|
ހަވީރު
ނޫސް
މުޅިން ތަފާތު ސްޓައިލެއްގެ ޢިލްމުވެރިޔާ.
22 ޖެނުއަރީ 2008
އިސްމާޢީލް ނަސީރު
ކިޔަވާ ވިދާޅުވެ ރާއްޖެ ވަޑައިގެން، ލަވަކިޔުން
ހުއްދަ ކަމަށް ވިދާޅުވި އާ ޢިލްމުވެރިޔާ
ޑރ.އަފްރާޝިމް ޢަލީ އެކަމަށް އަދިވެސް ވަކާލާތު
ކުރައްވައި ތަކުރާރުކޮށް ވާހަކަ ދައްކަވަމުން
ގެންދަވަނީއެވެ. އެކަމަށް ޤައުމީ ޓީވީން
ބޭނުންވާ ވަރަކަށް ޖާގަވެސް ދެއްވަމުން
ގެންދަވައެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ އާދަޔާ
ޚިލާފު ޢިލްމުވެރިޔާ، މެލޭޝިޔާގެ އިސްލާމިކް
ޔުނިވާސިޓީން އިސްލާމީ ޝަރީޢާއިން ޕީއެޗްޑީ
ޙާޞިލް ކުރައްވާފައިވާ ޑރ.އަފްރާޝިމް ޢަލީގެ
ފަރާތުން މިހާރުވަނީ އެހެން ބޮޑު މައްސަލައެއް
ވެސް ފެންމަތިވެފައެވެ. އޭނާ އިމާމްވެ ނަމާދު
ކުރައްވާއިރު، އޭނާގެ ފަރާތުން ފެންނަ
ޢަމަލުތަކެވެ. ދިވެހިންގެ ސަގާފަތާއި
އާދަކާދައާއި، އަދި ބައެއް މީހުން ބުނާ ގޮތުން
ދީނާ ވެސް ނުގުޅޭ ބައެއް ޙަރަކާތްތައް
ކުރައްވާތީ އޭނާގެ ފަހަތުން ނަމާދު ކުރަން
ބައެއް މީހުން ދެކޮޅު ހަދާ އަނެއް ސަބަބަކީ އޭނާ
ދެއްވާފައިވާ ބައެއް ތަގުރީރުތަކާއި ލަވަ އާއި
މިއުޒިކާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކާ
ގުޅިގެން ކަމަށްވެއެވެ. ކޮންމެ ސަބަބެއް އޮތް
ނަމަވެސް، އެނގޭ އެއްޗަކީ އިސްލާމީ މަރުކަޒުގެ
އެއް އިމާމުގެ ގޮތުގައި އޭނާ ދާދިފަހުން
ހަމަޖެއްސެވީއްސުރެ އެތަނަށް ނަމާދަށް ދާ
މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވެއްޖެ
ކަމެވެ. ޢާއްމުކޮށް އެންމެ މަދުންވެސް
ނަމާދެއްގައި ފަސް ސަފު ފުރޭ މި މިސްކިތުގައި
މިހާރު ސަފެއް ހަމަވަނީ ވެސް ކިރިޔަކިރިޔާއެވެ.
ޑޜ. އަފްރާޝީމަށް އޮތް ރުޅިވެރިކަން އެންމެ
ފަހުން ފެނިގެން ދިޔައީ މިދިޔަ ހުކުރު ދުވަހު
އެވެ. ހުޅުލޭ އާ މިސްކިތް، މަސްޖިދުލް
އިންތިޞާރަށް އިމާމްވެ ހުކުރު ކުރައްވަން އެނާ
ވަޑައިގަތުމުން އެ މިސްކިތުން އެތައް ބަޔަކު
ފައިބައިގެން ދިޔައީމަ އެވެ. ފައިބައިގެން ދިޔަ
މީހުންގެ ތެރޭގައި ގިނައިން ހިމެނެނީވެސް
އާންމުންގެ ތެރޭގައި މެދުމިނުގެ ދީނީ އުސޫލުތައް
ޤަބޫލުކުރާ މީހުންނެވެ. ދީނީ ގޮތުން ހަރުކަށި
ވިސްނުންތައް ގެންގުޅޭ މީގެ ކުރިންވެސް ވަނީ
އޭނާގެ ފަހަތުގައި ނަމާދުކުރުން ދެކޮޅުހަދައި،
އޭނާގެ ފަހަތުން ނަމާދު ނުކުރަން
ނިންމައިފައެވެ. އަޅުގަނޑަށް އެނގިފައިވާ
ގޮތުގައި ވަރަށް ގިނަ މީހުންވަނީ އޭނާއާ
ދެކޮޅަށް މަތީ މަޖިލީހަށް ސިޓީލައި، ޝަކުވާ
އުފުލައިފައެވެ. އޭނާ އިމާމް ކަމުން
ދުރުކުރުމަށް ކޮންމެ ދުވަހަކުހެން މަތީ
މަޖިލީހުގައި ޝަކުވާކުރާ ކަމަށް
އެނގިފައިވެއެވެ.
