|
ﷲގެ
މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ ﷲ
ދެއްވާނެއެވެ.
ތަރުޖަމާ: ޢަލީ ޒައިދު، ދ.ކުޑަހުވަދޫ،
މެޑޯޒް

ޒިނޭކުރަމުން
އައި އަންހެނެއް...،
ވައްކަން ކުރަމުން އައި ވަގެއް...,
މުއްސަނދި ބަޚީލުމީހެއް...
***
ވަރަށް ކުރީ ޒަމާނެއްގައި،
އެއްސަހަރެއްގައި އިސްމާޢީލް އެވެ،
ކިޔުނު މީހަކު އުޅުނެވެ. އޭނާ އުޅުނީ
ކަނޑުގެ އައްސޭރީގައި
މީހުން އުޅޭ ހިސާބާއި
ކުޑަކޮށް ދުރުގައި ހުންނަ ގެއެއްގައެވެ. އޭނާއާއި އޭނާގެ އަނބިމީހާ
އުޅެމުން އައީ
ނުހަނު ސީދާ ސާދާ ދިރިއުޅުމެކެވެ. މިހެން އުޅެމުން އެކި ދުވަސްމަތިން
ލާރި އެއްކުރަމުން އެއްކުރަމުން އައިސް،
އިސްމާޢީލު ބޮޑު ރުނބައެއްގެ ދީނާރު އެއްކޮށްފިއެވެ. އަދި އެރުނބާގައި ހުރި ހުރިހާ ދީނާރުތައް
ހަމައަށް ކުދި ތިން ރުނބައަށް ބަހައިފިއެވެ. ދެން މިތިން ރުނބާ ގޭގެ
ފުރަގަހުގައި ވަޅެއްކޮނެފައި ވަޅުލައިފިއެވެ.
އެއްދުވަހެއްގައި އިސްމާޢީލު އެއްކަލަ ރުނބާތައް ހޯދަން ކޮންނަން
ފެށިއެވެ. ކޮންނަމުން ކޮންނަމުން ގޮސް އެ ނަގާފައި މަޑުމަޑުން
ހިތާހިތާ ކިޔާލިއެވެ. ކޮންމެއަކަސް މިހާގިނަ ލާރި އަހަރެންނަށް
ލިބިހުރެމެ
މިއިން ޞަދަޤާތް ނުކޮށް ހުންނާކަށް ނުވާނެއެވެ. މިހެން
ހިތައި އިސްމާޢީލު ނިންމީ ރޭގަނޑުގެ އަދިރިކަން ޖެހުމަށްފަހު
ޞަދަޤާތް ދޭށެވެ. އެއީ ދުވާލު ފާޅުގައި ދޭ ޞަދަޤާތަށްވުރެ ރޭގަނޑުގެ
އަދިރިކަމުގައި ދޭ ޞަދަޤާތް ﷲ ގެ ޙަޟްރަތުގައި މާ ލޮބުވެތިކަން ބޮޑު
ވާނެތީއެވެ.
މިހެން ހިތައި އެރޭ،
ރޭގަނޑުގެ އަނދިރިކަން ޖެހުމުން
އިސްމާޢީލު އެއްކަލަ ރުނބާތަކުގެ ތެރެއިން އެއް ރުނބާގައި ހުރި
ލާރިތައް ކޮތަޅަކަށް
އަޅައިގެން ނުކުމެއްޖެއެވެ. ނުކުމެގެންގޮސް ސަހަރު
ތެރެއަށް އެރި އިރު ވަރަށް ދުރުން މީހެއް ފެނިއްޖެއެވެ. ތަންކޮޅެއް
ކައިރިއަށް އައުމުން އެއީ މެދު އުމުރުގެ އަންހެނެއްކަން
އެނގިއްޖެއެވެ. އިސްމާޢީލު ހިތަށް އެރިއެވެ. މިއީ ހާދަހާ
ފަޤީރު
އަންހެނެކެވެ. މީނާ ލައިގެން މިހިރަ ހެދުމުންވެސް އެކަން އެނގެއެވެ.
