|
ޤައުމީދުވަސް ފާހަގަ ކުރަނީ...؟
ލިޔުނީ:
ޢަބްދުއްލަތީފް
މުޙައްމަދު

ކުރީއަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ދިވެހިރާއްޖޭގެ
ޤައުމީ ދުވަސް ފާހަގަ ކުރަމުންދަނީ މަޖަލާ ކުޅިވަރުގެ ހަރަކާތްތަކާއި
ޕްރޮގްރާމް ތަކެއްގެ ތެރޭގައެވެ. ތިމަންމެން މިތިބީ "100%
އިސްލާމީ ޤައުމެއްގައި" ކަމުގައި ބުނެ ފަޚުރުވެރިވަމުން، އިސްލާމީ
މަތިވެރި އުޞޫލުތައް މުގުރަމުން އެންމެހާ ލާދީނީ ޢަމަލުތަކާއި
މުންކަރާތްތައް ފަތުރާ ޢާންމު ކުރެވޭނެ ގޮތަށެވެ.
ވަރަށް ޚާއްޞަ އިސްކަމެއްދީގެން އެފަދަ ހަރަކާތްތައް ހިންގަމުން ދަނީ
ސްކޫލު މަދަރުސާ ތަކުގައެވެ. ދިވެހި ޅަދަރިންގެ ފިކުރާއި ވިސްނުން
މަޖަލާއި ކުޅިވަރުގެ ތެރެއަށް ޣަރަޤު ކުރުވަމުންނެވެ. ދިރިއުޅުމަކީ
މަތިވެރި މަގުޞަދެއް ނެތް އެއްޗެއްކަމުގެ މެސެޖު ދެމުންނެވެ. ޤައުމީ
ލޯތްބާއި، ޤައުމީ ޖޯޝާއި، ޤައުމީ ރޫޙް އާލާ ކުރުމުގެ ނަމުގައެވެ.
ޤައުމުދެކެ ހަޤީޤީ ލޯތްބެއްވާނަމަ، ފަހެ ހަޤީޤީ ލޮލަކުން ޤައުމުގެ
ޙާލަތަށް ނަޒަރު ހިންގާލައްވާށެވެ. ޙަޤީޤީ ޝުޢޫރުތަކެއް ހިތުގައި
ހިނގާނަމަ ތެދުވެރި ޟަމީރަކުން ޤައުމުގެ ޙާލާތާއި މެދު ވިސްނާ
ފިކުރުކޮށް ބަލާށެވެ. އެއަށްފަހު ބުނެބަލާށެވެ. މިޤައުމުގެ ހާލަތު
އޮތީ އުފާކޮށް، ނަށާ، ލަވަކިޔުން ޙައްޤު ޙާލަތެއްގައި ހެއްޔެވެ.
ޒުވާނުންގެ ތެރެއިން ބޮޑު އާބާދީއެއް އޮތީ މަސްތީ ވަބާގައި
ނިދާފައެވެ. މާރާމާރީއާއި ތަޅާފޮޅުންވަނީ ވިސްނުމަށްވެސް ގެންނަން
ދަތި ހިސާބަކަށް ގޮސްފައެވެ. މީސްތަކުންގެ ފުރާނައާއި ގެދޮރާއި
މުދަލުގެ ޙުރުމަތް ދަނީ ޖެހިލުމެއް ބިރެއްނެތި ކަނޑަމުންނެވެ.
ވައްކަން ކުރުމާއި ރިޝްވަތު ވަނީ ޢާންމު ވެފައެވެ. ދެންވެސް ހަމަ
ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ނަމުގައި މިއުޒިކު ޖަހައި ނަށަންވީ
ހެއްޔެވެ؟
ދެޖިންސުގެ އެދުންވެރިކަމުގެ ޝަހުވަތު ފުއްދުމުގައި ހަމައެއް
ލަމައެއް ނެތެވެ. ޅަދަރިންގެ ޢިއްފަތް ދަނީ ލޫޓުވަމުންނެވެ.
