"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ނޫސްވެރިންނޭވެ! ފާޙިޝް ކަންތައްތައް ފާޅުކަން ބޮޑު ގޮތެއްގައި އިޢުލާނު ނުކުރާށެވެ.

ލިޔުނީ: آدم نشان المالديفي

    އަޅުގަނޑުމެންގެ ރާއްޖޭގައި މީލާދީ ސަނަތުން ވިހިވަނަ ޤަރުނު ނިމި މިދިޔައީ، ޙައްޤުބަސް ބަޔާން ކުރުމާއި އަދި ވެރިކަމާއި ބެހޭ އެއްވެސް ވާހަކައެއް ދައްކާލި ކަމުގައި ވިޔަސް ބޮޑެތި އަދަބުތަކާއި ކުރިމަތިލަމުންނެވެ. ކަން މިހެން އޮއްވާ ޑިމޮކްރަސީގެ ނަމުގައި އެއްޗެއް ފާޅުވެ މިނިވަންކަން މިވަނީ، ތެދުތެދަށް ބުނަނީނަމަ ޙައްދު ފަހަނާޅައިގެން ގޮސްފައެވެ. މިގޮތުން ނޫސް މަޖައްލާތަކުގައިވެސް ލިޔާކަށް ނުލިޔާކަށް އެއްޗެއް ނެތެވެ. އެއީ ތިމާމެންގެ ޢަޤީދާއާއި ފުށުއަރާ އަދި އީމާންކަން ނަފީ ކުރާ ވާހަކަތަކެއް ކަމުގައި ވިޔަސްމެއެވެ. އާދެ ހަމަ ޑިމޮކްރަސީގެ އުރައިގެ ތެރޭގައި ތިބެ މިނިވަން ކަމުގެ ނަމުގައެވެ.

    ނޫސް މަޖައްލާތަކަކީ ޙަޤީޤަތުގައި މުޖްތަމަޢަށާއި މީސްތަކުންނަށް އެންމެ ބޮޑަށް އަސަރު ކުރުވަނިވި އެކައްޗެވެ. ނޫހުގައި ލިޔެލާ ވާހަކައަކުން އެތައް ބަޔެއްގެ ފިކުރުތައް ބަދަލުކޮށްލައި މުޖްތަމަޢު ތެރޭގައި ކަމަކާއިމެދު ދެކޭގޮތް ބަދަލު ކޮށްލުމަކީ ވަރަށްވެސް ފަސޭހަކަމެކެވެ. ކޮންމެއަކަސް މިހާ ވަރުގަދަ ވަޞީލަތެއް ކޮންޓްރޯލް ކުރުމުގެ ބާރު މިއޮތީ ނޫސްވެރިންގެ އަތްމަތީގައެވެ. އެހެންކަމުން ކިތަންމެ ބޮޑު މިނިވަން ކަމެއް ލިބިފައި ވީނަމަވެސް ނޫސްތަކުގައި ލިޔާ ލިޔުންތަކާއިމެދު ވިސްނާ ފިކުރު ކުރަން އެބަޖެހެއެވެ.

