|
ސަލަފްއިން ރޭގައި ވަރަށް ފުރިހަމަ ދަރުސްއެއް ބާއްވައިފިއެވެ.
14 މާރޗް 2008
ޖަމްޢިއްޔަތުއް ސަލަފްއިން އިންތިޒާމް ކޮށްގެން ބާއްވަން
ހަމަޖައްސާފައިވާ ދަރުސްތަކުގެ ތެރެއިން،
13 މާރޗް 2008ވަނަ ދުވަހުގެ ރޭ
އޮތް
ޖަލްސާ، ﷲ
ތަޢާލާގެ މިންވަރުފުޅާއިއެކު ވަރަށް ފުރިހަމަކަމާއި އެކު
ބޭއްވިއްޖެއެވެ. ދަރުސްގެ މައުޟޫޢަކީ
"أمّا
بعد
–
އެއަށްފަހު ދަންނާށެވެ"، މިއެވެ. ދަރުސް ދެއްވެވީ ފަޟީލަތުއް
ޝައިޚުލް އުސްތާޛް މުޙައްމަދު ނަޝީދު އާދަމް އެވެ. ޝައިޚް މުޙައްމަދު
ނަޝީދު އާދަމްއަކީ
ކުއްލިއްޔަތުއް ޝަރީޢާގެ (ފެކަލްޓީ އޮފް ޝަރީޢާގެ) ލެކްޗަރަރ
އެއްވެސް މެއެވެ. ކިޔަވާ ވިދާޅުވީ މިސްރުގެ ޖާމިޢަތުލް
އަޒްހަރުންނާއި، މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއިންނެވެ.
އެރޭގެ
ދަރުސްގައި
ޝެއިޚްވަނީ ދީނުގެ ޙުކުމްފުޅުތައް އޮޅުވާލަން އުޅޭ މީހުންނަށް،
ޤުރުއާނާއި ސުންނަތުގެ އަލީގައި ވަރަށް ފުރިހަމަ ޢިލްމީ ރައްދުތައް
ދެއްވާފައެވެ.
ދަރުސްގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ ތިރީގައިމިވާ
އިމާމް ބުޚާރީ ރިވާ ކުރައްވާފައިވާ ޙަދީޘްފުޅުގެ މައްޗަށެވެ.
"لَيَكُوْنَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّوْنَ الْحِرَ
وَالْحَرِيْرَ وَالْخَمْرَ وَالْمَعَازِفَ
"
(رواه
البخاري)
"ހަމަކަށަވަރުން ތިމަން ރަސޫލާގެ އުންމަތުގެ ތެރެއިން ފަރުޖާއި
(ޒިނޭއާއި)،
ފަށުތްވާއި، ބަނގުރަލާއި އަދި މިއުޒިކް ހުއްދަކުރާނޭ ބަޔަކު ވާނޭކަން
ކަށަވަރެވެ."
ކޮންމެއަކަސް މިދަރުސްއަކީ
މިހާރަކަށް އައިސް ބަޔަކު މީހުން ދީނުގެ ޙުކުމްފުޅުތައް
މީސްތަކުންނަށް އޮޅުވާލުމަށްޓަކައި ދައްކަމުން ދިޔަ އެތައް
ވާހަކަތަކެއް އަޑު އެހުމަށްފަހު، އެއަށް ފުރިހަމަ ރައްދެއް ދިނުމަށް
ބޭއްވޭ ދަރުސްއެއް
ކަމުގައި، ދަރުސް ހުށައަޅުއްވައި ދެއްވެވި އަލް އަޚް ޢަބްދުއްސަލާމް
ދާވޫދް ވިދާޅުވިއެވެ. މިދަރުސްވަނީ ލައިވްކޮށް ދިއެފްއެމް ރޭޑިއޯއިން
ފޮނުވައި، އަދި އިންޓަނެޓުން ލައިވްކޮށް ވެބްކާސްޓްވެސް
ކުރެވިފައެވެ.
