|
ރަބީޢުލް އައްވަލް 12 ވަނަ ދުވަސް ފާހަގަ ކުރާއިރު،
އިސްލާމީ ގައުމުތަކުގެ ވެރިން ކީރިތި ރަސޫލާ މިޘާލަކަށް
ބަލައިގަތްތަ؟
މުޙައްމަދު ވަޙީދު ނަދްވީ
ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް އެކިދުވަސްވަރު އެކިޤައުމުގެ
ޢިލްމްވެރިން ވަނީ ލިޔެފައެވެ. ޢަރަބީންނާއި ޢަރަބީން ނޫން
ބޭކަލުންނެވެ. ހުޅަގުގެ އޮރިއެންޓަލިސްޓުންވެސް މެއެވެ. މިޒަމާނުގެ
ވަރަށް ގިނަ ޢިލްމްވެރިންވެސް ކީރިތި ރަސޫލާގެ ސިޔަރަތުގެ މައްޗަށް
ފޮތްލިޔުއްވިއެވެ. އިތުރު އެކަލޭގެ ފާނުގެ މިސާލީ ޙަޔާތްޕުޅާ އަދި
އެކަލޭގެފާނުގެ މިޝަންގެ އެކިކޮޅުކޮޅު އުސްކޮށް އަލިކޮށް ފޮތް
ލިޔުއްވާފައިވެސް އެބަހުއްޓެވެ. އަދި އެކަލޭގެފާނު ކުރެއްވި
ހަނގުރާމަ ތަކުގެ އަސްކަރީ އުކުޅުތައް ހާމަކޮށް ވެސް ފޮތް
ލިޔުއްވާފައިވެސް ވެއެވެ.
ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް ފޮތްލިއުމުގެ މުބާރާތެއްވެސް
ސަޢޫދީ އަރަބިއްޔާގެ ރާބިޠަތުލް އާލަމުލް އިސްލާމީ ފަރާތުން ވަނީ
ބާއްވާފައެވެ. އެއްވަނަ އަށް ހޮވޭ ފޮތަކަށް 50 ހާސް ރިޔާލު ދެވަނަ
އަށް 40 ހާސް ރިޔާލު ތިންވަނަ 30 ހާސް ރިޔާލު ކަނޑައެޅިއެވެ.
މިގޮތުން އެންމެ ފަސްފޮތަށް އިނާމުކަނޑައެޅިއެވެ. މިމުބާރާތުން
އެއްވަނަ ހޮވުނީ ހިންދުސްތާސުގެ ދަންނަ ބޭކަލެއް ކަމަށްވާ ފަޟީލަތުއް
ޝައިޚު މުބާރަކު ޕުރީ (2491 - 6002) އަރަބި ބަހުން ލިއުއްވި“
އައްރަޙީޤުލް މަޚްތޫމު“ އެވެ. ދެވަނަ އަށް އައީވެސް ހިންދުސްތާނުގެ
އިސްލާމީ ސްކޯލަރަކު އިގިރޭސި ބަހުން ލިޔުއްވި ފޮތެކެވެ. އެއީ ޖާމިޢާ
މިއްލިއްޔާ އިސްލާމިއްޔާ (ނެޝަނަލް އިސްލާމިކް ޔުނިވަރސިޓީ) ގެ
އިސްލާމިކް އެންޑް އެރެބް - އީރާނިއަން ސްޓަޑީޒް ޑިޕާޓްމަންޓްގެ
ޕްރޮފެސަރ ޑރ. މާޖީދު ޢަލީ ޚާން ލިޔުއްވި މުޙައްމަދު ފައިނަލް
މެސެންޖަރ - މިފޮތެވެ. ޑރ. މާޖިދު އަލީ ޚާންވަނީ،
އަލީ ގަޅު މުސްލިމު ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސްގެ ޑިގްރީ
ނެންގެވުމަށް ފަހު އެޔުނިވަރސިޓީގެ ފެކަލްޓީ އޮފް ތިއޯލޮޖީން
އެމް.އެމް.އޭ އާއި ޑޮކްޓަރޭޓް ނަންގަވާފައެވެ. އަދި އޭނަ ވަނީ
މިހުރިހާ ޑިގްރީއެއްގެ ކުރިން - މީރަޓްގައި ހުންނަ ދީނީ ތަޢުލީމް ދޭ
ކްލާސިކަލް އިންސްޓިޓިއުޓަކުން ދީނީ ތަޢުލީމު ހޯއްދަވައި ގްރޭޖްއޭޓް
ވެވަޑައިގެންފައެވެ.
ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް މިހާތަނަށް އެއްވެސް ބަހަކުން
ލިޔެވުނު އެންމެ ފުރިހަމަ އެކަޑަމިކް ފޮތަކީ ހިންދުސްތާނުގެ
އައްލާމާޝިބްލީނު އުމާނީ އުރުދޫ ބަހުން ލިއުއްވި ސީރަތުއްނާބި“ އެވެ.
މީ 6 ވޮލިއުމްގެ ފޮތެކެވެ. މީ ސީރަތުގެ މައްޗަށް ލިޔެވިފައިވާ
އިންސައިކްލޯ ޕީޑިޔާއެކެވެ. މިފޮތުގެ ފުރަތަމަ ދެވޮލިއުމް ލިޔުއްވީ
އައްލާމާ ޝިބްލީއެވެ. ބާކީ އޭނަ އަވަހާރަވުމުން ލިއުއްވީ އޭނަގެ
ދަރިވަރު އައްލާމާ ސައްޔިދު ސުލައިމާނު ނަދްވީއެވެ.
ކީރިތި ރަސޫލާގެ ޙަޔާތްޕުޅާއި އެކަލޭގެފާނުގެ މިޝަނަކީ ޤުދްވާއެކެވެ.
އިގްޒެމްޕްލަރީ މިސާލެކެވެ. އިސްލާމުން ބަބުރު މަންޖެއިން ފެށިގެން
އެންމެ މަތީ ވެރިޔާޔާ ހަމައަށް - އެންމެން އެއަށް ތަބާވެ ފޮލޯ
ކުރަންޖެހޭ އެއްޗެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅާއި މިޝަންގައި
ހިމެނޭ ޤިޔަމް“ (ވެލިއު) ތަކަކީ ޒަމާން ބަދަލުވުމަކުން ދުނިޔެ
ތަރައްޤީވުމަކުން އައުޓް އޮފް ޑޭޓް ވާ އެއްޗެއް ނޫނެވެ.
އަބުރު އޮތް މީހުންގެ އަބުރާ ބެހުމާއި އައުގުރާނަ ގޮވުން ކީރިތި
ރަސޫލާ މަނާ ކުރެއްވި ފަދައިން މީހުންނަށް އަނިޔާކުރުމާއި ޢަދުލު
އިންސާފުކުރުމުގައި ތަފާތު ކުރުންވެސް ކީރިތި ރަސޫލާ
މަނާކުރެއްވިއެވެ. ތިމާގެ ފުޅުބޭފުޅުންނަށް ވަކިގޮތެއް އިތުރު
އެކަލޭގެފާނު ނަހައްދަވައެވެ. ”ތިމަން ކަލޭފާނުންގެ ދަރިކަބަލުން
ފާތުމަތުގެފާނު ވައްކަން ކުރެއްވިޔަސް އަތްޕުޅު ކަނޑުއްވާނަމޭ“
ވިދާޅުވިއެވެ. މީ މިހާރުގެ ވެރިންހެން ހަމައެކަނި ވިދާޅުވާ
ވިދާޅުވުމެއްނޫނެވެ. އިންސާފުގައި ތަފާތު ނުކުރުމުގެ މިއަށްވުރެ
މަތިވެރި މިސާލެއް މީހަކަށް ދެއްކި ދާނެ ހެއްޔެވެ؟
ނަމާދުގައި - އިމާމުވެ ނަމާދުފުޅު ކުރައްވަން ވެގެން ބޮންތި ކޮޅަކުން
ސަފުތައް ސީދާކުރައްވަމުން ވަޑައިގަތް އިރު ސަފު ތަންކޮޅެއް ބޭރަށް
ނުކުންނަވައި ހުންނެވީ ބޭކަލެއްގެ ބަޑުފުޅުގައި ބޮންތިކޮޅުން
މަޑުމަޑުން ޖައްސަވާލެއްވިއެވެ. ސަފާހަމަހަމަވެ ވަޑައިގަތުމަށް
ކުރެއްވި ކަމެއްގެ ގޮތުންނެވެ. އެވަގުތު އެބޭކަލަކު ވިދާޅުވިއެވެ.