    މިހާރު ކޮންމެ ދުވަހެއްގެ ނޫސްތަކަށް ބަލާލި ކަމުގައިވިޔަސް ޒިނޭގެ ދެތިން ހަތަރު މައްސަލަ އެނޫހެއްގައި ނެތް "ނޫހެއް" ނުފެނެއެވެ. ބޮޑެތި މީހުންނާއި ކުޑަ ކުދިންނާއި މުސްކުޅިން ކުރާ ޒިނޭގެ ވާހަކަތަކެވެ. ރުހިގެންނާއި ގަދަ ކަމުންނާއި މިހެންގޮސް މިފަދަ އެތައް ބާވަތެއްގެ ޒިނޭގެ ވާހަކަތަކެވެ. އަދި ހަމައެހެންމެ ނޫސްވެރިން އެވާހަކަތައް ގެނެސްދީފައި ހުންނަލެއް "ފުރިހަމަ" ކަމުން، އެކިޔާލާ މީހަކަށް އެކަންތައް އެންމެ ފުރިހަމައަށް ތަސައްވަރުވެގެން ދާހާވެސް ތިލަކޮށް އެފަދަ ވާހަކަތައް ބަޔާންކޮށްފައިވެއެވެ. އަދި ކިއެއްހެއްޔެވެ.  ނުވިތާކަށް އެލިޔުންތައް ކިޔާލުމުން ހަމަ ލޮލަށްވެސް އެމަންޒަރުތައް ފެންނަހެން ހީވާ ވަރަށެވެ.   އެދުންވެރިކަން ގަދަ މީހެއްނަމަ އެކަންވެސް ފުދޭހާ ބޮޑަށެވެ. ސުބްޙާނަ ﷲ އެވެ. މިއީ ވިސްނާ ފިކުރަން ޖެހިއްޖެ މައްސަލައެކެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"يا معشر المهاجرين، خمسٌ إذا ابتليتم بهن، وأعوذ بالله أن تدركوهن:
1. لم تظهر الفاحشة في قوم قط حتى يُعلنوا بها إلا فَشَا فيهم الطاعون والأوجاع التي لم تكن مَضَتْ في أسلافهم الذين مَضَوا ......." (رواه ابن ماجة وحسَّنه العلامة الألباني)

މާނައީ: "އޭ މުހާޖިރުންނޭވެ. ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވެ އޭގެ ފިތުނަވެރިކަން ޖެހިއްޖެނަމައެވެ، ފަހެ އެކަންތައްތައް ތިޔަބައިމީހުންނާއި ލައިނުގަތުމަށް ތިމަންކަލޭގެފާނު الله تعالىގެ ކިބައިން ރައްކައުތެރިކަމަށް އެދެމެވެ. (އެކަންކަމަކީ):

1.      ބައެއްގެ ތެރޭގައި ފާޙިޝްކަންތައްތައް ފައުޅުވެ އެކަމެއް އިޢުލާނުކޮށް ޢާއްމުކުރުން ނެތިނުދެއެވެ. ފަހެ އެހިނދު އެބައެއްގެ ތެރޭގައި ޠާޢޫންއާއި (ގައިން ގަޔަށް އަރާ ބަލިތަކާއި) އެމީހުންގެ ކުރީން އެއްވެސް ބަޔަކު ދެކެފައި ނުވާފަދަ އާބަލިތަކާއި ރޯގާތަކާއި ތަދުމަޑުކަން ފެތުރި އާއްމުވެދެއެވެ...... "

ކޮންމެއަކަސް ނޫސްތަކުގައި އެފަދަ ފާޙިޝް ކަންތައްތަކުގެ ވާހަކަ ބޮޑު އަކުރުން ޖެހުމުން، މަތީގައި އެވާ ޙަދީޘްފުޅުގައިވާ ފަދައިން އެކަން ޢާއްމުކޮށް އިޢުލާނު ކުރެވެނީއެވެ. އެހެންކަމުން އޭގެ ސަބަބުން ނުކުންނާނޭ ނަތީޖާ، ޙަދީޘްފުޅުގައި ވާފަދައިން އަޅުގަނޑުމެންގެ މުޖްތަމަޢިގެ ތެރެއިން މިދަނީ ފެނި ހެކިވަމުންނެވެ. ދެން ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ، އަޅުގަނޑުމެން ކަހަލަ އީމާންތެރިކަމުގެ ގޮތުން ބަލިކަށި، ﷲ އަށް ބިރުވެތި ނުވާ ބައެއްގެ ތެރޭގައި އެފަދަ ވާހަކަތައް ފެތުރުމުން ނިކުމެދާނެ ނަތީޖާއަކަށެވެ. ހަމަ ޔަޤީނުންވެސް އެފަދަ ވާހަކަތައް ކޮންމެ ދުވަހަކުހެން އިވި، އެފަދަ މީހުން ކުރާ ހުރިހާކަމެއްގެ ވާހަކަ ތަފްޞީލާއިއެކު އިވެން ފެށުމުން އެކަމަކީ މީސްތަކުންނަށް އާދައިގެ ކަމަކަށް ވެގެން ދެއެވެ. އަދި އެފަދަ ފާފަތަކަށް އަރައިގަތުމަށް ފަސްޖެހޭ މީހަކު ނަމަވެސް، އެކަން ކުރާ މީހުންގެ ގިނަކަން އެނގި އެފަދަ ޙަރާމް ކަންތަކަށް އަރައިގަތުމަށް ތިމާގެ ހިތުގައި އޮންނަ ބިރުވެރިކަންވެސް ފިލައި ގޮސް، އެކަންތައް ތަޖުރިބާ ކުރާ ހިތްވެއެވެ. މިޔަކީ ތިޔައިގެ ތެރެއިން ހަމަ އެއްވެސް ބޭފުޅަކު ދެބަސްވާނޭ ކަމެއް ނޫނެވެ.