ޔަޤީނެވެ. މީނާއަކީ ދުވާލު ހަތަރުދަމު ގޭގެ އަށް ގޮސް މީހުންނަށް
މަސައްކަތް ކޮށްދީފައި ރޭގަނޑު ގެއަށް ދާމީހެކެވެ. މީނާ ރޭގަނޑު މި
ފެންނަކަމަކީ،
މީނާ ގޭގެއަށް މަސައްކަތް ކޮށްދޭން ދާކަން
މީހުންނަށް ނޭނގުމަށް ކަމަށް ވުން އެކަށީގެންވެއެވެ. މިހެން ހިތައި
އިސްމާޢީލް މީނާއަށް ގޮވާލިއެވެ. އޭ ދައްތާއެވެ! ދައްތައަކީ
ވަރަށް ފަޤީރު
މީހެއްހެން ހީވެއެވެ.
ވީމާ މި ދީނާރުތައް ދައްތަ ގެންދާށެވެ!
މިހެން ކިޔައި މީނާގެ އަތުގައި އޮތް ކޮތަޅު އެއަންހެން މީހާ
އަތަށް ދީފިއެވެ. ދެން ވަރަށް އުފަލުން ހުރެ މީނާ ﷲ އަށް ޙަމްދުކޮށް
ގެއަށްގޮސް ކައިގެން ނިދައިފިއެވެ.
އަނެއްދުވަހު އިރުގެ ދޯދިތައް މުޅި ދުނިޔެމައްޗަށް ފާއްދާލުމާއި އެކު
އިސްމާޢީލު ތެދުވެ ނާސްތާކޮށްގެން ނުކުތީ ބާޒާރަށެވެ. ގެއަށް
ބޭނުންވާނެ ބައެއް
ތަކެތި
ގަތުމަށެވެ. އިސްމާޢީލް ގޮސް ސަހަރުގެ
ބާޒާރުގައި ހުރި މޭވާ ވިއްކާ ފިހާރައެއް ކައިރީގައި އޭނާގެ ހިމާރު
މަޑުޖައްސާލިއެވެ. އަދި ސޭޓު ކައިރީގައި ބައެއް މޭވާ ކިރަން ބުނެފައި
ލާރި
ނަގަން ހަމަފެށިތަނުން ދުރުން އައި މީހަކު ސޭޓަށް ގޮވާލާފައި
ބުންޏެވެ. އޭ އަޙުމަދެވެ! ރޭގައި މީހަކު އެއްކަލަ ގޯސްކޮށް އުޅޭ
(ހަށިވިއްކައި އުޅޭ) އަންހެން މީހާ އަށް ޞަދަޤާތް ދީފިއެވެ. އެޞަދަޤާތް ދިން މީހެއްގެ ގަމާރުކަމާއެވެ. ދެން އެމީހުން އެވާހަކަ
ދައްކާ އެކަމަށް ހަޖޫޖަހައި އުޅުނެވެ.
އިސްމާޢީލް މިޚަބަރުގެ
އަޑު
އިވިފައި ވަރަށް ދެރަވެގެން އެނބުރި
ގެއަށް އައިސް ހިތަށް އެރިއެވެ. އަހަރެންނަށް އޮޅިގެން މިޞަދަޤާތް
ދެވުނީ ނުބައި މީހަކަށެވެ. ހަމަކަށަވަރުންވެސް ﷲ އެ ޞަދަޤާތް
އަހަރެންގެ ފަރާތުން ޤަބޫލެއް ނުކުރައްވާނެއެވެ. އަލުން ހަމަ
ގައިމުވެސް އަހަރެން ޞަދަޤާތް މިވީގޮތުން ދޭންޖެހޭނެއެވެ.
