|
އަޅުގަނޑުމެންގެ ޙަޔާތުގެ ދުވަސްތައް ޤުރުއާން ނުކިޔަވާ ބޭކާރު
ގޮތުގައި މިހޭދަ ކޮށްލަނީ ކީއްވެ
ހެއްޔެވެ؟
ލިޔުނީ: ކިޔުންތެރިއެއް.

އަހަރެންގެ ރައްޓެއްސަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ
ދުވަހެކެވެ. ހަވީރު އޮފީސް ނިންމާލާފައި އޭނާ ގޮވައިގެން ޑޮކްޓަރަށް
ދައްކަން ދިޔައިމެވެ. އަހަރެމެންނަށް ހޮސްޕިޓަލަށް ދެވުނު އިރު
އެތާނގައި ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން އައިސް ތިއްބެވެ.
އެހެންކަމުން އަވަހަށް ނަމްބަރެއް ނަގައިގެން ގޮނޑި ބަރީގައި
އިށީންދެއްޖައީމެވެ.
ހީވާގޮތުން އަހަރެމެން ޖެހޭނީ ގަޑިއެއްހާ އިރު ފަހުންނެވެ.
އެތާނގައި ތަފާތު މީހުން ތިއްބެވެ. ޅަކުދިންނާއި ޒުވާނުންނެވެ. ހަރު
މީހުންނާއި މުސްކުޅިންނެވެ. އެކަމަކު އެންމެން ތިބީ ހަނު
ހިމޭނުންނެވެ. އެއްބަޔަކު ކިޔަން ބަހައްޓާފައި ހުރި ލީފްލެޓްތައް
ކިޔައެވެ. އެއްބަޔަކު ލޯމަރާލައިގެން ތިބި އިރު އަނެއްބަޔަކު
ވަށައިގެން ހޯދަނީއެވެ. ގިނަ އިރުވާތީ ފޫހިވެފައެވެ. ހިމޭންކަން
ފޫއަޅުވާލަނީ ސުމާރު ނަންބަރުން ނަރުސް ކުއްޖާ ގޮވާލާ އަޑަށެވެ.
ކޮންމެ މީހެއްގެ ނަމްބަރު ޖެހުމުންވެސް އެމީހެއްގެ މޫނު މަތިން
އުފާވެރިކަން ފާޅުވެގެން ދެއެވެ. އަދި އަވަހަށް އެތެރެއަށް ވަދެއެވެ.
މިހެން އިންދާ އެތާ އިން ޒުވާނަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ.
އޭނާ އިނީ ޖީބަށް ލެވޭވަރުގެ ކުޑަ މުސްޙަފެއް (ޚަަތިމެއް) ނަގައިގެން
އިސްދަށަށް ޖަހައިގެން
قرآن
ކިޔަވާށެވެ. ފުރަތަމަ އެޒުވާނާ ފެނުމުން އަހަންނަށް އޭނާއަށް
ސަމާލުކަމެއް ނުދެވުނެވެ. އެކަމަކު، އިރުގަނޑެއް ފަހުން އެޒުވާނާއާއި
ދޭތެރޭ ވިސްނަން އަހަރެންގެ ހިތް މަޖުބޫރު ކުރުވިއެވެ. އޭނާގެ
އުޅުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާތަން ފެނިފައެވެ.
ހަޔާތުގެ އެއްގަޑިއިރު ގެއްލި ދިޔައީއެވެ! އެތާނގައި އެހޭދަވި
ވަގުތުގެ ބޭނުން ނުހިފުނު ތާނގައި، ވީ ފޫހި ކުރުވަނިވި
ވަގުތުތަކަށެވެ!؟!
ދެން ބަންގީގެ އަޑަށް ހޮސްޕިޓަލުގައި ހުރި މިސްކިތަކަށް އަހަރެމެން
ދިޔައިމެވެ. އަހަންނަށް ހުރެވުނީ
قرآن
ކިޔަވަން އިން ޒުވާނާގެ ގާތުގައެވެ. ނަމާދުން ފައިބައިގެން ދިޔައީ
އަހަރެމެން އެކުގައެވެ. އޭނާގެ ކަންތަކާއި އަހަރެން އުފާވެ،
ޝައުގުވެރިވި ވާހަކަ އޭނާ ގާތުގައި ބުނީމެވެ. އަދި އޭނާ ވަގުތުގެ
ބޭނުން ހިފާގޮތް ރަގަޅު ކަމުގައިވެސް ބުނީމެވެ. އޭނާ ބުންޏެވެ.