    ނިކަން ވިސްނަވާ ވަޑައިގަންނަވާށެވެ. ރަސޫލު الله صلى الله عليه وسلم ގެ ޒަމާނުގައި ޞަޙާބިއްޔަ ބޭކަލަކު ހިލޭ އަންހެނަކާއި އެކު، އެކަހެރިވެވުމުގެ ސަބަބުން ޒިނޭގެ ފާފައަށް އަރައިގަނެވުނެވެ. ދެން އެބޭކަލަކު އެކަމާއި ބިރުފުޅުވަޑައިގެން ކީރިތި ނަބިއްޔާގެ އަރިހަށް ވަޑައިގެން އެދިވަޑައިގަންނަވަނީ އެފާފައިން ޠާހިރުކޮށްދެއްވުމަށް އެދިއެވެ. އާދެ އެކަމަށް ޙައްޤުވެގެންވާ އަދަބު ލިބިގަތުމަށެވެ. ކޮންމެއަކަސް އެބޭކަލަކު ތައުބާވުމަށް އެތައް ފުރުޞަތެއް ދެއްވުމުންވެސް ބޭނުންފުޅުވެ ވަޑައިގަތީ ދުނިޔެ މަތީގައި އެކުށުގެ ޢުޤޫބާތް ލިބި އާޚިރަތުގައި އެކަމަށް އޮތް ޢުޤޫބާތުން ސަލާމަތްވެވަޑައިގަތުމަށެވެ. އެހެންކަމުން އެޞަޙާބީ ރަޖަމު ކުރެވުނެވެ.

މިޙާދިޘާއިން ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިއްމު ނުކުތާއަކީ، އެޞަޙާބީގެ މައްޗަށް ޒިނޭގެ ޙުކުމް ޤާއިމް ކުރެވުނު އިރުވެސް ރަސޫލު الله صلى الله عليه وسلم  އެބޭކަލަކު އެމީހަކާއިއެކު އެޢަމަލު ހިންގި އަންހެން މީހާއާއި ބެހޭގޮތުން ސުވާލު ނުކުރައްވާ ކަމެވެ. ހަމަޔަޤީނުންވެސް އެފަދަ ޒިނޭއެއް ކުރެވޭނީ އަންހެނަކާއި ފިރިހެނަކު އެކުވެގެންނެވެ، ވީމާ މިއިންވެސް ދޭހަކޮށްދެނީ އެކަން ޢާއްމުވެ ފާޅުވެދާނެތީވެ ރަސޫލު الله صلى الله عليه وسلم އެކަން ކުރި އަންހެނަކު ހޯދަން ނޫޅުއްވައި އޭނާ ތައުބާވުމަށް ދޫކޮށްލެއްވިކަމެވެ. މިއީ ލޮބުވެތި ނަބިއްޔާ ދައްކަވާފައިވާ އަގުމާތްވި އިރުޝާދެވެ. އަޅުގަނޑުމެން މުސްލިމުންނަށް އޮތީ އެގޮތުގައި ހިފުމެވެ.

