"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދެއްވި ޖަވާބު.

ލިޔުނީ: ޢަބްދުﷲ ނަސީމް.

ގިނަ ދުވަސްތަކެއް ވަންދެން ޤައުމުން ބޭރުގައި ތައުލީމު ހާޞިލް ކުރަން އުޅުނު ޒުވާނަކު އެނބުރި ގައުމަށް އައެވެ. އެއަށްފަހު އޭނާ، އޭނާގެ މައިންބަފައިންގެ ކިބައިން އެދުނީ، އޭނާ ކުރާ ތިން ސުވާލަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ މޮޅު މީހަކު ހޯދައިދިނުމަށެވެ. ކޮންމެއަކަސް އޭނާގެ މައިންބަފައިން، ރަނގަޅު މުސްލިމް ޝެއިޚަކު ހޯދައިފި އެވެ!

ޒުވާނާ: ކަލޭ ތިއީ ކާކު؟ އަހަރެން މިކުރާ ސުވާލު ތަކަށް ޖަވާބު ދެވިދާނެތަ؟

ޝެއިޚް: އަހަރެންނަކީ މާތްﷲގެ އަޅުތަކުންގެ ތެރެއިން އަޅެއް. ﷲ އިރާދަ ކުރެއްވިއްޔާ ތިބާ ކުރާ ސުވާލު ތަކަށް ޖަވާބު ދެވޭތޯ ބަލާނަން!

ޒުވާނާ: ހަމަޔަގީންތަ؟ ވަރަށް ގިނަ އިލްމުވެރިންނާއި އަހަރެން މިސުވާލުތަށް ކުރިން، އެމީހުންނަކަށް ޖަވާބެއް ނުދެވުނު.

ޝެއިޚް: ﷲ ޞުބުޙާނަހޫ ވަތަޢާލާގެ އެހީތެރިކަމާއިއެކު ތިޔަ ސުވާލުތަކަށް ޖަވާބުދެވޭތޯ މަސައްކަތް ކުރާނަން! ސުވާލު ކުރައްވާ!

ޒުވާނާ: އަހަރެން ކުރަން އޮތީ އެންމެ ތިން ސުވާލު:

-ފުރަތަމަ ސުވާލަކީ: ކަލަކު ވޮޑިގެން ވޭހެއްޔެވެ؟؟ ވާނަމަ އަހަރެންނަށް އެކަލާނގެ ޞިފަ ދައްކާދީބަލަ!

-ދެވަނަ ސުވާލަކީ: ތަޤްދީރަކީ ކޮބާ؟

-ތިނަވަނަ ސުވާލަކީ: ޝައިތާނާ އުފެއްދީ އަލިފާނުން ކަމަށްވާއިރު، އޭނާގެ ނިމުމުގައި ހަމަ އަލިފާނުން އުފެދިފައިވާ ނަރަކަ އަކަށް އެއްލާލެވެނީ ކީއްވެހެއްޔެވެ؟ އޭނަވެސް އަދި ނަރަކަ ވެސް އުފެދިގެން ވަނީ އަލިފާނުން ކަމަށް ވާއިރު އޭނައަށް ގެއްލުމެއް ވާނެހެނެއް ހިޔެއްނުވޭ! މަތިވެރި ﷲ އަށް އެވަރު ވިސްނިވަޑައި ނުގަތީހެއްޔެވެ؟

ޝެއިޚް ކުއްލިއަކަށް އެޒުވާނާގެ މޫނުމަތީގައި ވަރަށް ބާރަށް އަތުން ޖަހައިފިއެވެ.

ޒުވާނާ (ވަރަށް ތަދުވެގެން): ކީއްވެ އަހަރެންދެކެ ރުޅި ތިޔައައީ؟

ޝެއިޚް: އަހަރެން ރުޅި އެއް ނާދޭ، މީ ތިބާ ކުރި ތިން ސުވާލުގެ ޖަވާބު!

ޒުވާނާ: އަހަރެންނަށް އެއްގޮތަކަށްވެސް ނުވިސްނުނު.

ޝެއިޚް: އެންމެ ރަނގަޅު، ތިބާގެ ގައިގައި ޖެހުމުން ކޮންކަހަލަ އިޙްސާސް އެއް ކުރެވުނީ؟

ޒުވާނާ: ވަރަށް ތަދުވި. ތަދެއްނޫންތޯ ވާނީ! އެއީ ދެން ޝައްކެއްވެސް އޮތްކަމެއް ނޫނެއްނު!

ޝެއިޚް: އެހެން ވީމަ ތިބާވެސް ޤަބޫލު ކުރަން ތަދު އެއީ ވާ އެއްޗެއްކަން، އެހެންނޫންތޯ؟

ޒުވާނާ: ލައްބަ.

ޝެއިޚް: އެހެންވީއިރު އޭގެ ސިފަ އަޅުގަނޑަށް ދައްކައި ދެވިދާނެ ހެއްޔެވެ؟

ޒުވާނާ: ނުދެއްކޭނެ.

ޝެއިޚް: އެއީ ފުރަތަމަ ސުވާލުގެ ޖަވާބު. ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ޛާތުފުޅު އަހަރުމެންނަށް ނުފެނުނު ކަމަށް ވިޔަސް އެކަލާނގެ ވޮޑިގެން ވާކަން އަހަރެމެން އެންމެނަށް އިޙުސާސް ކުރެވޭނެ.

ޝެއިޚް: އަހަރެން ތިބާގެ މޫނުމަތީގަ ޖަހަނިކޮށް ރޭގަ ތިބާ އަށް ހުވަފެނުގައި ފެނުނުހެއްޔެވެ؟

ޒުވާނާ: ނޫން.

ޝެއިޚް: ނުވަތަ މިއަދު އަހަރެން ތިބާގެ ގައިގައި ޖަހާނެ ކަމަށް ތިބާ އެއްގޮތަކަށްވެސް ހިތަށް އެރިހެއްޔެވެ؟

ޒުވާނާ: ނޫން.

ޝެއިޚް: އެއީ ތަޤްދީރަކީ.

ޝެއިޚް: ތިބާގެ މޫނުމަތީގަ މިޖެހި، އަތް އުފެދިފައި މިވަނީ ކޮން އެއްޗަކުން؟

ޒުވާނާ: އުފެދިފައި ތިޔަވަނީ ހަމުންނާއި މަހާއި ކަށިން.

ޝެއިޚް: އެހެންވީއިރު ތިބާގެ މޫނު އުފެދިފައިވަނީ ކޯއްޗަކުން ހެއްޔެވެ؟

ޒުވާނާ: ހަމަ ހަމުންނާއި މަހާއި އަދި ކަށިން.

ޝެއިޚް: އަހަރެން ޖެހުމުން ކިހިނެއްވީ؟

ޒުވާނާ: ތަދުވީ.

ޝެއިޚް: ހަމަ އެގޮތަށް ޝައިތާނާ އާއި ނަރަކަ އުފައްދަވާފައި ވަނީ އެކައްޗަކުން ކަމުގައިވިޔަސް، ﷲ ބޭނުންފުޅުވެ ވޮޑިގަންނަވާ ނަމަ، އެކަލާނގެ އިރާދަފުޅުން، ނަރަކަ ވެގެންދާނީ އެޝައިތާނާއަށް ވަރަށް ވޭން ހުރި ތަނެއް ކަމުގައި!

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)