މިހެން ހިތަށް އަރައި އިސްމާޢީލު ނިންމީ މިރޭ ޞަދަޤާތް ދޭން
މިސްކިތާއި ދިމާލަށް
ދިއުމަށެވެ. މިދުވަހުވެސް ރޭގަނޑުގެ އަނދިރިކަން
ޖެހުމުން އިސްމާޢީލު އެއްކަލަ ރުނބާތަކުގެ ތެރެއިން ރުނބައެއްގައި
ހުރި ލާރިތައް ކޮތަޅަކަށް
އަޅައިގެން މިސްކިތާއި ދިމާއަށް
ނުކުމެއްޖެއެވެ. އިސްމާއީލް ގޮސް މިސްކިތުގެ ދޮރުމަށްޗަށް ހުއްޓުނު
އިރު މިސްކިތުގައި ނަމާދުކުރަން މީހަކު ހުއްޓެވެ. އޭނާ ލައިގެން ހުރި
ހެދުމުގެ ފަސްބައި ވަނީ މުޅިން ކިލައިން
ތަތްތެޅިފައެވެ. އިސްމާޢީލް ހިތަށްއެރިއެވެ. ޔަޤީނެވެ. މިވާނީ ހަމަ
ޔަޤީނުންވެސް ދުވާލު ހަތަރުދަމު މީހުންގެ ދަނޑުތަކުގައި
މަސައްކަތްކޮށްދީ އުޅޭ މީހަކަށެވެ. މީނާ
މަސައްކަތް ކޮށްދީ އެއުޅެނީ ކުޑަކުޑަ
ލާރިކޮޅަކަށްޓަކައެވެ. ފަހެ މިއަދަށްފަހު ދެން ފަޤީރުކަމެއް މީނާގެ
މައްޗަކަށް ނެތެވެ. މިހެން ހިތަށްއަރައި އެމީހާ ސަޖިދައަށް ދިޔަ
ދަނޑިވަޅު ބަލާފައި އެއްކަލަ ކޮތަޅު އޭނާގެ ކައިރީ
ބަހައްޓާފައި
އިސްމާޢީލް ނުކުމެގެން ވަރަށް އުފަލުން ގެއަށް ހިނގައްޖެއެވެ. އަދި
ހިތަށް އެރިއެވެ. މިފަހަރު ހަމަ ގައިމުވެސް ޞަދަޤާތް މިދެވުނީ ހަމަ
އެޞަދަޤާތް އެންމެ ޙައްޤު މީހާއަށެވެ. މިހެން ހިތާހިތާ ކިޔަމުން
ވަރަށް އުފަލުން ގެއަށް ގޮސް ކައިގެން މިދުވަހުވެސް ނިދައިފިއެވެ.
އަނެއްދުވަހު ތެދުވެ ބާޒާރަށް ގޮސް ބައެއްތަކެތި ބަލަމުން ދަނިކޮށް
ބަޔަކު ސިނބިސިނބި ލައްވާތަނެއްގެ ކައިރިއަށް އައިސް އިސްމާޢީލް
ހުއްޓުނެވެ. އޭރު އެމީހުން ހީނހީނފައި ދައްކަނީ ރޭގައި މީހަކު
މުއްސަނދި އަލް ފާރޫޤީ އަށް ޞަދަޤާތް ދިން ވާހަކައެވެ. އެމީހުން
ބުންޏެވެ. ބަލަ އެ ޞަދަޤާތް ދިން މީހަކު ފަޤީރުން ދޫކޮށް ޞަދަޤާތް
ދެނީ މުއްސަނދިން ނަށް ހެއްޔެވެ؟ އެއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟
އިސްމާޢީލަށް މިއަޑު އިވުމުން ވަރަށް ބޮޑަށް ދެރަވިއެވެ.