    ފަހަރެއްގައި ބަޔަކު މީހުން މިޙާދިޘާ އަޑުއިވުމުން، އިސްލާމްދީނަކީ ފާޙިޝް ކަންތައްތައް ކުރަން ހިތްވަރުދޭ ދީނެކޭ ބުނެފާނެތެވެ. އެހެންނަމަވެސް ދަންނާށެވެ. މިޙާދިޘާއަކީ އެފަދަ އަޑުތައް ފަތުރައި ދީނުގެ ޙައްދުތަކަކީ އިންސާނީ ޙައްޤުތަކާއި ޚިލާފު އެއްޗެކޭ ބުނާ މީހުންނަށް ދެވިފައިވާ ވަރަށް ވަރުގަދަ ރައްދެކެވެ. މިއިން ދޭހަކޮށްދެނީ އިސްލާމްދީން ބާރު އަޅަނީ މީސްތަކުންނަށް ގަދަފަދަ އަދަބު ދިނުން ނޫން ކަމެވެ. އެހެންނަމަވެސް އެފަދަ ފާފަތަކަށް އަރައިގަތުމުން ހުރި ޢުޤޫބާތުގެ ބޮޑުކަން އަންގައި މީސްތަކުން އެފަދަ ފާފަތަކުން ދުރުހެލި ކުރުވުމެވެ. ފަހެ އެފަދަ ބޮޑު އަދަބެއް އެންމެ މީހަކަށް ދެވުނު ނަމަވެސް ދެންތިބި މީހުން އެފަދަ ފާފަތަކަށް އަރައިގަތުމަށް ޖެހިލުންވެ ބިރުވެތިވާނެއެވެ. އެފަދަ ވާހަކަ ދައްކާ މީހުންނަށް ބުނަންއޮތް ވާހަކައަކީ، އެހެންވީއިރު އެފަދަ ފާފަތަކުން މީސްތަކުން ދުރުކުރުވުމަށްޓަކައި ﷲ ތަޢާލާ ބާއްވާލައްވާފައިވާ ޙައްދުތަކަށް ތިޔަ އިންކާރު ކުރަނީ ކީއްވެހެއްޔޭއެވެ؟ (ނޯޓް: އެއްގޮތަކަށްވެސް މީހަކާއި ނީނދެ ހުރި މީހަކު ޒިނޭކޮށްފިނަމަ، އެމީހެއްގެ ޙައްދަކީ ސަތޭކަ އެތިފަހަރު ޖަހައި އެއްއަހަރު ދުވަހަށް އަރުވާލުމެވެ. އެހެންނަމަވެސް މީހަކާއި ކައިވެނިކޮށް ޖިމާޢުވެފައިވާ މީހަކު، އެއީ ވަރިވެފައި ހުރި މީހެއްކަމުގައި ވިޔަސް އެފަދަ މީހެއްގެ ޙައްދަކީ ރަޖަމު ކުރުމެވެ. މިއީ ޤުރުއާނާއި ސުންނަތުން މިކަން ސާފުކޮށް ފެންނަން އޮތްގޮތެވެ. والله أعلم)

