|
ޑޮކްޓަރ
ޒާކިރު ނައިކް ކިހާވަރަކަށް ދަންނަމުތަ؟
ފިނި
މައިޒާން.
(ޑރ.ޒާކިރް ނައިކްގެ ވީޑިއޯ ކްލިޕްއެއް ބެއްލެވުމަށް މިލިޔުމުގެ
އެންމެ ތިރި ބައްލަވާ)
ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ކާކުކަން ދަންނަ މީހުން ދިވެހިންގެ
ތެރޭގައި ފަހަރެއްގައި ވަރަށް މަދުވެދާނެއެވެ. އަދި އޭނާއަކީ
ކާކުކަން އެނގޭ މީހުންނަށްވެސް، އޭނާގެ ފުރިހަމަ ނަން ނޭނގުމަކީ
ގާތްކަމެކެވެ. އޭނާގެ ޙަޤީޤީ ފެންވަރާއި ހުރި ހުނަރުތައް ނޭނގިވެސް
ހިނގައިދާނެއެވެ. ނަމަވެސް ޕީސް ޓީވީގެ ޒަރީޢާއިން ޑޮކްޓަރ ޒާކިރު
ނާޔަކް ދިވެހިންގެ ތެރެއަށް ތަޢާރަފުވާން މިހާރު ވަނީ ފަށާފައެވެ.
ކުރުގޮތަކަށް ބުނާނަމަ ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ފަހުގެ ތާރީޚުގައި
ދުނިޔެދުށް އެންމެ ހަނދާންގަދަ މީހާ ކަމުގައި ބުނެވިދާނެއެވެ. ދީނީ
ފޮތްތަކުގެ އެންމެ ފުރިހަމަ ތަރުތީބު ޑޭޓާ ބޭސް ކަމުގައި
ބުނެވިދާނެއެވެ. އަދި އެ މަޢުލޫމާތު ބޭނުންކުރުމުގައި އެފަދަ
ދެވަނައެއް ނެތް މީހެއްކަމުގައި ބުނެވިދާނެއެވެ.
ރަސްމީ ކަރުދާސްގަނޑަކު ރާއްޖޭގެ ފަރާތުން އިބްރާހީމް ނާޞިރު
ސޮއިކުރައްވައިގެން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އަހަރުގެ
އޮކްޓޯބަރު 18 ވަނަ ދުވަހު އިންޑިޔާއަށް އުފަންވި ޑޮކްޓަރ ޒާކިރު
ނާޔަކް އަކީ ޕީއެޗްޑީ ޑޮކްޓަރެއް ނޫންނަމަވެސް ބޭސްވެރިކަމުގެ ގޮތުން
އޭނާ ވަނީ ޑިގްރީ ހާޞިލް ކުރައްވައި އެމް.ބީ.ބީ.އެސް ފުރިހަމަ
ކޮށްފައެވެ. ބޭސްވެރިކަމުގެ މަސައްކަތް ހުއްޓާލައި 1991 ވަނަ
އަހަރުން ފެށިގެން އޭނާ އަންނަނީ އިސްލާމްދީން ފެތުރުމާއި ދީނަށް
ގޮވާލުމާއި މިކަންކަމުގައި ޙަރަކާތްތެރިވަމުންނެވެ.
މިގޮތުން ޑޮކްޓަރ ޒާކިރު ނާޔަކް މައިގަނޑުގޮތެއްގައި ކުރާ ކަމަކީ
ދީނީ ތަޤުރީރު ދިނުމާއި، ދީނީ މައުޟޫތަކުގައި ބަހުސްކޮށް ހެދުމެވެ.
އިސްލާމް ދީނުގެ އެކިއެކި އަޞްލުތައް އޮޅުންފިލުވައި ދިނުމާއެކު،
އެހެން ދީނުގެ މީސްމީހުން ގެ ހިތުގައި އިސްލާމްދީނާމެދު އަރާފައިވާ
ތަފާތު އޮޅުންބޮޅުންތައް ފިލުވައިދީ ސާފުހެއްކާ ދަލީލު
ޤުރުއާނުންނާއި ރަސޫލާގެ ޙަދީސްތަކުން އަދި ޝަރުޢީ ފޮތްތަކުގެ
އެހީގައި ބުނެދިނުމުގައި ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ލާމަސީލު
މިސާލެކެވެ.