މިފަހަރުވެސް ކަނޑައެޅީ ތިންވަނަ ފަހަރަށް މަސައްކަތް ކޮށްގެންވެސް
އިސްމާޢީލްގެ ޞަދަޤާތް އެއީ ﷲ ޤަބޫލުކުރައްވާނެ ޞަދަޤާތެއް ކަމުގައި
ހެދުމަށެވެ.
ޖެހިގެން އައިދުވަހު މި އަޒުމާއެކު އިސްމާޢީލު އެއްކަލަ ލާރިތަކުގެ
ތެރެއިން އެންމެ ފަހުން އޮތް ކޮތަޅު ނަގައިގެން އެދުވަހުގެ އިރު
އޮއްސުމުން ނުކުމެއްޖެއެވެ. އިސްމާޢީލް މިރޭ މަގުތައްމަތިން ދަނިކޮށް
ފެނުނީ ފިހާރައެއްގެ ދޮރުކުރިމަތީ މީހަކު ހުއްޓިހުރިތަނެވެ. އޭނާ
އެދޮރުގައި ހިފައި ލުކިޖަހާތަން ފެނިފައި އިސްމާޢީލް އޭނާގެ ފަހަތުން
އައިސް ސަލާމް ގޮވާލިއެވެ. އެމީހަކު ސިއްސައިގެން ގޮސް އެނބުރުނެވެ.
އިސްމާޢީލް ބުންޏެވެ. ތިބާ ތިޔަ ކުރަނީ ކީއްހެއްޔެވެ؟ އޭނާ
ޖެހިލުންވެ ހުރެ ބުންޏެވެ. އަހަރެންނަކީ ... މި ފިހާރައިގެ ގާރޑެވެ.
އިސްމާޢީލް އަހާލިއެވެ. ތިބާ ތިޔަ ކުރާ މަސައްކަތުން ތިބާއަށް ކިހާ
ފައިސާއެއް ލިބޭ ހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަން މިމަސައްކަތް
ކޮށްދީ އުޅެނީ އަގަކަށެއް ނޫނެވެ. އިސްމާޢީލު ހިތަށް އެރިއެވެ. މީ
ހަމަ ޔަޤީނުން ނިކަން އަމާނާތްތެރި ފަޤީރެކެވެ. މިހެން ހިތައި
އޭނާއަށް އެއްކަަލަ ލާރިކޮތަޅު ދީފައި ގެއަށްގޮސް ނިދައިފިއެވެ.
އަނެއްދުވަހު ތެދުވެގެން ބޭރަށް ދިޔައިރު އެންމެން ދައްކަނީ ރޭގައި
މީހަކު ވަގަކަށް ލާރިތަކެއް ދިން ވާހަކައެވެ. އިސްމާޢީލަށް މިއަޑު
އިވިފައި ވީ ދެރައިން އަނބުރާލާފައި އައިސް ގެއަށް ވަދެ އެނދު މަތީ
އިށީނދެއްޖެއެވެ. އަދި ހިތަށް އެރިއެވެ. އަހަރެންގެ ހުރިހާ
ލާރިއެއްވެސް މި ބަހާލެވުނީ އެޙައްޤު ނުވާ މީހުންނަށެެވެ. ދެން
ކުރާނެ ކަމެއްނެތެވެ. ހަމަ ޔަޤީނުންވެސް އަހަރެން މިކުރި ކަންކަން ﷲ
ބައްލަވާ ވޮޑިއެއް ނުގަންނަވާނެއެވެ. މިހެން ހިތަށް އަރައަރައި
އޮއްވައި އޭނާ އަށް ނިދިއްޖެއެވެ.