    އިސްލާމްދީން ދައްކައިދޭ ރިވެތި ނަމޫނާއަކީ މީސްތަކުން ކުރާ ފާފަތައް ފަޟީޙަތް ނުކޮށް، ޢާއްމު ނުކޮށް އެމީހުންގެ އަބުރާއި ޢިއްޒަތްވެސް ރައްކާތެރި ކޮށްދިނުމެވެ. އޭގެ އެތައް ސަބަބުތަކެއްވެސް ވެއެވެ. އެގޮތުން ކުރީގައި ބަޔާންވެ ދިޔަފަދައިން އޭގެ ސަބަބުން މީސްތަކުންގެ ތެރޭގައި އެފަދަ ނުބައިކަންތައްތައް ފެތުރި ޢާއްމުވެ ނުދެއެވެ. އަދި ހަމައެހެންމެ އެފަދަ ފާފަތަކަށް އަރައިގަންނަ މީހަކުވެސް ﷲގެ މަގަށް ރުޖޫޢަވެ އޭނާ ތައުބާވުމަށް މަގުފަހިވެ އޭނާގެ އަބުރާއި ޢިއްޒަތްވެސް ރައްކާތެރިވެދެއެވެ.

    އެހެންނަމަވެސް އެފަދަ ފާފަތަކަށް އަރައިގަންނަ މީހެއްގެ ސަބަބުން މުޖްތަމަޢުގެ ގިނަ ބަޔަކަށް ނުރައްކާތެރިކަން އޮތްކަމުގައިވާނަމަ އެފަދަ މީހެއްގެ ވާހަކަ ބަޔާން ކުރުމަކަށް ދީން ހުރަހެއް ނާޅައެވެ. އެކަމަކުވެސް އެއީ އަޅުގަނޑުމެން މިއަދު، ނޫސް މަޖައްލާތަކުގައާއި މީސްމީހުން ގާތު ދައްކައި މިއުޅޭ ބީދައިން އެފަދަ ހުރިހާ ވާހަކަތަކެއް ނޫނެވެ.

    ކޮންމެއަކަސް މިލިޔުންކޮޅު ނިންމާލަން އަޅުގަނޑު ޤަޞްދުކުރަނީ ކީރިތި ނަބިއްޔާގެ އަގުމާތްވި ނަބަވީ އިރުޝާދަކުންނެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"المسلم أخو المسلم لا يظلمه ولا يسلمه. من كان في حاجة أخيه ؛ كان الله في حاجته ، ومن فرج عن مسلم كربة ؛ فرج الله عنه بها كربة من كرب يوم القيامة ، ومن ستر مسلماً ؛ ستره الله يوم القيامة" (رواه البخاري: 2442، ومسلم: 2580 ).  

"ފަހެ އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. (އެބަހީ އެއްބަނޑު އެއްބަފާ މީހެކެވެ). އޭނާ އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އަނިޔާ ލިބުމަށް ދޫކޮށެއްވެސް ނުލާނެއެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދޭ މީހަކު ދަންނައެވެ. ފަހެ ﷲ ތަޢާލާ ވަނީ އެމީހެއްގެ ބޭނުންތައް ފުއްދާދިނުމުގައެވެ. އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގޫކަމެއް ދުރުކޮށްދީފި މީހާ ދަންނައެވެ. ފަހެ ﷲ ތަޢާލާ އެމީޙަކަށް ޤިޔާމަތް ދުވަހުން، އެދުވަހުގެ ދަތި އުނދަގޫކަމުގެ ތެރެއިން ކަމެއް ދުރުކޮށްދެއްވައެވެ. އަދި މުސްލިމެއްގެ ފާފަތަކާއި ޢައިބުތައް ފޮރުވާދީފި މީހަކު ދަންނައެވެ. ފަހެ ﷲ ތަޢާލާ ޤިޔާމަތް ދުވަހުން އެމީހެއްގެ ފާފަތަކާއި ޢައިބުތައް ފޮރުއްވައި ދެއްވައެވެ."

-ނިމުނީ-

 

ނޯޓް: މިއީ މަދީނާގެ ޖާމިޢާ އިސްލާމިއްޔާގައި ކިޔަވާ ވިދާޅުވާ، الأخ آدم نشان ފޮނުވާފައިވާ ލިޔުމެކެވެ.

blog stats

dheenee-news@hotmail.com
 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)