އިންޑިޔާގައި ދީނީ ތަޤުރީރު ދިނުމުގެ އިތުރުން، ތަފާތު މައުޟޫތަކަށް
ދީނީ ވާހަކަ ދައްކާ ބަހުސްކުރުމަށް ޓަކައި ދުނިޔޭގެ ތަފާތު އެކި
ޤައުމުތަކަށް ޑޮކްޓަރ ޒާކިރު ނާޔަކް ޒިޔާރަތް ކޮށް ހަދައެވެ.
އެގޮތުން އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ސައުދީ އަރަބިއާ،
ޔޫއޭއީ، ބަހްރައިން، އޮމާން، ސައުތު އެފްރިކާ، އޮސްޓްރޭލިއާ،
މެލޭޝިއާ، ހޮންގކޮންގ، ސިންގަޕޯރ އަކީ މިގޮތުން އޭނާ
ޒިޔާރަތްކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމެވެ. އަދި
ދުނިޔޭގެ އެތަކެއް ޓީވީ ޗެލަންތަކުން އޭނާގެ ތަޤުރީރުތައް
ދައްކައެވެ.
އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދެކަމަކުންނެވެ. އެއްކަމަކީ،
އޭނާގެ ހަނދާން ގަދަކަމެވެ. އޭނާ ދަސްކޮށްފައިވާ ތަފާތު ދީނީ
މަޢުލޫމާތުތައް ގިނަކަމެވެ. ދީނީ ތަޤުރީރުތައް ދެމުން ގެންދާއިރު،
އެއްވެސް ފޮތެއް، ނޯޓެއް ބެލުމެއް ނެތި، ޤުރުއާނުގެ އާޔަތްތައް
ސޫރަތާއި އާޔަތުގެ ނަމްބަރާއެކު ބުނެދެއެވެ. އަދި ބައިބަލް އާއި
ހިންދޫ ދީނުގެ ދީނީ ފޮތްތައްވެސް ހިތުދަސްކޮށް އެފޮތްފޮތުގެ
ބައިތައްވެސް ނަމްބަރާއެކު ބުނެ މީހުން ޙައިރާން ކުރަމުން ދެއެވެ. އެ
ތަޤުރީރަކަށް ބޭނުންވާ، އެ ދައްކާވާހަކަ އަކާ މުނާސަބު އާޔަތްތައް
ނަމްބަރުތަކާއެކު، ކޮންމެ ދީނެއްގެ ފޮތަކުންވިޔަސް ބުނެދީ
ހެކިދައްކަމުން އޭނާގެ ވާހަކަ ވިރުވާ އަޅަމުން ދާއިރު އަޑުއަހާ
މީހުން ތިބެނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ މޮޅުކަމާއި
ކުޅަދާނަ ކަމަށް ގެއްލިފައެވެ.
ދެވަނަ ކަމަކީ، ތަޤުރީރުތަކާއި ބަހުސްތައް ނިމުމުން، އަޑުއަހަން
އަންނަ މީހުން ކުރާ ސުވާލުތަކަށް ދޭ ޖަވާބުދޭ ގޮތާއި، ދޭ ޖަވާބުގެ
ފުރިހަމަ ކަމެވެ. ދީނީ ކޮންމެ މައުޟޫއެއްގައި، ކޮންމެ ސުވާލެއް
ކުރިޔަސް، އަދި ސުވާލު ކުރާ މީހަކީ ޣައިރު މުސްލިމަކަށް ވިޔަސް،
ކެރިގެން ދޭ ކުއްލި ޖަވާބުގެ ފުރިހަމަ ކަމުން ސުވާލު ކުރާމީހާވެސް
ލަދުން ގޮތް ހުސްވެގެންދާ ފަހަރު އާދެއެވެ.