ކަލޭގެފާނު އަޅުގަނޑުގެ ބަނޑަށް ތަދުކުރައްވައިފިއެވެ. އެހެން
އެބޭކަލަކު ހަމަ ވިދާޅުވުމުން އެބޮންތިކޮޅު އެބޭކަލެއްގެ އަތްޕުޅަށް
ދެއްވައިފައި އިތުރު އެކަލޭގެފާނުގެ ބަޑުފުޅު ކަޝްފުކުރެއްވިއެވެ.
އަދި ވިދާޅުވިއެވެ. މިބޮންތިން ތިމަންކަލޭގެފާނުގެ ބަޑުފުޅުގައި
ޖަހާށެވެ. - ޢަދުލު އިންސާފު ދެކިބަލާށެވެ. ދައުލަތެއް އުފެއްދުމުގެ
ކުރިން ކަމަށްވިޔަސް ފަހުން ކަމަށްވިޔަސް މިއުއްމަތެއްގެ ޢަމަލުފުޅު
ހުރި ގޮތެވެ.
އިސްލާމީ ތާރީޚުގައި ”ބައިތުލް މާލު“ އެއް (ޕަބްލިކް ޓްރެޒަރީ)
ފުރަތަމަ އުފެދުނީ މަދީނާގަ އެވެ. ފަގީރު މުސްލިމުންނާއި ސުންޕާގަ
ތިއްބަވާ ބޭކަލުން ވެސް ބެލެހެއްޓެވީ މިއިންނެވެ. ޤައުމުގެ ޚަޒާނާ
އިން ލޯލާރި އެއްވެސް ނަހަމައިން އަމިއްލަފުޅަށް ނުވަތަ ތިމާގެފުޅު
ބޭފުޅުންނަށް ނުވަތަ ރައްޓެހިފުޅު ބޭފުޅުންނަށް ހޭދަކުރައްވާފައެއް
ނެތެވެ. މިހާރުގެ އިސްލާމީ ޤައުމުތަކުގެ ވެރިންގެ ކަންތައް ހުރީ
މިހެންތޯއެވެ؟ މިކަމުގައި ކީރިތި ރަސޫލާ ކޮބައިތޯއެވެ؟
އަދު އިސްލާމީ ޤައުމުތަކުގެ ވެރިން އެކަލޭގެފާނުގެ އުފަންދުވަސް
ބަންދު ދުވަހަކަށް ހަދައި އެދުވަސް ފާހަގަކުރާއިރު އެކަލޭގެފާނުގެ
ޙަޔާތްޕުޅަށް އެބޭފުޅުން ތަބާވެ ވަޑައިގަނޭތޯއެވެ؟ އެކަލޭގެފާނުގެ
ޙަޔާތްޕުޅާ މިޝަންގެ ގިޔަމްތައް އެބޭފުޅުންގެ ޤައުމުގެ
މުޖްތަމަޢުގައި ތަދްބީގު ކުރައްވާތޯއެވެ؟ ރައްޔިތުންގެ ޙައްޤެއް
ކަމަށްވާ ޤައުމުގެ ހަޒާނާއިން ތިމާއަށާއި ތިމާގެ މަސްލަހަތާ
ގުޅިފައިވާ ފަރާތްތަކަށް ކުޑަވެސް ޖެހިލުމެއްނެތި ބޭނުން ވަރަކަށް
ހަރަދުކުރަމުން ދާއިރު ކީރިތި ރަސޫލާގެ މަތިން ހަނދުމަފުޅު
ވޭބާވައެވެ؟ މިކަންކަމުގައި ކީރިތި ރަސޫލާޔާ ތަބާވާކަށް
ނުޖެހޭނެބާވައެވެ؟
ކީރިތި ރަސޫލާ ޤަވާޢިދު ކަނޑައަޅުއްވައި އެއަށް ޢަމަލުކުރެއްވިއެވެ.
އެކަން މުޖްތަމަޢުގައި ތަންފީޒު ކުރެއްވިއެވެ. ތިމަން ކަލޭގެފާނުގެ
ކަމަކީ ރަނގަޅު ނުބައި ވިދާޅުވެ ދެއްވުމޭ ޢުޤޫބާތް ދެއްވުމެއްނޫނޭ
ވިދާޅެއްނުވެއެވެ. ކަލޭމެން އިސްލާހުވާށޭ, ތިމަން ކަލޭގެފާނު މިއޮތީ
ރަނގަޅުމަގު ދައްކާފައޭ ވިދާޅުވެފަ ހުންނެވީކީނޫނެވެ. މުޖްތަމަޢު
އިސްލާހު ކުރައްވަން ޤާނޫނާއި ޤަވާޢިދު ތަންފީޒު ކުރެއްވިއެވެ.
