|
ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރެވެނީ؟
ލިޔުނީ: އަންވަރު އިބްރާހިމް
(ޖަޒީރާ ޑެއިލީ)
”އަހަރެންނަށް
ޔަގީން އޭނާއަށް ނަމާދުގައި ކިޔާތަކެތި ނޭނގޭނެކަން. ކުޑަމިނުން
ހިނައިގަންނަން ނޭނގޭނެ. ގުރުއާން ބަލައިގެން ކިޔަވަން ނޭނގޭނެ.“
މިއަހަރު އަމީނިއްޔާ ނިންމި ދަރިވަރަކަށް ނިސްބަތްކޮށް އަމީނިއްޔާ
ޓީޗަރަކު ބުންޏެވެ. މިއީ ހައިރާންވާވީ ކަމެއް ނޫނެވެ. މިފަދަ އެތައް
ކުދިންނެއް މުޖްތަމައުގައި އެބައުޅެވެ. ދީނީކަންކަން ރޯނުފިލާ,
ކޮންމެހެން އެނގެންޖެހޭ ކަންކަން ނޭނގޭ އެތައް ކުދިންނެއް އެބަ
ތިއްބެވެ. އެނގޭ ކަމަކީ އަދުގެ ކިޔަވާކުދިން ދީނީ ކަންކަމަށް ދޭ
ސަމާލުކަން ކުޑަކަމެވެ. ދީނީ ކަންކަން އޮޅުންފިލުވުމަށް އެހާ ބޮޑު
އަހަންމިއްޔަތުކަމެއް ނުދޭ ކަމެވެ. އަދި ދީނީ ކަންކަން އޮޅުން
ފިލާފައި ހުރިވަރު ކުޑަ ކަމެވެ.
”ހަގީގަތުގައި
ސްކޫލުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ. ދީނޭކިޔާފައި
އޮންނަނީ ހަމައެކަނި އިސްލާމް ގަޑި. އެގަޑިއަކީ 35 މިނެޓްގެ
ގަޑިއެއް. ގްރޭޑް ހަޔަކުން މަތީގެ ކުދިން ގުރުއާން ކިޔެވިޔަސް, ދީނީ
އެހެން މައުލޫމާތެއް ހޯދިޔަސް ހޯދަން ޖެހޭ ގަޑިއަކީ އެއީ. އެނޫން
ވަގުތެއް ދީނީ މައުލޫމާތެއް ހޯދުމަށް, ދަސްކުރުމަށް އެކުދިން
ހޭދައެއް ނުކުރޭ, ގައިމުވެސް ސްކޫލުތަކުގައެއް އެނޫން ވަގުތެއް
ނޯންނާނެ. ގަބޫލު ކުރަން ޖެހެނީ ދީނީ ކަންކަމަށް ދެވިފައިވާ
ސަމާލުކަން ކުޑަކަމަށް. ބެލެނިވެރިންވެސް އެކަން ކުރެއްވުމަށް އެހާ
ބޮޑު ސަމާލުކަމެއް ނުދެއްވާ.“ އުތުރު އަތޮޅެއްގެ ސްކޫލެއްގެ
ހެޑްމާސްޓަރަކު ވިދާޅުވި އެވެ.
ތެދެކެވެ. އަދުގެ ކިޔަވާކުދިންނަށް ގުރުއާނާއި, ދީނީ ކަންކަން
ދަސްކުރުމަށް ބާރުއެޅިފައިވާ މިންވަރު ވަރަށް ކުޑައެވެ. ޚާއްސަކޮށް
އެކަންކަމަށް ދެވިފައިވާ ވަގުތު ވަރަށް މަދެވެ.
”
ގިނަ ކުދިންނަށް ނަމާދުގައި ކިޔާ ތަކެތި ކިޔާކަށް ނޭނގޭ.
ދަސްކުރުމަށް ބުނެވޭނީ. އެކަން ކުރެވޭނީ ގޭގައި. ދަސްނުކޮށް އަޔަސް
އަދަބެއް ދެވޭކަށް ނޯންނާނެ. ދެންވެސް ދަސްކުރުމަށް ބުނެވޭނީ.
ބެލެނިވެރިން އެކަންކޮށްދެން ނޫޅޭނަމަ ކިހިނެއް އެކަންކުރާނީ.“
މިޑްލް ސްކޫލު ޓީޗަރަކު ބުންޏެވެ.
މަޖީދިއްޔާ ސްކޫލުގައި ކިޔަވާދެމުންދާ ޓީޗަރަކު ބުނީ ގިނަ ކުދިންނަށް
ގުރުއާން އަކުރު ބަލައިގެން ކިޔަން ނޭނގޭ ކަމަށާއި ނަމާދުގައި
ކިޔާތަކެތިވެސް ބައެއް ކުދިންނަށް ނޭނގޭ ކަމަށެވެ.