"އެއްވެސް ފައިދާއެއް ނެތްގޮތުގައި އަހަރެމެންގެ ގިނަ ވަގުތުތައް
ބޭކާރު ވެގެން ދޭ". މިދުވަސް ތަކަކީ އެއާއި މެދު ސަމާލުކަމެއް ނުދެވި
އަހަރެމެންގެ ހަޔާތުން ދޫކުރެވޭ ދުވަސްތަކެކެވެ. ބޭކާރުވެގެންދާ
އެއްޗެއްކަން ގަބޫލު ނުކުރެވިއެވެ.
އޭނާ އިތުރަށް ކިޔައިދިނެވެ. "އަހަރެންގެ ރައްޓެއްސަކު ވަގުތުގެ
ބޭނުން ރަގަޅު ގޮތުގައި ހިފާނެ ގޮތް ކިޔައިދިން ދުވަހުން ފެށިގެން
އަހަރެން ކުޑަ ޚަތިމެއް (ޖީބަށް ލެވޭ ވަރުގެ ކުޑަ މުސްހަފެއް)
ގެންގުޅެން". އަދި އެޒުވާނާ ބުންޏެވެ:
"އެހެން މީހުން ބޭކާރުކޮށް ދޫކޮށްލާ ކަހަލަ ވަގުތު އަހަރެން ހޭދަ
ކުރަނީ
قرآن
ކިޔެވުމާއިގެން، ގޭގައިވެސް ކިޔަވަން، މިސްކިތުގައި ވެސް ކިޔަވަން".
އޭނާ ކިޔައިދިން ގޮތުގައި
قرآن
ކިޔެވުމުން އޭގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިދެއެވެ. މި
އާދައިގެ ސަބަބުން އޭނާ ފޫހިވުމާއި ބޭކާރު ވިސްނުންތަކުން
ދުރުކޮށްދެއެވެ. އަދި ހަމަ އެހެންމެ، މިހާރު އޭނާ މިތާނގައި ވެސް
ދޮޅު ގަޑިއެއްހާއިރު ކިޔެވުމުގައި ހޭދަ ކުރެވިއްޖެއެވެ. ދެން އޭނާ
އަހާލިއެވެ. "ދޮޅު ގަޑިއިރު
قرآن
ކިޔެވުމުގައި ހޭދަ ކުރާނީ ކޮން އިރަކުހެއްޔެވެ؟"
އަހަރެމެން ބޭކާރުގޮތުގައި މިހޭދަ ކޮށްލަނީ ކިހާ ވަގުތެއްކަން
އަހަންނަށް ވިސްނުނެވެ. ހަޔާތުގައި ބޭނުމެއް ނެތް ގޮތުގައި
މިހޭދަވެގެންދާ ހިނދުކޮޅުތައް، ވަޒަން ކުރެވޭނީ ކޮންއިރަކު
ކޮންގޮތަކުން ހެއްޔެވެ؟! ތެދަށް ބުނާ ކަމުގައި ވާނަމަ
قرآن
ކިޔެވުމާއި ނުލައި މިހޭދަ ކޮށްލެވެނީ ކިތައް މަސް ދުވަސް ހެއްޔެވެ؟!
އަހަންނަށް އެޒުވާނާއާއި ދޭތެރޭ ޚާއްޞަ ޤަދަރެއް ދެވުނެވެ.
އަހަންނާއި އެކުގައި ވަގުތު ނުވާކަން، އަހަންނަށް ވަޒަން ކުރެވި
އެކަން އަހަންނަށް އެނގުނެވެ. ފަހެ އަހަރެމެން މިކަން ނުކޮށް މަޑު
މިކުރަނީ ކީއްވެހެއްޔެވެ؟!
