|
ދީނީ އެއްބައިވަންތަކަން ނަގާލަނީ ހަމަ ސަރުކާރުންނެވެ.
06
ފެބްރުއަރީ 2008
މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ހިނގި ހަމަނުޖެހުމާއި
ގުޅިގެން މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ އެކަމުގައި ބައިވެރިވި
ޢާއްމުންނާއި ދީނީ އަޚުންގެ ޢަމަލުތައް ކުށްވެރިކޮށް އަފްރާޝީމްގެ
ދިފާޢުގައި ވާހަކަ ދައްކައި ބަޔާނެއް ނެރެފައެވެ. މިކަމުން ވަރަށް
ސާފުކޮށް އެނގެނީ މިއީ މައުމޫނު ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން
ވަރަށް ދުރާލައި، ރާވައިގެން ދީނާއި އިދިކޮޅަށް ހިންގަމުން އަންނަ
ކަންތައްތަކުގެ ތެރެއިން ކަމެއްކަމުގައެވެ. މިގޮތުން މައުމޫނު
ބޭނުންވަނީ ދީނީ އަޚުން (މީހުން) ކެމެރާތަކުގެ ކުރިމަށްޗަށް ނެރެ،
އެމެރިކާއިން މިކިޔާ ޓެރަރިޒަމްގެ ނަމުގައި ދުނިޔޭގެ ލޯތަކަށް
އެމަންޒަރުތައް ދައްކުވައި، އޭނާ އެކަމާއި ނުރުހުން ފާޅުކޮށް
ބައިނަލްއަޤްޥާމީގޮތުން އޭނާ ބޭނުންވާ ތަޢީދު ހޯދުމަށެވެ.
ކޮންމެއަކަސް މީގެކުރިން އަޅުގަނޑުމެންގެ ތެރޭގައި ދީނީ ރޫޙުގައި،
ސުންނަތް ދިރުވަން މަސައްކަތް ކުރި ޝެއިޚުންނާއި އަޚުންނަށް
ޢާއްމުންގެ ފަރާތުން ކުރިމަތިވި އުނދަގޫތަކަށް މައުމޫނު ޢަބްދުލް
ޤައްޔޫމް ދިނީ ބީރު ކަންފަތެކެވެ. އަދި ނުވިތާކަށް އޭނާ ވަނީ
އެކަމުގައި ޢާއްމުންނަށް ހިތްވަރުދީ، ދީނީ އަޚުންނަށް އަނިޔާކޮށް
އޭގެ ތެރެއިން އެތައްބައެއްގެ ދިރިއުޅުން ފުނޑުފުނޑުކޮށް މުޅިން
ނެތިކޮށްލާފައެވެ. މިކަމުގެ ހެއްކެއްގެ ގޮތުން، ޝެއިޚް މުޙައްމަދު
އިބްރާހީމް ރަޙިމަހު ﷲ (މއ.ބާބުލްއަޥާލީ) އާއި މެދު، މައުމޫނު
ކަންތައް ކުރިގޮތް ފުދެއެވެ. ޝެއިޚް މުޙައްމަދު އިބްރާހީމް
ވިދާޅުވެފައިވާ ގޮތުގައި މައުމޫނު ވެރިކަމަށް އައުމުގެ ކުރީން
އެދެމީހުންނަކީ ވަރަށް ގާތް ދެމީހުންނެވެ. އެއީ އަޅުގަނޑު ހަނދާންވާ
ގޮތުން ޠައްޔިބާ ސްކޫލުގައި ކިޔަވައިދިން އިރުއެވެ. ކޮންމެއަކަސް
މައުމޫނު ކަހަލަ ދީން ކިޔަވައިގެން ހުރި މީހަކަށް ވެރިކަން ލިބުމުން
ޝެއިޚުމެން ކަހަލަ އެތައް ބަޔަކު އެކަމާއި އުފާ ކުރިއެވެ. މިގޮތުން
މައުމޫނަށް ވެރިކަން ލިބިގެން ބޭއްވި ޙަފްލާއަށްވެސް ޝެއިޚް
ވަޑައިގެންނެވިއެވެ. އަދި އެޙަފްލާގައި މައުމޫނާ ދިމާލަށް، ދެން
އަހަރުމެންނާއި ބައްދަލެއްވެސް ނުވާނެދޯއޭ ޝެއިޚް ވިދާޅުވިއެވެ.
މައުމޫނުގެ ޖަވާބަކީތޯއެވެ؟ ނޫނެކެވެ. ވަލު ދޮރާށިން ވަދެގެންވެސް
ބައްދަލު ކުރަން ވާނެއެވެ. އާދެ މައުމޫނު އެބުނި ވަލު ދޮރާށިވީ
ޖަލުކަމުގައެވެ. ޝެއިޚްގެ އުމުރުން އެތައް ދުވަހެއް ހޭދަކޮށްފައިވަނީ
ޖަލާއި ގޭ ބައްދުގައްޔާއި ނަފްސާނީ ފިއްތުންތަކުގައެވެ.