”
ގުރުއާން ކިޔަވަން ނޭނގުން އެއީ ބޮޑު މައްސަލައެއް. ބައެއް ކުދިން
ގުރުއާނުގެ އާޔަތް ދަސްކުރަނީ ދިވެހިން ނުވަތަ އިނގިރޭސިން ލިޔެގެން.
ބަލައިގެން ކިޔަން ނޭނގޭތީ ކިޔާގޮތަށް އެކުދިން ލިޔަނީ. މިހާލުގައި
މިތިބީ. މިވަރުން އުފެދޭނީ ކޮންދީނީ ލޯތްބެއް.“ އެޓީޗަރު ބުންޏެވެ.
ސުވާލަކީ ދަރިންގެ ހިތްތަކުގައި ދީނީ ލޯބި އަށަގެންނެވުމުގެ ޒިންމާ
ނަގާނީ ކޮންފަރާތަކުން ބާއެވެ؟ ނަމާދުކުރާތަކެތި ނޭނގުމުން އެކަމުގެ
ޒިންމާ ނަގާނީ ޓީޗަރުން ނޫންބާއެވެ؟ އެއީ ބެލެނިވެރިންގެ
ކަމެއްބާއެވެ؟ ނުވަތަ މަތީ މަޖިލީހުގެ ކަމެއްބާއެވެ؟
”
ސްކޫލަށް ކުދިން މިފޮނުވަނީ ހުރިހާ ކަމެއް ދަސްކޮށްދެން. ނަމާދުގައި
ކިޔާތަކެތި ދަސްކޮށްދީ އެކަންކަން ކޮށްދިނުމަކީ ޓީޗަރުން ކޮށްދެން
ޖެހޭނެކަމެއް. ތަފާތު ހަރަކާތްތައް ހިންގާހެން އެކަންކަން ހިނގާނަމަ
އެތަކެތި ކުދިން ދަސްކުރާނެ.“ ޓީޗަރުންގެ ބޮލުގައި އެޒިންމާ އެޅުވި
އަމީނިއްޔާގައި ކިޔަވަމުންގެންދާ ދަރިވަރެއްގެ ބެލެނިވެރިއަކު
ބުންޏެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ ސްކޫލުތަކުގައި ކިޔަވަމުންދާ
ދަރިވަރުންނަށް އެކަށީގެންވާ ވަރަށް ދީނީ ތައުލީމް ދެވިގެން
ނުދާކަމަށެވެ. އަދި ދީނާމެދު ހޭލުންތެރިވާންޖެހޭ މިންވަރަށް
ދަރިވަރުން ހޭލުންތެރިވެފައި ނުހުންނަ ކަމެވެ. މިކަން އިސްލާހު
ކުރުމަށް ތައުލީމީ މުގައްރަރު އިސްލާހުކޮށް, ދީނީ ތަރުބިއްޔަތަށް
ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި ޚާއްސަކޮށް ގުރުއާނަށް
އިތުރު ސަމާލުކަމެއްދީ, ފަރުޟުކަންކަން އަދާކުރުމަށް މިހާރަށް ވުރެ
ބޮޑަށް ބާރުއަޅަން ސްކޫލުތަކަށް ޖެހެއެވެ.
މިއީ ހަމައެކަނި ސްކޫލުތަކުގެ ޒިންމާއެއްނޫނެވެ. ނަމަވެސް ކަންވެފައި
އޮންނަނީ މިހެނެއްނޫނެވެ. ގިނަ ބެލެނިވެރިންނަށް ހީވެފައި އޮންނަނީ
ދަރިންނަށް ދަސްކޮށްދެން ޖެހޭ ހުރިހާ އެއްޗެއް ދަސްކޮށްދެން ޖެހެނީ
ޓީޗަރުން ކަމަށެވެ. އެހެންކަމުން އެހުރިހާ ކަމެއްގެ ޒިންމާ
އުފުލަންޖެހޭ ފަރާތެއްކަމަށް ގިނަ މީހުން ގަބޫލު ކުރަނީ ޓީޗަރުން
ނެވެ.
ދަރިންގެގައި ދީނީ ކަންކަން އަށަގެންނެވުމަކީ މައިންބަފައިންވެސް,
އަދި އާއިލީ ފަރާތްތަކުންވެސް ވިސްނަން ޖެހޭ ކަމެކެވެ. ހަމައެކަނި
ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާލައިގެން ތިބޭ ބަޔަކަށް ދިވެހިންވާން
އެކަކުވެސް ނޭދެއެވެ. އެހެންކަމަށް ވާނަމަ ކިޔަވާ ދަރިވަރުންގެ
ހިތްތަކުގައި ދީނީ ލޯބި އަށަގެންނެވުމުގެ މަސައްކަތް
ކުރަންވެއްޖެއެވެ.
-ނިމުނީ-
______________________________________________________
ނޯޓް:
މިލިޔުމަކީ
www.jazeera.com.mv
އިން
ނަގާފައިވާ ލިޔުމެކެވެ.
|