އަޅުގަނޑުގެ ހިތައް އަރަނީ މިއުޒިކާއި ލަވައާއި ޙުއްދަ ކުރާ މީހުން،
އެކަން ޙަރާމްކަމަށް އެއްވެސް ދަލީލެއް ނެތޭ ބުނާއިރު، މަތީގައި
ބަޔާންވެފައި އެވާ ބުޚާރީގެ ޙަދީޘްފުޅުވެސް ނުދަންނަނީ ބާވައެވެ.
ކޮންމެއަކަސް ޝެއިޚުވެސް ދަރުސްގައި ވިދާޅުވެފައިވަނީ، އެވާހަކަ
އެދައްކާ މީހަކު ދަންނަކަމަށާއި އަދި އެމީހަކު ކުތުބުއް ސިއްތައިގެ
(މަޝްހޫރު ހަ ޙަދީޘް ފޮތް ކަމުގައިވާ: ބުޚާރީ، މުސްލިމް، އަބޫ
ދާވޫދް، ތިރިމިޛީ، ނަސާއީ، އަދި އިބްނު މާޖާ)
އެންމެ ފޮތެއްވެސް
އެކީގައި ކިޔާފައިވެސް
ނުވާނެ ކަމުގައެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ދަރުސްއަށް ދިވެހި
ފުލުހުން
ހުރަސްއަޅައި ބިރު ދައްކައި އެރޭގެ ދަރުސް ހުއްޓުވާލި ނަމަވެސް
13 ވަނަ ދުވަހުގެ
ރޭގެ
ދަރުސްއަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ޙާޒިރުވެފައެވެ.
ދަރުސް އަޑު އެހުމަށްޓަކައި އިށީންނާނެ ގޮނޑިތައް ފުރިގެން
ކޮޅަށްވެސް އެތައް ބަޔަކު ތިއްބެވެ. ކޮންމެއަކަސް ރޭގެ ދަރުސް
ނިމިގެން ދިޔައީ ތަކްބީރުގެ އަޑުން (الله
أكبر
އިން) މުޅިތަން ގުގުމާލައްވަމުންނެވެ. ފަހެ އެންމެހައި ޝުކުރަކާއި
ތަޢުރީފެއް ޙައްޤުވަނީ ގަދަ ކީރިތިވަންތަ ﷲ ތަޢާލާއަށެވެ. ރޭގެ
ދަރުސްއެކޭ އެއްފަދައިން މިމަހުގެ 15 ވަނަ ދުވަހުގެ ރޭވެސް
މިސިލްސިލާ ދަރުސްތަކުގެ އިތުރު ދަރުސްއެއް، ދަރުބާރުގޭގައި
އޮންނާނެކަމަށް ޖަމްޢިއްޔަތުއް ސަލަފްއިންވަނީ ޔަޤީންކޮށްދީފައެވެ.
ޖަމްޢިއްޔަތުއް ސަލަފަށް އަޅުގަނޑުމެން ގޮވާލަނީ، ދީނުގެ
ޙުކުމްފުޅުތައް އޮޅުވާލަން ވާހަކަދައްކާ މީހުންނަށް ދަޢުވަތު ދީގެން،
ދީނީ މުނާޟަރާތްތައް (ދީނީ ބަހުސްތައް މިގޮތަށް ލައިވްކޮށް) ބާއްވާ
އެފަދަ މީހުން ދީނާއިމެދު އެހަދާ ދޮގުތައް މީސްތަކުންނަށް
ބަޔާންކޮށްދިނުމަށެވެ.
މިޖަމްޢިއްޔާއާއި އަދި އެނޫން ފަރާތްތަކުންވެސް،
ދީނަށް ގޮވާލައި ޙައްޤު ބަސް ބަޔާންކޮށްދިނުމަށްޓަކައި އެކުރައްވަވާ
މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާ ކާމިޔާބު ދެއްވާށިއެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ
الْبَاطِلَ كَانَ زَهُوقاً"
(الاسراء:81)
"އަދި ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ޙައްޤު ގޮތް
އަތުވެއްޖެއެވެ. އަތި ބާޠިލް ގޮތް ނެތި ހިނގައްޖެއެވެ.
ހަމަކަށަވަރުން ބާޠިލަކީ ނެތި ފަނާވެދާނޭ އެއްޗެކެވެ." |