|
ކަޅުހެދުންލާ އަންހެނުންނަށް ރަތްކާޑު ދެއްކުމަކީ ކޮންކަހަލަ
ކަމެއްބާ!
ލިޔުނީ އާދަމް ނަސީމް (ބީ.އޭ)
ﷲގެ އިސްމުފުޅުން ފަށަމެވެ.
ކީރިތިވަންތަ ﷲ، ސޫރަތުލް އަޙްޒާބުގެ 59 (ފަންސާސްނުވަ) ވަނަ އާޔަތް
ބާވައިލެއްވުމުން އަންޞާރިއްޔަ ބޭކަނބަލުން ބޭރަށް
ނުކުމެވަޑައިގަތުމުގައި ހެދުން އެޅުއްވިގޮތް، ސާފުކޮށް ސިފަވެގެންދާ
ޙަދީޘެއް، ތަފްސީރު އިބުނުކަޘީރާއި، ތަފްސީރުއް ޝައުކާނީ (ފަތުޙުލް
ޤަދީރު) ގައި އޮވެއެވެ. އަދި މިނޫން ފޮތްފޮތުގައިވެސް ނަގުލު
ކުރެވިފައިވެއެވެ. މިދެންނެވި ޙަދީޘްގެ މާނައަކީ: "ﷲރުއްސުންލެއްވި
އުއްމު ސަލަމަތުގެފާނު ވިދާޅުވިއެވެ. މާތްﷲ މިއާޔަތް
ބާވައިލެއްވުމުން، އަންޞާރިއްޔަ ބޭކަނބަލުން ބޭރަށް ނިކުމެވަޑައިގަތީ
އެކަނބަލުންގެ ހަށިކޮޅުތަކުގައި ދޫދޫ ކޮށްހުންނަ ކަޅުކުލައިގެ ހެދުން
އަޅުއްވައިގެން ވަރަށް މަޑުމައިތިރިކަމާ އެކުގައެވެ." (ބައްލަވާ!
ތަފްސީރު އިބުނު ކަޘީރު، އަދި ފަތުޙުލްޤަދީރު)
ސޫރަތުލް އަޙްޒާބުގެ ފަންސާސްނުވަ ވަނަ އާޔަތުގެ މާނަ! "އޭ
ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބި ކަބަލުންނާއި، ދަރިދަރި
ކަނބަލުންނާއި، މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން
ނިޔާވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ!
އެކަނބަލުން އެނގިގެންވުމަށާއި، (އެބަހީ: އެކަނބަލުންނަކީ
ޢިއްފަތްތެރި އަދި މިނިވަން އަންހެނުންކަން އެނގިގެން ވުމަށާއި)
އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތްމާގާތް ކަންބޮޑެވެ. ﷲއީ،
ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެކަމުގައި
ވޮޑިގެންވެއެވެ." މިއާޔަތުގައި އޮންނަ “ޖަލާބީބު” ގެ
މާނަކުރެވިފައިމިވަނީ “އެކަނބަލުން ފޭރާންތަކުން ނިވާވެތިބުމަށް”
މިފަދައިންނެވެ. އަސްލުގައި “ޖަލާބީބު” އަކީ ޖިލްބާބުގެ ޖަމްޢެވެ.
ޢަރަބި ބަހުގެ ޤަވާޢިދާއި އުޞޫލު ނިޔާކުރާގޮތުގެމަތީން މުފައްސިރުން
މިބަހުގެ ތަފްސީރު ކުރައްވާގޮތުގައި، ޖިލްބާބަކީ ބޮލާއި، މޫނާއެކު
މުޅިހަށިގަނޑު ނިވާވާގޮތަށް ފުޅާކޮށް ތަނަވަސްކޮށް ހުންނަ
ހެދުމެކެވެ. އިސްވެދެންނެވުނު އާޔަތް ބާވައިލެއްވުމުން އަޞްޙާބު
ބޭކަނބަލުން ކަޅުހެދުން ލައްވައިގެން ބޭރަށް ނުކުމެވަޑައިގަންނަވާ
ކަމުގައި ވީހިނދު ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ އެކަން މަނާ
ނުކުރެއްވުމުން، ނުވަތަ ރުހިވަޑައި ނުގަންނަވާކަމެއް ކަމުގެ
އިޝާރާތެއް ނުކުރެއްވުމުން އެޢަމަލުވެގެންދާނީ ސުއްނަތަކަށެވެ.
އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލެއްގެ ގޮތުންބަލާއިރު، ސުއްނަތަކީ
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކާއި،
ޢަމަލުފުޅުތަކާއި، އަރިހުގައިކަމެއް ހިނގިއިރު އެކަމެއް މަނާ
ނުކުރައްވާ ކަންކަމެވެ.
ކަންމިހެން އޮތްއިރު، އަންހެނުން ކަޅުހެދުންލުމަކީ ދީނުގެ ކަމެކެވެ.
ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ރަސޫލާ
ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ،
ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް
ނަހީކުރެއްވި ކޮންމެކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ!
އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲއީ،
ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ." އެހެންކަމުން
އަންހެނުން ބޭނުންކުރާ އެކިކުލަކުލައިގެ ހެދުމުގެތެރޭގައި ބޭރަށް
ނިކުންނައިރު ކަޅުކުލައިގެ ހެދުންލުމަކީ ރަތްކާޑު ދައްކަންޖެހޭ
ކަމެއްނޫނެވެ.
ކޮންމެއަކަސް އަންހެނުން ކަޅުހެދުންލުމަކީ ޝިޔަޢީންގެ ފަރާތުން
އައިކަމެއް ކަމަކަށެއް ނުބެލެވޭނެއެވެ. ޙުސައިނުގެފާނު ޝަހީދުވުމުން
އެބައިމީހުންނަށް ލިބުނު ހިތާމައެއްގެ ސަބަބުން ފެށުނު
ކަމެއްކަމުގައިވެސް ނުބެލެވޭނެއެވެ. ފަހެ، ކަޅުހެދުންލާ
އަންހެނުންނަށް ރަތްކާޑުދެއްކުމަކީ "ދީނީ އެއްބައިވަންތަކަން އަލުން
ހަރުދަނާ ކުރުން ކަމުގައި ވެގެން ދިޔައީ ބާވައެވެ!"
އެންމެހައި ނުރައްކާތެރި ޖަރީމާތަކަށް އަރައިގަތުން ޢާއްމުވެފައިވާ
ޒަމާނެއްގައި ރަތްކާޑު ދައްކަންވީ ކަޅުހެދުން އަޅާ
އަންހެނުންނަށްތޯއެވެ؟ ޓީ.ވީ އާއި ރޭޑިއޯއިން ގޮވަންވީވެސް
މިވާހަކަތޯއެވެ؟ ދެންފަހެ. އެންމެހައި ނުބައި ރޮނގުރޮނގުން
ޕޯޗްގީޒުންގެ ޒަމާނަށްވުރެ ލޮބުވެތި ދިވެހިރާއްޖެ މިހާރު މިއޮތީ
މާބޮޑަށް ކުރިޔަށް ޖެހިލާފައެވެ. މިހާރު ބަނގުރާބޮނީވެސް އަދި
ވިއްކަނީވެސް އަމިއްލަ އިޚްތިޔާރުންނެވެ. ހަމައެކަނި މިނުބައި
ޢަމަލެއްނޫނެވެ. ފައްޅި އެޅުންވެސްމެއެވެ. ރާއްޖެ ސަލާމަތް ކުރާކަށް
ބޮޑުތަކުރުފާނެއްނެތެވެ. ހުންނެވީ ނުހަނު މައްޗަށް ކިޔަވާ
ވިދާޅުވެގެން ހުންނެވި "ޢިލްމުވެރި އެކެވެ". އެހެންކަމުން
އަޅުގަނޑުމެން އާމީން ކިޔަން މިޖެހެނީ 3 މާރޗް 2007 ވަނަދުވަހުގެ
"މިނިވަން" ގެ އެޑިޓޯރިއަލްގެ ހެޑްލައިނެއްކަމުގައި އޮތްދުޢާއަށެވެ.
އެދުޢާއަކީ: ދިވެހި ވެރިކަމަށް މިފަދަ "ޢިލްމުވެރިޔަކު" އައުމަށް ﷲ
އިރާދަނުކުރައްވާށި! އާމީން.
ނޯޓް:
މިލިޔުމަކީ 18 މާރޗް 2007 ގައި މިނިވަން ނޫހުގައި ޝާޢިއުކޮށްފައިވާ
ލިޔުމެކެވެ.
|