ކޮންމެއަކަސް އިސްމާޢީލަށް
ފެންނަނީ
އޭނާ
ބޮޑު ހުދު ބިމެއްގައި ހުންނަނިކޮށެވެ. ދެން
އަޑެއް އިވިގެން މަތި ބަލާލިއިރު ފެންނަނީ މަލާއިކަތް
ބޭކަލަކު،
ޖަވާހިރުން ފުރިގެންވާ ބޮޑު ސިންގާ ރުނބާތަކެއް ހިއްޕަވައިގެން
ތިރިއަށް ވަޑައިގަންނަވާ
ތަނެވެ. އަދި އެމަލާއިކަތް
ބޭފުޅާ
އިސްމާޢީލު އަށް
ބުންޏެވެ.
"އޭ އިސްމާޢީލެވެ! ހަމަކަށަވަރުން ވެސް ﷲ ސުބުޙާނަހޫ
ވަތަޢާލާ ތިބާގެ ޞަދަޤާތްތައް ޤަބޫލުކުރައްވައިފިއެވެ. އަދި
އެކަލާނގެ ތިބާއަށް އެތައް ގުނައެއް އިތުރުކޮށްދެއްވައި ތިބާގެ
މުދަލުގައި ބަރަކާތް ލައްވައިފިއެވެ. މިހިރީ ތިބާ ހޭދަކުރި މުދަލުގެ
ޖަޒާއެވެ."
އިސްމާޢީލު ބުންޏެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ ހަމަ
އަޅުގަނޑުގެ ޞަދަޤާތް ޤަބޫލުކުރެއްވި ބާއެވެ؟"
މަލާއިކަތް
ބޭފުޅާ
ވިދާޅުވިއެވެ.
"އާއެކެވެ! ބަލަ އިސްމާޢީލުއަކަށް ނޭނގޭ ހެއްޔެވެ؟
އިސްމާޢީލު ފުރަތަމަ ޞަދަޤާތް ދިނީ ޒިނޭ ކުރަމުން އައި
އަންހެނަކަށެވެ. ފަހެ އޭނާ ޒިނޭކުރަމުން އައީ ލާރީގެ ބޭނުމުގައެވެ.
އިސްމާޢީލު އެ އަންހެން މީހާއަށް ޞަދަޤާތް ދިނުމުން އޭނާ އެކަންތައް
ކުރުމުން ދުރުވެއްޖެއެވެ. ދެން ދިނީ މުއްސަދި މީހާއަށެވެ. އެމީހާއަކީ
މުއްސަންޖެއް
ކަމަކު ވަރަށް ދަހި މީހެކެވެ. އިސްމާޢީލު އޭނާއަށް
ޞަދަޤާތް ދިނުމުން އޭނާ އެކަން ހިތަށް އަރައި އެކަމުން ފިލާވަޅު
ލިބިގެން އޭނާވެސް ޞަދަޤާތް ދީ އުޅެން މިހާރު ފަށައިފިއެވެ. ދެން
ދިނީ ވައްކަން ކުރާ މީހާއަށެވެ. ފަހެ އެމީހާ ވައްކަން ކުރަނީ ހަމަ
ލާރީގެ ބޭނުމަށެވެ. އިސްމާޢީލު އޭނާއަށް ޞަދަޤާތް ދިނުމުން އޭނާވެސް
އެކަން ކުރުން ހުއްޓާލައި މިހާރު ރަނގަޅު ދިރިއުޅުމެއް އުޅެން
ފަށައިފިއެވެ."
މިޚަބަރު ދެއްވުމަށް ފަހު މަލާއިކަތާ
ޣައިބު
ވެއްޖެއެވެ.
އެހިނދު
މުޅި ދުނިޔެމައްޗަށް ވިދުވަރެއް އަރައިގެން
ދިޔައެވެ.
ދެން
އިސްމާޢީލުއަށް ލޯހުޅުވާލެވުނެވެ. އޭނާ އޮތީ ގޭގެ އެނދުމަތީގައެވެ.
ހިނިތުންވެފައެވެ. ހިތާހިތާ ކިޔާލިއެވެ.
الحمد
لله
އެވެ.
-ނިމުނީ- |