|
ކުރީގެ ތާޖުއްދީން ހުރި ހުސްބިމުގައި ހިކިފަތުން ﷲގެ އިސްމުފުޅު
ލިޔެވިފައި އޮއްވާ ފެނިއްޖެ.
03 މާރޗް 2008، ހޯމަ.

މުއުމިނުންނަކީ އެބައިމީހުންނަށް ދިމާވާ ކޮންމެ ކަމަކުންވެސް،
الله
سبحانه
وتعالى
އަށް ބިރުވެތިވެ އެއިލާހުގެ އަމުރުފުޅުތަކަށް ފުރިހަމައަށް
ކިޔަމަންވެ، އެކަންތައްތަކުން ޢިބުރަތް ޙާޞިލް ކުރާ ބައެކެވެ.
އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާ މިދިޔަ
ޙާދިޘާތަކާއިމެދުވެސް ވިސްނައި ފިކުރުކޮށް ﷲ ތަޢާލާގެ މަގަށް
އަވަހަށް ރުޖޫޢަވާންވީ އެވެ. މިއަދު އެންމެ ފުރަތަމަ ޚަބަރަކަށް
އަޅުގަނޑުމެންނަށް އިވުނީ ވަޅަކަށް ފޭބި ފަސް ޒުވާނުން ވީނުވީއެއް
ނޭނގި
އެވަޅުތެރޭގައި
މަރުވި ވާހަކައެވެ. އެއަށްފަހު ތާޖުއްދީން ސްކޫލް ހުރިތަނަށް ވައި
ރޯޅިއެއް އަރައި އެތަނުގައި ހުރި ފަތްތަކުން ﷲ ތަޢާލާގެ އިސްމުފުޅު
އެޅުނު ވާހަކައެވެ. ފަހެ މިކަންކަމުގައި ވިސްނައި ފިކުރު
ކުރާބަޔަކަށް ހެކިތައް ވެއެވެ. ކޮންމެއަކަސްވެސް މިއީ މުއުމިނު
އަޅުތަކުންނަށް ހުރި ފިލާވަޅެކެވެ. އެއީ
الله
سبحانه
وتعالى
އަށް ތައުބާވެ އެއިލާހުގެ ދީނަށް ފުރިހަމައަށް އެނބުރި ރުޖޫޢަ
ވުމައްޓަކައެވެ.
އެހެންނަމަވެސް ހިތާމައަކީ ނަމާދުތައް އަޅާފައިވެސް މިފަދަ ތަންތަން
ބަލަން ގޮސް ތިބޭ ކަމެވެ.
މިކަން ހިނގިތަން ފެނުނު މީހަކު އިރު އޮބްޒާވާއަށް ކިޔާދީފައިވެއެވެ:
"އެހާދިސާ
ހިނގި އިރު އަޅުގަނޑު ހުރީ މިހާރު ﷲ ގެ އިސްމުފުޅު އެޅިފައި އިން
ދިމާލުގައިވާ ގޭޓާ ދިމާލު މަގުމަތީ ޕޭވްމަންޓްގަ. އެބުރޭ
ރޯޅިއެއްހެން ހިކިފަތާއެކު ކުނިގަނޑު މަތީގައި އެނބުރިފައި
ބިންމައްޗަށް ތިރިވީ. އަދި މިހާރު ﷲގެ އިސްމުފުޅު އެޅިފައިވާ ގޭޓް
ނޫން އަނެއް ގޭޓުން ކުނިތައް ވަރަށް ބާރު ވައިރޯޅިއަކާއި އެކު
ނުކުމެގެން މަގުމައްޗަށް ދިޔަ ފަހުން. ގޭޓުން އެތެރެއަށް ވަދެ
ބަލާލީ. އޭރު އެތަނުގައި ވަރަށް ރީއްޗަށް ﷲގެ އިސްމުފުޅު އެޅިފައި
އޮތް. އަޅުގަނޑު އެވަގުތު ވަރަށް ބިރުވެސްގަތް،"
ކޮންމެއަކަސް ﷲ ތަޢާލާއީ މިއަށްވުރެ މާބޮޑެތި މުޢުޖިޒާތްތަކާއި
ކަރާމާތްތައްވެސް މީސްތަކުންނަށް ދެއްކެވި އިލާހެކެވެ. އެގޮތުން
އިބްރާހިމްގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނު ބޮޑު
އަލިފާންގަނޑަކަށް އެއްލާލުމުން، އެއަލިފާނަކީ އެކަލޭގެފާނަށްޓަކައި
ފިނި އެއްޗެއް ކަމުގައި ލެއްވެވިއެވެ. އަދި މޫސާގެފާނަށްޓަކައި
ކަނޑުން ބޮޑެތި މަގުތައް ފަޅުއްވަވައި ފިރުޢައުނާއި އޭނާގެ
ލަޝްކަރުގެ ކިބައިން ސަލާމަތް ކޮށްދެއްވެވިއެވެ. އަދި ހަމަ
އެފަދައިން ޢީސާގެފާނަށް މަރުވެފައިވާ މީހުން ދިރުއްވެވުމުގެ ބާރު
ދެއްވަވައި ލޯފަން މީހުންނާއި ބަރަޞް ބަލި ޖެހިފައިވާ މީހުން، ﷲ
ތަޢާލާގެ އިރާދަފުޅާއި އެކު ރަނގަޅު ކުރުމުގެ ބާރު ދެއްވެވިއެވެ.
އަދި އަޅުގަނޑުމެންގެ ނަބިއްޔާ އަށްވެސް އެއިލާހުގެ
ކުޅަދުންވަންތަކަމުގެ އެތައް މުޢުޖިޒާތްތަކެއް ދެއްވެވިއެވެ. ﷲ
ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"...وَمَا نُرْسِلُ بِالآياَتِ إِلاَّ
تَخْوِيفاً"
(سورة الإسراء: 59)
"އަދި
އިންޒާރު
ކުރެއްވުމަށާއި ބިރުގެންނެވުމަށް މެނުވީ ތިމަން
الله
އާޔަތްތައް (ހެކިތައް)
ނުފޮނުއްވަމެވެ."
(ސޫރަތުލް
އިސްރާ: 59) |