ޑރ. އަފްރާޝީމް ނަމާދުގައި ބައެއް ކަންތައްތައް
ކުރައްވަނީ އެހެން އިމާމުންނާ ތަފާތުކޮށެވެ.
އެއީ ރަނގަޅު ގޮތް ކަމެއް ނުވަތަ ނޫން ކަމެއް
ނުވަތަ އެއީ ދީން ހުއްދަކުރާ ގޮތްތަކެއް ކަމެއް
އަޅުގަނޑަކަށް ނޭނގެއެވެ. އެ ވާހަކަ މިފަހަރު
ދައްކާކަށް ވެސް ނެތީމެވެ. އެހެން ނަމަވެސް،
އިމާމްވެ ނަމާދު ކުރައްވާ އިރު އޭނާގެ ފަރާތުން
ފެންނަނީ ގައިމުވެސް އަޅުގަނޑުމެން ޤަބޫލު
ކުރަން ބޭނުން ނުވާ ކަންތައްތަކެއްކަން އެއީ
ޔަޤީން ކަމެކެވެ.
އިސްލާމީ މަރުކަޒުގައި އޭނާ ނަމާދު
ކުރައްވަވާއިރު، ސަފަށް ގޮވާލާފައި ސަފުތައް
އެއްވަރު ކޮށްފައި، ބޮޑުވާއިނގިލި
ހިއްލާލައިފައި "އޯކޭ. ބަރާބަރުތަ؟" މިހެން
ވިދާޅުވާ ކަމަށް ވެއެވެ. މިދިޔަ ހުކުރު ދުވަހު
އޭނާ ހުޅުލޭ މިސްކިތުގައި ހުކުރު ކުރެއްވި އިރު
އެއް އަތުން ހަރަމް ބަނދެގެން އަނެއް އަތުން
މައިކް ހިއްޕަވައިގެން ސޫރަތް ކިޔަވާ
ވިދާޅުވަމުން ގެންދެވިތަން ފެނިގެން ދިޔައެވެ.
މިތަން ބައެއް މީހުންނަށް ފެނިގެން މިދިޔަ
ހުކުރު ދުވަހު ހުޅުލޭ މިސްކިތުން ވަނީ
ރުޅިވެރިކަމާއި އެކު ފައިބައި، ހުޅުލޭގައި
ހުންނަ މަސްޖިދުލް ސަބީލަށް ނަމާދަށް
ގޮސްފައެވެ. ހަމަ އެ ނަމާދުގައި ޤުރުއާނުގައި
އަޑު ހަރުކޮށް ކިޔަވަންޖެހޭ ތަންތަން ކިޔަވާ
ވިދާޅުވަމުން ގެންދެވީ އެތަންތަންކޮޅަށް އަޑު
މަޑުކޮށް މައިކް ދުރުކޮށްގެން ކަމަށްވެސް މައެއް
މީހުން ބުނަމުން ދިޔައެވެ. އަދި ހަމައެއާ އެކު
ޤުރުއާން ކިޔަވާ ވިދާޅުވަމުން ދިޔައިރު، އޭނާގެ
ހަށިގަނޑުން ތަފާތު ޙަރަކާތްތަކެއްވެސް ފެނިގެން
ދިޔަކަމަށް މަންޒަރު ދުށް އެތައް ބަޔަކު
ބުންޏެވެ. މިސަބަބުތަކާ ހުރެ ބައެއް މީހުން
ވަގުތުން ހުކުރުން ފައިބައިގެން ދުވެފައި ގޮސް
ހުޅުލޭ އަނެއް މިސްކިތަށް ދިޔަ އެވެ. އަފުރާޝީމް
ވަޑައިގެންނެވިއިރު، ފުރިފައި އޮތް މިސްކިތުން
މީހުން މަދުވެ، ހުޅުލޭގައި މީގެ ކުރިން ހުކުރު
ވަގުތު ނުފުރޭ ކުޑަ މިސްކިތް މިދިޔަ ހުކުރު
ދުވަހު ފުރިގެން ދިޔަކަމަށް ވެއެވެ،
މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ދީނީ ގޮތުން
ރައްޔިތުންނާ އެހާ ބޮޑަށް ހިޔާލު ތަފާތުވެފައިވާ
މީހަކު ސަރުކާރުން އާންމުންގެ ކުރީ ސަފަށް ނެރެ،
މީހުން ރުޅި އެރުވުމުގެ ބޭނުމެއް ނެތެވެ. މީހުން
ރުޅި އަންނަންޏާ އެކަންވީ ނުކުރާށެވެ. ޑރ.
