"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

މަސްތުވެގެން ހުރި މީހަކު ނ.މިލަދޫ މިސްކިތަށް އަރައި ނަމާދަށް ތިބި މީހުންނަށް އުނދަގޫކޮށްފި.

08 މެއި 2008.

މަސްތުވެގެން ހުރި މީހަކު، މިއަދު ފަތިހު ނ.މިލަދޫ މިސްކިތައް އަރައި، ނަމާދު ކުރަން ތިބި މީހުންނަށް އުނދަގޫކޮށް މިސްކިތުގެ ސައުންޑް ސިސްޓަމް ހަލާކު ކޮށްލައިފިއެވެ.

- - -

މަސްތުވާ ތަކެތީގެ ވަބާމިވަނީ މުޅި ރާއްޖެއަށް ފޯރާފައެވެ. ރައްޔިތުން މިވަނީ ހަމަ ޖެހިލައިގެން ލޮލު ފިޔައެއް ޖަހާލަން ނުކެރިގެންނެވެ. ގެއިން ބޭރަށް ނިކުމެއްޖެނަމަ މިތިބެން ޖެހެނީ ކަޓަރު އަޅައި ނުވަތަ ތަޅައިގަނެ ފުރާނައަށް ގެއްލުމެއް ލިބިދާނެތީ ބިރުން ސިހިސިހިއެވެ. ފަހެ ޑިމޮކްރަސީގެ މިގޮވާލާ މިނިވަންކަމަކީ މިއީ ހެއްޔެވެ؟ މުޖުތަމަޢުގައި ފެތުރިފައިވާ ނުބައި ކަންތައްތަކާއި ނުބެހި ހަމަޖެހިލައިގެން ދިރި އުޅެން ބޭނުންވާ މީހާއަށްވެސް އެއްވެސް ރައްކާތެރި ކަމެއް ނެތެވެ.

ތަނުގެ އަމަންއަމާން ކަމާއި ސުލްޙަ މަސަލަސް ބަލަހައްޓަން ތިބޭ މީހުންވެސް، ދީނީ މީހުންގެ ކިބައިން ކިރިޔާވެސް ކަމެއް ފެންނަ އިރަށް އެކަމަކާއި އިދިކޮޅަށް ތެދުވެ އެބަޔަކާއި އިދިކޮޅަށް ހަރުކަށު ފިޔަވަޅު އަޅައި، ތަޅާ އަނިޔާކޮށް އަދަބު ދީ ހަދައެވެ. އަދި ދުނިޔޭގެ މީޑިއާތަކުގެ ކުރިމަތީގައި އެފަދަ މީހުން ހުއްޓުވައި ފިޔަވަޅު އަޅާނެކަމަށް ވަޢުދުވެ އެކަން އެގޮތަށް ކުރެއެވެ.

އެހެންނަމަވެސް އަޅުގަނޑުމެންގެ ހުރިހައި އެންމެންގެ ސުލްޙަމަސަލަސް ކަމާއި ގުޅިފައިވާ މިމައްސަލާގައި ހަމަ އެއްވެސް ފިޔަވަޅެއް އެޅޭ ކަމަކަށް ނުވެއެވެ. އެކިއެކި ނަންނަމުގައި ބޯޑުތަކައި ކޮމިޓީތަކައި ސެންޓަރުތައް ހަދައި މީހުން ހޭލުން ތެރި ކުރުމުގެ ގޮތުން ޓީވީއާއި ރޭޑިއޯއާއި އަދި މިނޫންހައި ގޮތަކުންވެސް، މަސައްކަތް ކުރާއިރުވެސް ދުވަހަކަށްވުރެ ދުވަހެއް މިދަނީ މިކަމުގެ ނުރައްކާތެރިކަން ބޮޑުވަމުންނެވެ. މަސްތުވާ ތަކެތި ބޭނުންކޮށް، ވައްކަންކޮށް އެހެންވެސް ބޮޑެތި ޖަރީމާތަކަށް އަރައިގަންނަ މީހުން ދުވަހެއް ދުވަހަކަށް މިދަނީ ގިނަވެ އިތުރު ވަމުންނެވެ. އަޅުގަނޑު ހިތުން މިރޭޓުން މިކަން ދާކަމުގައިވާނަމަ، މީގެ ދިހަވަރަކަށް ފަނަރަ ވަރަކަށް އަހަރު ފަހުން، މަސްތުވާތަކެތި ބޭނުން ނުކުރާ މީހުންގެ ރޭޓް އުޅޭނީ ސަތޭކައަކުން އެއް ޕަސަންޓްގައެވެ. ކޮންމެއަކަސް މިކަންތައްތައް ފެތުރި ޢާއްމުވެގެން ދިއުމުގެ ޙަޤީޤީ ސަބަބަކީ ކޮބައިތޯ ބަލަން އެބަޖެހެއެވެ.

