މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް އެދުނު އަންހެންކުއްޖާ.
-ނަބީލް-

އަންހެންކުއްޖަކު އޭނާގެ މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް
އެދުނެވެ. އެހިނދު މަންމަ ނުހަނު ލޯތްބާއި ކުލުނާއެކު އެއީ ދީނީ
ގޮތުން ވަރަށް ބޮޑު ޙަރާމްކަމެއްކަމާއި ކިހާވަރެއްގެ ހަޑިމުޑުދާރު
ޢަމަލެއްކަން ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް
އަންހެންކުއްޖާ އޭނާގެ ޚިޔާލު ދޫކުރާ ގޮތެއް ނުވިއެވެ. އެންމެ
ފަހުން މަންމަ ބުނީ ވަކި ޝަރުތެއްގެ މަތީން ހުއްދަދެވިދާނޭ
ކަމުގައެވެ. އެ ޝަރުތަކީ މަންމަ ބުނާ ކަންތައްތަކެއް ކޮށްދިނުން
ކަމުގައި ބުންޏެވެ. ދެން އަންހެންކުއްޖާ ވަރަށް އުފަލުން އެކަމާ
ޤަބޫލުވެ ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރިއެވެ. މަންމަ އެދުނީ
މާދަމާ ހެދުނުހެދުނާ ރަސްގެފާނު ގަނޑުވަރުން ނުކުމެވަޑައިގަންނަވާ
ވަގުތު ގަޑުވަރުގެ ދޮރުކުރިމަތީ ހުރުމަށެވެ. އަދި ރަސްގެފާނު
ނުކުމެވަޑައިގަންނަވާން ފެށުމުން ހޭނެތުނީ ކަމަށް ހެދިފައި
ބިންމައްޗަށް ވެއްޓިގަތުމަށެވެ.
އަންހެންކުއްޖާ އަނެއް ދުވަހުގެ އިރު އަރާއިރަށް ނިކަން
ނަލަހެދިފައި ގޮސް ރަސްގެފާނުގެ ގަނޑުވަރުގެ ކުރިމަތީގައި
ހުރެއްޖެއެވެ. ރަސްގެފާނު ހަމަ ނުކުމެޑައިގަންނަވާން ފެށުމުން
ވެއްޓިގަނެއްޖެއެވެ. ރަސްގެފާނަށް މި މަންޒަރު ހަމަ ފެނުމާއެކު
ކުއްލިއަކަށް އަންހެންކުއްޖާއާ ދިމާއަށް ވަޑައިގެންނެވިއެވެ. ދެން
އެންމެހާ ވަޒީރު ބޭކަލުންނާއި އެހެންވެސް މީހުން އެކުއްޖާގެ
ވަށައިގެން ޖަމާވެއްޖެއެވެ. ހޭނެތިގެން ކަމަށް ހެދިގެން
އޮވެއޮވެފައި އެމީހުން އެކުރި ހޭހަމެއް ކޮށްހެދުމުން ރަނގަޅުވީ
ކަމަށް ހެދިގެން، ތެދުވެފައި ރަސްގެފާނަށް ވަރަށް
ޝުކުރުއަދާކޮށްފައި އަންހެންކުއްޖާ މަންމަ ގެ ގާތަށް އެނބުރި
ހިނގައްޖެއެވެ. އަދި ކަންތައް ހިނގާދިޔަ ގޮތުގެ ވާހަކަ
ކިޔައިދީފައި ދެން ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މަންމަ ހުށައެޅީ ހަމަ އެކަންތައް
އެތަނުގައި ދެވަނަ ފަހަރަށް ތަކުރާރުކުރުމަށެވެ. ދެން
އަންހެންކުއްޖާ ޖެހިގެން އައިދުވަހު ހަމަ އެތަނަށް ގޮސް ކުރީ
ދުވަހު ކަންތައް ކުރި ފަދައިން ކަންތައް ކޮށްފިއެވެ. މިއަދުގައި
އަންހެންކުއްޖާ ވެއްޓުމުން އެކަމާ ހަރަކާތްތެރިވީ ވަޒީރުއާއި އޭނާ
އާ އެކު އައި ޖަމާއަތެކެވެ. މިއަދަކު ރަސްގެފާނު އެކަމަކާ
އަޅާލެއްވުމެއް ނެތި ވަޑައިގެންނެވީއެވެ. ދެން ހޭއެރީ ކަމަށް
ހެދިފައި ވަޒީރަށް ޝުކުރުއަދާކުރުމަށް ފަހު ގެއަށް އައިސް ކަންތައް
ދިމާވި ގޮތް މަންމަ އަށް ކިޔައިދީފިއެވެ. އަދި ތިންވަނަ ކަމަކީ
ކޮބައިތޯ ސުވާލުކުރިއެވެ.