އަފުރާޝީމަށް ނަފުރަތު ކުރަނީ ހަމައެކަނި ދީނީ
ހަރުކަށި ޚިޔާލުގެ މީހުން އެކަންޏެއް ނޫނެވެ.
ހުޅުލޭ މިސްކިތުން ހުކުރު ދުވަހު ފައިބައިގެން
ދިޔަ 80 ޕަސެންޓް މީހުންނަކީ ގައިމުވެސް އޭގެ
ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އޭނާގެ ފަރާތުން
ފެންނަ ޙަރަކާތްތައް މީހުން ޤަބޫލު ނުކުރަންޏާ
އޭނާ ލައްވައި އެކަން ހުއްޓުވަން ޖެހެއެވެ.
އެކަން އޭނާ ނުހުއްޓައިފިނަމަ، އޭނާ އެކަމުން
ދުރުކުރަން ޖެހެއެވެ. މިއީ މީގެ ކުރިންވެސް
ސަރުކާރުން ދީނީ ކަންތައްތަކުގައި ޢަމަލު
ކުރައްވަމުން ގެންދެވި ގޮތެވެ. މިފަހަރުވެސް
އެކަން ކުރައްވަން ޖެހޭނީ އެގޮތަށް ކަމަށް
އަޅުގަނޑަށް ފެނެއެވެ.
ޑރ. އަފުރާޝީމަކީ ދީނީ ގޮތުން އެއްވެސް
ތަސައްރަފެއް ނުފުދޭ މީހެއް ކަމަށް ދީނީ ބޮޑެތި
ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާއިރު، އޭނާ
ރާއްޖޭގެ މީޑީއާ ކުރިމައްޗަށް ސަރުކާރުން ނެރެ،
ބައެއްގެ ހިތުގައި އިތުރަށް ރުޅިވެރިކަމާއި
ޝައްކުތައް އުފެއްދުމުގެ ބޭނުމެއް އޮތް ކަމަކަށް
ނުފެނެއެވެ. ޑރ. އަފްރާޝީމް ކަންތައްތައް
އެކުރައްވަނީ، ރަނގަޅު އަދި ޒަމާނީ އަދި ދީން
ހުއްދަކުރާ ގޮތްތައް ކަމަށް ވަންޏާ އޭގެ ސާބިތު
ހެއްކާ އެކު އާންމުންނަށް ސަރުކާރުން
ވިދާޅުވެދެއްވާށެވެ! މިރުޅިވެރިކަން މިހާރު
އިންތިހާއަށް ބޮޑުވެ، މިކަމުގެ ފިތުނަވެރިކަން
ބޮޑުވަމުންދާއިރު މިކަން ހުއްޓުވުމަކީ
ސަރުކާރުގެ ޒިންމާއެކެވެ. ޑރ. އަފްރާޝީމް
ދައްކަވާ ވާހަކަތަކާއި އޭނާގެ ޢަމަލުތައް
ރަނގަޅަސް، ނުބަޔަސް، އޭނާގެ ސަބަބުން ދީނީ
އެއްބައިވަންތަ ކަމަށް ބުރޫއަރާ ކަމަށް ޤަބޫލު
ނުކުރެވޭތޯއެވެ؟
ހަވީރުގެ ވެބް
ސައިޓުން މިޚަބަރު ކިޔުއްވުމަށް ތިރީގައިވާ
ލިންކަށް ފިއްތަވާލައްވާ...
ނޯޓް: ހަވީރުގެ ލިޔުންތެރިޔާ
މިލިޔުމުގައި ދީނީ ހަރުކަށި މީހުންނަށް ނިސްބަތްކޮށްފައި ވާކަމަށް
ބޮޑަށް ބުރަވެވެނީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި
ހިފަހައްޓައިގެން އެގޮތުގައި އުޅޭ މީހުންނަށެވެ. އެހެންކަމުގައި
ވިޔަސް މިލިޔުމުގައި އަފްރާޝީމް އާއި ބެހޭގޮތުން ގެނެސްދީފައިވާ
ވާހަކަ ތަކުގެ މުހިއްމު ކަމުން ސައިޓުގައި މިލިޔުން ހިމަނާލީއެވެ.
|