ތަފާތުކޮށް
އެމީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް
އޮތުން އެއީ އެކަނބަލުންނަށް ވެވޭ އަނިޔާއެއްގެ
ގޮތުގައެވެ. އަދި އަންހެނުން ހުރިހައި
ކަމެއްގައިވެސް ފިރިހެނުންނާއި ހަމަހަމަ ނުވެ
ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ދީނުގައި
އޮތުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން
އެކަނބަލުންނަށްވާ އަނިޔާވެރިކަމެއްގެ
ގޮތުގައެވެ. މިއާޔަތް މިތަނުގައި ބަޔާންކޮށްފައި
ވުމުން، ނޭނގިނަމަވެސް އެބުނެވެނީ ﷲ ތަޢާލާ
އެކަނބަލުންނަށް އަނިޔާވެރިވެ ވޮޑިގެންފައިވާ
ވާހަކައެވެ. އެހެނީ އެއިލާހު އެއްލައްކަ
ސައްވީސް ހާސް ނަބިއްޔުން ފޮނުއްވެވި އިރު
އޭގެތެރޭގައި ހަމައެންމެ އަންހެނަކުވެސް
ނުހިމެނެއެވެ. ﷲ ތަޢާލާގެ ހުސްޠާހިރުވަންތަ
ކަމާއިއެވެ.
ވީމާ އަޅުގަނޑުމެން ހަމަހަމަކަމަކީ ކޮބައިތޯ
ބަލާލަމާތޯއެވެ. އާދެ ފިރިހެނުން ކުރާ ހުރިހާ
ކަމެއް އަންހެނުންނަށްވެސް ކުރުން ހުއްދަވެ
އެގޮތަށް އުޅެވެން ޖެހުން ހެއްޔެވެ؟ ނޫނެކެވެ.
ފިރިހެން ދަރިއަކާއި އަންހެން ދަރިއަކަށް
ހަދިޔާއެއް ދޭއިރު އެދެމީހުންނަށް އަނިޔާވެރި
ނުވެ ހަމަހަމަވާ ގޮތަށް ޢަދުލުވެރިކޮށް ޢަމަލު
ކުރުމަކީ ކޮންމެހެން ފިރިހެން ކުއްޖާއަށް ގެންނަ
ހެދުން އަންހެން ކުއްޖާއަށްވެސް ގެނައުމެއް
ނޫނެވެ. އަދި އަންހެއް ކުއްޖާއަށް ގަންނަ ގަހަނާ
ފިރިހެން ކުއްޖާއަށް ގަނެދިނުމެއްވެސް ނޫނެވެ.
ކޮންމެ މީހަކަށްވެސް ހޯދައިދޭނީ އޭނާއާއި ގުޅޭ
އަދި އެކަށީގެންވާ ތަކެއްޗެވެ. މަތީގައި
ބަޔާންވެ ދިޔަފަދައިން އަނިޔާވެރި ވުމަކީ،
އެއްޗެއް އެއެއްޗަކަށް ޙައްޤުވެގެންވާ ތަންނޫން
އެހެން ތަނެއްގައި ބޭއްވުމެވެ. މިގޮތުން
އަންހެނުންނާއި ބެހޭގޮތުން އެތައް ބައިވަރު
ދަލީލުތަކެއް ވާރިދުވެފައި ވަނިކޮށް، އަންހެނުން
އެމީހުންނަށް އެކަށީގެންނުވާ މަޤާމްތަކަށް
ލުމަކީ ޙަޤީޤަތުގައި އެކަނބަލުންނަށާއި އަދި
ފިރިހެނުންނަށްވެސް ވެވޭ އަނިޔާއެކެވެ.
ކޮންމެއަކަސް މަތީގައިވާ އާޔަތުން ދޭހަކޮށްދެނީ
އަފްރާޝީމް ބަޔާންކޮށްދޭން ބޭނުންވި މާނައިގެެ
މުޅީން އިދިކޮޅެވެ. އެހެންކަމުން ފެށުމުގައިވެސް
އެވަނީ ބައިކޮޅަށް ގޯލު ޖަހާފައެވެ.
އާދެ މިހާ ހިސާބުން އެލިޔުމުގައިވާ އެންމެ
ފުރަތަމަ ތިން ނުކުތާއަށް ކޮންމެވެސް ވަރަކަށް
އަލިއަޅުވާލެވުނީއެވެ. އެބައިތަކުގެ އެންމެ ފަހު
ބަހަކަށް އަފްރާޝީމް ކައިރިން އަހާލަން ބޭނުމީ،
ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މާތް ނަބިއްޔާގެ
ޞައްޙަ ޙަދީޘްފުޅުތަކާއި އުންމަތުގެ ބޮޑެތި
ދަންނަބޭކަލުންގެ ވާހަކަތަކަކީ ޝައިތާނީ
ގޮވުންތައްތޯއެވެ؟ ހަނގުރާމައިގެ މައިދާނަށް
ނުކުންނަންވާނީ ކަނޑިއާއި ބަޑިއާއި ގޮވާ
ތަކެއްޗާއި މިފަދަ ހުރިހައި އެއްޗެއް ހިފައިގެން
ކޮންމެފަދަ ދިމާލަކުންވެސް އަތުވެދާނޭ
ޙަމަލާތައްވެސް ދަނެގެންނެވެ. އެހެންނަމަވެސް
އަންހެނުންނާއި ބެހޭގޮތުން އިރާއި ހުޅަނގުން
އަދި އުތުރާއި ދެކުނުން ވަށައިގެން ދަލީލުތައް
ވަނިކޮށް އަފްރާޝީމް އެވަނީ އެންމެ ކޮޅަކުން
ޙަދީޘްއެއް ގެނެސްގެން އޭގެ ތެދުކަން ބާޠިލު
ކޮށްލުމަށް މަސައްކަތް ކޮށްފައެވެ.
މިމައްސަލާގައި ބަޔާންވެފައިވާ އާޔަތްތަކާއި
ޙަދީޘްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ
ކުޑަވަރެއްގެ ވަރަށް ފުރިހަމަ ފޮތެއް ވަރަށް
އަވަހަށް މިސައިޓުގައި ޝާޢިއުކުރުމަށް މިދަނީ
މަސައްކަތް ކުރަމުންނެވެ. އެފޮތުގައި މިފަދަ
މީހުންނަށް ވަރަށް ފުރިހަމައަށް ރައްދު
ދެވިފައިވެއެވެ.
މިލިޔުމުގެ ދެވަނަ ބައިވެސް ވަރަށް އަވަހަށް
ގެނެސްދިނުމަށް، ﷲ ތަޢާލާގެ ޙަޟްރަތުން އުއްމީދު
ކުރާ ޙާލު އަޅު ވަކިވެލަމެވެ.
- ނުނިމޭ - |