ޑޮކްޓަރ ޒާކިރު ނާޔަކްގެ ކުޅަދާނަ ކަމާ މޮޅުކަމުގެ މިސާލެއްގެ ގޮތުން
އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ އެމެރިކާގެ ލޮސްއެންޖަލިސް
އެއާޕޯޓުގައި ދިމާވި ޙާދިސާއެވެ. ލޮސްއެންޖަލިސް ގައި ހުންނަ
އިންޓަރނޭޝަނަލް އިސްލާމިކް އިންޓަރނެޓް ޔުނިވަރސިޓީ އިން އޭނާއަށް
ދޭން ހަމަޖެހިފައިވާ އެވޯޑެއް ބަލައިގަތުމަށް އޭނާ ދިޔައީ ލޮސް
އެންޖަލިސް އަށެވެ. އެދުވަސްވަރަކީ ސެޕްޓެމްބަރު 11 ގެ ހާދިސާއާ
ގުޅިގެން ކަސްޓަމުންނާއި ސެކިއުރިޓީން ޚާއްޞަކޮށް ބަލަމުންދާ
ދުވަސްވަރެއް ކަމުން ޑޮކްޓަރ ޒާކިރު ނާޔަކް އަށްވެސް މި
ކަންތައްގަނޑާ ދިމާވިއެވެ. ތުނބުޅި ބަހައްޓައި، ތާކިހާ އަޅައިގެން
ހުރުމުގެ ސަބަބުން އެމީހުން ކިޔާ "ޓެރަރިސްޓެއް" ކަމަށް ބަލާފައި
ކަސްޓަމުން ސުވާލު ކުރަން ގެންދެވުނެވެ.
އެމީހުންގެ ސުވާލުތަކަށް ދިން ޖަވާބުގެ ސަބަބުން، ސެޕްޓެމްބަރު 11 ގެ
ހާދިސާއާ ބެހޭގޮތުން އެމީހުން އޭނާއާ ސުވާލު ކުރިއެވެ. އޭނާ އެ
ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް، ޖިހާދާ ބެހޭގޮތުން އެމީހުން ކުރި
ސުވާލުތަކަށްވެސް ޖަވާބު ދިނެވެ. ޤުރުއާނާއި، ބައިބަލް، ބަގަވަތު
ގީތާ އާއި އަދި މި ނޫނަސް އެތައް ދީނީ ފޮތަކުން ހެކި ދައްކަމުން،
ޖިހާދު ކުރުމާމެދު އެކި ދީންތަކުން ދެކޭގޮތް ބުނެދިނެވެ. އެކި
ދީންތަކުގެ ފޮތްފޮތުގެ އަލީގައި އޭނާ ދެއްކި ވާހަކަ އިވިފައި، އޭނާގެ
ޢިލްމުވެރި ކަމުގެ މައްޗަށް ޙައިރާންވެ، ސަލާމަތީ ގޮތުން ސުވާލު
ކުރުމުގެ ބަދަލުގައި އެމީހުންނަށް ނޭނގޭ އެކަންތައްތައް އޮޅުން
ފިލުވުމުގެ ގޮތުން ތަފާތު ސުވާލުތައް ކުރަން ފެށުނެވެ.
ގަޑިއެއްހާއިރު ފާއިވީފަހުން، ކަސްޓަމުން އޭނާ ދޫކޮށްލިއިރު،
އެމަޢުލޫމާތު ލިބިގެން އެއާޕޯޓުގެ 70 ވަރަކަށް މުވައްޒަފުން އެވަގުތު
އެތަނުގައި އޭނާގެ އިންތިޒާރީގައި ތިބިކަމަށްވެއެވެ. އެއީ
އެމީހުންވެސް އޭނާއާ ސުވާލުކޮށް އެމީހުންގެ ދީނުގެ މަޢުލޫމާތު
ހޯދުމަށެވެ. ކަސްޓަމު އޮފިސަރުން ބުނިގޮތުގައި، އެހާ މަތީ
ދަރަޖައަކަށް ޢިލްމު ހޯދައިގެން ހުރި މީހަކު އެމީހުން ދުވަހަކުވެސް
ނުދެކެއެވެ.