ތިންވަނަކަމަކީ މާދަމާވެސް ހަމަ އެތަނުގައި އެކަންތައް ތަކުރާރު
ކުރުން ކަމުގައި މަންމަ ބުންޏެވެ. އަންހެން ކުއްޖާ ޖެހިގެން
އައިދުވަހު ވެސް ހަމަ އެތަނަށް ގޮސް އާދައިގެ މަތީން އޭނާގެ މިޝަން
ހިންގާލިއެވެ. މިއަދަކު ވަޒީރެއް ވެސް އަޅައެއް ނުލެއްވިއެވެ.
މިއަދު އަންހެން ކުއްޖާ އާ އެހީވާން އައީ ގަނޑުވަރުތެރޭ އުޅޭ
ނިކަން އާދައިގެ ދެތިން މީހެކެވެ. ދެން މިއަދުވެސް އެނބުރި އައިސް
ކަންތައް ހިނގާދިޔަ ގޮތް މަންމައަށް ކިޔައިދީފިއެވެ. ނަމަވެސް
އަންހެންކުއްޖާ މިހާރު ވަރަށް ނުތަނަވަސްކަން އިޙްސާސްކުރާ
ކަހަލައެވެ. އަންހެންކުއްޖާ މަންމަ އާ ސުވާލުކޮށްލިއެވެ. ކޮބާ
އަދިވެސް ކޮށްދޭން ޖެހޭ ކަންތައްތައް ނުނިމޭ ހެއްޔެވެ؟ މަންމަ ބުނީ
ދެން ބާކީ އޮތީ އެންމެ ކަމެއް ކަމުގައެވެ. އެއީ އަދި ހަމަ އެންމެ
ފަހަރަކު އެކަންތައް ތަކުރާރުކޮށްލުން ކަމުގައެވެ.
ވަރަށް ހިތްވަރުކޮށްފައި ޖެހިގެން އައިދުވަހު ވެސް އަންހެންކުއްޖާ
އޭނާގެ ޢަމަލު ތަކުރާރުކޮށްލިއެވެ. ނަމަވެސް މިއަދު އެނބުރި ގެއަށް
އައީ ރޮމުން ގިސްލަމުންނެވެ. މިއަދުގައި ކަންތައް ހިނގާދިޔަ ގޮތަކީ
އަންހެންކުއްޖާ ހޭނެތިގެން ކަމަށް ހެދިފައި ވެއްޓުނީމާ އެއްވެސް
މީހަކު ގާތެއް ނުވިއެވެ. ބައެއް މީހުން ޒާތްޒާތުގެ އެއްޗެހި ކިޔާ
މަލާމާތްކުރި އިރު ބައެއް މީހުން މަގުހިނގާފައި ދަމުން ކޮޅުފައިން
ތަޅާވެސް ހެެދީއެވެ.
ކަންތައް ވީގޮތް މަންމައަށް ކިޔައިދިނުމުން، ބުއްދިވެރި
ވިސްނުންތޫނު މަންމަ އަންހެންކުއްޖާ އަށް ބުންޏެވެ. ޒިނޭގެ
މިސާލަކީ މިއީއެވެ. ފެށުމުގައި ބޭފުޅުން ވެސް އެކުގައި އުޅޭނެއެވެ.
މާގިނަ ދުވަސްތަކެއް ނުވެ އެންމެން ދަރިފުޅާ ދުރަށް
ހިނގައިދާނެއެވެ. ގެއްލިދިޔަ އަބުރުވެސް އަނބުރާ ނުމެލިބޭނެއެވެ.
އަދި ކިއެއްހެއްޔެވެ؟ އެންމެ ނިކަމެތި މީހާ ވެސް ދަރިފުޅަށް
މަލާމަތްކުރާނެއެވެ. އޭ އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ؟ އަދި ވެސް
އެހާ ބަދުނަސީބު ޢަމަލަކަށް ލޯބިކުރަންހެއްޔެވެ؟ އަންހެންކުއްޖާ
ހުވާކޮށްފައި ރޮވިފައި ބުނީ މިހާރު ވިސްނިއްޖެ ކަމުގައެވެ. އަދި
އެހާ ދަށުދަރަޖައިގެ ވާހަކައެއް މަންމަ ގާތުގައި ދެއްކުނީތީ
އަންހެންކުއްޖާ މަންމަ ގާތުން މާފަށް އެދުނެވެ.
-ނިމުނީ-