އަދި މީގެ އިތުރުން ޝެއިޚް ފަރީދު، ޢާއްމުންގެ ރުހުމާއި ލޯތްބާއެކު
ދީނާއިގެން ތެދުވުމުން މައުމޫނު ޢަބްދުލް ޤައްޔޫމް ވަނީ ޝެއިޚް
ފަރީދްގެ ދުވަސްވެސް ދުއްވާލާފައެވެ. މިގޮތުން މައުމޫނުގެ އޯޑަރަށް
މަސައްކަތް ކުރަމުންދާ ރޮބޮޓްތައްވަނީ ޝައިޚް ފަރީދްގެ މައިބަދަ
ބިންދާލާފައެވެ. ޝައިޚް ފަރީދުގެ މައްޗަށް މައުމޫނު ކުރި ދަޢުޥާއަކީ
ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދަޢުޥާއެވެ. އަދި
މިނޫނަސް،
މިވީހާތަނަށް ދީނީ ގޮތުން ހައްދު ފަހަނައަޅައި ގޮސްގެންނޭ ކިޔައިގެން
ސިފައިންގެއަށް ފޯން ކޯލެއް އަތުވެއްޖެނަމަ،
މައުމޫނުގެ ސިފައިން އެކަމެއް ބަލައި އެކަމާމެދު ވީއެންމެ އަވަހަކަށް
ފިޔަވަޅު އަޅައެވެ.
ނަމަވެސް އަފްރާޝީމްގެ ސަބަބުން ޢާއްމުންގެ ތެރޭގައި
ނުތަނަވަސްކަމާއި ފިތުނަ އުފެދި، މައުމޫނަށް އެކި ގޮތްގޮތުންނާއި
އެކިއެކި ސިފަސިފައިގާ އެކަން އިއްވަމުން ދާއިރުވެސް އެހުންނަނީ
އަޅާނުލައެވެ. އަދި އެންމެ ފަހުން އަފްރާޝީމް އާއި މެދު ޢާއްމުން
ނަފްރަތްތެރިވެ އޭނާގެ ފަހަތުގައި ނަމާދު ނުކުރުމަށް، އޭނާ އަރާ
މިސްކިތްތަކުން ފައިބައިގެން ގޮސް އެންމެ ފަހުން އޭނާގެ ގަޔަށްއަރާ
ހިސާބަށް ދިއުމުންވެސް މައުމޫނަށް އެނގުނީ އޭނާގެ ދިފާޢުގައި ވާހަކަ
ދައްކައި ބަޔާން ނެރޭށެވެ. މިހާރަކު ޢާއްމުންގެ މެދުގައި ދީނީ
އެއްބައިވަންތަކަން ނާގާލާ ޤާނޫނަކީ އޮންނަ އެއްޗެއްވެސް ނޫނެވެ.
އަދި ހުއްދަނެތި ދީނީ ވާހަކަ ދައްކައި ހެދުމަކީވެސް މަނާކަމެއް
ނޫނެވެ. މިހާރުވެސް ޝެއިޚް ފަރީދުގެ މައްޗަށް ކޯޓުގައި ދަޢުވާ
ކުރަމުން އެދަނީ ހުއްދަނެތި ދީނީ ނަޞޭޙަތް ދިނުމުގެ
މައްސަލައިގައެވެ. އެކަމަކު އަފްރާޝީމް ޙުއްދަ ނެތި ދީނީ ނަޞޭޙަތްދީ
ފަތުވާ ދެމުން ދާއިރު އެއީކީ މައްސަލައެއް ނޫނެވެ. ވާނީވެސް
އެހެންތާއެވެ. މިކަމަކީ ސީދާ މައުމޫނު ޢަބްދުލް ޤައްޔޫމުގެ އަމުރުގެ
ދަށުން، ދީނާއި އިދިކޮޅަށް ހިންގާ ކަންތައްތަކެއް ވިއްޔާއެވެ.
މިކަމުގައި ދެކޮޅު ނުޖެހޭ އެއްކަމަކީ (މައުމޫނުގެ އަމުރަށް)
އަފްރާޝީމް އުފައްދަމުން މިދާ ފިތުނައިގެ ވާހަކަ ދައްކާއިރު،
ނޫސްތަކުންވެސް އެއްދުވަހު އޭނާއާ އިދިކޮޅަށް ލިޔުންތައްް ލިޔެފައި،
އަނެއް ދުވަހު އޭނާއާ އެއްކޮޅަށް ލިޔުންތައް ލިޔާކަމެވެ.
ކޮންމެއަކަސް ކަންތައްތައް ވަމުން މިދާގޮތުން ހައްތަހާވެސް
މިފެންނަނީ މިފަދަ ލާދީނީ އަދި ސިޔާސީ ރޭވުންތަކުގެ މަޅީގައި ދީނީ
އަޚުން ޖެހި، އެބައިމީހުންގެ މައްޗަށްވާ ފިއްތުންތަކުގެ މައްޗަށް
އިތުރު ފިއްތުންތަކެއް ކުރިމަތި ވަމުންދާތަނެވެ. ވީމާ،
މިކަންކަމާއިމެދު އެންމެހައި އަޚުންވެސް ވަރަށް ފުންކޮށް ވިސްނައި
އެންމެން އެކަތިގަނޑަކަށްވެ މައުމޫނުގެ ކިބައިން އަންނަން ހުރި
ޙަމަލާތަކާއި ފިއްތުންތަކާއި ރޭވުންތަކަށް ރައްކާތެރިވުމަށް
އަޅުގަނޑު ގޮވާލަމެވެ. |