ކިތަންމެ މޮޅު ޑިމޮކްރަސީއެއް އޮތް ކަމުގައި ވިޔަސް މިކަން ޙައްލު ކުރެވޭކަށް ނެތެވެ. އެހެންނޫންނަމަ އެންމެ ފުރިހަމަ ޑިމޮކްރަސީ ކަމަށް ދަޢުވާ ކުރަމުން މިބިންމަތީގައި ފަސާދަ ފަތުރަމުން މިދާ އެމެރިކާއާއި އިނގެރޭސިވިލާތުގައި މިކަން ޙައްލުވެފައި ވީހެވެ. މިކަމުގެ އޮތީ އެންމެ ޙައްލެކެވެ. އާދެ ﷲ ތަޢާލާގެ ޙުކުމްފުޅު ތަންފީޛް ކުރުމެވެ. މަރަން ޖެހޭ މީހުން މަރައި، އަތް ކަނޑަން ޖެހޭ މީހުން އަތް ކަނޑައި އަދި އެނޫންވެސް ޙައްދުތައް ޖަހަންޖެހޭ މީހުންގެ މައްޗަށް އެޙުކުމްތައް ފުރިހަމައަށް ޤާއިމް ކުރުމެވެ. ކުށްވެރިންނަށް ޙައްޤު ހޯދައިދިނުމުގެ ގޮތުން މިޙުކުމްފުޅުތައް ދޫކޮށް އިންސާނުން ހަދާފައިވާ ވަޟްޢީ ޤާނޫނުތައް ތަންފީޛް ކުރުމުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. ކުށްވެރިންނަށް ހޯދައިދެވުނު ޙައްޤުތަކުގެ ސަބަބުން ދެންތިބި މީހުންގެ ޙައްޤުތައް ނިގުޅައިގަނެވި، މީސްތަކުން މިވަނީ ނާމާން ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلم  ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"وما لم تحكم أئمتهم بكتاب الله ويتخيروا مما أنزل الله ، إلا جعل الله بأسهم بينهم" .
(رواه ابن ماجة وحسَّنه العلامة الألباني)

"އަދި އެބައިމީހުންގެ ވެރީން الله تعالىގެ ފޮތަށް ޙުކުމް ނުކޮށް އަދި އެއިލާހު ބާއްވަވާލެއްވެވި އެއްޗެއް ނޫން އެހެން އެއްޗެއް ޚިޔާރު ކުރާ ބައެއްކަމުގައި ނޫނީ ނުވެ ނުދެއެވެ. ފަހެ އެހިނދު އެބައެއްގެ ކަންތައްތައް އެބައެއްގެ މައްޗަށް ދޫކޮށްލެވެއެވެ. (އެބަހީ: ތަޅާފޮޅުމާއި ހަމަނުޖެހުމުގެ ތެރެއަށް އެބަޔަކު ދޫކޮށްލައްވައެވެ.)"

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)