މިނިވަންކަމުގެ ނަމުގައި ދިވެހި އަންހެނުންވަނީ ވަހުޝީ ބައެއްގެ
ލޮލާއި ހިތުގެ ފިނިކަމަށް ބޭނުންކުރާ ޖިންސީ ސާމާނުތަކަކަށް
ހަދާފައެވެ. މިކަންތައްތައް ދެންވެސް ފާހަގަކުރަންވީ ފެޝަން ޝޯތަކެއް
ބާއްވައިގެން ހެއްޔެވެ؟
ހިތާމަހުއްޓެވެ. މީވެސް ހަމަ ޤައުމުދެކެ ލޯބިވާވަރުން ޤައުމީ ޖޯޝާއި
ފޯރި އާވެ އާލާވެ ފުރި އުތުރޭވަރުން ހަމަނިދި ނައިސްގެން އުޅޭ ބަޔަކު
އިސްނަގައިގެން ހިންގާ ޙަރަކާތްތަކެކެވެ. އެހެނެއްނޫނެވެ.
އެބައިމީހުންނަކީ ޤައުމުގެ ހަލާކަށް ގޮވާލާ ހިތްވަރުދޭ މީހުންނެވެ.
ޤައުމުގެ އެންމެ އަފުރާދަކުވެސް ހަމަ މަގުން ކެހިގޮސް މަގުއޮޅިފައިވާ
ޙާލު، ޤައުމުގެ ހަމަ އެންމެ ރައްޔިތަކަށްވެސް ނުހައްޤުން
އަނިޔާދެވެމުންދާ ހިނދު، ޤައުމީ ލޯބި އާލާކުރުމުގެ ނަމުގައި
ނާޗަރަންގީ ކުޅޭނީ ކޮން ހަމަޔަކުން ހެއްޔެވެ؟ އިސްލާމީ ވަޙުދަތު
ޙިމާޔަތްކުރުމުގެ ނަމުގައި، ޤައުމީ ރޫޙު އާލާކުރުމުގެ ނަމުގައި
މިއުޒިކާއި، ނެށުމާއި، ފާޑުފާޑުގެ ޝޯތަކުން ވަގުތު ބޭކާރު ކޮށް
ފާހިޝް ޢަމަލުތައް މުޖުތަމަޢުގައި ފަތުރާނީ ކަނޑައެޅިގެން
އިސްލާމްދީނާއި ދިވެހި ޤައުމުގެ ޢަދުއްވުންނެވެ. އެބައިމީހުންނަކީ
ދިވެހިޤައުމަށް ހެޔޮއެދޭކަމުގެ ފޭރާން ބޭރުފުށުން ލައިގެން ތިބި
ޚިޔާނާތްތެރީންނެވެ.
އޭ ލޮބުވެތި އަޚުންނާއި އުޙުތުންނޭވެ! މިއަދު އަޅުގަނޑުމެންވީ
މިޤައުމު ވައްޓާލާފައިވާ އަނދިރި ވަޅުގަނޑުން ނަގައި އަމާން
އައްސޭރިއަކާއި ހަމަޔަށް ގެންދެވޭތޯ ފިސާރި ކެރިގެން ތެދުވެ
ހެޔޮގޮތުގައި މަސައްކަތް ކުރާށެވެ. މާތްވެގެންވާ އިސްލާމްދީނުގެ
މަތިވެރި އުޞޫލުތައް ފަތުރައި، ހެޔޮކަންކަމަށް ވާގިވެރިވެ
މުންކަރާތްތަކާއި ފާހިޝް ކަންކަމުން ތިމާ ދުރުވެގެންވާ ޙާލު
އެހެނިހެން މީސްތަކުންވެސް ދުރުކުރަން މަސައްކަތް ކުރާށެވެ.
ޝައިޠާނާގެ އެކުވެރީން ކަމުގައިނުވެ ދީނާއި ޤައުމަށް ހެޔޮހިތަކުން
ހެޔޮއެދޭ ބަޔަކު ކަމުގައި ވުމަށެވެ. ތިމާގެ އަމިއްލަ ނަފުސުގެ
ހައްޤުގައެވެ. ތިމާ ދިރިއުޅޭ މުޖުތަމައުގެ ހައްޤުގައެވެ. މިޤައުމުގެ
ހައްޤުގައެވެ. އަދި ކިއެއްތަ މުޅި އުއްމަތުގެވެސް ހައްޤުގައެވެ.
|