|
ކީރިތި
ޤުރުއާނުގެ ދިވެހި ތަރުޖަމާކޮށްފައިވާ މަދު ބޭފުޅުންގެ ތެރޭގައި
الشيخ
أبو بكر إبراهيم علي (ބަކުރުބެ)،
ހިމެނޭ.
11
ربيع الأول 1429هـ
(19 މާރޗް
2008)

މީގެ ފަންސާހަކަށް އަހަރު ކުރިއަށް ޖެހިލާއިރު، ދިވެހިރާއްޖޭގައި
ދީނުގެ ޢިލްމު އުނގެނިގެން ތިއްބެވި ޝެއިޚުންނާއި ޢަރަބި ބަސް
ކިޔަވައިގެން ތިއްބެވި ބޭފުޅުން، އެހާ ގިނަކަމަށް ފެންނާކަށް ނެތެވެ.
އެހެންނަމަވެސް އޭގެ ފަހުން ދެން އަޅުގަނޑުމެން ރާއްޖޭގައި ދީނުގެ
ޢިލްމާއި އަދި ޢަރަބި ބަސް އުނގެނެމުން ދިޔަ ބޭފުޅުންގެ ޢަދަދު
ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކޮންމެއަކަސް މިއަދު،
އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތަށް ބަލާއިރު ޢަރަބި ބަހާއި ދީނުގެ
ޢިލްމު ޙާޞިލްކޮށްގެން ތިއްބެވި ބޭފުޅުން ވަރަށް ބައިވަރު އެބަ
ތިއްބެވިއެވެ.
އެހެންނަމަވެސް ދީނީ ފޮތްތައް ލިޔުއްވުމާއި، އަދި އަރަބި
ފޮތްފޮތުގެ ތަރުޖަމާ ކުރެވިފައިވަނީ ވަރަށްވެސް މަދުންނެވެ. މިކަން
މިއަދު އަޅުގަނޑުމެންގެ ރާއްޖެއިން ލިބެން ހުރި ދީނީ ފޮތްތަކުގެ
ޢަދަދަށް ބަލާލުމުންވެސް އެނގިދެއެވެ. އަދި ވަކީން ޚާއްޞަކޮށް
މިހާރުގެ ގިނަ ޢިލްމުވެރީން، ދީނީ މަޟޫޢުތަކަށް ލިޔެފައިވާ ފޮތްތައް
ވަރަށްވެސް މަދެވެ. އޭގެ އެތައް ސަބަބުތަކެއް ހުރުންވެސް
އެކަށީގެންވެއެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކުރީގެ ގިނަ
ޢިލްމުވެރިންނާއި ޚިލާފަށް މިހާރުގެ ގިނަ ޢިލްމުވެރިން ފޮތްތައް
ލިޔުއްވުމަށް މާބޮޑު ސަމާލުކަމެއް ދެއްވާފައި
ނެތްކަމެވެ.
ކޮންމެއަކަސް އަޅުގަނޑުމެން ރާއްޖެ އިސްލާމްވިތާ އެތައް އަހަރެއް
ފާއިތުވެގެން ގޮސްފައިވާ އިރުވެސް، މިއަދާއި ހިސާބަށް
އަޅުގަނޑުމެންނަށް، ﷲ ތަޢާލާގެ ކީރިތި މޫރިތި އާޔަތްތައް ހިމެނޭ
ކީރިތި ޤުރުއާނުގެ ފުރިހަމަ ދިވެހި ތަރުޖަމާއެއް ލިބިފައެއް
ނުވެއެވެ. ރާއްޖޭގެ ތާރީޚްގެ ތެރެއަށް ނަޒަރު ހިންގާލާއިރުވެސް،
މިމަސައްކަތް ކުރައްވާފައިވަނީ ވަރަށް މަދު ބޭކަލުންކޮޅެއްކަން
އެނގެއެވެ. މިވާހަކަ، މުޙައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ
ސޫރަތުލް ބަޤަރާގެ ތަފްސީރު ފޮތް
"بيان"
ގައި، 'ޗާޕްކުރި ފަރާތުގެ ބަޔާނުގައި ނޮވެލްޓީ ޕްރިންޓަރސްގެ ވެރިޔާ،
ޢަލްފާޟިލް ޢަލީ ހުސައިން ބަޔާންކުރައްވާފައިވެއެވެ. މިގޮތުން
މިހާތަނަށް ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކުރެއްވި ކަމަށް
ބަޔާން ކުރައްވާފައިވަނީ، ފަސް ވަރަކަށް ފަރާތުންނެވެ.
މިގޮތުން އެފޮތުގައި އެންމެ ފުރަތަމަ
ދިވެހި ބިމުގައި
ދިވެހި ތަރުޖަމާއެއް ކުރެއްވި ބޭފުޅެއްކަމަށް
ބަޔާން ކުރައްވާފައިވަނީ ޝެއިޚް އަބޫބަކުރު އިބްރާހީމް ޢަލީ
ކަމުގައެވެ.