އަހަރެންގެ މިވިސްނުންތަކަށް ހުރަސްއެޅީ ނަރުސް ކުއްޖާ އަހަރެމެންގެ
ނަމްބަރު ގޮވާލުމުންނެވެ. އަވަހަށް ޑޮކްޓަރ ކައިރިޔަށް ދިޔައިމެވެ.
އެކަމަކު މިހާރު އަހަރެން ވާޞިލްވާން ބޭނުންވާ އެހެން ކަމެއް އެބަ
އޮތެވެ.
އަހަރެން ހޮސްޕިޓަލުން ނުކުތުމަށް ފަހު ދިޔައީ ފޮތް ފިހާރައަކަށް
ކުޑަ މުޞްޙަފެއްް ގަންނާށެވެ. ގެއްލިގެންދާ ވަގުތުގެ ބޭނުން ހިފާނެ
ގޮތާއި މެދު އަހަރެން ވިސްނީމެވެ.
މިކުރު ވާހަކައަކީ ތިޔަ ފަރާތަށް މުހިންމު އެއްޗެއް ކަމަށް
ވެއްޖެނަމަ، މިވާހަކަ ރައްޓެހިންނާއި ތިމާގެ މީހުންނާއި އެކު
ހިއްސާކުރާށެވެ.
ރަސޫލު ﷲ
صلى الله عليه وسلم
ޙަދީޘް
ކުރައްވާފައި
ވެއެވެ. "ހެޔޮކަމަކަށް މަގު ދައްކައިފި މީހަކަށް، އެޢަމަލު ކުރި
މީހަކަށް ލިބޭ ޘަވާބާއި އެއްފަދަ ޘަވާބު ލިބޭ ހުއްޓެވެ."
(ރަވާހު މުސްލިމް).
އަދިވެސް
އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
"ތިމަންކަލޭގެފާނުގެ ކިބައިން އެންމެ އާޔަތެއްގެ މިންވަރު ވިޔަސް
މީސްތަކުންނަށް ފޯރުކޮށްދޭށެވެ."
މާތް
الله
އަހަރެމެން އެންމެނަށް
ހެޔޮ
رحمة
ލައްވާށިއެވެ.
آمين.
قال رسول الله صلى الله عليه وسلم:
« من قرأ القرآن وتعلمه وعمل به ألبس يوم
القيامة تاجاً من نور ضوؤه مثل ضوء الشمس، ويُكسى والديه حُلتين لا
يقوم بهما الدنيا، فيقولان: بم كُسينا؟، فيقال بأخذ ولدكما القرآن »
ރަސޫލު
الله صلى الله عليه وسلم
ޙަދީޘްފުޅު
ކުރެއްވިއެވެ:
"ޤުރުއާން ކިޔަވައި އަދި އެޤުރުއާން
އުނގެނި
ދަސްކޮށް،
އެއަށް ޢަމަލުކޮށްފި މީހަކަށް ޤިޔާމަތް ދުވަހުން،
ނޫރުން
ވާ ތާޖެއް އެޅުވޭނެއެވެ. އޭގެ އަލިކަން އިރުގެ އަލިކަން ފަދައިން
ވާނެއެވެ. އަދި
އެދުވަހު
އެމީހެއްގެ މަންމައާއި ބައްޕަގެ ގައިގާ
މިދުނިޔެމަތީގައި ނުވާފަދަ ފުރިހަމަ ހެދުމެއް އެޅުވޭނެއެވެ.
އެދެމައިން (އުފަލުން) ބުނާނެތެވެ. އަހަރުމެންގެ ގައިގާ މިހެދުން
އެޅުވުނީ ކިހިނެއްވެގެން ހެއްޔެވެ؟ ދެން ބުނެވޭނެއެވެ. ތިޔަ
ދެމީހުންގެ ދަރިފުޅު ޤުރުއާން ހިތު ދަސްކޮށްފައިވާތީ އޭގެ
ސަބަބުންނެވެ."
(ޙަދީޘް ރިވާ
ކުރެއްވީ
ޙާކިމް: 1/268، އިމާމް އަލްޙާކިމް ވަނީ މިޙަދީޘް
ޞައްޙަ ކުރައްވާފައެވެ. އަދި އިމާމް ޛަހަބީވެސް ޞައްޙަ ކަމަށް
އެއްބަސްވެ ވަޑައިގަންނަވައެވެ). |