ޑޮކްޓަރ ޒާކިރު ނަޔަކްގެ ބަޙުސްތަކުގެ ތެރެއިން އެންމެ ކާމިޔާބު،
އަދި އެންމެ މަޝްހޫރު ބަޙުސަކީ 2000 ވަނަ އަހަރުގެ އެޕްރިލް 1 ގައި
އެމެރިކާގެ ޗިކާގޯގައި ޑޮކްޓަރ ވިލިއަމް ކެމްބަލް ކިޔާ މީހަކާއެކު
ކުރި ބަޙުސެވެ. "ސައިންސްގެ އަލީގައި ޤުރުއާނާއި ބައިބަލް" މި
މައުޟޫއަށް ކުރެވުނު މި ބަޙުސްގައި، ސައިންޓިފިކް ގޮތުން
ބައިބަލްގައި އުނި ކިތަންމެ ކަންތައް ތަކެއް ހިމެނޭކަމުގެ ހެކި
ދައްކައި، ޤުރުއާނުގެ މޫރިތި ކަމުގެ މިސާލުތަކުގެ ތެރެއިން އެތައް
މިސާލަކަށް ސައިންސްގެ އަލީގައި ބަލާ ވާހަކަ ދައްކާފައި ވެއެވެ.
ދީނީ މައުޟޫތަކަށް ވާހަކަ ދައްކައި ތަޤުރީރު ދިނުމުގައި ދުނިޔޭގައި
މަޝްހޫރުކަން ހޯދި މަރުޙޫމް ޝެއިޚް އަޙުމަދު ދީދާތު، ޑޮކްޓަރ ޒާކިރު
ނާޔަކް އަށް "ދީދާތު ޕްލަސް" މި ލަޤަބު 1994 ގައި ދީފައިވެއެވެ. އަދި
ދީނަށް ގޮވާލުމުގެ ގޮތުން އޭނާގެ ޚިދުމަތްތައް ފާހަގަކޮށް 2000 ވަނަ
އަހަރު ޒާކިރު ނަޔަކް އަށް ހަނދާނީ ފިލައެއް ދިނެވެ. އެ ފިލާގައި
ލިޔެފައިވަނީ މި ޢިބާރާތެވެ. "ދަރިފުޅާއެވެ. 4 އަހަރު ތެރޭގައި ކަލޭ
ތިޔަ ޙާޞިލު ކުރި ދަރަޖަ އަހުރެންނަށް ޙާޞިލު ކުރެވުނީ 40
އަހަރުންނެވެ.
الحمد
لله"
ޑޮކްޓަރ ޒާކިރު ނާޔަކް ވަނީ ދީނީ ޖަމިއްޔާއެއް ކަމުގައިވާ އިސްލާމިކް
ރިސާޗް ފައުންޑޭޝަން އުފައްދާފައެވެ. "ޕީސް ޓީވީ" ޗެނަލް އަކީ
އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ޗެނަލެކެވެ. ޑޮކްޓަރ ޒާކިރު ނާޔަކް
ގެ ތަޤުރީރުތައ ޕީސްޓީވީ މެދުވެރިކޮށް ބަލާ މީހުން ރާއްޖޭގައިވެސް
މިހާރު ދަނީ ގިނަވަމުންނެވެ.
ޑޮކްޓަރ ޒާކިރު ޢަބްދުލްކަރީމް ނާޔަކްގެ ބައެއް ތަޤުރީރު ތަކާއި،
ބަޙުސްތަކުގެ ވީޑިއޯ ޑައުންލޯޑް ވަރަށް އަވަހަށް މި ސައިޓުން
(http://finimaizaan.com)
އިން
ގެނަސްދިނުމަށް މަސައްކަތް އެބަ ކުރަމެވެ.
ނޯޓް:
މިލިޔުމަކީ
http://finimaizaan.com
އިން
ނަގާފައިވާ
ލިޔުމެކެވެ.
މިލިޔުމުގައި ޑރ. ޒާކިރް ނައިކްގެ ނަން ލިޔެވިފައި އެވަނީ
އެސައިޓުގައި ލިޔެވިފައިވާ ގޮތަށެވެ.
މީގައިމިވާ ވީޑިއޯއަކީ (އަޅުގަނޑުމެން) ޔޫޓިއުބުން ނަގައިގެން ލާފައިވާ
ލިންކެކެވެ.
|