އަދި
ހަމައެހެންމެ
އެންމެ ފުރަތަމަ ދިވެހި ބަހުން ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް
ލިޔުއްވި ބޭފުޅަކީ އަލް މަރްޙޫމް މަލިންގޭ ޙުސައިން ދީދީއެވެ. އެއީ
މީގެ ފަންސާސް އަހަރު ކުރިން އިންޑިޔާގައި ހުންނަވައިގެން
ކުރައްވާފައިވާ ތަރުޖަމާއެކެވެ. ދެން ސ.ހިތަދޫ ޙުސައިން ރަހާވެސް
ކީރިތި ޤުރުއާނުގެ ތަރުޖަމާ ސޫރަތުލް ޤަޞަޞްއާއި ޙިސާބަށް
ކުރެއްވެވިއެވެ. އެތަރުޖަމާގެ ނުނިމި އޮތްބައި ނިންމެވިކަމަށްވަނީ
އެބޭފުޅާގެ ދަރިވަރެއް ކަމުގައި ބަޔާން
ކުރައްވާފައިވެއެވެ. ދެން އޭގައި ބަޔާން ކުރައްވާފައިވަނީ ރައީސް
އިބްރާހިމް ނާޞިރުގެ ވެރިކަމުގައި ކުރެއްވެވި ތަރުޖަމާގެ ވާހަކައާއި،
އަދި މިހާރުގެ ސަރުކާރުން ކުރައްވާފައިވާ ދިވެހި ތަރުޖަމާގެ
ވާހަކައެވެ. ދެން އޭގެ އިތުރުން ކީރިތި ޤުރުއާން ދިވެހި ބަހަށް
ތަރުޖަމާކޮށްދެއްވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެވި
ބޭފުޅުންގެ ތެރޭގައި އަލް މަރްޙޫމް ޝެއިޚް ޙުސައިން ޞަލާޙުއްދީން،
އަލް މަރްޙޫމް ޢަބްދުﷲ ފަހްމީ ދީދީ، އަލް މަރްޙޫމް ޝެއިޚް މުޙައްމަދު
ޖަމީލް ދީދީ، އަދި އަލް މަރްޙޫމް ޙާފިޒް އާދަމް ސަޢީދުގެ ވާހަކަ ބަޔާން
ކުރައްވާފައިވެއެވެ.
ތިރީގައި މިވަނީ ޝެއިޚް އަބޫބަކުރު އިބްރާހީމް ޢަލީގެ ލިޔުއްވެވި
ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ވާހަކަ ބަޔާންކުރައްވައި،
ޢަލްފާޟިލް ޢަލީ ޙުސައިން،
"بيان"
ގައި ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

(ޝެއިޚް މުޙައްމަދު ޖަމީލްދީދީގެ
"بيان"
ތަފްސީރު ފޮތުގެ، ޗާޕްކުރި ފަރާތުގެ ބަޔާން އެކީގައި ކިޔުއްވުމަށް
މިލިޔުންކޮޅަށް ފިއްތަވާ ލައްވާ)
އަލްފާޟިލް ޢަލީ ޙުސައިން ބަޔާން ކުރައްވާފައިވާ ގޮތުގައި،
ޝެއިޚް އަބޫބަކުރު އިބްރާހީމް ޢަލީ ކުރެއްވެވި ދިވެހި ތަރުޖަމާ
ޗާޕްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދަނީއެވެ. ކޮންމެއަކަސް
މިހާރު ދިވެހި ބިމުގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ތެރެއިން
ޝެއިޚް އަބޫބަކުރު އިބްރާހީމް ޢަލީއަކީ، ދިވެހި ލޮބުވެތި މުސްލިމް
އަޚުންނާއި އުޚްތުންނަށް ވަރަށް ފައިދާ ކުރަނިވި އެތައް އެއްޗެއް
ލިޔުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ،
ޝެއިޚް ލިޔުއްވާފައިވާ ތައުޙީދު ފޮތެއް ކަމުގައިވާ "دُرُوسٌ من التَوحِيد
– ތައުޙީދުގެ ފިލާވަޅުތައް" މިފޮތެވެ. އަދި މިނޫނަސް ޝެއިޚްވަނީ
އެތައް ފޮތެއް ލިޔުއްވަވައި ތަރުޖަމާ ކުރައްވާފައެވެ، ޝެއިޚްގެ
ބައެއް ލިޔުންތައް، އަޅުގަނޑުމެން މިދަނީ މިސައިޓުގައިވެސް ޝާޢިއު
ކުރަމުންނެވެ. ކޮންމެއަކަސް ދިވެހި ލޮބުވެތި ރައްޔިތުންނަށް
މިފޮތްތައް ފެންނަންނެތީ، ފޮތްތައް ފާސްކުރެވިފައި ނުވާތީއެވެ.
އެހެންކަމުން މިހާރު ޝެއިޚްގެ ބައެއް ފޮތްތައް ވަނީ ފާސް
ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާއި މަތީ މަޖިލީހަށްވެސް
ހުށާހަޅާފައެވެ.
ﷲގެ އިރާދަފުޅާއި އެކު އަދި އެހެން ފަހަރަކުން، ޝެއިޚް ލިޔުއްވައި
އަދި ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތަފްޞީލުތައް
ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ބުނާ ޙާލު
ވަކިވެލަމެވެ.
وبالله التوفيق.
މިސައިޓުގައި ޝާޢިއު ކުރެވިފައިވާ
الشيخ
أبو بكر إبراهيم علي (ބަކުރުބެ)ގެ
ފޮތް:
-
ފިރިހެނުންނާއި އަންހެނުން
ހަމަހަމައެއް ނުވާނެ
!
|