އިތުރު އެކަލޭގެފާނު އަމިއްލަ ފުޅު މަސްލަހަތަށް - މިޒަމާނުގެ
ޢިބާރާތުން ނަމަ ސިޔާސީ ބޭނުންފުޅަކަށް ދުވަހަކުވެސް ކަމެއް
ނުކުރައްވައެވެ. ވެރިކަން ދަމަހައްޓަވަން މީހުން މަރުއްވާފައެއް
ނެތެވެ. މިހާރުގެ އިސްލާމީ ޤައުމުތަކުގެ ވެރިން އެހެންތޯއެވެ؟
ޤައުމުގައި އެމީހުންގެ ގަނޑުވަރުތަކެވެ. ޚަޒާނާތައް އޮތީ އެބައެއްގެ
ޢާއިލާގެ ބޭންކް އެކައުންޓް ތަކުގައެވެ.
އަދުގެ އިސްލާމީ ޤައުމުތަކަށް ޖެހިފައި އޮތް ބައްޔަކީ މާއްދީ
އެދުމުގެ ބައްޔެވެ. ދުނިޔެ ބައްކުރުމުގެ ބައްޔެވެ. މިފަދަ
މީހުންނާމެދު އިތުރު އެކަލޭގެފާނު ވިދާޅުވެފައިވަނީ ”އޮއްގަލުން ނޫނީ
އެފަދަ މީހުންގެ ބަނޑެއް ނުފުރޭނެ“ ކަމުގައެވެ.
ކީރިތި ރަސޫލާގެ އުފަންދުވަސް ފާހަގަ ކުޜާނަމަ، އޭގެ ހަގީގީ ބޭނުމަކީ
ތިމާމެންގެ ނަފްސު މުހާސަބާ ކުރުމެވެ. ވެރިންނާއި ރައްޔިތުންނެވެ.
ވެރިން، ތިމާމެނަށް ތިމާމެންގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ގޮތާ މެދު
ވިސްނުމެވެ. ޚުދު އިސްލާޙުވެ އިސްލާހު ކުރުމެވެ. މިހެން ނުވާނަމަ
ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ނަމުގައި އެކުރާ
ކަންތައްތަކުން އޮތީ ކޮން ފައިދާއެއްތޯއެވެ؟ ނުވަތަ ވަނީ
ކޮންކަމެއްތޯއެވެ؟
އިސްލާމްދީން އެއީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅެވެ. އެޙަޔާތްޕުޅުގައި
ތަބާވާން ޖެހެނީ ހަމައެކަނި އެއްބަޔަކަށް ނޫނެވެ. ހަމައެކަނި
އަޚްލާޤީ (މޯރަލް އެތިކްސް) ބަޔަކަށް ނޫނެވެ. އިތުރު އެކަލޭގެފާނަކީ
އުއްމަތެއްގެ ވެރިއެއްވެސް މެއެވެ. އެބައިވެސް އެބައޮތެވެ. ދީނީ
ތަޤްރީރުކޮށް ރައްޔިތުންނަށް ނަސޭޙަތްދޭ މީހުން އެވާހަކަ ނުދައްކަނީ
ކީއްވެތޯއެވެ؟ އެއީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ތެރެއިން ވެރިން
ތަބާވާން ނުޖެހޭ ބައެއްތޯއެވެ؟ ނުވަތަ ދީނީ ތަޤްރީރުގައި އަބަދުވެސް
ނަސޭޙަތްދީ ހަދަންވީ ރައްޔިތުންނަށް އެކަނިތޯއެވެ؟
ނޯޓް:
މިލިޔުމަކީ
ޖަޒީރާ ނޫހުން
ނަގާފައިވާ ލިޔުމެކެވެ. މިލިޔުމުގައިވާ
ބައެއް ތަންތަނަށް ބަދަލު ގެނެވިފައިވާނެއެވެ. މިލިޔުމުގެ އަޞްލު
ބެއްލެވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާ ލައްވާށެވެ.
http://jazeera.com.mv/posts/view/10069
|